ވާހަކަ

ޖޫދް - 42

1

ސާޅީސްދެވަނަ ބައި

"ކޮންތާކު. މިހާރު ބޭނުމީވެސް އިނދެގެން އެ ހުދާ ކައިރީގައި އުޅެން. އަހަރެންގެ އިނގިލީގެ އިޝާރާތުން ހުދާ ގޭތެރޭގައި އަނބުރަން. މާނައަކީ އޭނަ އެއް ތީރު ދޫކޮށްލައިފިއްޔާ އަހަރެން ހަ ތީރު ދޫކޮށްލާނަމޭ. ދިރިއުޅުމުން ލިބުނު ފިލާވަޅުން އަހަރެން އިބުރަތް ހާސިލުކޮށްފިން. ހާއްސަކޮށް ޖައިގެ މި ވާހަކަތަކުން" ނީލަމް ބުންޏެވެ. އެ ފޮތް އޭނާ މޭގައި ޖައްސާލާފައި ދެލޯ މަރާލައިފިއެވެ.

ފިހާރައިން އައިގޮތަށް ޖޫދު ސޯފާގައި އިށީނެވެ. އޭނާ އަންބަރާ ވާހަކަދައްކަން ބޭނުންވިއެވެ. އަންބަރް ފާހާނައިން ނުކުންނަންދެން އޭނާ އިންތިޒާރުކުރިއެވެ. ކޮންމެހެންވެސް އަންބަރާ ސުވާލުކުރަން ޖެހެއެވެ. އޭނާގެ އަނބިމީހާއަށް ވީތީ އެނގެން ޖެހޭ ކަންކަން އެބަހުއްޓެވެ. ފިހާރަތެރޭގައި ހުރި ވާރިޝް ފޯނުން އަންބަރާ ގުޅުވައިގެން ވަރަށް ހަޑި ވާހަކަތަކެއް ދެއްކިއެވެ. އެވާހަކަތައް ޖޫދަށް އަޑުއިވުނުކަމެއް ވާރިޝްއަކަށް ނޭނގެއެވެ. އަނބިމީހާ އާ ގުޅުވައިގެން ހިލޭ ފިރިހެނަކު އެއްވެސް ވާހަކައެއް ދައްކާ ވާހަކަ އަޑު އިވުމަކީ އަނބިމީހާދެކެ އިންތިހާއަށް ލޯބިވާ އެއްވެސް ފިރިއަކަށް ކެއްވާނެކަމެއް ނޫނެވެ. ވާރިޝް އާ ވާހަކަދެއްކުމަށް ވުރެ ބޮޑަށް އޭނާއަށް ފަސޭހައީ އަނބިމީހާ ގާތުން އަހައި އޮޅުންފިލުވުމެވެ.

އަންބަރް ފާހަނައިން ނުކުތީ އޭނާ އެ ފިކުރުގައި އިންދައެވެ. ނުވަގުތެއްގައި ޖޫދު ކޮޓަރިން ފެނުމުން އަންބަރްގެ ހިތުގައި ސުވާލު އުފެދުނެވެ. އަހާލަން އުޅެފައިވެސް އޭނާ އެ ހިޔާލު ދޫކޮށްލިއެވެ.

"އާދެބަލަ މިކޮޅަށް" ލޯގަނޑާ ދިމާލަށް ދިޔަ އަންބަރް ހުއްޓުނެވެ. އޭނާ އަނބުރާލާފައި ޖޫދާ ދިމާލަށް ދިޔައެވެ.

"މިތާ އިށީނދެބަލަ" ޖޫދު ބުންޏެވެ. އަންބަރް ކަންބޮޑުވިއެވެ. ޖޫދުގެ އަޑުގައި އެހެންޏާ ނުހުންނަ ކަހަލަ ރުންކުރު ގޮތެއް ހުރިކަން އޭނާއަށް ފާހަގަވިއެވެ. އޭނާ ސޯފާއިން ތަންކޮޅެއްގައި އިށީނދެލިއެވެ.

"ވާރިޝް އެއީ ކާކު؟" ޖޫދު ކުރި ސުވާލާއެކު އަންބަރަށް އިސްއުފުލާ ޖޫދަށް ބަލައިލެވިއްޖެއެވެ. ވާރިޝްއަކީ ކާކު ކަން އަންގައިދޭން އޭނާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އެންމެ ބަހެއްވެސް ބޭރުނުވިއެވެ.

"އަހަރެން މިއަހަނީ ވާރިޝް އެއީ ކާކުހޭ؟" ޖޫދުގެ އަޑު މިފަހަރު ބާރެވެ.

"ކް...ކޮން.... ކޮން ވާރިޝްއެއް؟ އަހަރެންނަށް ކިހިނެއް އެނގެނީ؟" އަންބަރް ބުންޏެވެ. އޭނާގެ އަޑުގައި ޖެހިލުންވުމެއް ހުއްޓެވެ.

"ޔަގީންތަ އެއީ ކާކު ކަން ނޭނގޭކަން" ޖޫދު އެހިއެވެ. "ފާހާނައިން ރޭގަ ނުކުތީ ވާރިޝްއެއް ނޫންތަ؟"

އަންބަރް ދެލޯ މަރައި ބާރުކޮށްލިއެވެ. އިންތަނުން ފުންމައިގެން ތެދުވެއްޖެއެވެ. ޖޫދަށް ފުރަގަސްދިން ގޮތަށް ފުން ނޭވައެއް ބޭރުކޮށްލައިފިއެވެ.

"ތަނެއްގައި ހުރި ހިލޭ ފިރިހެނަކާ ގުޅުވައިގެން އަހަރެންނާ ތިސުވާލު ކުރަނީ ކީއްވެ؟ އަހަރެންނަށް އެނގޭ އަހަރެންނަކީ ނުލަފާ އަންހެން ކުއްޖެއްކަން. ކިތަންމެ ނުލަފާ ވިޔަސް އަހަރެންނާ އެއްވެސް ހިލޭ ފިރިހެނަކާ ގުޅުމެއް ނޯންނާނެ" އަންބަރް ބުންޏެވެ.

"ދެން އޭނަ އަހަރެންގެ އަނބިމީހާ އޭ ކިޔައިގެން ފޯނުގައި ހުރެ ކޮންވާހަކަތަކެއް އެދައްކަނީ؟"

"މަށަށްތަ އެނގެނީ. މީހަކު ހަމަ ވާހަކައެއް ދައްކާލާއިރަށް އަހަރެންނާ ސުވާލުކުރަންޖެހޭތަ؟" އަންބަރަށް ރޮވިއްޖެއެވެ. "އަހަރެންނާ އެއްވެސް ހިލޭ ފިރިހެނަކާ ގުޅުމެއް ނޯންނާނެ. ނޯންނާނެ. އަހަރެންގެ ކައިރިން އެއްވެސް ފިރިހެނެއްގެ ވާހަކަނުދައްކާތި" އަންބަރް ބުންޏެވެ. އޭނާ ދުވެފައި ކޮޓަރިން ނުކުތެވެ. ހަމަޖެހިލައިގެން ރޯލާނެ ޖާގައެއް ބޭރުން ނުލިބޭނެކަން އެނގޭތީ އޭނާ ވަނީ ނީލަމްގެ ކޮޓަރިއަށެވެ.

ދޮރުލައްޕާލިގޮތަށް ދޮރުފަތުގައި ލެގިލައިގެން ތިރީގައި އިށީނދެއްޖެއެވެ. ދެކަކޫ ގެނެސް ގަޔާ ކައިރިކޮށްލާފައި ބޯއަޅާއިފިއެވެ. ދެން އޭނާ ގިސްލާފައި ރޯން ފަށައިފިއެވެ.

"އަހަރެންނަށް މައާފުކުރޭ ޖޫދު. އަހަރެންނަކީ ކުށްވެރިއެއް. އަހަރެން ކުރިން އުޅެވުނީ ގޯސްކޮށް. އަހަރެންނަށް ތެދަށް އެއްވެސް ވާހަކައެއް ނުދެއްކުނު. ވާރިޝްއަކީ އަހަރެންގެ ދުޝްމިނެއް. އަހަރެންގެ ލޮލުގެ ތެރެއިން ހިތުގެ ތެރެއަށް ފުންމާލި އަނިޔާވެރިއެއް" ހިތާހިތުން އަންބަރް ވާހަކަދައްކަމުން ދިޔައެވެ.

ކޮޓަރިއަށް ވަންނަން އައި ނީލަމްއަށް ދޮރުހުޅުވަން އުނދަގުވިއެވެ. ހީވީ އެތެރެއިން ދޮރުގައި އެއްޗެއް ވިއްދާފައި ހުރި ހެންނެވެ. އެތެރެއަށް ވަދެވުމާއެކު އޭނާއަށް ސިހުން ލިބުނެވެ. ތިރީގައި އިން އަންބަރް ރޮނީއެވެ. އަތުގައި ހުރި އަންނައުނުތަކާއެކު އޭނާ އަންބަރާ އެއް ހަމައެއްގައި އިށީނދެއްޖެއެވެ. އޭނާގެ ދެލޮލުން ކަންބޮޑުވުން ފާޅުވަމުން ދިޔައެވެ.

"އިބާ....، އިބާ، ކިހިނެއްވީ؟ ތަނަކަށް ތަދުވަނީތަ؟" ނީލަމް ސުވާލުކުރިއެވެ. އަންބަރަށް ޖަވާބެއް ނުދެވުނެވެ. ނީލަމްގެ ގައިގައި އޭނާއަށް ބައްދައިގަނެވިއްޖެއެވެ.

"ޖޫދު... ޖޫދަށް މިގޮވަނީ؟" އަންބަރްގެ ބުރަކަށީގައި ފިރުމަމުންދިޔަ ނީލަމް ބުންޏެވެ. ވަގުތުން އަންބަރް މަނާކުރިއެވެ. އެއްވެސް މީހެއް ކައިރީގައި ނުބުނުމަށް އެދުނެވެ.

"އަހަރެން ދިރިއުޅެން ބޭނުން. އަހަރެން ވަރިވެގެންދާން ބޭނުމެއްނޫން. ކައިވެނިކުރި އިރު ހާލަތު ކޮންމެގޮތަކަށް އޮތަސް އަހަރެން މިހާރު ބަދލުވެއްޖައިން. އެކަމަކު ވާރިޝް....." އަންބަރް ވާހަކަދެއްކިއެވެ.

އެހިސާބުން އަންބަރްގެ ބުރަކަށީގައި ފިރުމަމުންދިޔަ ނީލަމްގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އަންބަރްގެ ވާހަކަތަކުގެ ކޮންމެވެސް ހިސާބަކުން ވާރިޝްގެ ނަން އަންނާނެކަން މާކުރިންވެސް އޭނާއަށް އެނގެއެވެ.

"ވާރިޝް އަހަރެން ދިރިއުޅުނަ ނުދޭނެ. އޭނަ އެރޭ ރެސްޓޯރަންޓުގައި އަހަރެން ގައިގައި ބައްދައިގަތީ ހާދަ ބާރަކަށޭ. އެވަގުތުވެސް އެދުނީ ފިހާރައިގެ ލިޔުންތަކާއި ގޯތީގެ ރަޖިސްޓްރީ ދިނުމަށް. އެއީ ކޮންކަހަލަ އިންސާނެއް؟ އަމިއްލަ އެދުމުން ފޯވިޔަސް ބޮޑުވަރު" ނީލަމްގެ ކޮނޑުމަތިން ބޯހިއްލާލާފައި އަންބަރް ބުންޏެވެ.

"އަހަރެންގެ ކޮއްކޮއަށް ވިޔަސް އަހަރެން ބުނާނީ ރަނގަޅަށް. އެއީ މީހަކު ގާތްކޮށްގެން އުޅެން ހެޔޮވާވަރުގެ އިންސާނެއް ނޫން. ނީލަމްދައްތަ ހިތަށް އަރާ ކުރިން އިބާ އާ ބައްދަލުވެ ވާރިޝްގެ ހަގީގީ މަގުސަދު ބުނެދެވުނުނަމައޭ. އެކަމަކު ނީލަމްދައްތައަށް ވެސް އެނގުނީ ވަރަށް ފަހުން" ނީލަމް ވާހަކަދެއްކިއެވެ.

"މޫދުގައި އަހަރެން ގެނބުނު ހާދިސާއަށްފަހު ފޯނު ނަންބަރު ބަދަލުވެގެން ދިޔުމުން އަހަރެން ވަރަށް އުފާކުރިން. ހިތަށް އެރި އޭނާގެ އުނދަގުލުން ސަލާމަތްވީއޭ. އެކަމަކު ނީލަމްދައްތަ ކީއްކުރަން އަހަރެންގެ ނަންބަރު އޭނާއަށް ދިނީ" އަންބަރް ބުންޏެވެ. ނީލަމް އާ މެދު އޭނާގެ ހިތުގައި އޮތް ޝަކުވާ ބޭރުކޮށްލިއެވެ.

"އަހަރެންނޭ...." ނީލަމްއަށް އަމިއްލަ މޭގައި އަތް އެޅުނެވެ. "އަހަރެން ކޮންއިރަކު؟ އަހަރެން ނުދެން" ނީލަމްގެ މޫނުމަތިން ހައިރާންކަން ފާޅުވެލިއެވެ.

"އޭނަ ބުނި އެކަމު"

"އާނ ހަނދާންވެއްޖެ. މަކަރުވެރިޔާ... އެއީ ބޮޑު އިބިލީހެއް. ޝައިތާނެއް. އަހަރެން ހީކުރީ އަހަރެން ދައްތައެއް ކަމަށް ގަބޫލުކުރާތީ އެކުގައި ޕިއްޒާ ކާހިތުން ކަމަށް އެދުވަހު ގެންދިޔައީ. އަދި މި އެނގުނީ އޭނާގެ އަސްލު މަގުސަދު" ނީލަމް ދަތްކުޑި ވިކައިގަތެވެ. ވާރިޝް ކައިރީގައި ހުރިނަމަ ހޭއަރާވަރަށް ތަޅައިގަތީހެވެ.

"ވީކަމެއްވީ. ފަހަށް ގޮސްފައިވާ ހުރިކާ ކަމެއް ހަނދާންނައްތާލާ. ޖޫދަކީ ވަރަށް މާތް އިންސާނެއް. އެއީ އޯގާތެރިއެއް. އިބާ ޖޫދު ދަސްކުރަން މަސައްކަތް ކޮށްބަލަ" ނީލަމް ބުންޏެވެ. އަންބަރްގެ ދެލޯ ކައިރި ފޮހެދިނެވެ.

"އަހަރެންވެސް އުޅެން ބޭނުން. އެކަމަކު ނޭނގޭ ހަމަ ރުޅިގަދަވަނީ. ހީވަނީ މިގޭ ހަތަރުފާރުން އެތެރޭގައި އަހަރެން ފިތެނީހެން. ކަންތައް ކުރެވެނީ ހިތުގައި އޮންނަ ގޮތަކަށްނޫން. ބުނެވެނީ ބުނަން ބޭނުންވާ ޖުމްލައެއް ނޫން. ކުރިން ޖޫދު ފެނުނީމަ ހިތަށް ނުލިބޭ ހިތްހަމަޖެހުން މިހާރު ލިބޭ" އަންބަރް ވާހަކަދެއްކިއެވެ.

"ތިމާ ހިތްއެދޭ ގޮތަށް އެއްވެސް ކަމެއް ނުވަންޏާ ގިނަގިނައިން ހެޔޮ އަމަލުކުރޭ. ދީނީ ފޮތްތައް ކިޔައި ދަރުސްތައް އަޑުއަހައި. ޤުރުއާން މާނައާއެކު ކިޔާ. ސަތޭކަ ޕަސެންޓް ގެރެންޓީ އިބާގެ ހިތަށް ވަރަށް ފަސޭހަވާނެ"

ސީނާ ބަލައިލީ ރިކްޒާ ގޮވާލި އަޑަށެވެ. ދޮރުން ނުކުންނަން ދިޔަ ސީނާ ހުއްޓުނެވެ. އޭރު ރިކްޒާ ކަންބޮޑުވުމަކާއެކު ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ އަތްމަތީގައި ތިންމަހާ ބައިގެ ރައިކާ އިނެވެ.

"އެބަޔަށް ގޮސް ކީކޭ ކިޔާނީ" ރިކްޒާ އެހިއެވެ.

"ހެހެހެ... ޒަހާ ކައިރީގައި އެންމެ ފުރަތަމަ ބުނާނީ މަންމަ މިއަދު ދަރިފުޅުގެ ބައްޕަ އާ ކައިވެނިކޮށްފީމޭ. މިރޭ އޮންނަ ކެއުމުގައި އެކުދިން ބައިވެރިވާން ޖެހޭނޭ. ކުރެވުނު ކަންތަކަށް މައާފަށްވެސް އެދޭނަން" ސީނާ ބުންޏެވެ.

"ދެން އިބާ.... އިބާ ކައިރީގައި ހަމަ އެވާހަކަ ބުނާނީތަ؟" ރިކްޒާ ބުންޏެވެ. ސީނާ ބޯޖަހައިލިއެވެ.

"އިބާއާ އަޅުގަނޑު ބައްދަލުކޮށްފައި އެވާހަކަ ދައްކާނަން. އެންމެންގެ ތެރޭގައި އިބާ ފަލީހަތްވާކަށް އަހަރެން ބޭނުމެއްނޫން" ރިކްޒާ ބުންޏެވެ.

"އެންމެ ރަނގަޅު. ދެން ހިނގާ. ކޮންމެގޮތެއް ވިޔަސް އުމުރު ދުވަހު ލަދުގަނެއޭ ކިޔާފައި އެމީހުންނާ ބައްދަލުނުކޮށްވެސް ނުވާނެއްނު" ސީނާ ބުންޏެވެ. ރައިކާ އުރާލައިގެން ސީނާ ނުކުތުމުން ރިކްޒާ ގޮސް ހުއްޓުނީ ފައިވާން ހަރުގަނޑު ކައިރީގައެވެ. ފައިވާނުގެ މަޅިގަނޑު އަޅުވަން ގުދަށް އޮތް އިރުވެސް އޭނާއަށް ވިސްނެނީ އަންބަރާ މެދުގައެވެ. ވާރިޝްގެ ބޭވަފާތެރިކަމާއި މަކަރުވެރިކަން އެނގޭ ހިނދު އަންބަރަށް ވާނީ ކިހިނެއް ހެއްޔެވެ؟ ރައިކާ ފެނުމުން އެއީ ވާރިޝްގެ ދަރިއެއް ކަމަށް އަންބަރް ގަބޫލުކުރާނެ ހެއްޔެވެ؟ ވާރިޝް އާ ގުޅުން ކަނޑާލާނެ ހެއްޔެވެ؟ ނޫނީ އަހަރެންގެ ބަހަށް އިތުބާރު ކުރާނެ ހެއްޔެވެ؟

އެކަހަލަ ވިސްނުންތަކެއްގައި ހުރެ ލިފްޓު އެބަޔަށް ދިޔައިރުވެސް އޭނާއަށް ނޭނގުނެވެ. ލިފްޓުން ނުކުތީ ސީނާ އޭނާގެ އަތުގައި ހިފުމުންނެވެ.

"އަވަސްކޮށްބަލަ. އެހާ ކަންބޮޑުނުވެބަލަ. ފަސްގަޑި ބައި ވަނީ. ނަމާދަށް ގޮވުމުގެ ކުރިން މަންމަ ބޭނުން މިސްކިތަށް ދާން" މަޑުމަޑުން ފަހަތުގައި ހުރެ ހިނގާފައި އައި ރިކްޒާއަށް ސީނާ ބުންޏެވެ.

ސައި މޭޒުދޮށުގައި އިނީ ޖޫދު އެކަންޏެވެ. ކުރިމަތީގައި ހޫނު ކޮފީ ތައްޓެއް ހުރިއިރު އޭނާ އޭގައި އަތް ނުލައެވެ. އަންބަރާ ގުޅުވައިގެން ވާރިޝް ދެއްކި ވާހަކަތަކާއި އަންބަރް ކައިރިން އެވާހަކަތައް އެހި ވަގުތު ދިން ޖަވާބުތަކުން އޭނާގެ ހިތް ނުތަނަވަސް ކުރުވަމުން ދިޔައެވެ. ވާރިޝް ފޯނުން ވާހަކަދެއްކީ ކާކާ ހެއްޔެވެ؟ އަންބަރަށް ތިމަންނަ ހުންނާނީ ހަނދާން ނުނެތޭވަރު ކޮށްފައޭ އެބުނީ ކޮންކަމެއް ކުރި ވާހަކަ ހެއްޔެވެ؟ ހަގީގަތުގައިވެސް އެއީ ހަމަ އަންބަރްގެ ވާހަކަ ހެއްޔެވެ؟ އެދެމީހުންގެ މެދުގައި ސިއްރު ގުޅުމެއް އޮތީ ހެއްޔެވެ؟ އެހެންނޫނަމަ އަންބަރްގެ ފަހަތުން ވާރިޝް ފާހާނައަށް ވަނުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟

ފިކުރުތަކެއްގެ ކަނޑަށް ގެނބެމުންދިޔަ ޖޫދަށް ސިހުން ލިބުނީ ގޭ ދޮރުގެ ރަނގަބީލު ވާން ފެށި އަޑަށެވެ. ކޮފީތަށި ދުރުކޮށްލާފައި އޭނާ ތެދުވެގެން ދޮރާ ދިމާލަށް ދިޔައެވެ. އެ އަޑަށް ކޮޓަރިތަކުން ޒަހާ އާއި ނީލަމްވެސް ނުކުތެވެ.

އެތެރެއަށް ހުޅުވުނު ދޮރުގެ ބޭރުން ސީނާ އާއި ރިކްޒާ ފެނުމުން އެންމެ ފުރަތަމަ އެއްވެސް ހަރަކާތެއް ގެންނަން ޖޫދަށް ނޭނގުނެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ސީނާގެ އަތްމަތީގައި އިން ކުޑަކުޑަ ރައިކާއެވެ. އެކުއްޖާ ރިކްޒާ ކުޑައިރު ހުންނަ ގޮތާ ތަފާތެއްވެސް ނެތެވެ.

"ބޮޑުދައިތަ ކަމަކުތަ؟" ރައިކާގެ ކޮލުގައި ކޮށްޓާލަމުން ޖޫދު ބުންޏެވެ. ސީނާގެ ދުލުން އެއްޗެހިތަކެއް ބޭރުވެދާނެތީ އެތެރެއަށް ވަންނަން ބުނަން އޭނާއަށް ނުކެރުނީއެވެ. އެހެނީ ހަނދާން ހުންނަން ފެށިއްސުރެ ދުވަހަކުވެސް ލޯތްބާއި ކުލުނާއެކު ސީނާ އޭނާއާ ވާހަކަދައްކާފައެއް ނެތެވެ.

"ދައްތަމެން. އަވަހަށް އާދޭ އެތެރެއަށް. ދަރިފުޅު ކީއްވެ އެމީހުން ބޭރުގައި ބޭތިއްބީ" ޖޫދުގެ ފަހަތުން ޒަހާގެ އަޑު އިވުނެވެ. ދޮރު ބޮޑަށް ހުޅުވައިލަމުން އެއްފަރާތަކަށް ޖޫދު ޖެހިލުމާއެކު ސީނާގެ އާއިލާ އެތެރެއަށް ވަދެއްޖެއެވެ. އޮބާލައިގެން ހުރި އިސް އުފުލާލަން ނުކެރިފައި ހުރީ ރިކްޒާއެވެ.

"އަނެއްކާ ކަމަކުތަ؟ އަހަރެން ހީކުރީ ދައްތަމެން މިބައިން ނުފެންނާނެ ކަމަށް" ޒަހާ ބުންޏެވެ. "ހިނގާ ސައިބޯން. ރަނގަޅު ގަޑިއަކަށް ތިއައީ"

މޭޒުކައިރީގައި އިށީނދެފައި ސީނާ ރިކްޒާއަށް ބަލައިލިއެވެ. އެދަރިފުޅު ލަދުގަނެފައި އިންކަން އެނގުމުން އޭނާގެ ހިތުގައި ރިއްސާލިއެވެ.

ނީލަމް ހުރިހާ މީހުންނަށް ސައި އަޅައިދޭން ފެށިއެވެ.

"އަނހާ.. މީނީ ކޮންކުއްޖެއް. ދައްކަބަލަ އަހަރެން އުރާލަން" އަނގައިން ބޮޑު ސޮނިގުޅައެއް ވައްޓާލި ރައިކާ ފެނުމުން ޒަހާ ބުންޏެވެ. ތެދުވެގެން ގޮސް ޒަހާ އަތަށް ރައިކާ ދިނީ ރިކްޒާއެވެ. އެކުއްޖާ ދޮން މޫނުގައި ޒަހާ ބޮސްދިނެވެ. ދެން އޭނާ ދިއްކޮށްލީ ކައިރީގައި އިން ޖޫދުގެ އަތަށެވެ. ކުޑަކުދިން އުރަން ނޭނގޭތީ ޖޫދު މަނާވެގަތެވެ. އެމަންޒަރު ފެނުމުން ހުރިހާ މީހުންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.

"ނީލަމް. އެކޮއި ރަނގަޅުތަ؟" ސީނާ އެހިއެވެ. ހީލާފައި ނީލަމް ބޯޖަހާލިއެވެ.

"އަދި މިއީ އަނެކަކު. އަހަރެން ހިތަށް އަރާ މީނައަށް ދަރިއަކު ލިބޭ ދުވަހަކު އެކުއްޖާފުޅު އުރާނުލާނެބާއޭ" އަލުން ރައިކާ އުނގަށްލަމުން ޒަހާ ބުންޏެވެ. ޖޫދަށް ހެވުނެވެ. އެހެންނަމަވެސް ހިތުގެ ކަނެއްގައި ރިހުމެއް އުފެދުނެވެ. ދަރިއެއްގެ އުފާ ދުވަހަކުވެސް އޭނާއަށް ލިބިދާނެ ހެއްޔެވެ؟

ކޮޓަރިން ނުކުތް ޖިޔާއަށް އެތެރެއިން ބައެއްގެ އަޑު އިވުމުން އެދިމާލަށް ދިޔައެވެ. ސީނާ އާއި ރިކްޒާ ފެނުމުން ޖިޔާގެ އަނގައަށް ގޮތެއް ހަދާލިއެވެ. ތަންކޮޅަކަށް ދިޔަތަނާ ޒަހާގެ އުނގުގައި އިން ކުޑަކުއްޖާ ފެނި އޭނާ ހުރިހާ ކަމެއްގެ މަތިން ހަނދާންނެތުނެވެ. އޭނާ އެކުއްޖާ އުރާލާފައި ބޮނޑިކޮށްލިއެވެ. ޖޫދުގެ ފޯނު އަތުލައިގެން ފޮޓޯނަގަމުން އެއްފަރާތަކަށް ޖެހުނެވެ. ވަރަށް ފަރުވާތެރިކަމާއެކު ޒަހާ ސީނާއަށް ބަލައިލީ ދެނެވެ.

"ދައްތައަށް މައާފުކުރޭ ކޮއްކޯ. އެނގޭ ދުލުން މިހެން ބުނަން ފަސޭހަވިޔަސް ދައްތައަށް ކުރެވުނު ކަންތައް ހަނދާންނައްތާލަން ތިއިން އެއްވެސް މީހަކަށް ފަސޭހައެއް ނުވާނެކަން. އެކަމަކު މިހާރު ހުރިހާ ކަމެއް ބަދަލުވެއްޖެ. އަހަރެމެން ބޭނުންވަނީ ދެ އާއިލާވެސް ގުޅިގެން އުޅެން" ސީނާ ވާހަކަދެއްކިއެވެ. ޒަހާ ހީލައިފިއެވެ. ރިކްޒާގެ މޫނަށް އޭނާ ބަލައިލީ އޯގާތެރިކަމުން ފުރިގެންވީ ބެލުމަކުންނެވެ.

"ތިއީ ބޭކާރު ވާހަކަ. ފަހަތަށް ގޮސްފައިވާ ކަންކަމުގެ ވާހަކަ ނުދައްކާ. ދައްތަގެ ދެމައިންނަށް ހެޔޮ ބަދަލެއް އައީމަ އެކަމާ އެންމެ އުފާކުރާނެ މީހަކީ އަހަރެން. އެއީ އަހަރެން ނޫނީ ދައްތަގެ އާއިލާގައި ވަކި ހުރީ ކާކު؟ ހަމަ އެގޮތަށް އަހަރެންގެ ދައްތަ ނޫނީ ވަކި ހުރީ ކާކު؟" ޒަހާ ވާހަކަދެއްކިއެވެ.

"އަހަރެން މިއަދު މި މަންޖެގެ ބައްޕައާ އަލުން ކައިވެނިކޮށްފިން. އެކަމުގެ އުފަލުގައި އަހަރެންދޭ ވަލީމާއެއް މިރޭ އޮންނާނެ. ހުރިހާކުދިން ގޮވައިގެން އަންނައްޗޭ. ޝަމްސުއާ އެގޭ ކުދިންނަށް ކައިރީގައިވެސް މިވާހަކަ ބުނެދެއްޗޭ" ސީނާ ބުންޏެވެ.

"އަލްހަމްދުލިއްލާހް. އަހަރެން ވަރަށް އުފާވެއްޖެ" ސީނާ ބުންޏެވެ. "ރިކްޒާ. ދަރިފުޅު ކީއްވެތަ މާ މޮޅިވެފައި ތިއިންނަނީ. މިއީ އުފާކުރަންވީ ދުވަސް. ތިހެން ނީނދޭ. ތިއާއިލާއަށް ޒަހާއްތަ އަބަދުވެސް ހިތްހެޔޮ" ރިކްޒާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެއްޖެއެވެ. އޭނާ އިސްއުފުލާ ޖޫދަށް ބަލައިލިއެވެ. ހުރިހާ މީހުން ދައްކަމުންދިޔަ ވާހަތައް ޖޫދު އަޑުއެހިޔަސް އޭނާ އެ ވާހަކަތަކަށް އަނގައެއް ނުލައެވެ.

"އިބާ... އިބާ ކޮބާ؟" ރިކްޒާ އެހިއެވެ.

"ކޮޓަރީގަ" ޖޫދު ބުންޏެވެ.

"ދޭބަލަ. ދަރިފުޅު އައިކަން އެނގުނިއްޔާ ނިކަން އުފާވާނެ. ބޮލެއްގައި ރިއްސާތީއޭ ކިޔާފައި އޮތީ. ނޭނގެ ބޭސްކެއި ކަމެއްވެސް" ޒަހާ ބުންޏެވެ.

"ބޭސްކެއި" ނީލަމް ބުންޏެވެ.

ރިކްޒާ ދޮރުހުޅުވާލިއިރު އެނދުގައި އެއްފަރާތަށް އެނބުރިގެން އޮތް އަންބަރް ފެނިއްޖެއެވެ. އޭނާ މަޑުމަޑުން ހިނގާފައި ގޮސް އަންބަރްގެ މަގަތުން އިށީނެވެ. ފުންމައިގެން އަންބަރް ތެދުވީ އެއީ ޖޫދު ކަމަށް ހީކޮށްފައެވެ. އެހެންނަމަވެސް ދާދި ކައިރީގައި އިން އަންހެންކުއްޖާ ފެނިފައި އޭނާގެ ދެބުމަ ގޮށްޖެހުނެވެ. މާބޮޑަށް ހިކިފައި ހުރުމުންނާއި ބުރުގާ އަޅާފައި ހުރުމުން އެއީ ރިކްޒާ ކަން ދެނެގަންނަން އޭނާއަށް އިރުކޮޅެއް ނެގިއެވެ.

"އިބާ، ކިހިނެއްތަ؟" ކުރިން ވާހަކަދެއްކީ ރިކްޒާއެވެ. އަންބަރް ހީލައިފިއެވެ. ދެން ރިކްޒާގެ ގައިގައި ބައްދާލައިފިއެވެ.

"އައި މިސްޑް ޔޫ ރިކް. ވަރަށް ގިނަ ކަންކަން ބަދަލުވެއްޖެ. އަހަރެން ހީކުރީ އަހަރެންގެ އެކުވެރިޔާ ގެއްލުނީކަމަށް" އަންބަރަށް ރޮވިއްޖެއެވެ. ހިތުގައިވި ހުރިހާ ޝަކުވާއެއް ރިކްޒާގެ ކުރިމަތީގައި ބޭރުކުރަން ބޭނުންވިއެވެ.

"ހަޔާތުގެ ކަލަންޑަރުން ފަހަތަށް އެއްލެމުންދާ ކޮންމެ ގަނޑަކާއެކު އިންސާނާއަށް އާ ކަންތައްތައް ތަޖުރިބާކުރަން ޖެހޭނެ. އެއަށް ކިޔަނީ ދިރިއުޅުން" ރިކްޒާ ބުންޏެވެ. އަންބަރް އިސްޖަހާލިއެވެ. ރިކްޒާ އެބުނީ ކިހާ ތެދުވެރި ވާހަކައެއް ހެއްޔެވެ؟

"ހުރިހާ ކަމެއް ރަނގަޅުތަ؟ ޖޫދުބެ ރަނގަޅުތަ؟" ރިކްޒާ އެހިއެވެ.

"އެއީ ވަރަށް ރަނގަޅު އިންސާނެއް. ދިރިއުޅެން ނޭނގުނީ އަހަރެންނަށް" އަންބަރް ބުންޏެވެ. "އަހަރެންގެ ވާހަކައެއްނޫން. ރިކް ކިހިނެއްތަ؟ ކޮބާ ބޭބީ؟" ކީއްވެ އެކަހަލަ ކަމެއްކުރީ؟" އަންބަރް އެހިއެވެ. ވަގުތުން ރިކްޒާގެ ތުންފަތް މަތީގައިވި ހިނިތުންވުން ފަނޑުވިއެވެ. އަންބަރަށް ހުރިހާ ވާހަކަތަކެއް ކިޔައިދޭންވީ ވަގުތު ޖެހިއްޖެއެވެ.

"އަހަރެން ދައްކަންޖެހޭ ވާހަކަތައް ވަރަށް ބައިވަރު. އެކަމަކު މިތަނަކީ އެވާހަކަތައް ދައްކަން އެހާ ރަނގަޅު ތަނެއް ނޫން. ހިނގާބަލަ އެބަޔަށް ދާން" ރިކްޒާ ބުންޏެވެ.

"ރިކް. މަޑުކޮށްލާ ބޭރުގަ. އަހަރެން ރެޑީވެގެން މިނުކުންނަނީ" އަންބަރް ބުންޏެވެ.

ބެލްކަނީގައި ފޯނުގައި ހުރި ޖޫދު އެތެރެއަށް ވަނެވެ. އޭނާގެ ހަރަކާތްތައް އަވަހެވެ. އޭނާ ޒަހާއަށް ގޮވާލިއެވެ. ބޮޑުކަމެއްވީކަން ޒަހާއަށް އެނގުނެވެ.

"ޕޮލިސް ސްޓޭޝަނުން އެގުޅީ. ބައްދަލުކޮށްލަން އައިސްބަލާށޯ. ހީވަނީ އެއްކަލަ މައްސަލައިގައި އިތުރު މައުލޫމާތެއް ލިބުނީހެން" ޖޫދު ބުންޏެވެ.

"އަވަހަށްދޭ." ޒަހާ ބުންޏެވެ. "މަންމައަށް ވާނުމާ އަންގާލައްޗޭ"

"ދޮރާ ދިމާލަށް ދިޔަ ޖޫދަށް ބަލައިލެވުނީ ކޮޓަރިން ނުކުތް އަންބަރަށެވެ. އެހިނދުކޮޅު ދެޒުވާނުންގެ ނަޒަރު ބައްދަލުވިއެވެ. އަންބަރް އެއްޗެއް ބުނަން އުޅުނުހެން ހީވެ އޭނާގެ ހަރަކާތްތަކަށް ލަސްކަމެއް އައެވެ.

"ބޭރަށް ނުކުމެލަން. ރިކްމެން ބަޔަށް" އަންބަރް ބުންޏެވެ. ޖޫދު ބަލަހައްޓައިގެން ހުރުމުން އަންބަރް ބުންޏެވެ. ޖޫދު ބޯޖަހާލިއެވެ. މިނޫނީ ފާޅުގައި އަންބަރް އެއްވެސް ކަމެއްގެ ހުއްދަ ޖޫދުގެ ކައިރިން ހޯދާފައެއް ނެތެވެ. ޒަހާއަށް ހީނލެވުނެވެ.

"ދަރިފުޅުމެން ދޭ. މަންމަ އަދި އިރުކޮޅަކު އިނދެލާފައި ދާނަން ކުޑަމީހާ ގޮވައިގެން" ސީނާ ބުންޏެވެ.

އައްމާރު ވަނުމާއެކު އެނދުގައި އިން މަތީނު ތެދުވެއްޖެއެވެ. ދަރިފުޅު ދައްކަން އުޅޭ ވާހަކައަށް އޭނާ ސަމާލުކަންދިނެވެ. ނަމާދަށް އިން ހުދާވެސް ސަލާމްދީފައި އައިސް މަތީނު ކައިރީގައި އިށީނދެއްޖެއެވެ.

"އަޅުގަނޑު އަންނަ މަހުގައި ކައިވެނިކުރަން ނިންމައިފިން" އައްމާރު ބުންޏެވެ. މަތީނުގެ ތުންފަތްމަތިން ހިނިތުންވުމެއް ފެނިލިއެވެ. ހުދާއަށް ހިނިތުންވާން ނޭނގުނެވެ. އެކައިވެންޏާ އޭނާ ރުހިފައި ހުރިކަމެއް ނޫނީ ނޫން ކަމެއް އޭނާއަށް ނޭނގުނެވެ.

"އަޅުގަނޑު ވަރަށް އުފާވޭ މަންމައަށް ވިސްނުނީމަ. މަންމައަށް ހެޔޮގޮތްވުމަށް އަބަދުވެސް އެދޭނަން. އެކަމަކު..."

"އެކަމަކު ކިހިނެއްވީ؟ މަންމަ އާ ގުޅުން ކަނޑާލާނީތަ؟" ހުދާ ބުންޏެވެ.

"ތިކަހަލަ އެއްޗެއް މަންމަގެ ހިތަށް އެރުވީތީވެސް އަޅުގަނޑު ދެރަވެއްޖެ. އެހެނެއްނޫން ބުނަން އުޅުނީ" އައްމާރު ބުންޏެވެ.

"ކައިވެންޏަށްފަހު އަޅުގަނޑު އުޅެން ގަސްދުކުރަނީ ނީލަމް ބޭނުންވާ ތަނެއްގައި. އެހުރިހާ އިހުތިޔާރެއް އަޅުގަނޑު ނީލަމްއަށް ދީފިން. އުންމީދުކުރަން މިކަމުގައި މަންމަމެންގެ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށް" އައްމާރު ބުންޏެވެ. ހުދާ ބަލައިލީ މަތީނުގެ މޫނަށެވެ.

"ދަރިފުޅު ބޭނުން ކޮންމެ ގޮތަކަށް މަންމަ އާއި ބައްޕަ މިތިބީ ރުހިގެން" މަތީނު ބުންޏެވެ. ހުދާ މޫނުމަތި މޮޅިވިއެވެ. ދޮށީ ފިރިހެން ދަރިފުޅާ ވަކިން ދިރިއުޅޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ކަންތައްތައް ހިނގާފައިވާ ގޮތުން އެކަމާ ދެބަސްވެވޭކަށްވެސް ނެތެވެ.

ކޮޓަރިއަށް ވަދެ އެނދުގައި އިށިން ގޮތަށް އަންބަރަށް ރިކްޒާގެ މޫނަށް ބަލައިލެވުނީ ހައިރާންކަން އެކުލެވިގެންވީ ބެލުމަކުންނެވެ.

"ކާކުތަ އެއީ؟" އަންބަރް އެހިއެވެ.

"އެއީ މީގެގަ އުޅޭ ކުއްޖެއް. ބައްޕަ ކައިރީގައި އުޅޭ ކުއްޖެއް. އޭނައަށް ކިޔަނީ ޝާރިގް" ރިކްޒާ ބުންޏެވެ. އަންބަރަށް ހެވުނެވެ.

"ކިހިނެއްވީ؟" އަންބަރް ހީލިތަން ފެނުމުން ރިކްޒާ އެހިއެވެ.

"އެސޮރު ރިކްއަށް ބެލީ ހާދަ ވަރަކަށޭ" އަންބަރް ބުންޏެވެ.

"ކިހިނެއް އެނގެނީ އޭނަ ބެލީ މަށަށް ކަމެއް. މަށަށް ހީވީ އިބާއަށް ބެލިހެން" ރިކްޒާ ބުންޏެވެ.

"ދެން ކީއްކުރަން އޭނަގެ ވާހަކަދައްކަނީ. އަހަރެން މިއުޅެނީ ވަރަށް މުހިންމު ވާހަކައެއް ދައްކަންވެގެން" ރިކްޒާ ބުންޏެވެ. އޭނާ އިށީނީ އަންބަރަށް ކުރިމަތިވާނެ ހެންނެވެ.

"ވާރިޝް އާ އެއްވެސް ގުޅުމެއް އެބައޮތްތަ އަދިވެސް" ރިކްޒާ އެހިއެވެ.

"ނެތް. އެގުޅުން ނިމިއްޖެ" ފަރުވާކުޑަ ގޮތަކަށް އަންބަރް ބުންޏެވެ.

"ރަނގަޅު. އެއީ މީހަކު ގުޅިގެން އުޅެން ހެޔޮވާވަރުގެ މީހެއްނޫން. ދުވަހަކުވެސް އެ އިންސާނާގެ އަވައިގައި ކީއްކުރަން ޖޫދުބެ ނޫނީ އެހެން އެއްވެސް ފިރިހެނަކަށް ބަލާނުލާތި" ރިކްޒާ ބުންޏެވެ.

"ރިކް ކީއްވެ ތިހެން ތިބުނީ؟ ވާރިޝްގެ ކަމެއް އެނގުނީ ދޯ. އަހަރެންނަށް އެނގޭ އެއީ މަކަރުވެރިއެއްކަން" އަންބަރް ބުންޏެވެ.

"އަހަރެން ކައިރީގައި އެހީމެއްނު ކީއްވެގެން ކުރި ކަމެއްހޭ. މިއުޅެނީ އެސުވާލުތަކަށް ޖަވާބުދޭންވެގެން" ރިކްޒާ އިންތަނުން ކޮޅަށް ތެދުވިއެވެ. ދައްކަންޖެހޭ ވާހަކައިގެ ގޮތުން އޭނާއަށް އަންބަރާ ކުރިމަތިލައިގެން އިނުން ދަތިވިއެވެ.

"އަހަރެން ދުވަހަކުވެސް އިބާއަށް ލަނޑެއް ލިބޭކަށް ދެރައެއް ލިބޭކަށް ނޭދެން. އަހަރެންގެ ހުރި ހަމައެކަނި ރަހުމަތްތެރިއަކީ ތިއީ. އަހަރެން އުންމީދުކުރަން އަހަރެން މިދައްކާ ވާހަކަތަކަށް އިބާ އިތުބާރުކުރާނެ ކަމަށް" ކުޑަދޮރު ކައިރީގައި ހުއްޓުނު ރިކްޒާ ވާހަކަދެއްކިއެވެ. އެނދުގައި އިން އަންބަރް ފުންމައިގެން ތެދުވިއެވެ. މަޑުމަޑުން ހިނގާފައި ގޮސް އޭނާ ހުއްޓުނީ ރިކްޒާގެ ކުރިމަތީގައެވެ. އިސްޖަހައިގެން ހުރި ރިކްޒާގެ މޫނުގައި ހިފާ އުފުލާލާފައި އޭނާ އާ ހަތަރުކަޅި ހަމަކުރުވިއެވެ. އަންބަރްގެ މޫނުމަތިން ފާޅުވަމުންދިޔަ ހައިރާންކަން ފެނި ރިކްޒާއަށް މޫނު އަނބުރާލަން މަޖުބޫރުވިއެވެ.

"އަހަރެން ދުވަހަކުވެސް ރިކް ގެ ވާހަކައަށް އިތުބާރު ނުކޮށް އޮތީތަ؟ އަންބަރް އެހިއެވެ.

(ނުނިމޭ)