ސިިވިލް ސާވިސް މުވައްޒަފުން ސިޔާސީ ހަރާކާތްތަކުގައި ބައިވެރިވާނަމަ ވަޒީފާ ގެއްލޭ ގޮތަށް ދިވެހި ސިވލް ސާވިސްގެ ގަވާއިދަށް އިސްލާހު ގެނެސް، އިއްޔެ ގެޒެޓުކޮށްފިއެވެ.

ގަވާއިދުގައިވާ ގޮތުން އޮފީހުގެ ރަސްމީ ގަޑީގައި ސިޔާސީ ވާހަކަދެއްކުމަކީ ފުރަތަމަ ދަރަޖައިގެ ކުށެކެވެ. އަދި ރަސްމީ ގަޑީގައި ސިޔާސީ ވާހަކަދެއްކުމާއި ސިޔާސީ ބަހުސް ކުރުމަކީ ދެވަނަ ދަރަޖައިގެ ކުށެކެވެ.

މީގެ އިތުރުން މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް ނުވަތަ ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަކީ ވަޒީފާއިން ވަކުކުރެވޭ ފަދަ ކުށެއްގެ ގޮތުގައި ގަވާއިދުގައި ވަނީ ކަނޑައަޅައިފައެވެ.

ވަޒީފާއިން ވަކިކުރެވޭ ފަދަ ކުށްތަކުގެ ތެރޭގައި މުވައްޒަފަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުންވެސް ހިމެނެއެވެ.

މުވައްޒަފަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަގާމުގެ ހައިސިއްޔަތުން ހިދުމަތް ދިނުމުގައި ސިޔާސީ ފިކުރާ ގުޅުވައި ތަފާތުކުރުންތައް ގެންގުޅުމަކީވެސް ވަޒީފާއިން ވަކި ކުރެވޭފަދަ ކުށެކެވެ.

މީގެ އިތުރުން ގަވާއިދަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ސިވިލް ސާވިސްގެ ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބެލުމަށްޓަކައި އޮފީހަށް ނުކުތުން މަނާ ކުރެވޭނެއެވެ. އަދި ވަކި ލައިސަންސެއް އޮވެގެން ވަޒީފާ އަދާކުރަންޖެހޭ މުވައްޒަފެއްގެ ލައިސަންސް ކަމާބެހޭ އިދާރާއަކުން ވަގުތީ ގޮތުން ހިފަހައްޓައިފިނަމަ ނުވަތަ މުއްދަތު ހަމަވެއްޖެ ނަމަ މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް އޮފީހަށް ނުކުތުން މަނާކުރެވޭނެ ކަމަށްވެސް ގަވާއިދުގައިވެއެވެ.

ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވެވުނު ނަމަވެސް މަސައްކަތުގެ ވަގުތުތައް ފިޔަވާ އެހެން ވަގުތުތަކުގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް މި ގަވާއިދަކުން އެއްވެސް ހުރަހެއް ނެތެވެ.