ކޮޕް 26 ސަމިޓުގައި ބައިވެރިވެވަޑައިތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސްކޮޓްލޭންޑަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ކޮޕް 26ގައި ކުރިއަށްދިޔަ މަތީ ފަންތީގެ އެކިއެކި މަޝްވަރާތަކާއި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ޖައްވަށް ވިހަގޭސް ބޭރުކުރާ ބޮޑެތި ގައުމުތަކުން ޒިންމާ އަދާކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން އިތުރުކުރުމަށް ވަކާލާތުކުރައްވައި ވާހަކަފުޅުދައްކަވައިފައެވެ.

ރައީސް ސޯލިހު ވަނީ ކޮޕް 26ގެ ވޯލްޑް ލީޑާސް ސަމިޓުގައި ދެއްވި ބަޔާނުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ހުށަހެޅިފައިވާ ނުރައްކާތެރި ހާލަތާ ބެހޭގޮތުން ވާހަކަފުޅުދައްކައި، ރާއްޖެއިން ދައްކަމުންގެންދާ ވާހަކަތައް ދުނިޔޭގެ ލީޑަރުން އަޑުއަހާނީ ކޮންކަމެއް ކޮށްދީގެންތޯ ވެސް ސުވާލުކުރައްވައިފައެވެ.

ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް ކޮށްފައިވާ ނޭދެވޭ އަސަރުތައް ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ލީޑަރުންނާ ހިއްސާކުރައްވައިފައެވެ. ރަށަކަށްފަހު ރަށެއް ކަނޑު އަޑިއަށް ދިއުމުގެ ބިރު ރާއްޖެއަށް މިހާރު ކުރެވެމުންދާ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވަޑައިގެންނެވި ހުރިހާ ރަށަކުންވެސް އާދަޔާ ހިލާފަށް ރަށްގިރުމުގެ މައްސަލަ ފާހަގަކުރެވޭ ކަމަށާއި އެއީ މިއަދު ދިވެހިން ކުރިމަތިލާން ޖެހިފައިވާ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުގެ ކުޑަ މިސާލެއްކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ދުނިޔޭގެ ލީޑަރުންނާއި މަތީ ފަންތީގެ އެކިއެކި މަންދޫބުންނާ ބައްދަލުކުރައްވައިފައެވެ. އޭގެ އިތުރުން ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ކޮމަންވެލްތުގެ ހައި ލެވެލް ޕެނަލް ޑިސްކަޝަނާއި އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީ (އައިރީނާ)ގެ އެނާޖީ ޓްރާންސިޝަން އެކްސެލެރޭޓަރު ފައިނޭންސިން ޕްލެޓްފޯމް (އީޓީއޭއެފް) އިފުތިތާހުކުރުމުގެ މަތީ ފަންތީގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގަންނަވައިފައެވެ.

އަދި ޖަޒީރާ ރަށްރަށުގެ މޫސުން ދެނެގަތުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮޕް 26ގެ ހަވާސާގައި ބޭއްވި ވަށްމޭޒު ބައްދަލުވުމުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ ފާއިތުވި 12 އަހަރުގެ ތެރޭގައި ދިވެހި ދައުލަތުގެ ވެރިޔަކު މި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ކޮޕް26 ގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު ރައީސް ވަނީ ލަންޑަނަށް ދަތުރުކުރައްވައި، ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) 2021 އަށް ޒިޔާރަތް ކުރައްވައިފައެވެ.