ކ. ރަސްފަރީ ފަރަށް ޕެނަމާގެ "އެމްވީ ނެވިއޯސް އެމެރައިލިސް" ބަލްކް ކެރިއާ ބޯޓު އެރުމުގެ ސަބަބުން ކުރި ޖޫރިމަނާ ބޮޑުވުމުން, އެ މައްސަލަ އެންވައިރްމެންޓް މިނިސްޓްރީ އަށް އިސްތިއުނާފަށް ހުށަހަޅައިފިއެވެ.
އެމްވީ ނެވިއޯސް އެމެރައިލިސް ބޯޓު ފަރަށް އެރުމުގެ ހާދިސާއާ ގުޅިގެން ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، ލިބުނު ގެއްލުމުގެ ބަދަލުގައި ކޯޓު މެދުވެރިކޮށް 893 މިލިއަން ރުފިޔާ ހޯދުމަށް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ނިންމާފައެވެ. އީޕީއޭއިން އަންގާފައިވަނީ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 100 މިލިއަން ރުފިޔާ، 30 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. އެ ބޯޓުގެ ރާއްޖޭގެ އެޖެންޓަކީ އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑް އެވެ.
ޖޫރިމަނާ އަދަދު ބޮޑުވުމުން ބޯޓުގެ ވެރިފަރާތުން ވަނީ އެ މައްސަލަ އެންވައިރަމެންޓް މިނިސްޓްރީއަށް އިސްތިއުނާފަށް ހުށަހަޅާފައެވެ. އެކަން އެ މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު "ވަން"އަށް މިއަދު ވިދާޅުވީ، އިސްތިއުނާފު ކުރުމުގެ ހައްގަކީ ގާނޫނީ ގޮތުން ބޯޓުގެ ވެރިފަރާތަށް ލިބިދޭ ހައްގަކަށްވުމުން، އެ ފަރާތުން އެ ހައްގުގެ ބޭނުންކޮށް މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވާ ކަމަށެވެ.
ބޯޓު ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ސާވޭ ހަދާފައިވަނީ އެމްއެންޑީއެފް އާއި އީޕީއޭ ގުޅިގެންނެވެ. އެ ސާވޭ ނިންމާލުމަށް ފަހު މިދިޔަ މަހުގެ 27 ވަނަ ދުވަހު އީޕީއޭއިން ބުނެފައިވަނީ ބޯޓު ފަރަށް އެރުމުގެ ސަބަބުން ފަރުގެ 8،867 އަކަ މީޓަރުގެ ސަރަހައްދަކަށް ގެއްލުންވެފައިވާ ކަމަށާއި، ގެއްލުމުގެ ބަދަލަށް 893 މިލިއަނަށް އަރާ ކަމަށާއި އެހެންކަމުން އެ ފައިސާ ކޯޓު މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
އެމްވީ ނެވިއޯސް އެމެރައިލިސް ރަސްފަރީ ފަރަށް އުރުނީ މިދިޔަ އޯގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ. އެ ބޯޓުގެ ދިގުމިނަކީ 190 މީޓަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު