ނޮވެމްބަރު 3، 1988 ގައި ތަމަޅަ ޓެރަރިސްޓުން ރާއްޖެ އެރިގޮތަށް، ޓެރަރިސްޓުންނަށް މިހާރު ރާއްޖެ އެރުމަކީ ނާދިރު ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ޓެރަރިސްޓުން ހަމަލާދިނީ ކުއްލިއަކަށް ކަމަށާއި ނަމަވެސް ރާއްޖޭގެ އަސްކަރިއްޔާއަށް ނޭނގި އެގޮތަށް ކުއްލިއަކަށް ސިހިގެންދާ ގޮތަށް ރާއްޖެއަށް ޓަރެރިސްޓުންނަށް އެރޭވަރަށްވުރެ ދިވެހި އަސްކަރިއްޔާ ވަރުގަދަވެފައިވާ ކަމަށެވެ. އަދި މުޅި ދުނިޔެއާއި ދިވެހި އަސްކަރިއްޔާގެ ހާލަތުވެސް މިހާރު އޮތީ ކުރިން އޮތް ހާލަތުގައި ނޫން ކަމަށް ވިދާޅުވިއެވެ.

"ދުނިޔެ މިހާރު ވިސްނަ ވިސްނާ އޮންނަ ކަމެއް މީ ޓްރާންސްނޭޝަނަލް ޓެރަރިޒަމް. އެމެރިކާގެ ޓްވިންޓަވަރު ހަމަލާއަށްފަހު އެއް ގައުމާއި އަނެއް ގައުމާ ދޭތެރޭގައި އިންފޮމޭޝަން ޝެއަރިންވެސް އެހާބޮޑަށް އިތުރުވެއްޖެ،" މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހި އަސްކަރިއްޔާއަށް އައި ޒަމާނީ ބަދަލު ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އަސްކަރީ އުޅަނދު ފަހަރުގައި، މިހާރު ޓްރެކިން ޑިވައިޒް ހަރުކޮށްފައިވާ ކަމަށާއި ރާއްޖޭގެ ސަރަހައްދުގައި އުޅަނދުފަހަރު އުޅޭ ގޮތް ގޮތާއި އުޅޭ ތަންތަނާބެހޭ މައުލޫމާތު އެ ޑިވައިޒްތަކުގެ ތެރެއިން ކޯސްޑްގާޑަށް އެނގޭނެ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ 10 ތަނެއްގައި ރާޑަރުތައް މަސަައްކަތްކުރާ ކަމަށާއި ރާއްޖެއަށް ވަންނަން ހުންނަ މައި ކަނޑު އޮޅިތައް އެތަކެތިން ކަވަރު ކުރާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ދުނިޔޭގެ އެކި މެރިޓައިމް ފިއުޝަންތަކާއި ކޯސްޓްގާޑާ ގުޅިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ކޯސްޓުގާޑުގެ ބޭފުޅެއް އެބަ އިންނަވާ އިންޑިއާގެ ފިއުޝަން ސެންޓަރުގައި، އެެއީ މި ރީޖަންގެ އެންމެ ބޮޑު މެރިޓައިމް ފިއުޝަން ސެންޓަރު ކޯސްޓްގާޑުގެ އޮފިސަރެއް އެބަ އިންނަވާ 24 ގަޑިއިރު މިހިސާބުގެ ކަނޑުތަކުގައިވާ ގޮތްގޮތް ބައްލަވާފައި އެބޭފުޅާ ހަމަ ވަގުތުން ވަގުތަށް މައުލޫމާތު ކޯސްޓްގާޑަށް އެބަ ފޯރުކޮށްދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ އަމިއްލަ ޕެޓްރޯލް ކުރުންތައް އިތުރުކޮށް، އެކުވެރި ގައުމުތަކާއެކު އެތައް ބައިވަރު ޖޮއިންޓް ޕެޓްރޯލްތަކެއް ވަޔާއި ކަނޑުމަކުން ކުރިއަށް ގެންދާ ކަމަށެވެ. އަދި ނޮވެމްބަރު ތިނެއްގައި ދިން ހަމަލާއާ ގުޅިގެން ރާއްޖޭގެ ދިފާއީ މަރުކަޒުން ސިފައިންނަށް ނުނުކުމެވި ދިމާވި ފަދަ މައްސަލަތަކެއްވެސް މިހާރު ދިމާ ނުވާނެ ކަމަށް ވިދާޅުވިއެވެ.

"އަސްކަރިއްޔާގައި ތިން އޭރިޔާ ކޮމާންޑެއް އޮވޭ، އެއީ ސަދަން، ނޯދަން އަދި ސެންޓްރަލް އޭރިއާ ކޮމާންޑު. ދެން މިހާރު އަސްކަރިއްޔާގެ ޑޮކްޓެރިން ރޭވިފައިވަނީ އެއް ދިމާލަކުން ކަމެއް ހިނގާކަމަށް ވަންޏާ އަނެއް ދިމާލަކުން އެހީތެރިވެވޭ ގޮތަށް، އެއާއެކު އެތަންތަނުގައި ތިބޭ ފައުޖުތައް ހަނގުރާމަވެރި އާލަތްތަކާއި ހަތިޔާރާއެކީގައި ތިބެނީ އަދި މިހާރު އެެއާޕޯޓުތައްވެސް އެހެރީ ހަމައެކަނި އޭރިޔާތަކެއް ނޫން. އައުޓް ޕޯސްޓްތައްވެސް އޮވޭ، އެހެންވީމަ އަޅުގަނޑުމެންނަށް މާލޭގައި އެގޮތަށް ކަމެއް ދިމާވެއްޖެއްޔާ ހަމައެކަނި މާލެއެއް ނޫން މާލެވެސް ހުޅުމާލެވެސް، އެކި ތަންތަނުގައި އަޅުގަނޑުމެންގެ ފައުޖުތައް ރުކުރުވާލެވިފައި ވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މީހުންގެ އިތުރުން ހަތިޔާރުގެ ގޮތުންވެސް ދިވެހި އަސްކަރިއްޔާ މިހާރު ވަރަށް ބޮޑަށް ބަދަދަލުވެފައިވާ ކަމަށެވެ. އެގޮތުން އެކި ކަންކަމަށް ވަކި ވަކި ފައުޖުތައް ގާއިމުކޮށް، ހާއްސަކޮށް ޓެރަރިޒަމް ކަންތައްތަކަށް ހާއްސަ ކޮން އުފައްދާފައިވާ ސްޕެޝަން ފޯސަންއާއި ސްޕެޝަލް އޮޕަރޭޝަނަލް ފޯސްއަކީ ވަރަށް ރަނގަޅަށް ތަމްރީނުވެފައި ތިބި ބައެއް ކަމަށް ވިދާޅުވިއެވެ.