ނޮވެމްބަރު 3، 1988 އެވެ. ގަޑިން ފަތިހު ހަތަރެއް ޖަހައި ބޮޑުވެއްޖެއެވެ. ހެނދުނު ޑިއުޓީއަށް ދާން ނިދާފައި އޮންނެވި އައިމިނަތު ވަހީދާއަށް ސިހިވަޑައިގެން ހޭލެވުނީ ބަޑީގެ އަޑަށެވެ. ފިރިކަލުންނާ ވަކިން ދިރިއުޅުއްވާތީ އޭރު އަރިހުގައި 17 އަހަރުގެ ދަރިކަލުންނާއި ދެ އަހަރުގެ ބައިގެ ދަރިކަލުން އޮތެވެ. ނަމަވެސް ސިފައިން ވާލަށް ބަޑި ޖަހަނީ ކަމަށް ހީކުރައްވައި ފަތިހުގެ އަރާމު ނިންޖަށް ހެއްލި އަލުން ނިދިކުރެއްވޭތީ ބެއްލެވިއެވެ. ނުރައްކަލެއްގެ ހިޔާލެއްވެސް ނެތިއެވެ. ގަޑިން 5:30 ވީ އެހެން އޮންނަވަނިކޮށެވެ. ބަޑީގެ އަޑު އޭރުވެސް ނުކެނޑެއެވެ. ހާސްކަން ވެރިވެ، ކަންބޮޑުވެވަޑައިގަންނަވަން ފެއްޓެވީ ދެނެވެ. ހަބަރު ހޯއްދަވަން ފުރަތަމަވެސް ގުޅުއްވީ އެންދެރިމާގޭގައި ހުންނެވި ރަހުމަތްތެރިއަކަށެވެ. ރާއްޖެއަށް ޓެރަރިސްޓުންތަކެއް އަރައިގެން އުޅޭކަން ވަހީދާއަށް އެނގިވަޑައިގަތީ ދެނެވެ. މާބޮޑު ތަފުސީލެއް ލިބިވަޑައިނުގަތަސް ހިތަށް ބިރުވެރިކަން ވެރިވިއެވެ. ހިދުމަތުގައި ހޭދަކުރެއްވި 50 އަހަރުގެ ތެރޭގައި ހިތުން ނުފިލާނެ އެ ދުވަހަށް އަލިވުނީ އެހިސާބުންނެވެ.
އޭރުގެ ސެންޓްރަލް ހޮސްޕިޓަލުގެ ނަރުހެއްގެ ގޮތުގައި އުޅުއްވި ވަހީދާ ވިދާޅުވި ގޮތުގައި، ބަޔަކު ރާއްޖެ އަރައިގެން އުޅޭކަން އެނގިވަޑައިގަތުމުން ދޮރާށި ކައިރިއަށް ނުކުމެވަޑައިގެން، ވާނުވާ ބެއްލެވިއެވެ. އޭރު މުޅި މާލެއަށް އޮތީ ނާމާން ހިމޭންކަމެއް ވެރިވެފައެވެ. އަވަށްޓެރިން ގޭދޮށުގައި ހޭލަމޭލަކޮށް އުޅުނު އިރު، މުވާސަލާތީ ހިދުމަތް އޮތީ ކަނޑާލައިފައެވެ. އިތުރު ބައެއްގެ ހަބަރެއް ބެއްލެވޭނެ ގޮތެއް ނެތެވެ. ހޮސްޕިޓަލަކާވެސް ނުގުޅުއްވުނެވެ. އަނެއްކޮޅުން ހެނދުނު 7:00 އަށް ޑިއުޓީއަށް ވަޑައިގަންނަވާ ވަގުތު އައީ ކުޑަތަންވަމުންނެވެ. ދެ ހިޔާލެއް ނުގެންނަވައެވެ. ނަރުހުގެ ހުދު ޔުނީފޯމް އަޅުއްވައިގެން ތައްޔާރުވެވަޑައިގެންނެވިއެވެ. ގައުމީ ހިދުމަތަށެވެ.
"ޔުނީފޯމް ލައިގެން ނުކުތް ތަނުން އާރިފާމެން، ނޭބާސް ބުނެފި އައިންތޫއޭ. ޔުނީފޯމް އަޅައިގެން ނުދާށޭ. އެމީހުން (ބާޣީން) ބޭނުންވެގެންނޭ އުޅެނީ ނަރުހުން. ލާފާނޭ އެމީހުންގެ ވޭނަށްވެސް. މަރާވެސްލާފާނޭ. އަޅުގަނޑު ހިތަށް އަރައިފި، ތެދެކޭ. ނަރުހެއްކަން އެނގެންޏާ އެމީހުން ބޭނުން ހިފާނޭ މިވަގުތުގަ. އެހެންވެގެން ހެދުން ބަދަލުކޮށްގެން ދިޔައީ،" ވަހީދާ ވިދާޅުވިއެވެ.
ހެންވޭރުގައި ހުރި ގެއިން އުންޑަތަކުގެ ކުރިމައްޗަށް އޭނާ ނުކުމެވަޑައިގަތެވެ. ނަރުހަކަށް ވެފައި އެފަދަ ހާދިސާއެއްގައި ގޭގައި ހުންނެވުން ޒަމީތު ގަބޫލު ނުކުރާތީއެވެ. އަމިއްލަ ނަފުސާއި ދަރިން ގުރުބާން ކުރައްވައި، ދަރިންނަށާއި އެކުދިން ބެއްލެވުމަށް ގޭގައި ގެންގުޅުއްވާ ކުއްޖާއަށް ވަސިއްޔަތް ކުރެއްވީ އަންނާނެ ކަމަށް ވިދާޅުވެއެވެ.
"އަޅުގަނޑު ގޭގައި އޭރު ގެންގުޅޭނެ ވަރަށް ރަނގަޅު ކުއްޖެއް. އޭނަ ކައިރީގައި އަޅުގަނޑު ބުނިން އެއްވެސް ގޮތަކަށް ކުދިން ދޮރާށި ދޮށަށް ނުކުތަ ނުދެއްޗޭ. އަހަރެން އަންނާނަމޭ. ކޮންމެ ގޮތެއްވިޔަސް ނުގޮހެއް ނުވާނޭ،" އުމުރުން އޭރު 37 އަހަރުގެ ވަހީދާ ވިދާޅުވިއެވެ.
ވަހީދާ ވިދާޅުވި ގޮތުގައި, އޭނާ ގެއިން ބޭރަށް އެޅުއްވި ފުރަތަމަ ފިޔަވަޅާއެކުވެސް ބަޑީގެ އަޑު އިވިވަޑައިގެންނެވިއެވެ. ނަމަވެސް އެއީ ކޮންތަނަކުން ޖަހާ ބަޑިއެއް ކަމެއް އެނގިވަޑައެއް ނުގަތެވެ. އެބަޑީގެ ވަޒަން މީހެއްގެ ގަޔަށް އަރައި މަރުވިތޯ ހިތާ ހިތާ ސުވާލު ކުރެއްވުނެވެ. ބަޑީގެ ވަޒަން އަމާޒުވެ, އޭނާގެ އަޖަލު ދަނީތޯ ހިތުގައި ބިރު އޮތެވެ. ނަމަވެސް ގައުމީ ޖޯޝުގައި އޭނާ ކުރިޔަށް ވަޑައިގަތެވެ. ކުރިއަށް ވަޑައިގެންނެވޭހެން ހީނުވި ނަމަވެސް, ހެންވޭރު ތާންގީ ބިންދޮށުން ވަޑައިގެން, މަގުތަކާއި ގޯޅިތަކުން ކުރިޔަށް ފިޔަވަޅު އަޅުއްވަމުން ގެންދެވިއެވެ.
"އޭރުވެސް ބިރެއް ނުގަނޭ. ކުރިއަށް ބާރަށް ހިނގަން އުޅުނަސް ކުރިއަށް ނުދެވޭހެންވެސް ހީވޭ, އެކަމަކު ހޮސްޕިޓަލަށް ވަދެވުނީމަ އަޅުގަނޑަށް ހިތްހަމަޖެހުން ލިބިއްޖެ. އޭރުވެސް އޮތް ބައިވަރު މީހުން. އެދިޔަ ގޮތަށް ގޮސް އަޅުގަނޑު ވަނީ ބްލަޑް ބޭންކަށް," މިހާރު އޭޑީކޭ ހޮސްޕިޓަލުގެ ކެންޓީން ހުންނަ ކުރީގެ ބްލަޑް ބޭންކް ކިޔައިދެމުން ވަހީދާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި, ހޮސްޕިޓަލަށް ވަޑައިގެންނެވި އިރުވެސް ޒަހަމްވެފައިވާ މީހުންނަށް ލޭ ދޭން ހޮސްޕިޓަލު ތެރޭގައި ގިނަ ބަޔަކު ތިއްބެވެ. ރޭގަނޑު ޑިއުޓީ ނަރުހުންނާއެކު, އަންނަން ކެރުނު ހުރިހާ ނަރުހުންނާއި ޑޮކްޓަރަކު އުޅެމުންދިޔައީ ވަރަށް އަވަދިނެތިއެވެ. ބައެއް މީހުން ބަލައި އެމްބިއުލާންސުވެސް ފޮނުވިއެވެ.
ހޭލަމޭލަކޮށް އޮތް ހޮސްޕިޓަލަށް ކުއްލި ސިހުމެއް އައީ ސަގަރު އަހުމަދު ނާސިރު އައުމުންނެވެ. ހޮސްޕިޓަލަށް އޭނާ ވަން އިރު, ހަތިޔާރު އެޅި ކުލީ ސިފައިން ކައިރީގައި ތިއްބެވެ. އޭނާ ވަދެ ހޯދީ ހޮސްޕިޓަލުގެ މެނޭޖަރެވެ. ކީއްކުރަން ކަމެއް ނޭނގެއެވެ. އެވަގުތު އޭނާ ނެތުމުން އެނބުރި ދިޔައެވެ. ބްލަޑް ބޭންކުގައި ހުރެފައި އޭރު ވަހީދާ ވަޑައިގަތީ ޒަހަމްވެފައިވާ މީހުންގެ އޮޕަރޭޝަންތައް ކުރަމުންދިޔަ ތިއޭޓަރަށެވެ. އެހެންކަމުން އޭނާއަކަށް ސަގަރު ނާސިރެއް ފެނިވަޑައެއް ނުގަތެވެ.
ބްލަޑް ބޭންކު ހިންގެވުމާ އޭރު ހަވާލުވެ ހުންނެވި ވަހީދާ ވިދާޅުވި ގޮތުގައި, އެދުވަހު ލޭ ނެގުނު އަދަދުވެސް އޭނާއަކަށް އެނގިވަޑައެއް ނުގަތެވެ. ނަމަވެސް ގިނަ ބައެއްގެ ގައިން ލޭ ނަގައި, އެތައް ފުރާނައެއް ސަލާމަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
ވަހީދާއަށް ނޮވެމްބަރު ތިނަކީ އަދިވެސް ހަނދާނުން ފޮހެލަން އުދަނގޫ ދުވަހެކެވެ. ބިރުވެރިކަމާއި ނާމާންކަމުން ފުރިގެންވި ދުވަހެކެވެ. ނަމަވެސް އެ ދުވަހުންވެސް އޭނާއަށް އިތުރު ހިތްދަތިކަމެއް ލިބިވަޑައިގަތުމަކީ އެއްބަފާ ދައްތަގެ ދަރިއެއްގެ ގަޔަށް ބަޑި ޖަހައި މަރާލުމެވެ. އެ ވާހަކަތައް ވަހީދާ ވިދާޅުވެދެއްވީވެސް އެ އަސަރާއެކުއެވެ.
"ހުރިހާ ކަމަކުންވެސް އަޅުގަނޑަށް އެންމެ އަސަރުކުރީ އަޅުގަނޑުގެ އެއްބަފާ ދައްތަގެ ދަރިފުޅެއް, 19 އަހަރު, ހުސެއިން ހަމީޒު. އޭނަ ބޯޅަ ކުޅެން ގޮސް އަންނަނިކޮށް ކަންނޭނގެ. ވަރަށް ރަނގަޅު ކުއްޖެއް. އޭނަ މަރާލާފައިވަނީ ބަގީޗާ އެ ދިމާ ކަންމަތީގައި. ހޮސްޕިޓަލު ތެރެއިން އެ ހަބަރު ލިބުނު. މަރުވި ވާހަކަ. މޫނު ދެކޭކަށްވެސް ނުދެވުނު. އެއަށްވުރެ އަޅުގަނޑު މާ ބިޒީކޮށް އުޅުނީ. މިހާރުވެސް ކޮންމެ ނޮވެމްބަރު 3ގައި ދައްތަ ރޯނެ ވަރަށް ގަދަޔަށް ރޯނެ," ފެން ކަޅިވެ އިންނަވައިގެން ވަހީދާ ވިދާޅުވިއެވެ.
އައިޖީއެމްއެޗްގެ ބްލަޑް ބޭންކުގެ ޑިރެކްޓަރެއްގެ މަގާމުގައި މިވަގުތު ހުންނެވި ވަހީދާ އެ ދައްކުވައިދެއްވީ ހިތްވަރުގަދަ ކަމުގެ މިސާލެކެވެ. މީހެއްގެ ފުރާނަ ސަލާމަތް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިނުގެންނެވުނަސް އެތައް ދިވެހިންނެއްގެ ފުރާނަ ސަލާމަތްކުރެއްވުމުގައި އުޅުއްވި ވަހީދާއަކީ ވެސް އެދުވަހު ހީރޯއެކެވެ. އެގޮތުން އެދުވަހު ހިދުމަތް ކުރެއްވުމުގައި ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅުންނަށް ސަރުކާރުން ދެއްވި ނޮވެމްބަރު 3ގެ އެވޯޑް ވަހީދާ އަށް ވަނީ ލިބިވަޑައިގެންފައެވެ.
ރިޓަޔާ ކުރެއްވުމުންވެސް ސަރުކާރުގައި ދަންނަވައިގެން ހިދުމަތުގައި ހުންނެވި ވަހީދާ އަދިވެސް ވިދާޅުވާ ވާހަކައެއް އޮވެ އެވެ. ކޮންމެ ކަމެއް ދިމާވިޔަސް, ފަހަތަށް ޖެހިވަޑައިގަތުމެއް ނެތެވެ. ނަރުހެއްގެ ވަޒީފާ އޭނާ އަދާކުރައްވަނީ ހިތާއި ރޫހުންނެވެ. ކުރާހިތުންނެވެ. އެކަމަށް އޮތީ ގައުމީ ލޯތްބެވެ.
ޚަބަރު
ޚަބަރު
ޚަބަރު