މިނިވަންކަން ދިފާއުކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ފުދުންތެރި މީހަކަށްވުން ކަމުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހާ ގުޅުވައިގެން އެމްއެންޕީން ހދ. ކުޅުދުއްފުށީގައި ރޭ ބޭއްވި "ޝަހީދުންގެ ހަނދާނުގައި" ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއިން ދިވެހިން ސަލާމަތުގެ އައްސޭރިއަކަށް ވާސިލް ވެވުނީ ދިވެހި ސިފައިންގެ އާދަޔާ ހިލާފު ގުރުބާނީގެ ސަބަބުން ކަމަށާއި އެކަމަށްޓަކައި ސިފައިންނަށް ކުރުނީސްކުރާ ކަމަށެވެ.
އަދި ދިވެހިންގެ މިނިވަންކަން ނަގާލުމަށް މަސައްކަތް ކުރާ ކޮންމެ ފަހަރަކުވެސް ފެންނަނީ، ދިވެހިންގެ ހިތްވަރު ކަމަށާއި މިނިވަންކަން ދިފާއުކުރުމަށް ގިނަ މަސައްކަތްތަކެއް މިއަދު އަނެއްކާ ކުރަންޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިނިވަންކަން ދިފާއުކުރުމަށް މި ޒަމާނުގައި ކުރެވޭނެ އެންމެ މުހިންމު ކަމަކީ ފުދުންތެރި މީހަކަށްވުން ކަމަށެވެ.
"މިނިވަންކަން ދިފާއުކުރުމަށް މި ޒަމާނަށް އެންމެ މުހިންމު އެއް ކަމަކީ ފުދުންތެރި މީހަކަށްވުން. އެއީ ރައްޔިތުންގެ މީހާ ފުދުންތެރިކަމާއެކު ދައުލަތުން އެމީހާ ފުދުންތެރި މީހަކަށް ބަދަލުކުރުން. ތިޔާގިކަމާއި ފޯރުންތެރިކަން ނެތްނަމަ އެހެން ނުފޫޒުތަކަކަށް އެމީހާ ލެބިގެންދާނެ،" ނާޒިމް ވިދާޅުވިއެވެ.
މިނިވަންކަމާއެކު ދިވެހިން މިއަދު ބޭނުންވާ އަނެއް ކަމަކީ ހިތްފަސޭހަ ދިރިއުޅުމެއްކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ، އަމިއްލަ ގޯތީގައި ދިރިއުޅުމުގެ ހައްގު ކޮންމެ ރައްޔިތަކަށްވެސް ލިބިދޭންޖެހޭ ކަމަށާއި އެމްއެންޕީން ގަބޫލުކުރާ ގޮތުގައި އެއީ އަސާސީ ހައްގެއް ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާނެ އެއްވެސް ކަމެއް އެމްއެންޕީން ނުކުރާނެ ކަމަށާއި އެމްއެންޕީއަކީ ރައްޔިތުންގެ ޕާޓީ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު