ވާހަކަ

ޖޫދް - 41

2

އަންބަރް ދިޔަ ދިމާލަށް ބަލަހައްޓައިގެން އިން ޖޫދު ތެދުވީ އަންބަރްގެ ފަހަތުން ފިރިހެނެއް ދިޔަތަން ފެނިފައެވެ. އޭނާ ބާރު ހިނގުމުގައި އެހިސާބަށް ދާންވާއިރަށް ވާރިޝް ފާހާނާ ތެރެއަށް ދެމިގަނެއްޖެއެވެ. ފާހާނާގެ ދޮރަށް ބަލަހައްޓައިގެން ހުރެފައި އޭނާ އެތެރެއަށް ދޮރު ކޮށްޕާލައިފިއެވެ.

ދޮރު އެތެރެއިން ތަޅުލާފައި ހުރުމުން ޖޫދު ކަންބޮޑުވިއެވެ. ދޮރުފަތުގައި ބާރަށް ތަޅައިނުގަނެ އޭނާ ބޭނުންވީ ތަޅުދަނޑި ހިފައިގެން އައިސް ހުޅުވާށެވެ. ހިނގައިގަތް ވަގުތު އަންހެން ކުއްޖެއްގެ ހަޅޭކުގެ އަޑު އިވިއްޖެއެވެ. ޖޫދުގެ ދެފައި ހީވީ ބިންމަތީގައި ތަތްވި ހެންނެވެ. ފުރަތަމަވެސް އެ އަޑަކީ އަންބަރްގެ އަޑުކަން އޭނާއަށް އެނގިއްޖެއެވެ. ޖޫދު ދޮރުގައި ޖަހާލާއިރަށް ދޮރު ހުޅުވިގެން ދިޔައެވެ. އެއާއެކު އަންބަރް ބޭރަށް ދެމިގަނެއްޖެއެވެ. ކުރިމަތީގައި ހުރި ޖޫދެއް އޭނާއަށް ނުފެނެއެވެ. ބިރާއި ސިހުން އެކުލެވިފައިވި އޭނާގެ ދެލޯ ޖޫދަށް ސާފުކޮށް ފެނުނެވެ. އެތެރެއަށް ވަންނަން އުޅެނިކޮށް ނުކުންނަން އައި ވާރިޝް ފެނި ޖޫދަށް ނުބައި ގޮތެއް ވިއެވެ. އޭނާ ވާރިޝްއަށް ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ. ވާރިޝްއަށް ޖޫދު ފެނުމާއެކު ހިނިގަނޑަކާއެކު ބޭރަށް ނުކުމެ ދެ ފާހާނާގެ ދޮރަށް ވަކިވަކިން ބަލައިލައިފިއެވެ.

"އޮޅުނީ. ނުބައި ފާހާނާއަކަށް ވަދެވުނީ. ޔަގީން އެ އަންހެންކުއްޖާ ބިރުގަތީ އަހަރެން ފެނުމުން. ދެން އެހެން ދޯ ވާނީވެސް" ޖޫދުގެ ކޮނޑުގައި ޖަހާލާފައި ވާރިޝް ހިނގައްޖެއެވެ. ވާރިޝް ދެއްކި ވާހަކަތައް މުޅިއަކުން ތެދެއް ޖޫދަށް ނުކުރެވުނެވެ. އިންސާނަކަށް ވީތީ ކަމެއް އޮޅިދާނެއެވެ. އެހެންނަމަވެސް ވާރިޝްގެ ނިޔަތާ މެދު އޭނާއަށް ޝައްކުވިއެވެ. އިތުރަށް ވާރިޝްއަށް ފާރަވެރިވާން އޭނާ ނިންމިއެވެ. އޭނާ އަވަސްވެގަތީ އަންބަރް ކައިރިއަށް ދިއުމަށެވެ.

މޭޒު ކައިރިއަށް ދިޔައިރު ކޮޅަށް ހުރި ސުމައްޔާގެ ގައިގައި ބައްދައިގަނެގެން ހުރި އަންބަރް ރޮނީއެވެ. ކިތަންމެ މަޑުން ވިޔަސް އަންބަރްގެ ރުއިމުގެ އަޑު ޖޫދުގެ ކަންފަތުގައި ޖެހުނެވެ. އޭނާގެ ހިތަށް އަސަރުކުރިއެވެ.

"ފިހާރައިގައި އުޅޭ ކުއްޖަކަށް އޮޅިގެން އަންހެނުންގެ ފާހާނާއަށް ވަދެވުނީ. އެހެންވެ ބިރުގަތީ ކަންނޭނގެ" ޖޫދު ބުންޏެވެ.

"އަހަރެންނަށް ފެންނަނީ އިބާ ގެއަށް ގެންދަން. އޭނައަށް ވީ ކާއެއްޗެހި ޕެކް ކޮށްގެން ގެންދެވޭނެއްނު" ގަމަރު ވާހަކަދެއްކިއެވެ.

"ދަރިފުޅު ދޭ އިބާ ގޮވައިގެން. މާގިނަ އިރެއްނުވެ މަންމަމެން ދާނަން" ޒަހާ ބުންޏެވެ. ކަންބޮޑުވުމާއެކު ޖޫދު ޒަހާއަށް ބަލަހައްޓައިގެން ހުއްޓެވެ. ރޭގަނޑުގެ އެވަގުތުގައި ނުކުޅެދޭ މަންމަ ދޫކޮށްފައި ދާން އޭނާ ބޭނުންނުވެފައި ހުރި ކަހަލައެވެ.

"މަންމަ އާ މެދު ނުވިސްނަބަލަ. މި އެންމެން މިތިބީ މަންމަ ކައިރީގައެއްނު. ދޭ އިބާ ގޮވައިގެން" ޒަހާ ބުންޏެވެ. ސުމައްޔާގެ މޫނުމަތިން އަންބަރް ބޯހިއްލާލުމާއެކު ސުމައްޔާ އަންބަރްގެ ދެލޯ ކައިރި ފޮހެދިނެވެ. އެތަނުގައި މަޑުކުރަން ބޭނުންނުވަންޏާ ޖޫދާއެކު ގެއަށް ދާށޭ ބުންޏެވެ. ވަގުތުން އަންބަރް އެއްބަސްވެއްޖެއެވެ. އެންމެ ހިނދުކޮޅަކުވެސް އެތަނުގައި މަޑުކުރަން އޭނާ ބޭނުމެއް ނުވިއެވެ. އޭނާ ޖޫދުގެ ފަހަތުން ހިނގައިގަތެވެ. އެވަގުތުވެސް އޭނާ ހުރީ ސިހިސިހިއެވެ. ކޮންމެފަދަ ވަގުތެއްގައިވެސް ވާރިޝް އޭނާގެ ކުރި ބައްދައިފާނެއެވެ.

މަގުމައްޗަށް ނުކުމެފައި ސުވާލުގެ ނަޒަރަކުން ޖޫދު އަންބަރަށް ބަލައިލިއެވެ. ސައިކަލުގައި އޭނާއާއެކު ދާނަންތޯ އަހާލާ ކަހަލަ ގޮތަކަށެވެ. އެހެންނަމަވެސް ސީދާ އެސުވާލު ކުރާކަށް ނުކެރުނެވެ. އަންބަރާ އެއްހަމައެއްގައި ހުރެފައި ދެކުދިން ގެއާ ދިމާލަށް ހިނގަމުން ދިޔައެވެ. އެއްވެސް މީހަކު އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ.

ރެސްޓޯރަންޓް ދޮރުމަތިން އެމީހުން ގެއްލުމާއެކު އަނދިރިގަނޑެއްގައި ހުރި ވާރިޝް ނުކުމެއްޖެއެވެ. ރުޅިވެރި ނަޒަރަކުން އޭނާ އެދިމާ ބަލަހައްޓައިގެން ހުރެފައި ސައިކަލާ ދިމާލަށް ހިނގައިގަނެއްޖެއެވެ.

"އަންބަރް ކަލެއަށް އަހަރެންގެ އަތްދަށުން ސަލާމަތެއް ނުވެވޭނެ" ވާރިޝް ބުންޏެވެ.

***

ކޮޓަރިއަށް ވަނުމާއެކު އެނދުގައި އޮތް ހާނީ ވާރިޝްއަށް ބަލާލައިފިއެވެ. ހާނީ ވާރިޝްގެ ކޮޓަރީގައި އޮތީ އެރޭ އޭނާ ބޭނުންވާ ކަމަށް ވާރިޝް ބުނުމުންނެވެ. ދިޔައިރު ހުރި ވާރިޝްގެ މޫޑު ބަދަލުވެފައި ހުރުމުން ކަންތައްތައް ރަނގަޅު ނޫންކަން ހާނީއަށް އެނގުނެވެ. އޭނާ އައިސް ދެއަތުގެ ތެރޭގައި މޫނު ފޮރުވައިގެން އިން ވާރިޝްގެ ކޮނޑުގައި ބޯއަޅާލައިފިއެވެ. ހާނީ ދުރަށް ކޮށްޕާލާފައި ވާރިޝް އެނދުން ތެދުވިގޮތަށް ދެކޮޅަށް ހިނގަން ފަށައިފިއެވެ.

"މަޑުމަޑުން އަހަރެން އަތުން ހުރިހާ އެއްޗެއް ބީވެގެން ދާން ފަށައިފި. ފިހާރައިން ލާރިއެއް ކަޓުވާލެވޭގޮތެއް ނުވޭ. އަންބަރް އަހަރެންނާ ދިމާލަށް ގެންނަން ކުރާ އެއްވެސް ކަމެއް ކާމިޔާބެއް ނުވޭ" ވާރިޝް ވާހަކަދެއްކިއެވެ.

"އިއްޔެގައި މިރަށު މީހުން ކުރިމަތީގައި ރިކްޒާ އަހަރެން ބޭޒާރުކޮށްލައިފި" އަނެއްކާވެސް ވާރިޝް އެނދުގައި އިށީނދެއްޖެއެވެ.

"އަނެއްކާ ކިހިނެއްވާންބާ މިއުޅެނީ؟" ވާރިޝް ބުންޏެވެ.

"ދެން ކިހިނެއް ހަދާނީ؟ އެގެއިން ލިޔުންތައް ހޯދާނީ ކިހިނެއް؟" ހާނީ ބުންޏެވެ. ހާނީގެ ވާހަކަތަކަށް ޖަވާބުދިނުން ވާރިޝްއަށް މުހިންމު ނުވިއެވެ. އޭނާ ވިސްނަމުން ދިޔައީ ކޮންކަންތައްގަނޑެއް ކަމެއް ނޭނގެއެވެ.

"އަހަރެންނަށް އެއްވެސް އެއްޗެއް ނުލިބުނަސް އެމީހުން ބަރުބާދުނުކޮށް އަހަރެން މައިތިރިއެއް ނުވާނަން. މިފަހަރު އަހަރެންގެ އެތިފަހަރު ވަރުގަދަވާނެ. މުޅި އުމުރަށް ކަރުނައަޅާނެ" ވާރިޝް ބުންޏެވެ.

***

އެނދުގައި އޮތް އަންބަރަށް ރޮވެނީއެވެ. އަޑު ނުކުމެދާނެތީ ބާލީސް ތެރޭގައި މޫނު ފޮރުވައިގެން އޮތެވެ. އަދިވެސް ހީވަނީ ފާހާނާ ތެރޭގައި ހިނގައިދިޔަ ކަންތައްތައް ލޯމައްޗަށް ސިފަވާހެންނެވެ. އަންބަރްގެ ކުރިމައްޗަށް ވާރިޝް އެރީ އޭނާ ފާހާނައިން ނުކުތް ވަގުތުގައެވެ. އެންމެ ފުރަތަމަވެސް ވާރިޝް ހިފީ އަންބަރްގެ އުނގަނޑުގައެވެ. ގާތަށް ދަމާލިގޮތަށް އަންބަރްގެ ކަރުދަށުގައި އޭނާގެ މޫނު ފޮރުވައިފިއެވެ. ސަލާމަތްވާން މަސައްކަތް ކުރަމުން ދިޔަ އަންބަރްގެ ކަންފަތުގައި އޭނާ ބޮސްދޭން ފެށިއެވެ. ގެއިން ލިޔުންތައް ހޯދައިދޭން އެދެމުން ދިޔައެވެ. އަލުން އޭނާގެ މީހަކަށް ވާން އަންބަރަށް ފުރުސަތު ދެމޭ ބުންޏެވެ. ވާރިޝްގެ އަތްދަށުން އޭނާ ސަލާމަތްވީ ހަޅޭއްލަވައިގަތް ވަގުތު ކުއްލިއަކަށް ވާރިޝް ސިހުމުންނެވެ. މީހަކަށް އިވި އެތަނަށް އަތުވެދާނެ ކަމަށް އިތުރަށް އަންބަރް އޭނާގެ ދެއަތުގެ ތެރޭގައި ހައްޔަރުކުރަން ނުކެރުނީއެވެ.

އަންބަރަށް ނިދޭގޮތެއް ނުވިއެވެ. ބުނެދޭން ނޭނގޭ އުނދަގޫތަކެއް އޭނާއަށް އުނދަގުކުރަމުން ދިޔައެވެ. އެނދުގައި ނޯވެވިގެން އެންމެ ފަހުން ތެދުވެއްޖެއެވެ. ގަޑި ބަލައިލެވޭނެ ގޮތެއްވެސް ނެތެވެ. އަލަމާރި ތެރޭގައި ނިއްވާލާފައި އޮތް ފޯނު ނަގަން އޭނާ ބޭނުމެއްނުވިއެވެ. މަޑުމަޑުން ހިނގާފައި އޭނާ ނުކުތީ ސިޓިންރޫމަށެވެ. ސޯފާގައި އޮށޯތްގޮތަށް ދެފައި ގެނެސް މެއާ ކައިރިކޮށްލައިފިއެވެ. ދެލޮލުން ފައިބައިގެންދިޔަ ހޫނު ކަރުނަތަކާއެކު ދެލޯ މަރައިލަމުން ނިދޭތޯ މަސައްކަތް ފެށިއެވެ.

***

އިސްހާގާއި ޝާރިގް ކައިގެން ތެދުވުމުން ތަށިތައް ނަގަން އުޅުނު ރިކްޒާއަށް ސީނާ ގޮވާލިއެވެ. އެ މަސައްކަތް ބަހައްޓާފައި ރިކްޒާ މިސްރާބު ޖެހީ ކޮޓަރިއާ ދިމާލަށެވެ. ބާލީސް މަތީގައި ބާއްވައިގެން ރައިކާ ނިންދަވަމުންދިޔަ ސީނާގެ މަގަތުން ރިކްޒާ އިށީނެވެ.

"ކެއީތަ؟" ރިކްޒާގެ އަނަރޫފަ ހަށިގަނޑު ފެންނަ ކޮންމެ ފަހަރަކު ސީނާއަށް އަހައިލެވެނީ ކައިފިތޯއެވެ.

"މަންމަ ނުކުތީމަ އެކުގައި ކާންވެގެން" ރިކްޒާ ބުންޏެވެ.

"މަންމަ ވާހަކައެއް އަހާލަންތަ؟" އިރުކޮޅަކު ރިކްޒާގެ މޫނަށް ބަލަން އިނދެފައި ސީނާ އެހިއެވެ. ރިކްޒާ އިސްޖެހިއެވެ. ސީނާ އަހަން އުޅެނީ ކޮން ވާހަކައެއްކަން އޭނާއަށް އެނގޭ ކަހަލައެވެ.

"އެއީ.... ރައިކާގެ" ސީނާއަށް އެހިސާބަށް ބުނެވެން ވާއިރަށް ރިކްޒާ ބޯޖަހައިފިއެވެ.

"އެކަމަކު މިރަށުން މަންމަ ދުވަހަކުވެސް އެސޮރު ނުދެކެން" ސީނާ ބުންޏެވެ.

"ޕްލީޒް މަންމާ. އޭނަގެ ވާހަކަނުދައްކާ. ﷲ ގަންދީ ބުނަން. އަހަރެން އެވަރުގެ ނަފުރަތުކުރާ އެއްވެސް އިންސާނެއް ނެތް" ރިކްޒާ ބުންޏެވެ. ސީނާގެ ހިތުގައި އަދިވެސް އަހަން ބޭނުންވެފައި ހުރި ސުވާލު ހުއްޓެވެ. ރިކްޒާ ކަންތައްކުރާނެ ގޮތެއް ނޭނގޭތީ އަހަން ބޭނުމެއް ނުވިއެވެ.

"މަންމައަށް އެނގޭތަ؟ އެއީ އިބާ ރައްޓެހިވެގެން އުޅުނު ކުއްޖާ. ޖޫދުބެ ދެކެ އިބާ ލޯތްބެއްނުވޭ. ބޭނުންވީ ވަރިވެގެން ގޮސް އޭނައާ އިންނަން. އެދެމެދުގައި އެކަކު އަނެކަކުގެ ވާހަކަތައް ހިފައިގެން ދަތުރުކުރި މީހާ އަހަރެންނަކީ. އެކަމަކު އަހަރެން ނުވިސްނާ ހުއްޓައި އޭނާ ހާލަތުގެ ފައިދާނެގީ. އެ ވިޔާނުދާ ކަންތަކަށް އަހަރެންނަށް ގަދަބާރު ނުދެއްކުނު. ވަރަށް ދެރަވޭ އިބާއަށް އަހަރެންނަށް އޮޅުވާލެވުނީމަ. މިއީ އޭނާގެ ދަރިއެއްކަން އެނގޭ ހިނދު އިބާ ކަންތައްކުރާނެ ގޮތެއްވެސް ނޭނގޭ. އެނގޭ އެއްޗަކީ އަހަރެމެން ދެމީހުންގެ މެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން ކެނޑިގެންދާނެކަން" ރިކްޒާ ހުރިހާ ވާހަކަތަކެއް ސީނާއަށް ކިޔައިދެމުން ދިޔައެވެ.

"ދީނާ ގުޅުންހުރި ކަންތައްތައް ހޯދައި ދީނީ އިލްމު އުނގެނުން އެއީ މަންމަ މިހާރު އެންމެ ކުރަން ބޭނުންވާ ކަމަކީ. ވޭތުވެދިޔަ ކަމެއްގެ ވާހަކަ ދެން ދައްކާނެ ކަމެއް ނެތް. އެއީ މާޒީ. އެކަމަކު މާޒީގައި ހިނގާފައި ހުރި ކަންތައްތަކުން އިބުރަތް ލިބިގަނެގެން މުސްތަގުބަލު އުޖާލާ ކުރެވިދާނެ. ތިކަމުގައި މަންމަ ދީފާނަން ހިޔާލެއް" ސީނާ ވާހަކަދެއްކިއެވެ. ރިކްޒާ ސީނާއަށް ބަލައިލިއެވެ. ސީނާ ދައްކަން އުޅުނު ވާހަކަ މިފަހަރުވެސް އޭނާއަށް ފަހުމްވެއްޖެއެވެ.

"އިބާއަށް އެއްވެސް ކަމެއް ސިއްރުކުރާނެ ކަމެއް ނެތް. މަންމައާއެކު މިއަދު އެބަޔަށް ދާންވާނެ. އިބާއާ ވެސް ބައްދަލުކުރަންވާނެ"

***

ސްކޫލު ދޮށަށް ގޮސްފައި ގެއަށް އައިސް އަލިޝްބާ އެރީ ނީލަމްގެ ބަޔަށެވެ. ވަގުތަކީ ހެނދުނުގެ ވަގުތެކެވެ. ދޮރު ބެލްއަޅާލުމާއެކު ހުޅުވައިފިއެވެ. އަންބަރަށް އަލިޝްބާ ފެނުމާއެކު ހީލައިފިއެވެ. އެހެންނަމަވެސް ކުރިން ހުންނަ ޖޯޝެއް ނުފެނުނެވެ. އަލިޝްބާ އަންބަރްގެ ގައިގައި ބައްދާލައިފިއެވެ. ރަނގަޅުތޯ އެހިއެވެ.

"ސައި ބުއިންތަ؟" އަލިޝްބާ އެހިއެވެ. އަންބަރް ބޯޖަހާލައިފިއެވެ.

"ނީލަމް އެބައުޅޭތަ؟" އަލިޝްބާ އެހިއެވެ.

"ކޮޓަރީގައި ވީ" އަންބަރް ބުންޏެވެ.

ނީލަމްގެ ކޮޓަރިއާ ދިމާލަށް އަލިޝްބާ ދިޔައީ އެކުގައި އަންބަރްވެސް ގޮވައިގެންނެވެ. ދޮރުގައި ޓަކިޖަހާލުމާއެކު އެތެރެއިން ނީލަމްގެ އަޑު އިވިލައިފިއެވެ. އަލިޝްބާ އާއި އަންބަރް ވަންއިރު އެނދުގައި އިށީނދެގެން ނީލަމް އިނެވެ. އުނގުމަތީގައި ކުރިން ގެންގުޅުނު ދަބަހާއި މީގެކުރިން އަތްނުލާ ކުޑަ ފޮށި ހުއްޓެވެ. އަލިޝްބާ ފެނުމުން އެހުރިހާ އެއްޗެހި އެއްފަރާތްކޮށްލާފައި އޭނާ ހިނިތުންވެލައިފިއެވެ. އެހެންނަމަވެސް އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ކަރުނަތައް އަލިޝްބާއަށް ސިއްރެއް ނުވިއެވެ.

"އަހަރެން މިގެއަށް އަންނަ ކޮންމެ ފަހަރަކު މީނަ އިންނާނީ މި ފޮށިތައް ހިފައިގެން" ކައިރީގައި އިށީންނަމުން އަލިޝްބާ ބުންޏެވެ. ދެ އެކުވެރިންނަށް ޖާގަދީފައި އަންބަރް އިށީނީ ޑްރެސިންޓޭބަލް ކައިރީގައި ހުރި ގޮނޑީގައެވެ.

"މިއަދު އަހަރެންނަށް ވަރަށް ބޮޑު އެއްޗެއް ފެނިއްޖެ. މިކަމުގައިވެސް ކޮންމެސް ހިކުމަތެއްވާނެ" ނީލަމް ބުންޏެވެ. އަލިޝްބާ ދެބުމަ ގޮށްޖެހުނެވެ.

"މީތި ކިޔާލަބަ" ކައިރީގައި އޮތް އާދައިގެ ކުޑަ ނޯޓު ފޮތެއް އޭނާ އަލިޝްބާއަށް ދިއްކޮށްލިއެވެ. ބޭރުގަނޑުގައި ހިތަކާއެކު އަންހެނަކާއި ފިރިހެނަކު ކުރަހާފައި އިން އެ ފޮތުގައި ހިފަމުން އަލިޝްބާ ނީލަމްއަށް ބަލައިލިއެވެ.

***

ފޮށި ދަމަމުން ސިޓިންރޫމަށް ނުކުމެފައި ހުދާ ބަލައިލީ އައްމާރުގެ ކޮޓަރިއާ ދިމާލަށެވެ. ފޮށި ސޯފާ ކައިރީގައި ބަހައްޓާފައި މިންހާލް ގެންގޮސް ގޮނޑީގައި ބޭންދިއެވެ. ވިޔަފާރި ކަމެއްގައި ހެނދުނު ސައިވެސް ނުބޮއެ މަތީނު ބޭރަށް ނުކުތްގޮތަށް ގެއަށް އަދި ނާދެއެވެ.

ކޮޓަރީގައި ޓަކި ޖަހާލުމާއެކު އައްމާރު ދޮރު ހުޅުވައިފިއެވެ. ކުރިމަތީގައި އިސްޖެހިފައި ހުރި ހުދާ ފެނުމުން އައްމާރުގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ދިޔައެވެ.

"މަންމަ މިދަނީ ފުރަންދާން" ހުދާ ބުންޏެވެ.

"ވަޓް؟ ނުވެސްބުނޭ ބައްޕަ" އައްމާރަށް ލިބުނީ ހައިރާންކަމެވެ. ކޮޓަރީ ދޮރުލައްޕާލާފައި އޭނާ ބޭރަށް ނުކުތްއިރު ސޯފާގައި އިން މިންހާލް ކައިރީގައި މަތީނު އިނެވެ.

"ބައްޕަ ނުވެސް ބުނުއްވަމެއްނު މިއަދު ފުރާ ވާހަކަ" އައްމާރު ބުންޏެވެ. އެއާއެކު ސޯފާގައި އިން މަތީނު ތެދުވެފައި ހުދާއަށް ބަލައިލިއެވެ.

"މަންމަ އާއި މާލްކޮއްކޮއާ އެކަނި މިދަތުރުގައި މިދަނީ" ހިނިތުންވުމެއް ތުންފަތަށް ގެނުވަމުން ހުދާ ބުންޏެވެ.

"ބައްޕަ ނުދަންތަ؟ ކީއްވެ މަންމަ އެކަނި ދަނީ" އައްމާރު އެހިއެވެ.

"ބައްޕައަށް ނޭނގޭ. އެހެންނޫނަސް އަހަރެންނަކީ މާ މުހިންމު މީހެއް ނޫނެއްނު" މަތީނު ބުންޏެވެ. މަތީނުގެ އެ ޖުމްލައާއެކު މިހުރިހާއިރު ހިފަހައްޓައިގެން ހުރި ހުދާއަށް ރޮވިއްޖެއެވެ. އޭނާ މަތީނު ކައިރީގައި ނުބުނީކީ ނޫނެވެ. އެހެންނަމަވެސް ކަންތައްތައް ވެފައި އޮތް ގޮތުން ފަސްޖެހުނީއެވެ.

"އަހަރެން މިތަނުގައި ހުރުމުގެ ބޭނުމެއް އިތުރަށް އޮތް ހެނެއް ހިއެއްނުވޭ. މަތީނުވެސް ހިނގާ ދާން" ދެއަތް ފުރަގަހަށް ލައިގެން ދުރު ބަލަހައްޓައިގެން ހުރި މަތީނަށް ނަޒަރެއްދެމުން ހުދާ ބުންޏެވެ. މަތީނު ބަހެއް ނުކިޔައެވެ. އެހެން ހުއްޓައި ހުދާ އައިސް މަތީނުގެ ކުރިމަތީގައި ހުއްޓިއްޖެއެވެ.

"އަހަރެންނަށް އެނގޭ ދީނީ ގޮތުން ބެލިޔަސް މަހުރަމަކާނުލައި އަންހެނަކު ދަތުރަކަށް އަރައިގެން ނުވާނެކަން. އެހެންވީމަ މިބުނަނީ" ހުދާ ބުންޏެވެ. މަތީނަށް ހައިރާންކަން އެކުލެވިގެންވި ނަޒަރަކުން ހުދާއަށް ބަލައިލެވިއްޖެއެވެ. ދުވަހަކުވެސް ދީނީ ކަމަކާ ގުޅުވައިގެން މީގެކުރިން ހުދާ ވާހަކައެއް ނުދައްކައެވެ.

"މަންމަ ކީއްވެ ކުއްލިއަކަށް" އައްމާރު އެހިއެވެ. ހުދާއަށް ބަދަލުތަކެއް އައިސްފައި ހުރިކަން އޭނާއަށް އެނގިއްޖެއެވެ. ނޭނގެނީ އެބަދަލުތައް އޭނާއަށް އައިސްފައިވާ ސަބަބެވެ.

"މިރަށަށް މަންމަމެން އައި ބޭނުން ނިމިއްޖެއްނު. އައްމު ކުރަންހުރި ކަންކަން ކުރޭ" ހުދާ ބުންޏެވެ.

"އަހަރެންގެ އަނބިމީހާ އާއި ކުޑަދަރި މާލެ ފޮނުވަންވީމަ އެނގޭނީ އަހަރެންނަށް"

***

ޒިންކު ކައިރީގައި ތަށި ދޮންނަން ހުރި ރިކްޒާ ސިހުނީ އޭނާއާ ދާދި ކައިރިން ހިޔަންޏެއް ވިހެން ހީވެގެންނެވެ. ބަލައިލިއިރު ކެއި ތަށި ހިފައިގެން ދާދި ކައިރީގައި ޝާރިގް ހުއްޓެވެ. ރިކްޒާ ބަލައިލުމާއެކު އޭނާ ހިނިތުންވެލައިފިއެވެ.

"ކީއްކުރަން ތަށި ހިފައިން ތިއައީ. އަހަރެން ނަގަން ދާނަމޭ" ޝާރިގް އަތުގައި އޮތް ތައްޓާއި ސައި ހުސްކުރި ބިއްލޫރި ޖޯޑުގައި ހިފަމުން ރިކްޒާ ބުންޏެވެ.

"އަހަރެންނަށް އާދަވެފައި ހުރީމަ. ގޭގަ އުޅޭއިރު އަހަރެން ތިކަހަލަ ކަންތައްކޮށް އުޅެން. ބޭބެ ބައެއްފަހަރު ހިތްހަމަނުޖެހިގެން އެއްޗެހި ވެސް ބުނޭ. އެކަމަކު ގޭގައި ގެންގުޅޭ މީހާ ލައްވައި ހުރިހާ ކަމެއް ކުރުވާހިތެއް ނުވޭ" ޝާރިގް ބުންޏެވެ. ރިކްޒާ އެއްކައިރިއަކަށް ޖެހިލުމުން އޭނާ އަތް ދޮންނަން ފެށިއެވެ.

"އަނެއްހެން ބުނަންޏާ އަހަރެން ރަހުމަތްތެރިއެއްގެ ގޮތުގައި ދެކޭ ކުއްޖަކަށް އެހީވެދިނުމުގެ ގޮތުން" ޝާރިގް ބުންޏެވެ. އޭނާ ޒިންކު ކައިރިން ދުރަށް ޖެހިލަމުން ކުޑަ ފެންފޮދެއް ރިކްޒާގެ މޫނަށް ބުރުވާލިއެވެ. ލޯބިން ސަމާސާއެއްނުކޮށް ނުހުރެވުނީއެވެ.

"ރިކީ ނުދެކުނަސް އަހަރެން ދެކެނީ ތިއީ އަހަރެންގެ ރަހުމަތްތެރިއެއްގެ ގޮތުގަ" ޝާރިގް ކޮށްލި ސަމާސާއިން ކުޑަކޮށް ހިނިއައިއްސަ ހުރި ރިކްޒާ ޒިންކު ކައިރިއަށް ޖެހި ޝާރިގްއަށް ފުރަގަސްދިނެވެ.

"އަހަރެންނަކީ ކޮންކަހަލަ އަންހެން ކުއްޖެއްކަން އެނގޭތަ؟ އެނގޭތަ އަހަރެންގެ އިމޭޖް ވަރަށް ހަޑިކަން. އަހަރެން ކަހަލަ އަންހެންކުއްޖަކު ރަހުމަތްތެރިއެއްގެ މަގާމުގައި ބަހައްޓަން ބޭނުންވާނީ ކާކު؟" އެހިސާބަށް ބުނުމާއެކު ނުވިސްނައި ހުރި ރިކްޒާގެ އަތުގައި ހިފައި އަނެއްފަރާތަށް އަނބުރާލައިފިއެވެ. ދާދި ކައިރިން ފެނުނު ޝާރިގްގެ ދެލޯ ފެނި އޭނާއަށް ވިސްނަންވީ އެއްޗެއް ނޭނގުނެވެ. އެނަޒަރުން ސަލާމަތްވުމަށްޓަކައި އޭނާ އިސްޖަހާލައިފިއެވެ. ފިރިހެނުންގެ އެފަދަ ނަޒަރަކީ އޭނާއަށް ބިރުވެރި އިންޒާރެކެވެ. އެނާއަށް މަގު އޮޅުނީ ފިރިހެނުންގެ އެފަދަ އިޝާރާތްތަކަށް ނޫނެކޭ ނުބުނެވުމުގެ ސަބަބުންނެވެ.

މަޑުމަޑުން ޝާރިގް ހިފަހައްޓާފައި ހުރި ދެއަތަށް އޭނާ ދޫދިނެވެ. ރިކްޒާ އާ ކުޑަކޮށް ދުރަށްޖެހިލާފައި މައާފަށް އެދިއްޖެއެވެ.

"އެކަމަކު ދެން އެހެން ނުބުނާތި. މާޒީވެ ފަސްއެޅި ފޮރުވެމުންދާ ކަންތައްތަކުގެ ވާހަކަދެއްކުމުގެ ބޭނުމެއް ނެތް. އަހަރެންގެ ގޮތެއް ރިކީ އަށް ނޭނގޭނެ. ތިއީ އަހަރެންނަށް މުހިންމު ކުއްޖެއް" ޝާރިގް ވާހަކަދެއްކިއެވެ. އެހެން ފިރިހެނުންނާއި އޭނާއާ ހުރި ތަފާތަކީ އެއީއެވެ. ހިތުގައި އެއްވެސް ކަމެއް ބާއްވައިގެން ފޮރުވައިގެން އުޅޭހިތެއް އޭނާ ނުވެއެވެ. ދުލާ ހަމައަށް ބުނަން ބޭނުންވާ ބަސްތައް ގެނައުމަކީ އޭނާއަށް ފަސޭހަކަމެކެވެ.

"ވަރަށް ވަރަށް މުހިންމު މީހެއް" ރިކްޒާ ބަލައިލުމާއެކު ޝާރިގް ބުންޏެވެ. އޭނާ އެތަނުން ހިނގައިގަތީ އެއްފަރާތުގައި ދޮވެފައި ބަހައްޓާފައި ހުރި ތަށިތައް ހިފައިގެންނެވެ. ތަށި ހަރުގަނޑަށް ތަށިތައް ލުމަށްފަހު އޭނާ ބަދިގެ ބައިން ނުކުތީވެސް އެގޮތުގައި ރިކްޒާ ހުއްޓައެވެ.

***

"ޖައިލަމް ޖޫދު" އަލިޝްބާ ކިޔާލިއެވެ. އެ އަޑަށް އަންބަރްވެސް ނީލަމްއަށް ބަލައިލިއެވެ. ޖޫދުގެ ނަން އިވުމާއެކު މިފަހަރު އޭނާއަށް ތަފާތު ގޮތެއް ވެއްޖެއެވެ.

"އަހަރެންގެ ފިރިމީހާގެ ފުރިހަމަ ނަމަކީ ޖައިލަމް ޖޫދު. ތިފޮތް ކިޔާލަބަލަ" ނީލަމް ބުންޏެވެ. އަންބަރް ޝައުގުވެރިވިއެވެ. ގޮނޑި ދަމާލާފައި އަލިޝްބާއާ ގާތަށް ޖެހިލިއެވެ. ފޮތުގައި އޮތް އެއްޗެއް އޭނާ އެނގެން ބޭނުންވިއެވެ. އެހެނީ ޖޫދުގެ ނަމާ ގުޅިފައިވާ ކަންކަން އޭނާއަށް މުހިންމު ކަމަކަށް ވެއްޖެއެވެ.

"އަހަރެންގެ ފުރާނަފަދަ ލޯބިވާ ލަމް، ހެހެހެ... އިންސާނުންގެ ވިސްނުމާއި ފިކުރު ތަރައްގީވެފައިވާ މިފަދަ ޒަމާނެއްގައި އަހަރެން މިގޮތަށް އަތު ލިޔުމުން ލިޔާއިރު ވަރަށް އެހެން ކަހަލަ. އަމިއްލައަށް ވެސް ހެވޭ. އަހަރެންގެ ސްލީޕިން ބިއުޓީ... އެނގޭތަ ލަމް ނިދާފައި އޮންނައިރު ހާދަ ލޯތްބޭ. އަހަރެން މި ލިޔަނީ ލަމް ނިދާފައި އޮންނައިރު ތި މޫނަށް ބަލައިގެން. އަހަރެންގެ ލަމް. އަހަރެން ވައިފީދެކެ ވަރަށް ލޯބިވޭ. ދުވަހަކުވެސް ވަކިވާން ބޭނުމެއްނުވޭ. އެދުނިޔޭގައިވެސް އަހަރެންގެ ބައިވެރިޔަކަށް ވާން އެދެނީ ލަމް. އެކަމަކު އަހަރެމެން ދެމީހުންގެ ހަޔާތް ހާދަކުރޭ. އަހަރެންގެ އާއިލާ ފަހުގެ ހަތިޔާރު ދޫކޮށްލައިފި. އަހަރެމެން ދެމީހުން ދުރުކުރަން އެމީހުން މަރުގެ އެތިފަހަރެއް ހަދައިފި. އެއީ ލަމް ދުނިޔެއިން ނެތިކޮށްލަން. އެކަމަކު އަހަރެން..... އަހަރެން ބޮޑުދައިތަ ގެނެސްދިން އެ ފުޅީގައި ހުރި އެއްޗެއް ބޮއެފިން. ބޭނުންވީ ލަމް އޭގެ ރަހަ ބެލުމުގެ ކުރިން އަހަރެން ރަހަ ބަލަން. އަހަރެން ފަހުން ބޮޑުދައިތަ އާ ބައްދަލުކުރިން. ބުނިން ލަމްއަށް ވުރެ ކުރިން އަހަރެން އެ ފުޅީގައި ހުރި އެއްޗެއް ބުއި ވާހަކަ. އެނގޭތަ! ބޮޑުދައިތަ އަހަރެން މޫނުމަތީގައި އެދުވަހު ޖެހީ ހާދަ ބާރަށޭ. ލަމްއަށް ފޮނުވި އެއްޗެއް އަހަރެން ބުއީ ކީއްކުރަންހޭ ކިޔާފައި ބާރަށް ހަޅޭއްލެވި. ސަބަބު ހޯދަން އަހަރެން ވަރަށް މަސައްކަތް ކުރިން. އެންމެފަހުން އެއްބަސްވެއްޖެ. ސިހުރަކީ ނުބައި އެއްޗެއް. އެމީހުންނަށް މައާފުކޮށްދެއްޗެ. އަހަރެމެން ދެމީހުން ކުރެ ކުރިން މަރުވާނީ ކާކުކަމެއް ޔަގީނެއްނޫން. އެކަމަކު ހަނދާންކޮށް އަހަރެން ދުނިޔޭގައި ނެތަސް ނޫނީ ހުއްޓަސް ލަމްގެ ހަޔާތަށް އަހަރެން ނޫން އެހެން މީހަކު ގެންނަން ދުވަހަކުވެސް އެދޭނަމަ އެމީހަކީ އައްމާރު ކަމުގައި ހަދައްޗޭ. ދުނިޔެއަކީ ފިތުނަވެރިން ގިނަ ތަނެއް. އެފަދަ ތަނެއްގައި އަހަރެންނަށް އިތުބާރު ކުރެވުނު ހަމައެކަނި އިންސާނަކީ އައްމު. އަހަރެންނަށް އެނގޭ ލަމްއާ މެދު އައްމު ދެކެނީ ފަހަރިއަކަށް ވުރެ ގާތްކޮށް ކަން. އާއިލާ ތެރެއަށް އަލުން ލަމް ފޮނުވަން ބިރުވެސްގަނޭ. އެކަމަކުވެސް ތިއީ ވިސްނުންތޫނު ކުއްޖެއް. އައްމުގެ ހާޔަތަށް ދިޔަސް ނުދިޔަސް އަލުން އާއިލާއާއެކު ދިރިއުޅެން ނުދައްޗޭ. އެއީ ލޯބިވާ އަނބިމީހާއަށް އަހަރެން ދިރި ދުނިޔޭގައި ހުރެ ކުރާ ވަސިއްޔަތެއް. މަގޭ ދެލޯ ފަދައިން އެދޭ ލޯބިވާ އަނބިމީހާއަށް ވަރަށް އުފާވެރި ދުވަސްތަކެއް މިންވަރު ކުރައްވާށި... އާމީން...."

އަލިޝްބާ އެކުޑަކުޑަ ނޯޓް ކިޔާ ނިމުނުއިރު ރޮވިއްޖެއެވެ. ނީލަމްއަށްވެސް އިނީ ރޮވިފައެވެ. މީގެކުރިން ޖައިލަމްގެ އެފަދަ ލިޔުމެއް އޭނާ އަތުގައި އޮތްކަމެއް އޭނާއަށް ނޭނގެއެވެ. އެފޮތް ހުޅުވާހިތްވެސް ނުވީއެވެ. އެހެންނަމަވެސް އެވާހަކަތަކާއެކު ފިރިމީހާގެ ހަނދާން އާވެގެން ދިޔައެވެ. މެއަށް އަރައިގެން ދިޔަ ތޫނު ތަދާއެކު އަނގައިން އާހެއްގެ އަޑު އިވިލައިފިއެވެ.

"އަހަރެން ހާދަ ނަސީބުދެރައޭ. ފިރިމީހާ ނިޔާވިތާ މަހެއް ވީ ދުވަހު އަހަރެން ޕްރެގްކަން އެނގިއްޖެ. ހިތަށް އެރި އަހަރެން ދުނިޔޭގައި އެކަލާނގެ މެދުވެރިކުރެއްވި ނިއުމަތެކޭ ދަރިފުޅު އެއީ. އެކަމަކު އެ އުފާވެސް ލިބުނީ ކުޑަ ދުވަސްކޮޅަކަށް. އަހަރެން ޕްރެގްވިކަމެއް މަރުވެގެން ދިޔައިރު އޭނާއަށް ދަރިއަކު ލިބެން އުޅޭކަމެއް ނުވެސް އެނގޭނެ" ނީލަމް ވާހަކަދައްކަމުން ދިޔައެވެ. އޭނާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށް ނިމުމެއް ނެތެވެ.

"ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް" ނީލަމްއަށް ބަލަހައްޓައިގެން މަޑުމަޑުން އިން އަލިޝްބާ ބުންޏެވެ.

"ނީލަމްދައްތަގެ ހަޒްބެންޑް މަރުވީ އެރޭގަތަ؟" ރޮވިފައި އިން އަންބަރް އެހިއެވެ.

"ނޫން. މީގަ މިއިނީ ޑޭޓަށް ބަލަންޏާ ޖައި މަރުވުމުގެ އެއްރޭ ކުރިން މި ލިޔެފައި މީނީ" ނީލަމް ބުންޏެވެ.

"އެމީހާ ހާދަ ނުލަފައޭ ދޯ. އަހަރެން ހަމަ ކިޔާނެ ބަހެއްވެސް ނޭނގިފައި މިއިނީ" އަލިޝްބާ ބުންޏެވެ. ފޮތް ލައްޕާލާފައި އޭނާ ނީލަމްއަތަށް ފޮތް ދިނެވެ.

"އައްމާރާ ކައިވެނި ކޮށްގެން އަނެއްކާ ދެވަނަ ފަހަރަށް އެ ބޮނޑި ލިބިދާނެ. ނީލޫ، އަހަރެން ވަރަށް ބިރުގަނެއްޖެ" ނީލަމްގެ އަތުގައި ހިފައިލަމުން އަލިޝްބާ ބުންޏެވެ.

"ކޮންތާކު. މިހާރު ބޭނުމީވެސް އިނދެގެން އެ ހުދާ ކައިރީގައި އުޅެން. އަހަރެންގެ އިނގިލީގެ އިޝާރާތުން ހުދާ ގޭތެރޭގައި އަނބުރަން. މާނައަކީ އޭނަ އެއް ތީރު ދޫކޮށްލައިފިއްޔާ އަހަރެން ހަ ތީރު ދޫކޮށްލާނަމޭ. ދިރިއުޅުމުން ލިބުނު ފިލާވަޅުން އަހަރެން އިބްރަތް ހާސިލުކޮށްފިން. ހާއްސަކޮށް ޖައިގެ މި ވާހަކަތަކުން" ނީލަމް ބުންޏެވެ. އެ ފޮތް އޭނާ މޭގައި ޖައްސާލާފައި ދެލޯ މަރާލައިފިއެވެ.

(ނުނިމޭ)