ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން، އާ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)އާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އިއްޔެ ފަރިތަކުރުންތައް ފަށައިފިއެވެ.

ޓާފް ދަނޑުގައި މާޒިޔާއިން ފަރިތަކުރުންތައް ފެށިއިރު، ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިން އަދި ތަމްރީނުތަކަށް ނުނިކުންނާނެއެވެ. އެ ކުޅުންތެރިން މާޒިޔާގެ ތަމްރީނުތަކާ ގުޅޭނީ ސްރީ ލަންކާގައި އޮންނަ މަހިންދަ ރާޖަޕަކްސާ ކަޕްގައި ކުޅުމަށްފަހުއެވެ. މިދިޔަ ދެ ސީޒަންގައިވެސް ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި މާޒީޔާއިން ތަމްރީނުތައް ފެށީ ކްލަބުގެ ޔޫތު ކުޅުންތެރިންވެސް ތަމްރީނުތަކުގައި ހިމަނައިގެންނެވެ. އެއީ ގައުމީ ޓީމު ކުޅުންތެރިންނަށް ރިލީސް ދިނުމުން، ސީނިއާ ޓީމުގައި ބާކީ ތިބީ މަދު ކުޅުންތެރިން ކަމަށްވާތީއެވެ.

އޭއެފްސީ ޕްރޯ ލައިސަންސް ހާސިލުކޮށްފައިވާ މޯހަންއާއެކު މާޒިޔާ އިން ސޮއިކުރީ ކުރިން ކްލަބުގެ ކޯޗުކަމުގައި ހުރި ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗްގެ ކޮންޓްރެކްޓް ހަމަވެ، އޭނާ ކްލަބު ދޫކޮށްލުމުންނެވެ. މާޒިޔާއާ އެކު މިދިޔަ ސީޒަނުގެ ލީގު ވިޑަކޮވިޗް ކާމިޔާބު ކޮށްފައިވާއިރު، މިހާރު އޭނާ މަސައްކަތް ކުރަމުން އަންނަނީ އިންޑޮނޭޝިއާގެ ބޯނެއޯ ސްޕޯޓްސް ކްލަބުގައެވެ.

މާޒިޔާގެ ކޯޗުކަމާ ހަވާލުވެ މޯހަން ބުނެފައި ވަނީ އެ ކްލަބަށް ކޯޗުކަން ކޮށްދިނުމަކީ ޗެލެންޖެއް ކަމަށާއި، މާޒިޔާގައި ތަށި ހޯދަން މަޖުބޫރުވާނެ ކަމަށެވެ. ހާއްސަކޮށް މާޒިޔާއަކީ ރާއްޖޭގެ އެންމެ މޮޅު ކްލަބު ކަމަށްވެސް މޯހަން ބުނެފައިވެއެވެ.

މާޒިޔާއިން އަބަދުވެސް ދުރާލާ ސީޒަނަށް ތައްޔާރުވަމުން އަންނައިރު، އެ ކްލަބުގެ ސްކޮޑު ވަރުގަދަ ކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރަމުން އަންނަ ކަމަށް ހަބަރުތައް ލިބިފައިވެއެވެ. އެ ކްލަބުން ބުނީ މި މަހުގެ ތެރޭގައި އެ ކްލަބުގެ ޓްރާންސްފާތަކުގެ ކަންތައްތައް ނިންމާނެ ކަމަށެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަންގެ ފުރަތަމަ މުބާރާތަކަށް ވާނީ ޑިސެމްބަރު މަހަށް ތާވަލު ކޮށްފައިވާ ޕްރެޒިޑެންޓްސް ކަޕެވެ. މި މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2017 ވަނަ އަހަރެވެ. މާޒިޔާ ވަނީ އަލީ ސުޒޭންގެ ކޯޗުކަމުގައި 2015 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕްގެ ތަށި އުފުލާލައިފައެވެ.