މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި 9 ބޯލް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަންކަން އަހުސަން ހާޝިމް ހޯދައިފިއެވެ.
ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ބޭއްވި އެ މުބާރާތުގެ ޗެމްޕިއަންކަން އަހުސަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުން މޮޅުވެގެންނެވެ.
ފައިނަލް މެޗުގައި އަހުސަން ނުކުތީ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު ޝަރީފްއާ ދެކޮޅަށެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗު އަހުސަން ކާމިޔާބުކުރީ 8-9 ފްރޭމުންނެވެ.
މިދިޔަ އާދީއްތަ ދުވަހު ފެށި އެ މުބާރާތުގައި ޖުމުލަ 96 ކުޅުންތެރިން ވާދަކުރިއެވެ. އެ މުބާރާތް ކުރިއަށްގެންދިޔައީ ބައިވެރިވި ކުޅުންތެރިން 16 ގްރޫޕަކަށް ބަހާލައިގެން ގްރޫޕަކުން ދެ ކުޅުންތެރިޔަކު ނޮކްއައުޓް ބުރަށް ދަތުރުކުރާ ގޮތަށެވެ.
އެ މުބާރާތުގެ ފައިނަލް މެޗުތަކަށްފަހު ރޭ ވަނީ ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްފައެވެ. އިނާމުތައް ހަވާލުކޮށްދެއްވީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބުގެ ރައީސް އަހުމަދު ޝަފްއަތުއެވެ.
މިއަހަރު ބާކީ ދެން އޮތީ ދެ މުބާރާތެކެވެ. އެއީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މިމަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ 9 ބޯލް ޗެމްޕިއަންޝިޕާއި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 15ގެ ނިޔަލަށް ކުރިއަށްގެންދާ ގައުމީ ބިލިއާޑް މުބާރާތެވެ.
ބިލިއާޑް
ބިލިއާޑް
ބިލިއާޑް
ބިލިއާޑް