ކޮވިޑް 19 އާ ގުޅިގެން އޮންލައިން ޕޯޓަލް މެދުވެރިކޮށް ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުވައިލި ފުރުސަތުގައި، 92000 އެއްހާ އެޕްލިކޭޝަން ލިބުނު ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން އެ މިނިސްޓްރީގެ ހިދުމަތްތަކާ ބެހޭގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އޮންލައިން ޕޯޓަލް މެދުވެރުކޮށް ހުށަހެޅި ހިދުމަތްތަކުގެ ތެރެއިން 96 ޕަސެންޓް ހިދުމަތްތައް ދީ ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން ޕެންޑިންގައި ނުނިމި ހުރީ އެންމެ ހަތަރު ޕަސެންޓް މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓްރީގެ ހިދުމަތް ލަސްވުމުގެ ޝަކުވާ އެކި ފަރާތްތަކުން ކުރަމުންދާކަން މެންބަރުން ފާހަގަކުރެއްވުމުން މިނިސްޓަރު ވިދާޅުވީ، ދެވޭ އެންމެ އަވަހަކަށް ހިދުމަތް ދެމުން އަންނަ ކަމަށާއި، ނަމަވެސް ދިމާވާ ކަމެއްގެ ސަބަބުން ބައެއް ފަހަރު ހިދުމަތެއް ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ވޭތުވެދިޔަ 30 އަކަށް އަހަރުގެ ސިސްޓަމެއް އަދިވެސް ބަދަލު ނުވެ އޮތުމުން ދަތިތައް ދިމާވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ކުރީގެ އެ ސިސްޓަމް ބަދަލުކުރުމަށްޓަކައި ކޮންސަލްޓަންޓެއް ގެނެސްގެން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ސިސްޓަމް އަލުން ރިފޯމްކޮށް ސޮފްޓްވެއާ ޑިވެލޮޕް ކުރަން ފެށިފައިވާ ކަމަށާއި އެހެންކަމުން ވަރަށް އަވަހަށް އާ ސިސްޓަމަށް މަސައްކަތް ފެށިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު