އދ. ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް، ކޮޕް 26ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ސްކޮޓްލަންޑްގެ ގްލާސްގޯއަށް ވަޑައިގެންފިއެވެ.
މިއީ 12 އަހަރަށްފަހު ރާއްޖޭގެ އެންމެ އިސް ވެރިޔަކު ކޮޕްގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން ރައީސް ސޯލިހުގެ އަރިހުގައި މަތީ ފަންތީގެ ވަފްދެއް ކޮޕް 26ގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
ސަރުކާރުން ދެކޭގޮތުގައި ކޮޕް 26ގެ ބައްދަލުވުމަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭންގެ ވާހަކަތައް ހިއްސާކުރުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ. މާދަމާ ބާއްވާ ތިމާވެއްޓާ ގުޅޭ ކޮޕް 26 ބައްދަލުވުމުގައި ރައީސް ތަގުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖެއިން ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ބައިނަލްއަގުވާމީ އެހީތެރިކަމާއެކު 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކާބަން ބޭރުކުރާ މިންވަރު ނެޓް ޒީރޯއަށް ހެދުމަށް އަމާޒު ހިފާފައިވާކަން 2019 ވަނަ އަހަރު އިއުލާނުކޮށްފައެވެ.
އެގޮތުން މޫސުމަށް އަންނަ ބަދަލުތަކަށް ދުނިޔޭގެ ސަމާލުކަން ގެނައުމަށް ރާއްޖޭގެ އިސްނެގުމާއެކު ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގައި ތަފާތު އެކި ހަރަކާތްތައް ރާއްޖެއިން އަންނަނީ ހިންގަމުންނެވެ. ހާއްސަކޮށް ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ރާއްޖެއިން އަންނަނީ މަސައްކަތްކުރަމުންނެވެ.
ކޮޕް ސަމިޓުގައި ރާއްޖެއިން ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީސް ސެލްސިއަސްގައި ހިފެހެއްޓުމަށާއި ކުދި ޖަޒީރާ ގައުމުތަކަށް މާލީ އެހީތެރިކަން ހޯދުމަށް ވަކާލާތުކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު