ވާހަކަ

ޖޫދް - 40

1

ސާޅީސްވަނަ ބައި

އެންމެފަހުން ބޮޑެތި މީހުން ދައްކަމުންދިޔަ ވާހަކަތަކަށް އަނގަ ނުބާނާ ޖިޔާއަށް ނީނދެވުނެވެ. އެވަގުތު ހުރިހާ މީހުންނަށް އެއްފަހަރާ ހެވިއްޖެއެވެ.

***

ސިޓިންގރޫމުގައި ދެކޮޅަށް ހިނގަމުންދިޔަ މަތީނުގެ ދެލޮލުގައިވީ ރުޅިވެރިކަމެވެ. ސޯފާގައި އައްމާރު އިނެވެ. ހާލަތުގެ ގޮތުން މަތީނާ ދައްކަންވީ ވާހަކައެއް ނޭނގިފައި އިން ކަހަލައެވެ. ނީލަމަށް ވީގޮތެއް ބަލަން އެގެއަށް ދާންވެސް އޭނާ އިނީ ބޭނުންވެފައެވެ. އެހެންނަމަވެސް ފުލުހުންގެ ބެލުމުގެ ދަށަށް ހުދާ ގެންދިޔަ ފަހުން ދެގަޑިއިރު ވެއްޖެއެވެ. އެއްވެސް ހަބަރެއް ނުވާތީ މިވަގުތު އޭނާ އިނީ ބޭރަށް ނުކުންނަން ބޭނުން ނުވެފައެވެ.

"އައްމާރު މިހާރު ވެއްޖެއްނު މައިންބަފައިން ރުޅިނާރުވާ އުޅެން" ހިތްހަމަނުޖެހިފައި ހުރި މަތީނު ބުންޏެވެ.

"ބައްޕައަށް އަދިވެސް ގޯސްވީ އަޅުގަނޑުތަ؟ މަންމަ ކަންތައް އެކުރީ ރަނގަޅަށްތަ؟" މަޑުމައިތިރިކަމާއެކު އަންމާރު އެހިއެވެ. މަތީނު ބަހެއް ނުކިޔައެވެ. ސޯފާގައި އިށީންގޮތަށް ދެއަތުގެ ތެރޭގައި މޫނު ފޮރުވާލައިފިއެވެ. އަނބިމީހާ ހިތްހަމަޖެހޭހާ ގޮތަކަށް ކަންތައްތައް ނުކުރެވުނުނަމައޭ ހިތަށް އެރިއެވެ.

"އަހަރެން ހުދާ އާ ވާހަކަދައްކަންވެސް ފުލުހުން ފުރުސަތެއް ނުދިނޭ. ދެން ކިހިނެއް ހަދާނީ؟" މަތީނުގެ މޫނުމަތީގައިވީ ކަންބޮޑުވުމެވެ.

އިރުކޮޅަކުން ފެނުނީ އިސްޖަހާލައިގެން ހުރި ހުދާ ގޭތެރެއަށް ވަދެގެން އައި ތަނެވެ. އައްމާރާއި މަތީނަށް އެކުއެކީ ކޮޅަށް ތެދުވެވުނެވެ. މަޑުމަޑުން ހިނގާފައި އައިސް ހުދާ ހުއްޓުނީ މަތީނު ކުރިމަތީގައެވެ. މަތީނުގެ ކުރިމަތީގައި އޭނާ ކުށްވެރިއެއް ފަދައިން އިސްޖަހާލިއެވެ. އެހާ އަވަހަށް ހުދާ ގެއަށް އައިގޮތެއް ނޭނގި ހައިރާންކަން ވެރިވެފައިވާ އައްމާރަށް އިތުރު ހައިރާންކަމެއް ލިބިގެން ދިޔައީ ދޮރުން ވަދެގެން އައި ނީލަމް ފެނިފައެވެ. ނީލަމްގެ ފަހަތުގައި ހުރި ޖޫދު ފެނުމުން އައްމާރު ހިތުގައި ސުވާލު އުފެދުނެވެ. ލަދުވެސްގަތެވެ. މައިންބަފައިންގެ ކުޅިގަނޑު ޖޫދު ކުރިމަތީގައިވެސް ހާމަވީއެވެ.

"ހުދާއްތައަށް އަހަރެން މައާފުކޮށްފިން. އެ މައްސަލައިގައި އަހަރެން ދައުވާކުރަން ބޭނުމެއް ނުވޭ. އެހެންވެ ހުދާއްތައަށް ނަސޭހަތްދީފައި ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފަ އެހެރީ. އަހަރެން ހިތުގައި ހުދާއްތަ އާ މެދު އެއްވެސް ޝަކުވާއެއް ނެތް. އެކަމަކު އަންހެނެއްގެ ފޭރާން ހަށިގަނޑާ ވަކިކުރަން މަސައްކަތްކުރުމަކީ ވަރަށް ގޮތެއް ނެތް މީހުންގެ ކަމެކޭ ބުނެލަން ބޭނުންވޭ" ނީލަމް ވާހަކަދެއްކިއެވެ. އެހާ ޖެހިލުންކުޑަކަމާއެކު ހުދާއާއި މަތީނާއި ނީލަމް ކުރިމަތިލިތަން ފެނުމުން އައްމާރަށް ހިތްހަމަޖެހުން ލިބުނެވެ. އޭނާ ބޭނުންވާ ބަދަލު ނީލަމްގެ ފުށުން ފެނިއްޖެއެވެ.

އެ އަޑަކީ ހުދާއަށް ބީރައްޓެހި އަޑަކަށް ނުވިއެވެ. ކޮންމެވެސް ތަނަކުން އޭނާ އެ އަޑު އަހައިފިއެވެ. ފަހަތަށް އެނބުރުނުގޮތަށް ނީލަމް އާ ގާތަށް ފިޔަވަޅެއް އެޅިއެވެ. އަދިވެސް އޭނާ ހުރީ އޭނާގެ ގޮތުގައެވެ.

"އަހަރެންނަށް އިނގޭ އަދިވެސް ހުދާއްތަމެންނަށް އަހަރެންނަކީ ކާކު ކަން ނޭނގޭކަން. ހުދާއްތަމެންނަކީ ކިހާ ފެންވަރެއްގެ ބައެއްކަން އަހަރެންނަށް އެނގޭ. ތިއީ އަހަރެންގެ މަރުހޫމް ފިރިމީހާގެ އާއިލާ މީހުންނެއްނު. އަހަރެން މިއީ ޖައިލަމްގެ ޖޫދުގެ ހުވަފަތް އަނބިމީހާ. އައްމާރު އަހަރެންގެ ކައިވެންޏަށް އެދުނު. އަދިވެސް އަހަރެން އޭނާއަށް ޖަވާބެއް ނުދެން. އެކަމަކު މިއަދު އަހަރެން މިއައީ އޭނާއަށް ޖަވާބެއްދޭން" މަޑުމަޑުން ހިނގާފައި ގޮސް ނީލަމް ހުއްޓުނީ އައްމާރުގެ ކުރިމަތީގައެވެ. ހުދާ ދެއަތް މުށްކެވިފައި ހުރިއިރު އޭނާއަށް ނީލަމްއާ ހަމައަށް ދާން ނުކެރިފައި ހުރީ މަތީނު ބަލަހައްޓައިގެން ހުރިގޮތް ފެނިފައެވެ.

"އައްމާރު. އަހަރެން ކައިވެންޏަށް ގަބޫލުވެއްޖައިން. އަހަރެން ކައިވެނިކުރަން ބޭނުން. އައްމާރުގެ މައިންބަފައިން ނުގަބޫލަސް އަހަރެން ގޮވައިގެން އައްމާރު އުޅެން ހުރިއްޔާ އަހަރެން މިހުރީ ތައްޔާރަށް" ނީލަމް ބުންޏެވެ. އައްމާރުގެ ތުންފަތްމަތިން ހިނިތުންވުމެއް ފާޅުވިއެވެ. ވަގުތުން ނީލަމް ގެނެސް ގަޔާލައި ބޮޑިކޮށްލަން ބޭނުންވިއެވެ. އެހެންނަމަވެސް އޭނާ އަމިއްލަ ނަފްސު ކޮންޓްރޯލު ކުރިއެވެ.

"އައްޗީޑި. އަހަރެން ދުނިޔޭގައި ހުއްޓާ...." ނީލަމްއަށް އަތް މަޅާލި ހުދާއަށް ޖުމުލަ ފުރިހަމަ ނުކުރެވެނީސް މަތީނު އައިސް އޭނާގެ އަތުގައި ހިފައި ފަހަތަށް ދަމައިގަނެއްޖެއެވެ. ސިއްސައިގެންގޮސް ހުދާ ވެއްޓެންދިޔައެވެ. ކޮނޑަށް އަރައިގެން ދިޔަ ތަދާއެކު އޭނާ ބަލައިލެވުނީ ވެއްޓެން ދިޔަ ވަގުތު ހިފެހެއްޓި ނީލަމްއަށެވެ.

"އަނިޔާއެއް ނުވިކަން ނަސީބު" ނީލަމް ބުންޏެވެ. ހުދާ ނީލަމްގެ އަތު ތެރެއިން ވީއްލިގަނެފައި ދުރަށް ޖެހުނެވެ. އެ މަންޒަރު ފެނުމުން ނީލަމްގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. ފުރުސަތުގެ ބޭނުންހިފައި އަނެއްކާވެސް އޭނާ ބަލައިލީ އައްމާރަށެވެ.

"މިރޭ ޖޫދުމެންގެ އާ ރެސްޓޯރަންޓް ހުޅުވާތީ އެތަނުގައި އެބައޮތް ޑިނަރއެއް. އަންނާނަންދޯ" ނީލަމް އެހިއެވެ.

"ކިހާއިރަކު؟" އައްމާރު އެހިއެވެ.

"އަހަރެން ގުޅާނަން" ނީލަމް ބުންޏެވެ. އޭނާ ދާން ހިނގައިގަތުމާއެކު އައްމާރު ގޮވާލިއެވެ.

"ތެންކިޔު" އައްމާރު ބުންޏެވެ.

"ޝުކުރު އަދާކުރާނީ ދުރު މީހުންނަށް. އަހަރެން މިއީ އައްމާރުގެ ވާން އުޅޭ އަނބިމީހާއެއްނު" ނީލަމް ބުންޏެވެ. އައްމާރު ހީލިއެވެ.

"އަހަރެން ދަންތަ ނީލަމް ގެއަށް ލާން" އައްމާރު ބުންޏެވެ. ހަގީގަތުގައިވެސް އައްމާރު ހުރީ ނީލަމް އާއެކު ދާން ބޭނުންވެފައެވެ. ނީލަމްގެ ފަރާތުން އޭނާ މައާފުވެސް ބޭނުންވެއެވެ. އެހެނީ އޭނާގެ މަންމަގެ ފަރާތުން ފެނުނު މަންޒަރަކީ ހުދު އޭނާއަށް ވެސް ބަލައިގަނެވޭނެ މަންޒަރެއް ނޫނެވެ. ނީލަމް ކައިރީގައި ހުރި ޖޫދު ފެނުމުން އައްމާރަށް ފަހަތުން ހިނގައިގަންނަން ނުކެރުނެވެ.

"ދެން އޯކޭވާނެ ޖޫދު ދިޔަސް. އަހަރެން ހިނގާލާފައި ގެއަށް ދާނަން" ނީލަމް ބުންޏެވެ. އެކުގައި ޖޫދު އޭނާ ގެނައީ ހުދާ ދެކެ ޖެހިލުންވެފައި ހުރި ވަރުންނެވެ. މާޒީގައި ކަންތައް ހިނގާފައިވާ ކަންކަމަށް ވިސްނާލައިފައެވެ.

މިއަދު އޭނާ ދުވަހަކުވެސް ނުކުރާހާ ހިތްވަރު ކޮށްފިއެވެ. ޒަހާއާއި އަލިޝްބާ ދިން ނަސޭހަތްތައް އަޑުއަހައިފައި އެއާ އެއްގޮތަށް އަމަލުކޮށްފިއެވެ. ދެން އޮތީ ބޮޑު ހަނގުރާމައެވެ. އައްމާރުގެ އަންބަކަށްވާ ހިސާބުން ދެން ކަންތައްވާނެ ގޮތެއް ނޭނގެއެވެ.

***

ޖޫދު ކޮޓަރިއަށް ވަނީ ތައްޔާރުވެގެން އަންބަރް ކޮޓަރިން ނުކުތް ފަހުންނެވެ. އޭނާގެ ސަބަބުން އަންބަރަށް އުނދަގުލެއް ވެދާނެތީއެވެ. އެރެއަށް ހާއްސަކޮށް އަންބަރަށް ގަތް ހެދުން ޖޫދަށް ކަމުދިޔައެވެ. ކަޅު ކުލައިގެ އެ ހެދުން އަންބަރްގެ ކަށިމައްޗާ ހަމައަށް ހުރިއިރު ތިރިން ލައިގެން ހުރި ނޫކުލައިގެ ސްކިނީ އިން ކުޑަ ތަންކޮޅެއް ފެންނަން ހުއްޓެވެ. އެރެއަށް ހާއްސަކޮށް ޖޫދުވެސް ލައިގެން ހުރީ އަތްދިގު ކަޅު ކުލައިގެ ގަމީހެކެވެ. އަންބަރް ފަދައިން އޭނާވެސް ތިރިން ލައިގެން ހުރީ ނޫކުލައިގެ ޖީންސެކެވެ. އަންބަރާ އެއްވައްތަރުން ހެދުން ގުޅުވާލެވިފައި ހުރިކަމެއް އޭނާއަށް ނޭނގެއެވެ. އެކަން އޭނާއަށް ފާހަގަވީ ތައްޔާރުވެގެން މަގުމައްޗަށް ނުކުތް ފަހުން އޭނާގެ ކަންފަތް ކައިރީގައި ޖިޔާ އެ ވާހަކަ ބުނުމުންނެވެ.

"ބޮޑުދައިތަމެން ނާންނާނެތަ؟ އެވެސް ހަމަ އާއިލާއެއްނު" ޖޫދު ބުންޏެވެ.

"ދެން ނައިއްޔާ ކުރާނެކަމެއް ނެތް. ކަންތައް ކުރެވުނު ގޮތުން އަދި އެ އުޅެނީ އަހަރެމެންނާ ކުރިމަތިލާން ނުކެރިގެން" ޒަހާ ބުންޏެވެ.

ރެސްޓޯރަންޓާ ދިމާލަށް ހުރިހާ މީހުން ހިނގަމުން ދިޔައިރު ޒަހާގެ ގޮނޑި ދުއްވަން ހުރީ ޖޫދެވެ. މަގުމަތިން ދާ އެތައް ބައެއްގެ ސަމާލުކަން އެ އާއިލާއަށް ހުއްޓެމުން ދިޔައެވެ. އަންބަރާ އެއް ހަމައެއްގައި ހިނގާފައި ދިޔަ ނީލަމް ވިސްނަމުން ދިޔައީ އެންމެ ކަމަކާއެވެ. އައްމާރާ ދެވުނު ޖަވާބާ މެދުގައެވެ. އޭނާގެ އެ ނިންމުމުގެ ސަބަބުން އެއްވެސް ކަމެއް ގޯސްނުވާނެބާއޭ ހިތަށް އަރަމުން ދިޔައެވެ.

"ޝަމްސުދައްތަމެން ބުނި ގަޑިއަށް އަންނާނަމޭ" ޒަހާ ކުރި ސުވާލެއްގެ ޖަވާބުދެމުން ޖޫދު ބުންޏެވެ.

***

ސޯފާގައި އިން ރިކްޒާއަށް ރޮވެނީއެވެ. އޭނާގެ އުނގުގައި ރައިކާ ނިދާލާފައި އޮތެވެ. ފިހާރައަކަށް އެއްޗެއް ގަންނަން ދިޔަ ގޮތަށް ސީނާ އަދި ގެއަށް ނާދެއެވެ. ވާރިޝް ދެއްކި ލަދުވެތި ވާހަކަތައް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ރިކްޒާގެ ހަރަކާތްތަކަށް ފާރަވެރިވެގެން ހުރި ޝާރިގަށް ދުރުގައި އެމަންޒަރު ބަލަން ނުހުރެވުނެވެ. އޭނާ މަޑުމަޑުން ހިނގާފައި އައިސް ރިކްޒާ އިން ސޯފާގެ އަނެއްކޮޅުގައި އިށީނެވެ. ޝާރިގް އިށީންކަން އެނގުމުން ވަގު ލޮލުން ރިކްޒާ ބަލައިލިއެވެ. އަދި ސިއްރުން ކަހަލަ ގޮތަކަށް ދެލޯ ކައިރި ފޮހެލައިފިއެވެ.

"ކަމެއް ބޭނުންވީތަ؟ ކާން ހަދާފަ ހުންނާނީ" އެއްޗެއް ނުބުނެ އިރުކޮޅަކު އިނދެފައި ރިކްޒާ ބުންޏެވެ.

"އަހަރެން ބަނޑުހައެއް ނުވޭ." ޝާރިގް ބުންޏެވެ.

"އަހަރެން މިވަގުތު ބޭނުމީ ކާއެއްޗެއް ނޫން" އަނެއްކާވެސް ޝާރިގް ބުންޏެވެ. އަދިވެސް އޭނާ އިނީ ރިކްޒާއަށް ބަލަހައްޓައިގެންނެވެ. އެ އަންހެންކުއްޖާ އާ މެދުގައި އޭނާއަށް ވިސްނެނީ މާ ވަރަކަށެވެ. ކިތަންމެ ދުވަހަކު ރިކްޒާ ރޯން ހުއްޓައި އޭނާއަށް ފެނިއްޖެއެވެ. އޭނާގެ ދެ އަތު ތެރެއަށް ރިކްޒާ ގެނެސް ކަރުނަތައް ފޮހެދޭން ހިތަށް އެރި ކިތަންމެ ވަގުތެއް ހިނގައްޖެއެވެ.

"ދެން ކޯޗެއް" ރިކްޒާ އެހިއެވެ.

"އަހަރެންނަށް އިތުބާރުކޮށްފާނަންތަ؟ އަހަރެން ބޭނުންވަނީ ރިކީގެ ރަހުމަތްތެރިއަކަށް ވާން" އެހާ ގާތްކޮށް އޭނާގެ ނަން ޝާރިގް ކިޔައިލުމުން ހައިރާންކަމާއެކު ރިކްޒާއަށް ޝާރިގަށް ބަލައިލެވިއްޖެއެވެ.

"ރިކީގެ ތި ހިތާމަތަކަށް ލުޔެއްދެވޭނެ މީހަކަށް ވާން. ރިކީގެ ހިތުގައިވާ ހުރިހާ ޝަކުވާތަކެއް އަޑުއަހާ މީހަކަށް ވާން. އަހަރެންނަށް އެ ފުރުސަތު ނުލިބޭނެތަ؟" ޝާރިގް ބުންޏެވެ. އެގެއަށް އައިފަހުން އަދި އެމޭރުމުން ދުވަހަކުވެސް ރިކްޒާއާ ވާހަކަނުދައްކައެވެ. ދުރުދުރުން ރިކްޒާގެ އެތައް ކަމެއް އޭނާ ބަލައިފިއެވެ. ރިކްޒާގެ ހިތާމަތަކުގެ ފަހަތުގައިވާ ސަބަބުވެސް އޭނާއަށް އެނގިއްޖެއެވެ. އެ އަންހެންކުއްޖާގެ ފުރަތަމަ ފެނިލުމާއެކުވެސް އޭނާގެ ހިތުން ހާއްސަ ކަމެއް ދެވުނެވެ.

"ކީއްކުރަން. ﷲ ތައާލާގެ މަދަދު ނޫނީ އެހެން އެއްވެސް އެއްޗަކަށް އަހަރެން ބޭނުމެއް ނުވޭ. ރަހުމަތްތެރިއެއްވެސް" ރިކްޒާ ބުންޏެވެ. އިތުރަށް ބުނާނެ އެއްޗެއް ޝާރިގްގެ ވިސްނުމަކަށް ނައެވެ. އޭނާއަށް ގަބުވެފައި އިނދެވުނެވެ. ރިކްޒާގެ ހިތާ ހަމައަށް ދާން އެހާ ފަސޭހަނުވާނެކަން އޭނާއަށް ވިސްނިއްޖެއެވެ.

"ރިކީގެ ލައިފް އަހަރެންނަށް އެނގޭ" އެންމެފަހުން ޝާރިގް ބުންޏެވެ. އެވަގުތު ރިކްޒާ ޝާރިގަށް ބަލައިލިއެވެ. ހިނދުކޮޅަކަށް ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވެލިއެވެ. ނަޒަރު ވަކިކޮށްލުމަށްފަހު ރައިކާ ގޮވައިގެން ރިކްޒާ ހިނގައިގަތެވެ.

"ކޮންތާކަށް؟"

"ނީލަމް ދިން ދައުވަތަށް" ހުދާގެ އަތް އޭނާގެ އަތުން ނައްޓުވައިލަމުން އައްމާރު ބުންޏެވެ. ހުދާގެ މޫނުމަތި ރުޅިން ރަތްވިއެވެ. ނީލަމްގެ އަޑު އިވުމުންވެސް އޭނާގެ ލޭ ހޫނުވެއްޖެއެވެ.

"މަންމަ ވިއްޔާ މަންމަ. އެ ގޮތްކުޑަ އަންހެނާ ވިއްޔާ އޭނާ" ހުދާ ފަހުގެ ހަތިޔާރު ބެހެއްޓިއެވެ.

"މަންމާ، އަހަރެން މަންމައާ ދުވަހަކުވެސް ގުޅުމެއް ނުކަނޑާނަން މަންމައަށް ގޮތެއްވެސް ނުހަދާނަން. ތިއީ އަހަރެންގެ މައިމީހާ. މަންމަގެ ފައިތިލަ ދަށުން ސުވަރުގެ ލިބުން އޮތީ. އެކަން އަހަރެން ހަނދާންނައްތައެއް ނުލާނަން. މަންމައަކީ އަހަރެންގެ ދިރިއުޅުމުގެ އެންމެ މުހިންމު މީހާ. ހަމަ އެގޮތަށް ނީލަމްއަކީ އަހަރެންގެ އަލަތު ލޯބި. ޖައިލަމްބެގެ އަންބަކަށް ނީލަމް ވުމުގެ ކުރިން އަހަރެންނަށް އެ އަންހެން ކުއްޖާ ކަމުގޮސްފި. ޖައިލަމްގެ އަންބަކަށް ނީލަމް ވުމަށްފަހުވެސް އަހަރެންނަށް ނީލަމްއަށް ވަރަށް އުނދަގޫ ކުރެވުނު. އެކަމަކު އެއީ ރަނގަޅުކަމެއް ނޫންކަން ވިސްނުމުން އަހަރެން ދުރަށް ދިޔައިން. ދެވަނަ ފަހަރަށް ނީލަމްގެ ފައި ބުޑަށް އަހަރެން ވެއްޓުނީ އަހަރެމެންގެ ދެމީހުންގެ މެދަށް މި އާއިލާގެ ނުފޫޒު ވަންނާނެކަން އެނގި ހުރެ. މަންމާ، އަހަރެން ނީލަމް ގެއްލިގެން ވަރަށް ހޯދިން. މިރަށަށް އަހަރެންނަށް އާދެވުނީ ހަމަ އިއްތިފާގަކުން. ނީލަމް އަހަރެންނަށް މިރަށުން ފެނުނީ. ހެއްދެވިފަރާތުގެ ރޭވުންތެރިކަން ކިހާ މޮޅު. ވިސްނާލައިފި މީހަކަށް މިކަމުގެ ފަހަތުގައިވެސް ކޮންމެވެސް ހިކުމަތެއް ވާނެކަން ޔަގީންކުރެވޭނެ. އެހެންވީމަ އަހަރެންނާ އަހަރެންގެ ލޯތްބާ ދެމެދަށް މަންމަ ނުވަނުން ރަނގަޅީ" އައްމާރު ނުކުމެގެން ހިނގައްޖެއެވެ. ހުދާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ދެން ރުޅި އައިސްފައި އޭނާ އެނބުރުނީ މިހުރިހާއިރު ބަހެއް ނުކިޔާ އެނދުގައި އިށީނދެގެން އިން މަތީނާ ދިމާލަށެވެ.

"އެއީ މަގޭ ދަރިއެއް ނޫން. އަހަރެންގެ ބަނޑުން އައްމާރު ކިޔާ ދަރިއަކު ނުވިހަން. މިހާރުން މިހާރަށް އަހަރެން މާލެ ދާން ބޭނުން. އެންމެ ހިނދުކޮޅަކުވެސް މިތާ ހުންނާކަށް އަހަރެން ބޭނުމެއް ނޫން" ހުދާ ފަތިވަރު ގޮވަމުން ދިޔައެވެ.

"އަމިއްލައަށް ޓިކެޓު ނަގައިގެން ދާންވީނުން. އަހަރެން ނުހިފަހައްޓަން" މިފަހަރު ހުދާގެ އަޑަށް ވުރެ މަތީނުގެ އަޑު ބާރެވެ.

"މަތީނުވެސް....."

"އާނ އަހަރެންވެސް. އަހަރެން ހިތަށް އަރާ ހުދާއަށް ވިސްނޭނީ މިކަންތައް ކިހާ ހިސާބަކަށް ދިޔައިމަ ބާއޭ. ބަލަ ހުދާ ބިމުގައި ޖެހިފައި އުޑުގައި ޖެހުނަސް ޒުވާން ދަރިފުޅުގެ ހިތް މަތީގައި އަތެއް ނޭޅޭނެ. ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަން ހިތަށް އަރާފައި އަހަރެން މިހުންނަނީ ބުނާނެ އެއްޗެއް ނޭނގިފައި. މީގެ ދުވަސްތަކެއް ކުރިން ހުދާގެ ދަރިއެއް ފަދަ ކުއްޖެއްގެ ދިރިއުޅުމަށް އަންބެއްގެ ގޮތުގައި އައި އަންހެންކުއްޖާ އޭ އެއީ. އެކުއްޖާއަށް ހުދާ ނުގޮވަނީ ކޯޗެއް؟ ނުހަދަނީ ކޮން ގޮތެއް؟ އެއީ ނިކަމެތި ފަގީރަކަށް ވީމަ. ހުދާ އަތުގައި އޮތް ވަރަށް އެ އަންހެންކުއްޖާ އަތުގައި ފައިސާ ނެތީމަ. ހުދާގެ އެތައް އަނިޔާއަކަށް ފަހުވެސް އެ އަންހެންކުއްޖާ ޖައިލަމްގެ ދިރިއުޅުމުން ދުރަށް ނުދިޔައީމަ ދެން ކިހިނެއް ކަންތައް ކުރީ. ގުރުއާނުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެންވެސް އެ އަންހެންކުއްޖާ ދުނިޔެއިން ނައްތާލަން މަސައްކަތްކުރީ. އެކަމަކު ކަންތައްވީ ކިހިނެއް؟ ކާކުގެ މަރު އެކަލާނގެ ކުރިން ގެންދެވީ. މިއަދު ހަމަ އެ އަންހެންކުއްޖާ އެ އުޅެނީ ހުދާގެ އަމިއްލަ ދަރިފުޅުގެ އަންބަކަށް ވާން. ހުދާއަށް އެކަލާނގެ ފިލާވަޅެއް ދިނީކީ ނޫންތަ؟ އައްމާރުގެ އަންބަކަށް އެ އަންހެންކުއްޖާ ވާ ހިސާބުން އެވީ ހުދާގެ ޅީދަރިއަކަށް. ކޮންތާކު އެޖެހުނީ. އަދިވެސް މި ސިކުނޑިއަށް އެއްޗެއް ނުވިސްނޭތަ؟ ބައެއްފަހަރު އެކަލާނގެ މީހުންނަށް ދެވަނަ ފަހަރަށް އެއް ކަމެއް މެދުވެރިކުރައްވަނީ އިންސާނުން އެކަމުން އިބުރަތް ހާސިލުކުރުމަށް. އެކަލާނގެ މަގަށް ރުޖޫއަވުމަށް އެފަދަ މީހުންނަށް އެކަލާނގެ ދެއްވާ ދެވަނަ ފުރުސަތެއް އެއީ. ހަމަގައިމުވެސް އަހަރެންގެ އަނބިމީހާ ކުރި ހުރިހާ ނުބައި ކަމެއް އެނގިހުރެ އެކަމަށް ހިތްވަރު ދެވުނީތީ އަހަރެން ލަދުވެތިވަން. ދެރަވެ ތައުބާވާން ބޭނުން. އަހަރެންގެ ޒުވާން ދަރިފުޅު އަހަރެންގެ ލޯ ހުޅުވައިދީފި. ޣާފިލުކަމުގެ ނިދީގައި އަހަރެން ދެން ނުނިދާނަން. އަހަރެންގެ އަނބިމީހާ އެ ގޮތްކުޑަ ދިރިއުޅުން އުޅޭ މަންޒަރު ބަލަން ދެން އަހަރެން ނުހުންނާނަން. ހުދާގެ ތި ވިސްނުމާއި، ތިއުޅުން އަދި ގޮތްކުޑަކަމާއި، ހަޔާތްކުޑަކަން ދޫކޮށްނުލާ ކަމަށް ވަންޏާ އަހަރެންގެ އަންބެއްގެ މަގާމުގައި ނީނދެވޭނެ. މިއީ އަހަރެންގެ ފަހުގެ ނިންމުން"

ދެލޮލުން އައި ކަރުނަތައް ފޮހެލާފައި މަތީނު ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ. ހުދާގެ ކަންފަތުގެ ހިނދުރީގައި ހަރުލާފައިވީ މަތީނު ފަހުން ބުނެލި ދެތިން ޖުމުލައެވެ. އޭނާގެ ދެލޮލުން ފެނުގެ ކޯރެއް ފަދައިން ކަރުނަތައް އޮހިގަނެއްޖެއެވެ. ހުރި ދިމާލުން ތިރީގައި އޭނާއަށް އިށީނދެވުނީ ދެފައިކޮޅުން ވަރުދޫވެގެންނެވެ. ކޮޅަށް އިތުރަށް ހުންނާނެހާ ހިތްވަރު ނެތިގެންނެވެ.

***

ރެސްޓޯރަންޓު ހުޅުވައިދިނީ ޒަހާއެވެ. އެވަގުތުކޮޅުގެ ހަނދާން ޖޫދު އޭނާގެ ފޯނުގައި ރައްކާކުރިއެވެ. ދެފަރާތުގެ އާއިލާގެ އިތުރުން ރަށުގެ ޒުވާން ފުރައިގެ ކުދިންގެ ގުރޫޕްތަކުން އިސާހިތަކު ތަން ފުރާލައިފިއެވެ. ޖާގަ ތަނަވަސް އެ ރެސްޓޯރަންޓް ދެ ބުރިއަށް ނަގާފައި ހުރިއިރު މެދަށް ހުރި ބައި ވަނީ އޭސީ ކޮށްފައެވެ. ދެފަރާތަށް ހުރީ އޯޕެން އޭރިޔާއެކެވެ. ރަށުގެ އަތިރިމައްޗާ ދިމާލުން ހަދާފައި ހުރި އެ ރެސްޓޯރަންޓުގެ ދެވަނަ ބައިން ބޭރު ބަލައިލުމުން ފެންނަ ގުދުރަތީ ހިތްގައިމު މަންޒަރުތަކުން ހިތަށް ހިތްހަމަޖެހުން ގެނުވައެވެ.

ރެސްޓޯރަންޓަށް ވަނީއްސުރެ ފެށިގެންވެސް ވާރިޝްގެ ދެލޯ އަމާޒުވެފައި ހުރީ އަލިޝްބާ ކައިރީގައި ހުރި އަންބަރަށެވެ. މާލެއިން އައިފަހުން އަންބަރް މިއީ އޭނާއަށް ފެނުނު ފުރަތަމަ ފަހަރެވެ. ދުރުގައި ހުރެގެން އަންބަރަށް އިޝާރާތެއް ދެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ދުރުބަލައި ތަން ދިރާސާ ކުރުމުގެ ވިސްނުމެއް އަންބަރްގެ ނެތެވެ.

"ކޯޗެއް ކާނީ. އެންމެން އޯޑަރު ދީފި" އަންބަރްގެ އަތުގައި ކޮށްޓާލާފައި އަލިޝްބާ ބުންޏެވެ. އެއާއެކު ސިކުނޑި ތެރޭގައި އެނބުރެންދިޔަ ވިސްނުންތައް އެއްފަރާތްކޮށް އޭނާ ބޭނުންވާ ކާއެއްޗެއްގެ ނަން ބުނެލައިފިއެވެ.

"އިބާދައްތާ! ހިނގާބަލަ ސެލްފީއެއް ނަގަން" އަންބަރްގެ އަނެއް ފަރާތުން އިން ޖިޔާ ބުންޏެވެ. އެއާއެކު ގަމަރު އަނގަމަތީގައި އަތް އަޅާފައި ހީލައިފިއެވެ.

"ޖީ..... ޔޫ އާ ސޯ ފަނީ. ބައެއްފަހަރު ގޮވާނެ ދޮންބެދައްތައޭ ކިޔާފަ. އަނެއްބައި ފަހަރު ކިޔާނެ އިބާދައްތައޭ. އަސްލު ކޮން ނަމަކުން ކިޔަންތަ ޖީ ބޭނުމީ" ގަމަރު ބުންޏެވެ. އެއާއެކު ޖިޔާ ބަލައިލީ އަންބަރްގެ މޫނަށެވެ. އޭނަ އަސްލު ގޮވަންވީ ކޮން ނަމަކުން ހެއްޔޭ އަންބަރާ ސުވާލުކޮށްލި ކަހަލައެވެ.

"މިއީ ޖީގެ ދޮންބެދައްތަ. ކިޔަންވެސް ބޭނުމީ އެހެން. އެކަމަކު ދޮންބެދައްތަ ހުއްދައެއް ނުދޭ" ޖިޔާގެ އެ ޖުމްލައާއެކު ހުރިހާ މީހުންގެ ނަޒަރު އަންބަރަށް ހުއްޓުނެވެ.

"އައި މީން ދޮންބެދައްތަ ބޮޑަށް ލައިކްވަނީ ކޮން ނަމަކުން ގޮވީމަ ކަމެއް ޖީއަށް ނޭނގޭ" ޖިޔާ ބުންޏެވެ.

"ތެދެއް ދަރިފުޅާ. އެމަންޖެ ކައިރީގައި ބުނެބަލަ ގޮވަންވީ ނަމެއް" ސުމައްޔާ އަންބަރަށް ބުންޏެވެ. އަންބަރް ބަލައިލީ ޖިޔާގެ މޫނަށެވެ.

"މިއީ ޖީގެ ދޮންބެގެ ވައިފްއެއްނު. އެހެންވީމަ ޖީ ކިޔަންވާނީވެސް ދޮންބެދައްތައެއްނު. ދޮންބެދައްތައަށް ރަނގަޅީވެސް އެހެން ކިއައިފިއްޔާ" ޖިޔާގެ ދަތްދޮޅީގައި ހިފައި އުފުލައިލަމުން އަންބަރް ބުންޏެވެ. އަންބަރްގެ އެބަސްތަކުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ ޖޫދަށެވެ. ހަގީގަތުގައިވެސް އެބަސްތައް ބޭރުވެގެން އެދިޔައީ އަންބަރްގެ ދުލުން ބާއޭ ހިތަށް އެރިއެވެ. އެހިނދުކޮޅު އަންބަރްގެ މޫނަށް އޭނާއަށް ބަލަހައްޓައިގެން އިނދެވުނެވެ. ނަޒަރު ބަދަލުކޮށްލަން މަސައްކަތްކުރި ނަމަވެސް އެކަން އޭނާއަށް ކާމިޔާބެއް ނުވިއެވެ.

މީހުންތަކުގެ ތެރެއިން ހިނގާލާފައި އައި އައްމާރު ފެނިފައި ނީލަމްއަށް ވީގޮތް އެހެން ފަހަރުތަކާ މިފަހަރު ތަފާތު ވެއްޖެއެވެ. އޭނާއަށް އައްމާރާ ދިމާލަށް އަތް ހޫރާލެވުނީވެސް ބޭއިހުތިޔާރުގައެވެ. ލަދުގަނެފައި އަތް ތިރިކޮށްލިއިރު އަލިޝްބާ އިނީ ޒާތަކަށް ހިނި އައިސްފައެވެ. ކައިވެންޏަށް ނީލަމް އެއްބަސްވެއްޖެކަން އަދި އެކަނި އެނގެނީ ޖޫދަށެވެ. އެހެންކަމުން އޭނާ އައްމާރު ބޭންދީ ފިރިހެނުން ތިބި ފަޅީގައެވެ.

"މަންމައަށް އެނގޭތަ! އަޅުގަނޑުމެން އެބަޖެހޭ އިތުރު ކައިވެންޏަކަށް ރެޑީވާން" ޖޫދު އިށީނުމާއެކު އައްމާރު ބުންޏެވެ. ޒަހާއަށް ގަބޫލެއް ނުކުރެވުނެވެ. އޭނާއަށް ބަލައިލެވުނީ ކައިރީގައި އިން ނީލަމްގެ މޫނަށެވެ. އެހާ އަވަހަށް ނީލަމްގެ އަތުގައި ހިފާލައިފިއެވެ.

"ތެދެއްތަ އެއީ. ތައްޔާރުކުރަންވީތަ؟" ޒަހާ އެހިއެވެ. ނީލަމް ބޯޖަހާލުމާއެކު ހުރިހާ މީހުން ނީލަމްއަށް މަރުހަބާ ކިޔައިފިއެވެ.

އޯޑަރުކުރި ކާއެއްޗެހި އައުމުގެ ކުރިން އަންބަރް ފާހާނާއަށް ދާން ބޭނުންވިއެވެ. އެކުގައި އަލިޝްބާ ދާން އުޅުމުން ދެކޮޅު ހެދީ އޭނާ ވަރަށް އަވަހަށް އަންނާނެ ކަމަށް ބުނެފައެވެ. ތެދުވެގެން މީހުން ތިބޭ ސަރަހައްދާ ދުރުގައި ހުރި ފާހާނާ ބަރިއަށް އަންބަރް ވަން މަންޒަރު ބަލަން ހުރެފައި ފުރުސަތަކަށް އެދިއެދި ހުރި ވާރިޝް އެދިމާލަށް މިސްރާބު ޖެހިއެވެ. އެތެރޭގައި ތިބި މީހުންތަކުގެ ލޮލުގައި އަޅައިނުގަންނާނެހެން އޭނާ މަޑުކޮށްލީ ފާހާނާ ބަރީގެ ދޮރުމަތީގައެވެ.

އަންބަރް ދިޔަ ދިމާލަށް ބަލަހައްޓައިގެން އިން ޖޫދު ތެދުވީ އަންބަރްގެ ފަހަތުން ފިރިހެނެއް ދިޔަތަން ފެނިފައެވެ. އޭނާ ބާރު ހިނގުމުގައި އެހިސާބަށް ދާންވާއިރަށް ވާރިޝް ފާހާނާ ތެރެއަށް ދެމިގަނެއްޖެއެވެ. ފާހާނާގެ ދޮރަށް ބަލަހައްޓައިގެން ހުރެފައި އެތެރެއަށް ދޮރު ކޮށްޕާލައިފިއެވެ.

(ނުނިމޭ)