އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު އާސެނަލްއިން ކުޅުނު މެޗުގައި ލެސްޓާ ސިޓީގެ މައްޗަށް ކުރި ހޯދައި، އެޓީމުން ލީގު ތާވަލުގެ ހަތަރުވަނައާ ގާތަށް ޖެހިލައިފިއެވެ.

ލެސްޓާގެ ދަނޑުގައި މިއަދު ކުޅުނު މެޗު އާސެނަލްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެނެވެ. އެންމެ ފަހުން ލީގުގައި ކުޅުނު ހަތް މެޗުންވެސް އާސެނަލް ބަލިވެފައިނުވާއިރު، އެޓީމުން ވަނީ ލީގު ތާވަލުގެ ފަސްވަނައަށް ޖެހިލައިފައެވެ. އާސެނަލްއިން މިހާތަނަށް ލީގުގައި ކުޅުނު 10 މެޗުން 17 ޕޮއިންޓް ހޯދާފައިވާއިރު، ހަތަރު ވަނައިގައި އޮތް ވެސްޓް ހަމްއަށް ނުވަ މެޗުން ލިބިފައި ވަނީ 17 ޕޮއިންޓެވެ. އާސެނަލްއިން ދަށްކޮށް ސީޒަން ފެށި ނަމަވެސް، މިދިޔަ ދެ މަސް ތެރޭ އެޓީމުން ވަނީ 10 ވަނައިން ފަސް ވަނައަށް ޖެހި، ބޮޑު ކުރިއެރުމެއް ހޯދައިފައެވެ.

މެޗުން ބަލިވެ ލެސްޓާ އޮތީ ތާވަލުގެ 10 ވަނައިގައެވެ. 10 މެޗުން 14 ޕޮއިންޓު އެޓީމަށް ލިބިފައިވާއިރު، މިދިޔަ ސީޒަންގެ ފޯމު ދަމަހައްޓަން ލެސްޓާއަށް ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައެވެ.

މިއަދުގެ މެޗު ފެށިގެން އާސެނަލްއިން ފެނުނީ މެޗު ކޮންޓްރޯލް ނަގައިގެން ކުޅުނުތަނެވެ. އެޓީމުން ކުރީކޮޅުގައި ރަނގަޅު ޕާސްތަކެއް ޖަހައިގެން ކުޅުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ 20 މިނެޓުގައި ދެ ގޯލުވެސް ޖެހިއެވެ. މެޗުގެ ފުރަތަމަ ގޯލު ކޯނަރަކުން ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ޑިފެންޑަރު ގެބްރިއޭލްއެވެ. ދެވަނަ ގޯލު 18 ވަނަ މިނެޓުގައި ޖަހައިދިނީ އެމީލް ސްމިތު ރޯއެވެ.

ސްމިތު ރޯގެ ގޯލުގައި ސަކާ އާއި އެލެކްސެންޑްރާ ލަކަޒެޓްގެ މަސައްކަތް ފާހަގަވެފައިވެއެވެ. މެޗުގައި ލެސްޓާގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިފައިނުވާއިރު، އެޓީމުގެ އެންމެ ނުރައްކާތެރި ހަމަލާ ފެނުނީ ދެވަނަ ހާފުގެ ހިލޭ ޖެހުމަކުންނެވެ. ޖޭމްސް މެޑިސަންގެ ހިލޭ ޖެހުން ގޯލުގެ ކަނަށް ދަނިކޮށް އެ ބޯޅަ ހުށިޔާރު ކަމާއެކު ޕަންޗުކޮށް ބޭރުކޮށްލީ އާސެނަލްގެ ގޯލްކީޕަރު އޭރޯން ރެމްސްޑޭލްއެވެ. އެ ހަމަލާގެ ރީބައުންސް ބޯޅަ ޖޭމީ ވާޑީ ފޮނުވާލުމުންވެސް ރެމްސްޑޭލް ވަނީ މަތަކޮށްފައެވެ.