ރ. ފައިނުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ރަސްމީކޮށް އިއްޔެ އިފްތިތާހުކޮށްފިއެވެ.
ފައިނުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް އިފްތިތާހު ކޮށްދެއްވީ އެމްޑަބްލިޔުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމާއި އެ ކުންފުނީގެ އެމްޑީ ހަސަން ޝާހާއި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން އަހުމަދާއި ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާޝިފް އަދި ފައިނު ކައުންސިލްގެ ރައީސް މޫސާ އުމަރުމަނިކެވެ.
އެމްޑަބްލިޔުއެސްސީއިން ވަނީ މަޝްރޫއުގައި ހިމެނޭ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި ފައިނަށް ގެންގޮސްފައެވެ. މިހާރު ކުރިއަށްދަނީ ނަރުދަމާ ނިޒާމްގެ ހޮޅިވަޅުލުމުގެ މަސައްކަތެވެ.
އެމްޑަބްލިޔުއެސްސީން އިއްޔެ ބުނީ ފައިނުގައި ޕްލާންޓު ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ 60 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގައި 5.37 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުންވެސް ހިމޭނެ ކަމަށް ބުންޏެވެ.
މީގެ އިތުރުން ފައިނުގައި ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގި ބެހެއްޓުން ހިމެނެއެވެ. އަދި ގޭގޭގައި ފެން މީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެން ދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މަޝްރޫއުގެ ދަށުން ފައިނުގައި 4.8 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކެއް ގާއިމުކުރާނެއެވެ. އަދި 1.59 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ތިން ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ގާއިމުކުރާނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދީ އެގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދޭނީ އެމްޑަބްލިޔުއެސްސީންނެވެ.
ފައިނުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވަނީ 63 މިލިއަން ރުފިޔާ އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު