ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ ދަށުން، ހުސްވަގުތުގައި އެއްވެ، ވަގުތު ހޭދަކުރުމަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމުގެ މަގުސަދުގައި ހއ. ދިއްދޫގައި ކޮމިއުނިޓީ ޕާކެއް ހަދައިފި އެވެ.
ބީއެމްއެލް އިން ބުނީ މި ކޮމިއުނިޓީ ޕާކު ތަރައްގީކޮށްފައިވަނީ އެރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ މިޑްލް ސްޕޯޓްސް ކްލަބުން ކަމަށެވެ.
މި ޕްރޮޖެކްޓްގެ މަގުސަދަކީ ރަށުގެ ރައްޔިތުން ހުސްވަގުތުގައި އެއްވެ، ވަގުތު ހޭދަކުރުމަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމެވެ. އަދި މުޖުތަމައުގައި އޮންނަ ގުޅުމާއި އެއްބައިވަންތަކަން އިތުރުކުރުން ކަމަށް ބީއެމްއެލް އިން ބުންޏެވެ. ރަށުގެ ގޮނޑުދޮށާ ކައިރީގައި ހަދާފައިވާ މިޕާކުގައި ރަށުގެ ރައްޔިތުންނަށް ބާބަކިއު ހެދުމާއި، އެކަކު އަނެކަކާ ބައްދަލުކޮށް ވަގުތު ހޭދަކޮށްލަން ތިބުމަށް ވަސީލަތްތައް ބެހެއްޓިފައިވާނެ ކަމަށާއި ފޮތް ހަރުގަނޑެއްވެސް މި ޕާކުގައި ބަހައްޓާފައި ހުންނާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ވާހަކަ ދައްކަމުން ނަޝްވާން އިބްރާހިމް ވިދާޅުވީ ދިއްދޫ އަކީ އާބާދީގެ ގޮތުން އަތޮޅުގެ އެންމެ ބޮޑު ރަށަށް ވީނަމަވެސް ހިތް ފަސޭހަ ކޮށްލައި މަޑުކޮށްލައިގެން ތިބެވޭނެ ތަންތަން ރަށުގައި ވަރަށް މަދު ކަމަށެވެ. އެހެންވެ ރަށުގެ ރައްޔިތުންގެ ލާބައަށް އެ ކުލަބުން ނިންމީ ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕުރޮޕޯސަލް ހުށަހެޅުމަށް ކަމަށާއި އެގޮތުން އެ ތަނުގައި ބާބަކިއު ހެދޭނެ އިންތިޒާމު ހަމަޖައްސައި ޖޯލި އަދި އުނދޯލި އާއި ލައިބްރަރީއެއް ތަރައްގީ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އުންމީދަކީ އެ ތަނަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އުފާވެރި އަދި ހިތްގައިމު މާހައުލަކަށް ވެގެން ދިއުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މި ގޮތުން ކޮންމެ ކުއާޓަރެއްގައި ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 50،000 ރުފިޔާ ކަނޑައެޅެއެވެ. އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ހާއްސަ ކުރެވިގެން ކޮންމެ އަހަރަކުވެސް ކޮމިއުނިޓީ ފަންޑުގެ ދަށުން އެއް މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު