ވާހަކަ

ޖޫދް - 39

1

"މީހަކު އުނދަގޫކުރަނީތަ؟" އެތެރެއަށް ވަދެފައި ޖޫދު ބުންޏެވެ. ލޯމަރައިގެން ހުރެ ފުންނޭވާތަކެއް ލަމުން ދިޔަ އަންބަރް ޖޫދަށް ބަލައިލާފައި ހަމަޖެހިލިއެވެ. އެއަށްފަހު ފޯނު ނަގައިގެން ހިނގައިގަތެވެ. ވަކި ހިސާބަކުން ހުއްޓިއްޖެއެވެ.

"އެއްވެސް މީހަކު އުނދަގުލެއް ނުކުރޭ" އެހެން ބުނެފައި ބާރު ހިނގުމުގައި ގޮސް އޭނާ ޖޫދުގެ ލޯމައްޗަށް ގެއްލިއްޖެއެވެ.

ސިޓިންރޫމަށް ނުކުމެފައި އޭނާ ދެފަރާތް ހޯދައި ބަލައިލިއެވެ. ފަހަތުން ޖޫދު ނުކުމެދާނެކަމަށް ހީކޮށް އިރުކޮޅަކު މަޑުކޮށްލައިގެން ހުރެފައި ހިނގައިގަތީ ބެލްކަންޏާ ދިމާލަށެވެ. ވަގުތުގެ ގޮތުން އެއްވެސް މީހަކު ކޮޓަރިން ބޭރަށް ނުނިކުންނާކަން އޭނާއަށް އެނގެއެވެ.

"ކަލެ އާ ހެދި ކިހާ ބޮޑު އުނދަގުލެއްތަ؟ ފޯނު ނުނަގާނީ ވާހަކަދައްކަން ބޭނުންނުވާތީ. އެވަރު ކަލެއަކަށް ނޭނގޭތަ؟ ތިއީ މިހާރު އަހަރެން ދަންނަ މީހެއް ނޫން. ޖަވާބުލިބިއްޖެތަ؟ މީގެފަހުން އަހަރެންނަށް ގުޅައިގެން ނުވާނެ" ފޯނު ކަންފަތުގައި ޖެހި ގޮތަށް އަންބަރް އެއްފަހަރާ ބުނަން ބޭނުންވި ހުރިހާ ވާހަކަތަކެއް އަމުނާލިއެވެ. ވާރިޝް ވާހަކަދައްކާނެ ފުރުސަތެއް ނުދީ އޭނާ ފޯނު ކަނޑާލައިފިއެވެ. ފޯނު ނިވާލިގޮތަށް ދެއަތްތިލަ މޫނުމަތީގައި އަޅައިފިއެވެ. ފޯނު ނިވާލުމަކީވެސް ހައްލެއް ނޫން ކަން އެނގޭއިރު އިތުރަށް އެ ފޯނަށް ވާރިޝްގެ އެންމެ ކޯލެއް އަންނަންވެސް އޭނާ ނޭދެއެވެ. ނަންބަރުން ނުގުޅޭ ގޮތް ހެދުމުންވެސް އޭނާގެ އުނދަގުލުން ސަލާމަތެއް ނުވިއެވެ. އެކިއެކި ނަންބަރުން ގުޅަނީއެވެ. އެއްކޮޅަކުންވެސް ސަލާމަތެއް ނެތެވެ.

"އަހަރެން ގަބޫލު. އެކަމަކު އަހަރެންގެ ޝަރުތެއް އެބައޮތް" ސީނާ ބުންޏެވެ. ސޯފާގައި އިސްހާގުގެ އިތުރުން ޝާރިގްވެސް އިނެވެ. ކައިވެންޏަށް ސީނާ ރުހޭކަމަށް ދިން ޖަވާބާއެކު ރިކްޒާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މަންމަ އާއި ބައްޕަގެ ދިރިއުޅުން އާބާދުވާތަން ދުށުމަކީ އޭނާ އެދޭ އެދުމެކެވެ. އެހެންނަމަވެސް ސީނާ ޝަރުތެއްގެ ވާހަކަ ހާމަކުރުމުން ރިކްޒާ ހިތް ނުތަނަވަސްވިއެވެ. އެ ޝަރުތެއް އެނގެން އޭނާ ބޭނުންވިއެވެ. އެނގޭ އެއްޗަކީ އޭނާގެ މަންމަ ކޮންމެ ކަމެއް ނިންމުމުގައިވެސް މިހާރު އެތައް ގޮތަކަށް ވިސްނާނެ ކަމެވެ. ގޯސް ނިންމުމެއް ސީނާ ނުނިންމާނެ ކަމެވެ.

"ކޮން ޝަރުތެއް. އަވަހަށް ބުނޭ" އިސްހާގު ބުންޏެވެ.

"މީގެކުރިން އަހަރެންނަކީ މުއްސަނދިކަމާއި ފައިސާއަށް ލޯބިކުރި މީހެއް. އަހަރެންނަށް މިދުނިޔެއިން އެންމެ ރީތި މީހަކީވެސް އަހަރެން. މީހުންނަށް މައްލަވަ ކުރުމާއި ދުލަށް އައިހާ އެއްޗެއް ވިސްނާލުމެއްނެތި ބޭރުކުރުމަކީ އަހަރެންނަށް މާބޮޑު ކަމެއް ނޫން. އަހަރެންގެ ސަބަބުން އަހަރެންގެ ގާތް އެތައް ބަޔަކު ކަރުނަ އެޅި. ރަހިމުގެ ގުޅުމަކީ ކިހާ މާތް ގުޅުމެއްކަން އަހަރެން ހަނދާނެއްނެތް. އެހާ ވަރަށް އަހަރެންގެ ވިސްނުމާ ޝައިތާނާ ހުރީ ކުޅެލާފައި" ސީނާ ވާހަކަދައްކަމުން ދިޔައެވެ. އެވާހަކަތައް ދައްކަމުން ދިޔައިރު ސީނާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކާއެކު ރިކްޒާގެ ހިތަށް ތަދުވެލައިފިއެވެ.

"އެކަމަކު އަހަރެންގެ ދަރިފުޅުގެ ފަސްބައިގައި ޖެހުނު ލައްގަނޑާއެކު ހުރިހާ ކަމެއް ބަދަލުވެއްޖެ. އެކަލާނގެ އަހަރެންނަށް ހިދާޔަތު ދައްކަވައިފި. އެކަލާނގެ އިރާދަކުރައްވައިފި އަޅަކަށް ތެދުމަގު ދައްކަވާ. މަގުން ކައްސާލައިގެން ގޮސް ނަރަކައިގެ އަލިފާނަށް ވެއްޓެން އެކަލާނގެ އަހަރެންނަށް ފުރުސަތު ނުދިން. އެކަލާނގެ އަހަރެންނަށް ދެއްވި ދެވަނަ ފުރުސަތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފައިގެން އަހަރެން މިހުރީ. އަހަރެން ކުރަން އުޅުނު ޝަރުތަކީ ކައިވެންޏަށްފަހު ވެސް އަހަރެންނަށް ހެވެއް އެދެންޏާ މި ފުރާޅުގެ ދަށުގައި އަހަރެން ބަހައްޓާށޭ. އަހަރެންނަށް މިތަނަކީ މުހިންމު ތަނެއް. މިގެއަކީ އަހަރެންގެ ދައްތައެއްގެ ދަރިއެއްގެ ތަނެއް. މިއަދާ ހަމައަށް އައިރުވެސް އޭނާ މިތަނުން އަހަރެން އަތުން އެންމެ ލާރިއެއްވެސް ނުނަގާ. އެވަރު އަހަރެންނަށް ނުވިސްނުނީ. އެކަމަކު މިހާރު އަހަރެން ބޭނުންވަނީ އެމީހުންނާ ގުޅިގެން އުމުރުގެ ބާކީ އޮތް ދުވަސްތައް ގުނަން. އިސްހާގުގެ ތަނަވަސް ދިރިއުޅުން އަހަރެން ފުރަގަސްދެނީކީ ނޫން. އިސްހާގަށް ލިބޭ އެއްޗަކީ އަހަރެންނަށްވެސް ލިބޭ އެއްޗެއް" ސީނާ ވާހަކަދެއްކިއެވެ.

"މައްސަލައެއްނެތް. ސީނާގެ ތި ޝަރުތު އަހަރެން ގަބޫލުކޮށްފިން. ތިދެމައިން ބަލާ އަހަރެން މިއައީ އަހަރެންގެ މަސައްކަތުން އިމާރާތްކުރި ގެދޮރު އެންމެ ފެންވަރު ރަނގަޅުކޮށް ހަދާފައި. އެތަނުގައި އަހަރެންގެ ދަރިފުޅާއި އެދަރިފުޅުގެ ދަރީންގެ ދަރިން އުފަލާއި ހިތްހަމަޖެހުމުގައި ދިރިއުޅޭނެ މަންޒަރު ދެކެން އަހަރެން ބޭނުންވޭ. އެކަމަކު ސީނާގެ ތި ނިންމުމަށް އަހަރެން ގަދަރުކުރަން" އިސްހާގު ބުންޏެވެ.

"އަހަރެންގެ ޝަރުތަކީ ކޮންމެ ކަހަލަ ޝަރުތެއް ވިޔަސް ފިރިމީހާ ދެއްކި ތަނެއްގައި އަނބިމީހާ ޖެހޭނީ ހުންނަން. އަހަރެން އިސްހާގަށް މަޖުބޫރެއް ނުކުރަން" ސީނާ ބުންޏެވެ.

ލިޔުމެއް ހޯދަން އަލަމާރި ކައިރީގައި އިން ޒަހާ އުނގުތެރޭގައި ފަތްޖަހާފައި ހުރި އަންނައުނުތަކެއް ހުއްޓެވެ. ހުޅުވާލާފައި ހުރި ކަބަޑު ތެރެއިން ފަހަރަކު ފައިލެއް ނަގައި ބަލަމުން އޭނާ ދިޔައެވެ. ހުރިހާ ފައިލްތަކެއްގެ ދަށުގައި އޮތް ގިނަ ދުވަސްވެފައިވާ އަލްބަމެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. ވަގުތުން އޭނާގެ ހުރިހާ ސަމާލުކަމެއް ދެވުނީ އެ އަލްބަމަށެވެ. އުނގުތެރޭގައި ހުރި އެއްޗެހި އަލުން އަލަމާރިއަށް ލުމަށްފަހު އަލްބަމް ހިފައިގެން އައިސް އޭނާ މަޑުކޮށްލީ އަލަމާރި ކައިރީގައެވެ. އަލްބަމް އެނދުމަތީގައި ބާއްވާފައި އަމިއްލައަށް ގޮނޑިން ތެދުވެ އެނދުގައި އިށީނދެވޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. އަލިޝްބާ ބޭސްކުރަން ފެށި ފަހުން މިހާރު ކޮންމެވެސް ވަރަކަށް އޭނާއަށް ކޮޅަށް ތެދުވެވެއެވެ. އެހެން ނަމަވެސް އެއީ ކުޑަ އިރުކޮޅަކަށެވެ.

ދޮވެފައި ހުރި ހެދުންތައް ހިފައިގެން އެތެރެއަށް ވަން ނީލަމްއަށް ޒަހާ ފެނުމާއެކު ދުވެފައި އައިސް ކައިރީގައި ހުއްޓިއްޖެއެވެ. އެނދުގައި އިށީންނަން އޭނާ ޒަހާއަށް އެހީވެދިނެވެ.

"ޒަހާއްތަ. ގޮވާލިނަމައެއްނު" ނީލަމް ބުންޏެވެ.

"މިއީ އެވަރު ކަމެއް ނޫނެއްނު. އަމިއްލައަށް ވެސް ކޮންމެވެސް ވަރަކަށް ތެދުވެވޭތޯ ބަލަން ވާނެއްނު" ޒަހާ ބުންޏެވެ. އެނދުގައި ހަމަޖެހިލެވުމާއެކު އޭނާ އަލްބަމް ނަގައި އުނގަށް ލައިފިއެވެ. ފަހަރަކު ގަނޑެއް އުކަމުން ދިޔައިރު އޭނާގެ މޫނުމަތިން މާޔޫސީގެ ކުލަވަރު ހާމަވާން ހުއްޓެވެ. ހެދުންތައް ފަތްޖަހަން އިން ނީލަމް ޒަހާއަށް ބަލައިލި ވަގުތު ލޮލުން ކަރުނައެއް ވެއްޓުނު ތަން ފެނުނެވެ.

"ނީލަމްއަށް އެނގޭތަ! ޒަހާއްތަ މިހެން އުޅުނަސް އެކުދިންގެ ބައްޕަ މަތިން ވަރަށް ހަނދާންވޭ" ނީލަމް ބަލައިލިކަން އެނގުމުން ޒަހާ ބުންޏެވެ. ނީލަމް ހަނދާނަށް އައީ ވާރިޝް ދެއްކި ވާހަކަތަކެވެ.

"ބަލާބަލަ. މިއީ އެކުދިން ކުޑައިރު" ޒަހާ ދައްކާލި ފޮޓޯއަށް ނީލަމް ބަލައިލިއެވެ. އެވަގުތު އޭނާ ހަނދާނަށް އަންނަން ފެށީ މުޅިން އެހެން މަންޒަރުތަކެވެ. ޒަހާއަށް ވުރެ ކުރިން މިފަހަރު ކަރުނަ އައީ ނީލަމްގެ ދެލޮލުންނެވެ. ޒަހާއަށް ފެނުމުގެ ކުރިން މިފަހަރު އޭނާ އެ ކަރުނަތައް ޒަހާއަށް ސިއްރު ކުރިއެވެ.

"ކިހިނެއްވީ ރޮވެނީ؟"

"އަހަރެންގެ ދެލޮލުން ފެން މި އައި ހަމަ ހިތަށް ކުރި އަސަރުން" ދެލޯ ކައިރި ދެއަތުން ފޮހެލާފައި މަތީނު ބުންޏެވެ. ކައިރީގައި ހުދާ އިނެވެ.

"އަހަރެން ހަމަ ނިންމުމެއް ނިންމާއިރަށް ކިހިނެއް ތިވަނީ؟" ހުދާގެ އަޑުގައި ވަނީ ހިތްހަމަނުޖެހުމެވެ. "މިހާރަކަށް އައިސް މަތީނަށް ކިހިނެއް ތިވަނީ؟ އަހަރެން ކުރާ އެއްވެސް ކަމެއް ރަނގަޅެއްނޫން"

"އަހަރެން ހަމަ މޮޔަހީވޭ ކުރިން ތިކުރި ހުރިހާ ކަމެއް ކުރަން ހުދާއަށް އެއްބައި ވެވުނީތީ. ބަލަ އެއީ ޒުވާން ފިރިހެން ދަރިއެކޭ. ފަހަތުގައި ދަނޑިބުރިއެއް ހިފައިގެން ހުރެ ބިރުދެއްކީމަ ވޭތަ؟ މިހާރު ތިގޮތް ދޫކުރަން ވެއްޖެއްނު" މަތީނު ބުންޏެވެ. އެންމެފަހުން ރުޅިއައިސްގެން ގެއިން ނުކުމެގެން އޭނާ ހިނގައްޖެއެވެ.

ގޭތެރޭގައި އިނދެ ފޫހިވެގެން އަންބަރު އިށީނީ ޓީވީ ކައިރީގައެވެ. ބޭރު ޗެނަލަކުން ދައްކާ ފިލްމެއް ބަލަން އިންދައި ކޮޓަރިން ނީލަމް ނުކުމެއްޖެއެވެ. ބަދިގެއަށް ވަދެލާފައި އައިސް ނީލަމް އިށީނީ އަންބަރް ކައިރީގައެވެ. އަންބަރް ބަލަމުން ދިޔަ ފިލްމާ އޭނާ ގަޔާ ނުވިޔަސް އެތަނުގައި އިށީނދެގެން އިނެވެ. އޭނާ ފޯނާ ކުޅެން އިންއިރު އަންބަރް އިރުކޮޅަކާ ނީލަމްއަށް ބަލައިލައެވެ. އެންމެފަހުން އަންބަރް ޓީވީ ނިއްވާލީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. ނީލަމް އަންބަރަށް ބަލައިލީ ތަން ހިމޭންވުމުންނެވެ.

"ކިހިނެއްވީ؟" ނީލަމް އެހިއެވެ. "ކީއްވެ ޓީވީ ނިއްވާލީ"

"ނޭނގެ. އެއްވެސް ކަމެއް ކުރާހިތެއްނުވޭ. ވަރަށް ފޫހި" އަންބަރް ބުންޏެވެ.

"ގޭތެރޭގައި އިނަސް މިޒަމާނަކީ ފޫހިވާ ޒަމާނެއް ނޫން. ފޯނު ކޮބާ؟ އިންޓަނެޓަށް ވަދެގެން އެކިއެކި އެއްޗެހީގެ މައުލޫމާތު ހޯދަބަލަ" ނީލަމް ބުންޏެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހަކީ އަންބަރްގެ އިތުބާރާއި ޔަގީންކަން ހޯދަން އޭނާ މަސައްކަތްކުރާ ދުވަހެވެ. އަންބަރާ މެދު އޭނާއަށް ދެކެވެނީ އުފަން ކޮއްކޮއެއްގެ ނަޒަރުންނެވެ.

"ފޯނޭ. އަހަރެން އެ ފޯނެއް ބޭނުމެއްނޫން. ފޯނަކާ ނުލާ ވެސް އަހަރެންނަށް ދިރިއުޅެވޭނެ" އަންބަރް ބުންޏެވެ. ނީލަމްއަށް ލިބުނީ ހައިރާންކަމެވެ. ފޯނަކާ ނުލާ ދިރިއުޅެވިދާނެކަން ނީލަމްއަށް ވެސް އެނގެއެވެ. އެހެންނަމަވެސް އެއީ އެތައް ދައްޗަކާ ކުރިމަތިވާނެ ކަމެކެވެ.

"އަހަރެން ބޯގޮވައިފި. މިނޫން ގޮތެއް ނެތީތަ؟" ދެއަތުން މޫނުމަތީގައި އަތް އަޅަމުން އަންބަރް ބުންޏެވެ. ބޮޑު ކަމެއް ވެއްޖެކަން ނީލަމްއަށް އެނގުނީ އެހިސާބުންނެވެ. އޭނާ އަންބަރާ އެހީވާން ބޭނުންވިއެވެ. އިށީނދެގެން އިން ގޮނޑިން ތަންކޮޅެއް ކުރިއަށް ޖެހިލައިފިއެވެ. އެއްޗެއް ބުނަން އުޅުނު ވަގުތު އަންބަރް ގޮނޑިން ތެދުވެގެން ހިނގައިގަނެއްޖެއެވެ. އެވަގުތު ނީލަމް އަންބަރްގެ އަތުގައި ހިފެހެއްޓިއެވެ.

ސީނާ، ރިކްޒާއަށް ވިސްނައިދިނީ ގެއިން ނުނިކުމެ ފިލައި އޮތުމަކީ އެއްވެސް ކަމެއްގެ ހައްލެއް ނޫން ކަމެވެ. މީހުންގެ މަލާމާތާއި ފުރައްސާރަ ލިބުނު ދުވަސް ފަހަނައަޅާ ހިނގައްޖެކަމެވެ. ހިތްވަރާއެކު ތެދުވެ ކުރިއަށް ދާންވީ ވަގުތު ޖެހިއްޖެކަމެވެ. ދަރިފުޅު ގޮވައިގެން ބޭރަށް ނުކުމެ ގުދުރަތީ ވައިގެ އިހުސާސް ކުރަން އެދުނެވެ. އެނަސޭހަތްތައް ގަބޫލުކޮށް ވިހައިގެން ތިން މަހަށް ފަހު ފުރަތަމަ ފަހަރަށް ރިކްޒާ ބޭރަށް ނުކުތެވެ. ލިފްޓުގައި ހުރިއިރުވެސް އަންބަރާ ދިމާނުވުމަށް އޭނާ ހިތާހިތުން ދުއާ ކުރިއެވެ. އަންބަރާ ކުރިމަތިލާނެހާ ހިތްވަރެއް އޭނާގެ ނެތެވެ.

ރައިކާ އަތްމައްޗަށް ލައިގެން ހުރެ އޭނާ މިސްރާބުޖެހީ ބަނދަރާ ދިމާލަށެވެ. އޭނާގެ ކައިރީގައި ރައިކާގެ ސޮނި ފޮތިކޮޅު ހިފައިގެން ސީނާ ހުއްޓެވެ. އެކަންވީ ރިކްޒާއަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށެވެ. ހަވީރުގެ ވަގުތަށް ވުމުން މަގުމަތީގައި މީހުން ގިނައެވެ. ރިކްޒާ ހީކޮށްގެން ހުރިގޮތާ ހިލާފަށް އެއްވެސް މީހަކު އޭނާއަށް އެއްޗެހި ނުގޮވައެވެ. އެހެންނަމަވެސް ގިނަ މީހުންގެ ނަޒަރުން އޭނާ ސަލާމަތެއް ނުވެއެވެ.

ބެންޗެއްގައި އިށީނދެފައި އޭނާ ރައިކާއާ ކުރިމަތިލައި ތުއްތު އަޑުން ވާހަކަދައްކާލިއެވެ. އެއާއެކު ރައިކާއަށް ހެވިއްޖެއެވެ. ތަންކޮޅެއް ދުރުގައި މަޑި އަރުވަން ތިބި ކުޑަ ކުދިންތަކަކަށް އިޝާރާތްކޮށް އެމަންޒަރު ރައިކާއަށް ދައްކަން މަސައްކަތްކުރަމުން އޭނާ ދިޔައެވެ. ފޯނެއްގައި ހުރެ ވާހަކަދައްކަމުން ސީނާ ތަންކޮޅެއް ދުރުގައި ހިނގަމުން ދިޔައެވެ. ކުއްލިއަކަށް ރިކްޒާގެ ލޮލުގައި އަޅައިގަތީ ބައިސްކަލުގައި އޭނާ އާ ދިމާލަށް އައި ފިރިހެންކުއްޖާއެވެ. ދަތްކުނޑި ވިކާލާފައި ރައިކާ އުރާލައިގެން އޭނާ ތެދުވިއެވެ. ވަގުތުން ވާރިޝްއަށް އޭނާ ފުރަގަސްދީފިއެވެ. ރައިކާގެ މޫނު ވާރިޝްއަށް ނުފެންނާނެހެން އެކުއްޖާ އޭނާގެ މެއާލާ ބޮނޑިކޮށްލިއެވެ.

"އަހަރެންގެ ދަރިފުޅުކަމަށް ބުނި ކުއްޖާތަ ތީ" ބައިސްކަލުގައި އިން ވާރިޝް އެރީ ރިކްޒާގެ ކުރިމައްޗަށެވެ. ރިކްޒާ ވާރިޝްއަށް ދެލޯ އަޅަމުން އައިކޮޅަށް ދިޔުމަށް ހިނގައިގަނެއްޖެއެވެ. ރައިކާގެ ބޮލުގައި ހިފަހައްޓާލައިގެން މޭގައި އަތްއަޅައިގެން ހުރިގޮތުން ވާރިޝްއަށް އެކުއްޖާއަށް މޫނު ފެންނަ ގޮތެއް ނުވިއެވެ.

"ހެހެހެ.... ތިކުއްޖާ މޫނު ދައްކަބަލަ. އޭރުން ދޯ އިނގޭނީ އަހަރެންގެ ދަރިއެއް ވިޔަސް" ވާރިޝް ބުންޏެވެ. އޭނާގެ އަޑުގައިވީ މަލާމާތެވެ.

ފޯނުގައި ހުރި ސީނާއަށް ރިކްޒާގެ ހަރަކާތްތައް ފެނުމުން ވަގުތުން ފޯނު ލައިގެން ހުރި ހައުސްކޯޓުގެ ޖީބަށް ކޮށްޕާލައިފިއެވެ. ބައިސްކަލުގައި އިން ފިރިހެނަކު ރިކްޒާއަށް އުނދަގުކުރާކަން އޭނާއަށް އެނގިއްޖެއެވެ. ވަގުތުން އޭނާ އެދިމާލަށް މިސްރާބު ޖަހައިފިއެވެ.

"ރިކްޒާ އާ އެއްވަރަށް ބައިސްކަލް ދުއްވަމުން އަނގައިން ނޭދެވޭ ބަސްތަކެއް ބޭނުންކުރަމުން ވާރިޝް ދިޔައެވެ. ބާރަށް ހިނގާފައި ދިޔަ ސީނާ ރިކްޒާގެ ކޮނޑުގައި ހިފެހެއްޓިއެވެ. އެވަރުންވެސް ރިކްޒާ ނުހުއްޓުނެވެ. ވާރިޝް އުކަމުން ދިޔަ ހަޑި ބަސްތައް އިވޭ ހިސާބުގައި ސީނާ ހުރުމުން އޭނާ މާބޮޑަށް ކަންބޮޑުވިއެވެ.

"ދަރީގެ ބަފާ ޔަގީނެއް ނުވިދޯ. ހެހެހެ... މިހާރު ކޮން ފިރިހެނެއް ކައިރިއަށް ތިޖައްސަނީ. ހެހެހެ... އަހަރެން އަދި ބޭނުން" ދެލޮލުން ކަރުނަ ފައިބަމުންދިޔަ ރިކްޒާ ހުއްޓުނީ އެހިސާބުންނެވެ. އޭނާ ފިނޑިއެއްހެން ގޭތެރޭގައި އޮވެ ރުއި ދުވަސްތައް ހިނގައްޖެއެވެ. ﷲ ގެ މަގަށް ރުޖޫއަވެ އޭނާ މަސައްކަތް ކުރަނީ އެކަލާނގެ ފަލާހާއި ކާމިޔާބަށް އެދިއެވެ. ވާރިޝް ކަހަލަ ފިރިހެނަކަށް ނުވާ ފިރިހެނެއް ދުލުން ބޭރުކޮށްލާ އެކަހަލަ ބަސްތަކެއްގެ ސަބަބުން އޭނާގެ ކުރިމަތީގައި ކުޑަވާކަށް ނުޖެހެއެވެ.

"ރައިކާ ގޮވައިގެން މަންމް ދޭބަލަ ގެއާ ދިމާލަށް" ހައިރާންކަމުގެ ނަޒަރަކުން ވާރިޝްއަށް ބަލަހައްޓައިގެން ހުރި ސީނާ ރައިކާ އުރާލައިފިއެވެ. ސީނާ ކުރިއަށް ހިނގައިގަތުމުގެ ކުރިން ސީނާގެ އަތުގައި އެއްބައި ބޮއެފައި އޮތް ކުޑަ ފެންފުޅި އަތުލިއެވެ. ދެން އޭނާ ބަލައިލީ ވާރިޝްއަށެވެ.

"ކަލޭ ހީކުރަނީ މިދުނިޔޭގައި ފިރިހެނަކަށް ހުރީ ކަލޭ އެކަނި ކަމަށްތަ؟ ކަލޭ ހީކުރީ ކަލޭ ތިދައްކާ ވާހަކަތަކުން އަހަރެން ބިރުން ޖެހިލުންވާނެ ކަމަށްތަ؟ ނޫނީ ލަދުގަންނާނެ ކަމަށްތަ؟ ތިކަހަލަ ފިނޑި އަންހެން ފިރިހެނެއް އަހަރެން ދުވަހަކުވެސް ނުދެކެން. ހިތުހުރި ގޮތަށް ﷲ ތައާލާ ދެއްވި ރިޒުގުން ކައިބޮއެ އެކަލާނގެ ދެއްވި ނިއުމަތްތަކުގެ ބޭނުންކުރަމުން ދާއިރު ކަލެއަށް އެނގޭތަ މަރުގެ މަލާއިކަތާ ކަލެ އާ ވެސް ބައްދަލުކުރާނެކަން. ނޭވާ ހޮޅިއަށް އެޅި ކަލޭގެ އެއްފައި އަނެއް ފަޔާ އޮޅެމުންދާއިރު ކާކަށް މަދަދަށް އެދި ގޮވާނީ" ރިކްޒާގެ އަޑު ބާރެވެ. އިސާހިތަކު ސަރަހައްދަށް މީހުން އެއްވާން ފަށައިފިއެވެ. ވާރިޝް ލަދުގަނެއްޖެއެވެ. ރިކްޒާއަށް އޭނާ ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. ހީވީ އޭނާގެ ރުޅިވެރި ނަޒަރުން ރިކްޒާ ބިރުގަންނަވާލަން އުޅޭ ހެންނެވެ.

"ކިހިނެއްވީ ލަދުގަތީތަ؟ މިއަދު މި އެންމެން ކުރިމަތީގައި އަހަރެން ހެއްދެވި ފަރާތް ގަންދީ ހުވާކޮށްފައި މިބުނަނީ އަހަރެން ވިހެއީ މި ނުބައި އިންސާނާގެ ދަރިއެއް. އެކަމަކު ކަލެއަށް ދުވަހަކުވެސް އަހަރެންގެ ދަރިފުޅަށް ހަތަރުކަޅި ހަމަކޮށް ބަލައިލަންވެސް ލާހިކެއްނޫން. ކަލޭ ކަހަލަ ޑީގްރޭޑް ފިރިހެނަކަށް އަހަރެންގެ ދަރިފުޅު ބައްޕައެއް ނުކިޔާނެ. އަހަރެންގެ ދަރިފުޅު ކަހަލަ ކިތައް ކުދިން ކަމެއް ނޭނގެ ކަލޭ ބިކަކޮށްލާފައި ވީ. ކިހިނެއްވީ އަނގަ ބަންދުވީތަ؟" ރިކްޒާ ބުންޏެވެ.

ބަހެއް ނުކިޔައި ވާރިޝް ބައިސްކަލް ކުރިއަށް ދުއްވާލަން އުޅުނެވެ. އެއްވެފައިވާ މީހުންތަކުގެ ތެރެއިން ކުރިއަށްދާން އޭނާ ދަތިވިއެވެ. ދުވަހަކުވެސް ނުގަންނަހާ ލަދު އޭނާ ގަނެއްޖެއެވެ. ރިކްޒާގެ ބަސްތަކަށް އިންކާރު ކުރަންވެސް އޭނާ ހަނދާނެއް ނެތެވެ. އެއްވެފައިވާ މީހުންގެ ތެރެއިން ބައެއް މީހުންގެ ނުރުހުމުގެ ބަސްތައް ވާރިޝްއަށް އަމާޒުވަމުން ދިޔައެވެ.

"ހާދަ އަވަހަށް ފިލަން ތިއުޅެނީ. މަޑުކުރޭ. އަދި އަހަރެން ހިތްހަމަޖެހޭ ވަރެއްނުވޭ" ވާރިޝް އިން ބައިސްކަލުގެ މުއްގަނޑުގައި ހިފެހެއްޓިގޮތަށް އަތުގައި އޮތް ފެންފުޅި މަތި ނަގާފައި އޭގައި ހުރި ފެންތައް ވާރިޝްގެ މޫނަށް ޖެހިއެވެ. ވާރިޝްއަށް އެކަން ގަބޫލުކުރަން ދަތިވިއެވެ. އަންހެންކުއްޖެއްގެ ކުރިމަތީގައި އޭނާ ވަރަށް ދަށުދަރަޖައަކަށް ވެއްޓިއްޖެކަމަށް ގަބޫލުކުރަން އޭނާއަށް ދަތިވިއެވެ. އިތުރަށް ބަހެއްވެސް ނުކިޔައި މީހުންގަނޑު ތެރެއިން ހާމައަށް ހުރި ހަނި ދޭތެރެއަކުން އެނާ ކުރިއަށް ދުއްވާލައިފިއެވެ.

ކޮޓަރި ދޮރުހުޅުވާލި އަޑަށް ނުކުންނަން އައި ޒަހާއަށް ސިހުމެއް ލިބުނެވެ. ކުރިމަތީގައި ހާސްވެފައި ހުރީ ޖިޔާއެވެ.

"މަންމާ ނީލަމްދައްތަ ރޮނީ" ކަންބޮޑުވެފައި ޖިޔާ ބުންޏެވެ.

"އެނ. އެ ކިހިނެއްވީ އަނެއްކާ" ޒަހާ ބުންޏެވެ. "މިހާރު ކޮބާ؟"

ޖިޔާ އިޝާރަތްކުރީ ސޯފާ އާ ދިމާލަށެވެ. ޒަހާ އެދިމާލަށް ދިޔައެވެ. ކޮޓަރީގައި އޮތް އަންބަރްވެސް ބޭރަށް ނުކުތެވެ. ނީލަމް އާ ދިމާލަށް އޭނާވެސް މަޑުމަޑުން ހިނގާފައި ދިިޔައެވެ.

"ނީލަމް، އޭތް. ކިހިނެއްވީ؟" ދެ ކަކޫ މަތީގައި ބޯއަޅައިގެން އިން ނީލަމް ބޮލުގައި ފިރުމައިލަމުން ޒަހާ އެހިއެވެ. ދުވަހަކުވެސް ނީލަމް އެހާ ވަރަށް ރޮނިކޮށް އޭނާ ނުދެކެއެވެ. ނީލަމްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބޭތީ ކަންބޮޑުވެފައި ޒަހާ އަންބަރަށް ބަލައިލިއެވެ. ނީލަމްގެ އެއްފަރާތުން އިށީނދެފައި އަންބަރްވެސް މަޑުމަޑުން ނީލަމްއަށް ގޮވާލިއެވެ.

ބޭނުންވާ ވަރަށް ނީލަމް ރޮންދެން ހުރިހާ މީހުން ތިއްބެވެ. ނީލަމް ބޯހިއްލާލުމާއެކު ޒަހާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އޭނާގެ ރަތްވެ ދުޅަވެފައިވާ ދެލޮލެވެ. އޭނާ ވަގުތުން ނީލަމްގެ މޫނު ފޮތިކޮޅު އުފުލާލާފައި ފަހަތަށް އެއްލިއެވެ. ގިސްލެވެމުން ދިޔައިރު ނީލަމްގެ ދެލޮލުން ކަރުނަ ހުސްނުވެއެވެ. އަނެއްކާވެސް ވީގޮތެއް އޮޅުންފިލުވުމަށް ޒަހާ ސުވާލުކުރިއެވެ. ނީލަމްއަށް ވާހަކަދެއްކުނީ ވަރަށް ހިތްވަރުންނެވެ.

އޭނާއަށް ކޮންމެހެން ބޭނުންވާ އެއްޗެއް ގަންނަން ކައިރި ފިހާރައަކަށް ނުކުތް ވަގުތު އައްމާރާ ގޭކައިރިން ދިވާލިއެވެ. އެއީ ހަމަ އިއްތިފާގެކެވެ. ދެމީހުން ވާހަކަދައްކަމުން ވަނީ ގެއާ މާ ދުރުނޫން ހިސާބެއްގައި ހުރި ފިހާރައަށެވެ. ނަމާދު ވަގުތު ޖެހޭތީ ގޭ ފިހާރަ އާ ހަމައަށް ދާނެ ވަގުތު ނެތީއެވެ. އެފިހާރައިން އޭނާ އާ ދިމާވީ ހުދާއެވެ. ހުދާ ބަލަހައްޓައިގެން ހުރިގޮތުން އޭނާ ޖެހިލުންވިއެވެ. ހަމައެކަނި ދެލޮލަށް ބަލައިލާފައި އެއީ ނީލަމްކަން ހުދާއަށް ދެނެނުގަނެވުނެވެ. އެއީ ނަސީބޭ ނީލަމްގެ ހިތަށް އެރިއެވެ. ހުދާގެ ނަޒަރުން ސަލާމަތްވެ ވިޔަފާރިނުކޮށް އަވަހަށް ފިހާރައިން ނުކުންނަން އުޅުނު ވަގުތު ހުދާ ކުރީ އޭނާ ހިތަށް ވެސް ނާރާވަރުގެ ކަމެވެ. ދުލުން ބޭރުކުރި ބޭއަދަބީ ބަސްތަކަކާއެކު މޫނު ނިވާކޮށްފައި އޮތް ފޮތިކޮޅުގައި ހިފައި ދަމައިގަތީއެވެ. ލަދުގަތް ވަރުން ނީލަމްއަށް ވަގުތުން މޫނުގައި އަތް އެޅުނެވެ. އޭނާގެ ދިފާއުގައި ހުދާ އާ ދެކޮޅަށް އައްމާރު އެއްޗެއް ބުނެފައި ހިމޭންވިއެވެ. ހެދުމާއެކު އެލިފައި އޮތް ފޮތިގަނޑުން ނީލަމްގެ މޫނު ނިވާކުރީ އައްމާރެވެ. ދެން އޭނާ ކުރިމަތިލީ ހުދާއާއެވެ. މަންމަގެ ފަރާތުން އެކަހަލަގެ ދަށުދަރަޖައިގެ އަމަލެއް ފެނުނީނީތީ މަންމައަށް އެއްޗެއް ނުބުނަން ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަށް ކެތްކުރަމުން ދިޔަ މަންޒަރު އައްމާރުގެ ފުށުން އޭނާއަށް ފެނުނެވެ. އޭރުވެސް ހުދާގެ ދޫ ހިމޭނެއް ނުވެއެވެ.

"ކީއްކުރަން ފޮތި ފޭއްޔަކަށް އެރިގެން މޫނާ ތަންތަން ނިވާކޮށްގެން އުޅޭކަށް" އަނެއްކާވެސް ހުދާ ދިޔައީ އެހެން އަންހެނެއްގެ ފަހަތުގައި ހުރި ނީލަމް އާ ދިމާލަށެވެ. އެހެންނަމަވެސް އައްމާރުގެ ބާރު އަޑާއެކު ހުދާ ހިފެހެއްޓިއެވެ. ތަނަށް ފުލުހުން ވަދެގެން އައީ ކާކު ރިޕޯޓުކޮށްގެން ކަމެއް އޭނާއަށް ނޭނގެއެވެ. ކުރީގައި ހުރި ދެ އަންހެން އޮފިސަރުން ހުދާ ގޮވައިގެން ނުކުތެވެ. ނީލަމް އެންމެ ދެރަވީ އައްމާރަށް ވެފައި ހުރިގޮތް ފެނުމުންނެވެ. ފިހާރަ ތެރޭގައި ތިބި މީހުންގެ ނަޒަރުން ސަލާމަތްނުވެވޭކަން އެނގުމުން ނީލަމް ފިހާރައިން ނުކުމެ ދުއްވައިގަތެވެ. އެއްފަހަރު އައްމާރު ގޮވާލި އަޑު އިވުނެވެ.

"ތިއީ ވަރަށް ދެރަކަމެއް. ތި އަންހެންމީހާއަށް އިސްލާމްދީނުގެ ބޭރުހަންގަނޑު ވެސް ފެނިފައެއް ނެތް. ކީއްކުރާނީ އަދުގެ ހާލަތު" ޒަހާ ބުންޏެވެ. "އަންހެނަކަށްވެ ހުރެ އަންހެނަކަށް އެހެން ހަދަން ކެރުނީތީވެސް އަހަރެން ހަމަ ހައިރާންވެއްޖެ"

އެވަގުތުގައި ނީލަމް، ޒަހާ އާއި އަންބަރަށް ހުދާ ކުރިން ކަންތައްތައް ކުރި ގޮތްތައްވެސް ކިޔައިދިނެވެ. ހިތަށް ތަދުވެފައިވީ ދަނޑިވަޅުގައި އޭނާ ބޭނުންވީ ހުރިހާ އެއްޗެއް ބޭރުކުރާށެވެ. މީގެކުރިން އޭނާގެ ފުށުން އެއްވެސް މީހަކަށް ހިއްސާކޮށްފައިނުވާ އެތައް ކަމެއްގެ ވާހަކަ އޭނާ ކިޔައިދިނެވެ.

"ޖީ ނަމަ މޫނަށް ކުޅެއްޖަހާފައި ދުވެފައި ގެއަށް އަންނާނީ" ހުރިހާ މީހުން ހިމޭންވި ވަގުތު ޖިޔާ އިނދެފައި ބުންޏެވެ.

(ނުނިމޭ)