ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
ޒެނީޝާގެ އިތުރުން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ)ގެ ކުރީގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރަށް ވެސް ދައުވާކުރަން ވަނީ ފޮނުވައިފައެވެ. އެ ދެބޭފުޅުންގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ކުޑަކުދިންގެ ހިިޔާއާ ބެހޭ މައްސަލަތަކެއްގައެވެ.
އެކަމާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިއަދު ބުނީ ކުޑަކުދިންގެ ހިޔާއާ ގުޅުންހުރި މައްސަލަތަކެއް ތަހުގީގުކޮށް އެ މައްސަލައިގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ދައުވާކުރަން ފޮނުވީ ކޮން ބައެއްގެ މައްޗަށް ކަމެއް އެ ކޮމިޝަނުން ބުނެފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޒެނީޝާއާއި ބަޝީރަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުޑަކުދިންގެ ހިޔާގައި ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ބައެއް ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގައި ގާނޫނާ ހިލާފު ކަންތައްތަކެއް ކުރިކަމަށް ތުހުމަތުކޮށެވެ.
މި މައްސަލައިގައި ޕީޖީ އޮފީހުން ބުނީ އެޗްއާރުސީއެމުން ފޮނުވާފައިވާ މައްސަލައެއް އެ އޮފީހުން ދިރާސާކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ދައުވާކުރަން ފޮނުވާފައިވަނީ ކޮން ބައެއްގެ މައްޗަށް ކަމެއް ބުނެފައެއް ނުވެއެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކު ޕްރޮސިކިއުޓަރު އަހުމަދު ޝަފީއު "ވަން" އަށް ވިދާޅުވީ، އެޗްއާރުސީއެމުން ދައުވާކުރަން ފޮނުވި ކުޑަކުދިންނާ ގުޅޭ ޓޯޗާގެ މައްސަލަތަކެއްގައި އެ ކޮމިޝަނާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު