ޕޯޓް ޓްރެއިނިން ސެންޓަރު (ޕީޓީސީ) އިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އެގްޒެކެޓިވް ޓީމު ސައިބަރ ސެކިއުރިޓީ އަށް ހޭލުންތެރިކުރުމަށް ހާއްސަ ޕްރޮގްރާމެއް ހިންގައިފި އެވެ.

އެމްޕީއެލް އިން ބުނީ މި ޕްރޮގްރާމްގައި އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

މި ޕްރޮގްރާމަކީ ހޭލުންތެރިކަން އިތުރުކޮށް، ސައިބަރ ސެކިއުރިޓީގެ ނުރައްކާތަކުން ރައްކާތެރިވުމަށް ޓަކައި ރެޒިލިއަންޓް ސައިބަރ ސެކިއުރިޓީ އިންފްރާސްޓްރަކްޗާއެއް ތަރައްގީ ކުރުމަށް އައިޓީ ޑިޕާޓްމަންޓްތަކުން ގެންގުޅޭ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ޕްރޮގްރާމެއް ކަމަށް އެމްޕީއެލް އިން ވަނީ ބުނެފަ އެވެ.

މި ޕްރޮގްރާމް އެކުންފުނީގެ ހުރިހާ އެޑްމިން މުވައްޒަފުންނަށް ވެސް ކުރިއަށް ގެންދާނެ ކަމަށާއި އެހެން ދުވަހަކަށް އެކަން ތާވަލު ކޮށްފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

އެމްޕީއެލްއިން އެތަނުގެ އިސްވެރީންނަށް މި ފަދަ ޕްރޮގްރާމެއް ހިންގި އިރު، ރާއްޖޭގައި ވެސް އަދި ދުނިޔޭގައިވެސް އިންޓަނެޓުގެ ޒަރީއާއިން ހިންގާ ކުށްތައް ވަނީ ވަރަށް ބޮޑަށް އިތުރު ވެފަ އެވެ.