އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އާއި ގައުމީ ޔުނިވަސިޓީ ގުޅިގެން އުފައްދާ ފްލައިޓް ޓްރޭނިން ސްކޫލު ހިންގުމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ނައިބު ރައީސް ފައިސަލް ނަސީމު ބައިވެރިވެވަޑައިގެން ލ. ގަމުގައި ބޭއްވި ރަސްމިއްޔާތެއްގައި އައިއޭއެސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. އޭއައިއޭގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ.
އައިއޭއެސް އިން ބުނީ، މި އެއްބަސްވުމުގެ ދަށުން އައްޑޫ އެއާޕޯޓުގައި ހުރި ހެނގަރާއި އޮފީސް އިމާރާތެއް ފްލައިޓް ޓްރެއިނިން ސްކޫލުގެ ބޭނުމަށް ކުއްޔަށް ހިފާނެ ކަމަށެވެ.
ރާއްޖޭގައި ފްލައިން ސްކޫލެއް ހިންގަން ގައުމީ ޔުނިވާސިޓީ އާއި އައިއޭއެސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މިމަހުގެ 14 ވަނަ ދުވަހު އެވެ. މި އެއްބަސްވުމުގެ ދަށުން ހިންގާ ފްލައިންގް ސްކޫލް ހިންގުމަށް ހަމަޖެހިފައި ވަނީ ޗެކް ރިޕަބްލިކްގެ ތަޖުރިބާކާރު ފްލައިން ސްކޫލަކުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިހާދު ވިދާޅުވީ، ސްކޫލުގެ ފުރަތަމަ ބެޗުގައި 30 ދަރިވަރުންނަށް ކިޔަވައި ދެވޭނެ ކަމަށާއި އަދި އަހަރެއްގެ ތެރޭގައި އެ ސްކޫލުގައި 80 ދަރިވަރުންނަށް ކިޔަވައިދެވޭނެ ކަމަށެވެ.
އެ ސްކޫލުގެ ކިޔެވުން މިއަހަރުގެ ފަހުކޮޅު ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި ސްކޫލަށް ކުދިން ވެއްދުމުގައި އެކި ސަބަބުތަކާ ހެދި ޕައިލެޓް ޓްރޭނިން މެދުކެނޑުނު ދަރިވަރުންނަށް އިސްކަން ދޭން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު