ސްކޮލާޝިޕްގެ އިތުރު ފުރުސަތުތަކާއެކު އަންނަ އަހަރުގެ ޖެނުއަރީ މަހު އެވިޑް ކޮލެޖުން ހިންގުމަށް ހަމަޖައްސާފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ ކޮލެޖުން މިއަދު ހުޅުވާލައިފިއެވެ.
ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެވިޑް ކޮލެޖުން ހުޅުވާލާފައިވަނީ މިއަދު ހެނދުނު އެ ކޮލެޖުގެ ޑައިމަންޑް ކެމްޕަސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ކޮލެޖުން ބުނީ، މި ރަސްމިއްޔާތުގައި އެވިޑް ކޮލެޖުގެ ސީނިއާ މެނޭޖްމެންޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އެގޮތުން ޖެނުއަރީ އިންޓޭކް ރަސްމީ ގޮތުން ހުޅުވައިދެއްވައި، ޖެނުއަރީ އިންޓޭކަށް ހާއްސަކޮށްގެން ހުޅުވާލި ނައިބު ރަޝާދު ސްކޮލާޝިޕް ފުރުސަތުތައް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދު އިއުލާނު ކުރެއްވި ކަމަށެވެ.
އޭގެ އިތުރުން މިފަހަރު އެ ކޮލެޖުން ޖުމުލަ 50 ސްކޮލާޝިޕްގެ ފުރުސަތަށް ހުޅުވާލާފައިވާ ކަމަށާއި، އޭގެތެރެއިން 30 ސްކޮލާޝިޕް ފުރުސަތު ހާއްސަކޮށްފައި ވަނީ ހުވަދު އަތޮޅުގައި ހުންނަ އެވިޑް ކޮލެޖްގެ ތިނަދޫ ކެމްޕަހުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ކަމަށެވެ. އެއީ މާސްޓާސްގެ ޕްރޮގްރާމްތަކަށް 5 ފުރުސަތާއި ޑިޕްލޮމާގެ ކޯސްތަކަށް 10 ފުރުސަތުގެ އިތުރުން ފައުންޑޭޝަން އަށް 15 ފުރުސަތު ކަމަށެވެ. އަދި 20 ސްކޮލާޝިޕް ފުރުސަތު ހާއްސަކޮށްފައިވަނީ މާލޭގައި ހުންނަ ޑައިމަންޑް ކެމްޕަހުގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށް ކަމަށާއި، އެއީ މާސްޓާސްގެ ޕްރޮގްރާމްތަަކަށް 5 ފުރުސަތާއި، ޑިޕްލޮމާގެ ކޯސްތަކަށް 5 ފުރުސަތުގެ އިތުރުން ފައުންޑޭޝަންއަށް 10 ފުރުސަތު ކަމަށެވެ.
2021 ވަނައަހަރުގެ ޖެނުއަރީ އިންޓޭކާއި ސްކޮލާޝިޕް ފުރުސަތުތަކުގެ މައުލޫމާތު ހޯއްދެވުމަށް މާލޭގައި ހުންނަ ޑައިމަންޑް ކެމްޕަހަށް ނަމަ 3006768 ނަންބަރަށް އަދި ގދ ތިނަދޫ ކެމްޕަހަށް ނަމަ 6846768 ނަންބަރަށް ގުޅުއްވުމަށް އެވިޑް ކޮލެޖުން އެދިފައިވެއެވެ.
އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި ހިންގާ އަމިއްލަ އެންމެ ބޮޑު އެއް ކޮލެޖެވެ. މިހާރުވެސް އެ ކޮލެޖުގެ އެކިއެކި ކޯސްތަކުގައި 2500 އަށްވުރެ ގިނަ ދަރިވަރުން މަތީ ތައުލީމު ހާސިލުކުރަމުން އެބަގެންދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު