"ނާސިން އިން ދަ މޯލްޑިވްސް" ފޯރަމް، ބޮޑު ތަރުހީބަކާއެކު މިއަދު ނިންމާލައިފިއެވެ.

އެ ފޯރަމަކީ ކޮމިއުނިޓީ ނާސް ވޮލަންޓިއާސް (ސީއެންވީ)ގެ ފަރާތުން މީރުމާ އެވެންޓްސްގައި އިއްޔެ ހެނދުނު 9:00ގައި ފަށައިގެން ކުރިއަށް ގެންދިޔަ ފޯރަމެވެ. މިއަދު އެ ފޯރަމް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ. އޭގެ އިތުރުން ކަމާ ގުޅުންހުރި ދާއިރާތަކުގެ އިސްބޭފުޅުންވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ދެ ދުވަހަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ފޯރަމުގައި ހެލްތު މިނިސްޓްރީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ސްކޫލް އޮފް ނާސިންގް އެންޑް މިޑްވައިފަރީ ކައުންސިލާއި މޯލްޑިވިއަން ނާސަސް އެސޯސިއޭޝަނުގެ އިތުރުން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ބައިވެރިވިއެވެ. މި ފޯރަމުގައި 100 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވި ކަމަށް ސީއެންވީން މައުލޫމާތުދެއެވެ.

އެ ފޯރަމުގެ ފުރަތަމަ ދުވަހު ނާސިން ޕޮލިސީސް، އެޑިއުކޭޝަން އަދި ސާވިސްގެ މައްޗަށް އަމާޒުކޮށްގެން ތައްޔާރުކުރި ޕްރެޒެންޓޭޝަންތަކަށް ފަހު، ޑްރާފްޓް އެކްޝަން ޕްލޭނެއް ރިވިއު ކުރިއެވެ. އަދި ބައްދަލުވުމުގެ ދެވަނަ ދުވަހު ޑްރާފްޓް އެކްޝަން ޕްލޭން ބައްދަލުވުމުގެ ބައިވެރިންގެ ފަރާތުން ރިވިއު ކުރުމަށްފަހު ހުށަހެޅިއެވެ.

ސީއެންވީގެ މީޑިއާ ކޯޑިނޭޓަރު މަރިޔަމް ނިޔާން މިއަދު "ވަން" އަށް ވިދާޅުވީ، މި ފޯރަމް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ނަރުހުންގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި، އެ ދާއިރާ ހަރުދަނާކުރުމަށް ފާހަގަކުރެވިފައިވާ ކަންކަމާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުން ކަމަށެވެ.

މި ފޯރަމް ނިންމާލާފައިވަނީ ވަރަށް ކާމިޔާބުކަމާއެކު މަގުސަދު ހާސިލުވެގެން ކަމަށާއި އެގޮތުން ސީއެންވީގެ ފަރާތުން ކަމާބެހޭ މުއައްސަސާތަކާ ހިއްސާކުރި ކަންތައްތަކަކީ އެހާ ފަސޭހައިން ކުރެވޭނެ ކަންތައްތަކަށް ނުވި ނަމަވެސް، އެކަންކަމަށް އަލިމަގެއް ފެނިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ނަރުހުންގެ މަސައްކަތް ހަރުދަނާކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނިޔާން ވިދާޅުވީ ކޮވިޑް ޕެންޑަމިކްގެ ތެރޭގައި އަތޮޅުތެރޭގައާއި، މާލޭގެ އެކި ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ނަރުހުންނާއި އާންމު ފަރާތްތަކާއެކު އެ ފޯރަމްގެ ތެރެއިން ބޭއްވި ކޮންމެ ބައްދަލުވުމެއްގައިވެސް ނަރުހުންގެ ހިދުމަތްތައް ރަނގަޅުކުރަން ހުރި ވަރަށް ގިނަ ކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެ ހުރިހާ ބައްދަލުވުންތަކުން ފާހަގަކުރެވުނު ކަންތައްތައް ކަމާ ބެހޭ އެންމެހާ ފަރާތްތަކަށްވެސް އަޑު އިއްވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ސީއެންވީގެ ފަރާތުން ނިންމާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެ ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު ނަސީމް ވަނީ ރާއްޖޭގައި މަސައްކަތްކުރާ ދިވެހި ނަރުހުންގެ އަދަދު މަދުކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ފާއިތުވި ހަތަރު އަހަރަށް ބަލާއިރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ކޮންމެ އަހަރަކުވެސް 3000 އަށްވުރެ ގިނަ ދަރިވަރުން ނަރުސް ކަމަށް ތަމްރީނުކުރެވޭ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ހިދުމަތުގައި ދެމިހުންނަނީ މަދު އަދަދެއްގެ ނަރުހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ކުރިމަތިވަނީ ކޮން ސަބަބުތަކަކާ ހެދިތޯ، ސްކޫލް އޮފް ނާސިންއާއި މިނިސްޓްރީން އިތުރަށް ބަލައި ދިރާސާކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ހިދުމަތުގައި މިވަގުތު 2913 ނަރުހުން ތިބި ނަމަވެސް، މިއީ ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ އެހެނިހެން ހިދުމަތްތެރީންގެ 50 ޕަސެންޓަށްވުރެ ވެސް މަތީ އަދަދެއް ކަމަށެވެ. އޭގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ކަމަކީ މިހާ ހިސާބަށް އައި އިރު، 42 ޕަސެންޓަކީ އަދިވެސް ރާއްޖޭން ބޭރުގެ މުވައްޒަފުން ކަމަށާއި އަދި ދިވެހި ނަރުހުންގެ އަދަދަކީ އެންމެ އަށް ޕަސެންޓް ކަމަށެވެ.

މިކަން މިގޮތަށް ދިމާވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ކުރާ މަސައްކަތާއި ނަގާ ރިސްކާއި އަޅައި ބަލާއިރު ނަރުހުންނަށް ލިބެން ޖެހޭ ރައްކާތެރިކަން ނުދެވުމާއި، ކުރާ މަސައްކަތާ އެކަށޭނަ އުޖޫރައެއް ނުލިބުމާއި އަދި ނަރުހުންގެ މަސައްކަތް ބަލައިގަނެ އަގުވަޒަން ނުކުރެވުން ހިމެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.