ނަރުހުން ނަގާ ރިސްކާ އަޅައި ބަލާއިރު އެކަށީގެންވާ ރައްކާތެރިކަމާއި އުޖޫރައެއް ނުލިބޭ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ މިއަދު މީރުމާ އިވެންޓްސްގައި ބޭއްވި "ނާސިން އިން ދަ މޯލްޑިވްސް" ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ހިދުމަތުގައި މިވަގުތު 2913 ނަރުހުން ތިބި ނަމަވެސް، މިއީ ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ އެހެނިހެން ހިދުމަތްތެރީންގެ 50 ޕަސެންޓަށްވުރެ ވެސް މަތީ އަދަދެއް ކަމަށެވެ. އޭގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ކަމަކީ މިހާ ހިސާބަށް އައި އިރު، 42 ޕަސެންޓަކީ އަދިވެސް ރާއްޖޭން ބޭރުގެ މުވައްޒަފުން ކަމަށާއި އަދި ދިވެހި ނަރުހުންގެ އަދަދަކީ އެންމެ އަށް ޕަސެންޓް ކަމަށެވެ.
މިކަން މިގޮތަށް ދިމާވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ކުރާ މަސައްކަތާއި ނަގާ ރިސްކާއި އަޅައި ބަލާއިރު ނަރުހުންނަށް ލިބެން ޖެހޭ ރައްކާތެރިކަން ނުދެވުމާއި، ކުރާ މަސައްކަތާ އެކަށޭނަ އުޖޫރައެއް ނުލިބުމާއި އަދި ނަރުހުންގެ މަސައްކަތް ބަލައިގަނެ އަގުވަޒަން ނުކުރެވުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަރުހުންގެ ހިދުމަތަކީ ސީދާ ބަލިމީހާއާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ބަލިމީހާއަށް ބޭނުންވާ ނަރުހުންގެ މުހިންމުކަން އެންމެ ބޮޑަށް އިހުސާސްކުރެވިގެން ދިޔައީ މިހާރު ކުރިމަތިވެފައިވާ ކޮވިޑް 19 ގެ ހާލަތާ ގުޅިގެން ދުނިޔޭގެ އެހެން ގައުމުތަކެކޭވެސް އެއްފަދައިން، ރާއްޖޭގައިވެސް ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައި ނަރުހުންގެ އަދަދު ބޭނުންވާ މިންވަރަށްވުރެ މަދުވެފައިވާތީ ކަމަށެވެ.
ކޮވިޑް 19އާ ގުޅިގެން ދުނިޔޭގެ ގައުމުތައް ފުރަބަންދުކޮށްފައިވުމުން ރާއްޖެއަށް ބޭރުން ނަރުހުން ގެނައުމުގައިވެސް ގޮންޖެހުންތައް ކުރިމަތިވި ކަމަށާއި އެގޮތުން ރާއްޖޭގައި ނަރުހުންގެ އަދަދު މަދުވުމުން ސިއްހީ ހިދުމަތްތެރިންގެ އަދަދު އިތުރުކުރަން ޖެހޭކަން އެނގިގެން ދިޔަ ކަމަށެވެ. އަދި މިފަދަ ބޮޑު ކާރިސާއެއް މެނޭޖުކުރުމަށްޓަކައި ރެޔާއި ދުވާލު ވަރުބަލިކަމެއް ނެތި ހިދުމަތްކޮށްދެއްވި ހީވާގި ނަރުހުންނަށް ވަރަށް ހާއްސަ ޝުކުރެއް މިނިސްޓަރު އަދާކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ފާއިތުވި ހަތަރު އަހަރަށް ބަލާއިރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ކޮންމެ އަހަރަކުވެސް 3000 އަށްވުރެ ގިނަ ދަރިވަރުން ނަރުސް ކަމަށް ތަމްރީނުކުރެވޭ ކަމަށާއި ދަސްވެނިވާ ދަރިވަރުންގެ ތެރެއިން ބައެއް ނަރުހުންނަކީ މިހާރުވެސް ހިދުމަތުގައި ތިބި ނަރުހުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ނަމަވެސް އަހަރުން އަހަރަށް ތަމްރީނުވެގެން ނުކުންނަ ނަރުހުންގެ އަދަދަށް ބަލާއިރު، ހިދުމަތްދޭ ތަންތަނުގައި މި އަދަދުތައް ތަމްސީލުވެގެންދާ މިންވަރު ވަރަށްވެސް މަދު ކަމަށާއި، އަދި މިކަން މިގޮތަށް ކުރިމަތިވަނީ ކޮން ސަބަބުތަކަކާ ހެދިތޯ، ސްކޫލް އޮފް ނާސިންއާއި މިނިސްޓްރީން އިތުރަށް ބަލައި ދިރާސާކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު