ޑުބާއީގެ ޝާރްޖާގައި ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ގަދަ 12 ޓީމުގެ ބުރުގައި ޕާކިސްތާނުން ކުޅުނު ދެވަނަ މެޗުގައި ނިއުޒީލެންޑްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ޕާކިސްތާނުގެ އުކުންތެރިން ވިދާލި ފޯރިގަދަ މެޗުން އެޓީމު ނިއުޒީލެންޑްގެ މައްޗަށް ކުރި ހޯދީ ފަސް ވިކެޓުންނެވެ. ޕާކިސްތާނުން އިއްޔެގެ މެޗަށް ނުކުތީ ފުރަތަމަ މެޗުގައި 10 ވިކެޓުން އިންޑިއާ ބަލިކޮށްފައި އޮވެގެންނެވެ. ފޯމް ރަނގަޅުކޮށް އޮތް ނިއުޒީލެންޑަށް އިއްޔެގެ މެޗަކީ އެޓީމުން ގަދަ 12 ޓީމުގެ ބުރުގެ ގްރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗެވެ.

އިއްޔެގެ މެޗުގައި ފުރަތަމަ ކުޅެން ނުކުތީ ނިއުޒީލެންޑެވެ. އެޓީމުން ކުޅެން ނުކުމެ 20 އޯވަރު ހަމަވިއިރު، އަށް މީހުން ނުބައިވެގެން ހެދުނީ 134 ލަނޑެވެ. އެ ސްކޯގައި ނިއުޒީލެންޑް ހިފަހައްޓާލުމަށް ޕާކިސްތާނުގެ އުކުންތެރިން ދެއްކި ކުޅުން ފާހަގަވިއެވެ. ހަރިސް ރައޫފް ހަތަރު ވިކެޓު ނެގިއިރު، އޭނާގެ އޯވަރުތަކުން ނިއުޒީލެންޑަށް ހެދުނީ އެންމެ 22 ލަނޑެވެ. ހަރިސްގެ އިތުރުން ޝާހީން އަފްރީދީވެސް ވަނީ ރަނގަޅު އޯވަރުތަކެއްގައި އުކާފައެވެ.

ޕާކިސްތާނުން ކުޅެން އަރައި، ޓީމަށް އެންމެ ތަފާތު ކުޅުމެއް ދެއްކީ ޝޮއައިބް މަލިކާއި އާސިފް އަލީގެ ޕާޓްނާޝިޕުންނެވެ. އާސިފް މެޗަށް ނުކުތްއިރު ޕާކިސްތާނަށް އޮތީ 31 ބޯޅައިން 48 ލަނޑު ހަދަން މަޖުބޫރު ވެފައެވެ. އާސިފު އެއް އޯވަރުގެ ތެރޭގައި ތިން ފަހަރު ހަޔަކަށް ޖެހުމުގެ އިތުރުން ޝޮއައިބްގެ ތަޖުރިބާގައި އުނދަގޫ ލަނޑުތަކެއް އޭނާ ހެދިތަން ފެނިގެން ދިޔައެވެ. ޕާކިސްތާނުން ޓާގެޓް ހަމަކުރީ ބާކީ އަށް ބޯޅަ އޮއްވައެވެ. މެޗުގައި އާސިފް ވަނީ 12 ބޯޅައިން 27 ލަނޑު ހަދާފައެވެ.

ޓީ20 ވޯލްޑް ކަޕްގައި އިއްޔެ އެންމެފަހުގެ ޗެމްޕިއަން ވެސްޓް އިންޑީސް އިން ދެކުނު އެފްރިކާ އަތުން ބަލިވީ އަށް ވިކެޓުންނެވެ. މިހާތަނަށް ގަދަ 12ގެ ގްރޫޕް އޭގައި ވެސްޓް އިންޑީސް ކުޅުނު ދެމެޗުންވެސް ބަލިވެފައި އޮތުމުން، އެޓީމަށް ވަނީ ސެމީގެ އުންމީދު އެއްކޮށް ކަހަލަ ގޮތަކަށް ގެއްލިފައެވެ. އިއްޔެ މެޗުން މޮޅުވެ ޕާކިސްތާނަށް ވަނީ ސެމީއަށް ދިޔުމަށް ވަރަށް ބޮޑަށް ފުރުސަތު ފަހިވެފައެވެ.

ކްރިކެޓް ވޯލްޑް ކަޕްގައި މިއަދުވެސް ދެމެޗު އޮންނާނެއެވެ. ފުރަތަމަ މެޗުގައި އިންގްލެންޑުން ބަންގުލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އަނެއް މެޗުގައި ސްކޮޓްލޭންޑް ނުކުންނާނީ ނަންބިއާއާ ދެކޮޅަށެވެ.