ގަތަރުގައި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕް އެމްބެސެޑަރަކަށް ފުޓުބޯޅަ ލެޖެންޑް ބެކަމް ހަމަޖައްސައިފިއެވެ.

ކުރީގެ މަޝްހޫރު ފުޓުބޯޅަ ތަރި، އަދި މިހާރު އެމެރިކާ ލީގުގެ އިންޓަ މަޔާމީ އެފްސީގެ ރައީސް ބެކަމް އަށް ވޯލްޑް ކަޕްގެ އެމްބެސެޑަރުކަން ދިނީ ބޮޑު ޑީލެއްގެ ދަށުންނެވެ. ހަބަރުތައް ބުނެފައި ވަނީ 277 މިލިއަން ޑޮލަރު ލިބޭ ޑީލެއް ގަތަރުން ބެކަމް އަށް ދިނީ ވޯލްޑް ކަޕުގެ އިތުރުން ކުރިއަށް އޮތް 10 އަހަރު ދުވަހު ގަތަރު ފުޓުބޯޅަވެސް އިޝްތިހާރު ކުރުމަށް ކަމަށެވެ. ބެކަމްގެ ޑީލް އަކީ ފަހަކަށް އައިސް ފުޓްބޯޅަ ކުޅުންތެރިޔަކު ސޮއިކުރި އެންމެ އަގުބޮޑު އެމްބެސަޑާޝިޕް އެއްބަސްވުމެވެ.

އެ ޑީލް އާ އެކު އަންނަ އަހަރުގެ ވޯލްޑް ކަޕްގެ "ފޭސް"އަކަށް ގަތަރުން ބޭނުން ކުރާނީ ބެކަމްއެވެ. އެފަދަ ގޮތަކަށް ބެކަމް ބޭނުން ކުރަން ގަތަރުން ނިންމުމާއެކު އިންސާނީ ހައްގުތަކާ ބެހޭ އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ބެކަމްގެ ކިބައިން ހާއްސަ އެދުމެއް އެދިފައެވެ. އެ ޖަމިއްޔާއިން ބުނެފައި ވަނީ ގަތަރުގެ އިންސާނީ ހާލަތު އޮތީ ގޯސްކޮށް ކަމަށާއި، ހާއްސަކޮށް އެހެން ގައުމުތަކުން އެގައުމަށް ގެންދާ މަސައްކަތްތެރިންނަށް އެކިއެކި ގޮތްގޮތުން އަނިޔާ ކުރުން ގަތަރުގައި ދަނީ އިތުރުވަމުން ކަމަށެވެ. އެކަންކަމާ ގުޅިގެން ވާހަކަ ދެއްކުމަށް އެމްނެސްޓީން ވަނީ ބެކަމްގެ ކިބައިން އެދިފައެވެ.

އެމްނެސްޓީގެ ސީއީއޯ ސާޗާ ޑެޝްމުކް ބުނެފައި ވަނީ ގަތަރުގެ އިންސާނީ ހައްގުތަކުގެ ރެކޯޑު ރަނގަޅު ނޫން ކަމަށާއި، އެގައުމުގައި ޒަމާން ވަންދެން ހިޖުރަ ކުރާ މަސައްކަތްތެރިންނަށް ތަފާތުކުރުންތައް ގެންގުޅޭ ކަމަށާއި، ފާޅުގައި ކަންކަމުގައި ބަސް ބުނުމަށް އަދިވެސް ޖާގަ ނުދޭ ކަމަށެވެ. ޑެޝްމުކް އިތުރަށް ބުނެފައި ވަނީ ފުޓުބޯޅައިގެ ބޮޑު އިވެންޓަކަށް ބެކަމް އާނއެކޭ ބުނަމަކީ ހައިރާން ވާން ޖެހޭ ކަމެއް ނޫން ނަމަވެސް ގަތަރުގައި ހިންގާ ލާއިންސާނީ ކަންކަމަށް ބެކަމްއަށް ވާހަކަ ދެކެވެން ޖެހޭ ކަމަށެވެ.

ވޯލްޑް ކަޕް ފިނި މޫސުމުގައި ބޭއްވުމަށް ގަތަރުން އަންނަނީ ބުރަކޮށް މަސައްކަތްތަކެއް ކުރަމުންނެވެ. ގިނަ އަދަދެއްގެ މަސައްކަތްތެރިން އެހެން ގައުމުތަކުން ގެންގޮސްގެން މަސައްކަތް ކުރުވަމުން އަންނައިރު، އެމްނެސްޓީން ބުނެފައި ވަނީ ގަތަރުގައި އެހެން ގައުމުތަކުގެ މަސައްކަތްތެރިން މަރުވާ އަދަދުވެސް ރަނގަޅަށް ނުބެލެހެއްޓޭ ކަމަށާއި، އެ މަރުތަކުގެ ހަގީގަތް ނޭނގި ދާ ފަހަރުވެސް ގިނަ ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން ބެކަމްގެ ފަރާތުންވެސް ވަނީ ޖަވާބު ދީފައެވެ. ބެކަމްގެ ތަރުޖަމާނާކު ބީބީސީއަށް ބުނެފައި ވަނީ ބެކަމް އަބަދުވެސް ގަތަރުގެ ފުޓުބޯޅައާ ގާތް ގުޅުމެއް ބާއްވާ ކަމަށާއި، ޕީއެސްޖީ އަށް ކުޅުނު ދުވަސްވަރުން ފެށިގެން ވެސް ބެކަމް އަންނަނީ ގަތަރު ފުޓުބޯޅައަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. ބެކަމް ގަތަރާއެކު ދިގު މުއްދަތަކަށް އެއްބަސްވީ ވޯލްޑް ކަޕާއެކު ގަތަރުގެ ފުޓުބޯޅަ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޝައުގުވެރިވެގެން ކަމަށްވެސް ތަރުޖަމާނު ބުނެފައިވެއެވެ.

ބެކަމްގެ ފަރާތުން އިތުރަށް ބުނެފައި ވަނީ ބެކަމްއަކީ އަބަދުވެސް އެކިއެކި ފަންތީގައި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ، ފުޓުބޯޅައިން ކަންކަމަށް ހައްލު ހޯދަން މަސައްކަތް ކުރާނެ ޝަހުސިއްޔަތެއް ކަމަށެވެ. ހަމަ އެގޮތަށް ގަތަރުގެ ވޯލްޑް ކަޕުންވެސް ބެކަމްގެ ފަރާތުން ފެންނާނީ އެފަދަ ކަންކަމަށް ބާރު ދޭނެ މަސައްކަތެއް ކަމަށް ތަރުޖަމާނު ފާހަގަކޮށްފައިވެއެވެ.

ގަތަރަކީ ވޯލްޑް ކަޕް ބާއްވާނެ ފުރަތަމަ މުސްލިމް ގައުމެވެ. އެގައުމުގެ ކަންކަން އެހެން ގައުމުތަކާ ކޮންމެވެސް ވަރަކަށް ތަފާތުވާނެތީ އެކަންކަން ހޯދައި ބަދަލުތައް ގެންނަން ޖެހޭނެ ކަންކަމަށް ބަދަލު ގެންނަން ޔޫއެފާއިއިން ވަނީ ފީފާ އާ ގުޅިގެން ވޯކިން ގްރޫޕެއް އެކުލަވާލައިފައެވެ.

އެ ގްރޫޕުގެ މަސައްކަތާއެކު ގަތަރުން ގިނަ ކަންތައްތަކެއްގައި ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމަށް ޔޫއެފާއިން ވޯލްޑް ކަޕްގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ޖީސް ޑި ޔޯންގް ވަނީ ބުނެފައިވެއެވެ. އެހެން ނަމަވެސް އަދިވެސް ކަންކަން ރަނގަޅު ކުރަން ހުރި ކަމަށް އެނާ ފާހަގަކޮށްފައިވާއިރު، ގަތަރުގެ ސަރުކާރުން ވަނީ އެފަދަ ހުރިހާ ކަންކަމަކަށް ހައްލު ހޯދަން ބައިނަލްއަގުވާމީ ޖަމިއްޔާތަކާއެކު މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.