ވާހަކަ

ޖޫދް - 38

1

ނީލަމް، ވާރިޝް އުޅޭ ކޮޓަރިއަށް ވަންއިރު ފެނުނު މަންޒަރަކުން ދެލޯ ބޮޑުވިއެވެ. ވާރިޝް ނިދާ އެނދުގައި ދެ ޕިއްޒާ އޮތްއިރު އެނދު ކައިރީގައި ދެ ކޯކް ފުޅި އޮތެވެ. ނީލަމްއަށް ލިބުނީ ހައިރާންކަމެކެވެ. އެހެންވިޔަސް ސުވާލުނުކޮށް އޭނާ އެތެރެއަށް ވަދެ އިށީނެވެ.

"ޕާޓީއެއްތަ؟" ނީލަމް އެހިއެވެ. "އެހާ ބޮޑު ކޮން އުފަލެއް ލިބުނީ؟"

ވާރިޝް ހިނިގަނޑެއް ޖަހާލިއެވެ. ހިތުގެ އެދުން ހާސިލުކުރުމަށް ކިތަންމެ ބޮޑު ހަރަދެއް ކުރަން ޖެހުނަސް އެކަމަށް އޭނާ ހުރީ ތައްޔާރަށެވެ.

"ހަމަ ދޮންތައާއެކު ޕިއްޒާ ކާހިތުން. މޫނުން ތި ފޮތިގަނޑު ނަގަންވީނުން" ވާރިޝް އެދުނެވެ.

"އުނހު. މި ފޮތިގަނޑު ކޮންމެހެން ނަގުވަން އުޅޭނެކަމެއް ނެތް" ނީލަމް ބުންޏެވެ. އޭނާ އިނީ ވާރިޝްދެކެ ހިތްހަމަނުޖެހިފައެވެ.

"ހިނގާ ފަށަން" ވާރިޝް ބުންޏެވެ. އެއާއެކު ނީލަމް ކޮނޑުގައި އޮތް ދަބަސް ގަޔާ ވަކިކޮށްލާފައި އެނދުގެ އެއްފަރާތުގައި ބޭއްވިއެވެ. އަދި އަތުގައި އޮތް ފޯނު ދަބަސް ކައިރީގައި ވަކިން ބޭއްވިއެވެ. އެވަގުތު ވާރިޝްގެ ކަޅި ނީލަމްގެ ފޯނަށް ދަތުރުކޮށްލިއެވެ.

"އެންމެ ފުރަތަމަ ބުނޭ މި އެއްޗެހި ގަންނަން ފައިސާ ހޯދި ތަނެއް" ނީލަމް ސުވާލު ކުރިއެވެ. ވާރިޝް ކޮންމެ ފަދަ ކަމެއް ކޮށްގެންވެސް ލާރި ހޯދަފާނެކަން އޭނާއަށް އެނގެއެވެ.

"އަހަރެން އުޅެނީ ވަޒީފާގައި އޭ. ދޮންތައަށް ނޭނގޭތަ؟" ވާރިޝް ބުންޏެވެ.

"އަހަރެންނަށް ކީއްވެ އެނގެންވީ. އަހަރެން މިއީ ދައްތައެއް ކަމަށް ގަބޫލުކޮށްގެން ދުވަހަކުވެސް ވާރިޝް ކުރާ ކަމެއްގެ ނޫނީ ކުރަން އުޅުނު ކަމެއްގެ ވާހަކަ ބުނިންތަ؟" ނީލަމް ބުންޏެވެ.

ވާރިޝް ނީލަމްއަށް ބަލައިލިއެވެ. ނީލަމްއަށް ހަރުކަށިކަން ދައްކަން އުޅުނަސް އޭނާއަށް ނުދެއްކެއެވެ. ބޮޑުވަމުން އައިއިރު ދައްތައެއް ކަމަށް އޭނާ ގަބޫލުކުރީ ނީލަމްއެވެ. އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައިވެސް ދެކެވުނީ ނީލަމްއެވެ. އެހެންނަމަވެސް ކަންތައްތައް ބަދަލުވެގެން ދިޔަގޮތުން އާއިލާއަށް ފިލަން އޭނާއަށް މަޖުބޫރުވީއެވެ. މަންމައަށް ރަނގަޅު ގޮތް ހޯދައިދޭން ގެއިން ނުކުތް ގޮތަށް އަދިވެސް އޭނާއަށް ކާމިޔާބެއް ނުވެއެވެ.

"ކޮންކަހަލަ ވަޒީފާއެއްގައި އުޅެނީ؟" އަދިވެސް ނީލަމްގެ ސުވާލުތައް ހުސްނުވެއެވެ. ވާރިޝް ހީލިއެވެ.

"މިރަށު ފިހާރައެއްގަ. ރަނގަޅު މުސާރައެއްވެސް ލިބޭ. ކޮންމެ ދުވަހަކު ހެނދުނު އަށަކުން ހަތަރަކަށް. ބައެއް ކަހަލަ މަސައްކަތްތައް ކުރަން ރޭގަނޑުވެސް ދަން. އިތުރު ސުވާލެއް ނެތިއްޔާ ހިނގާ ކާން ފަށަން. އަހަރެން ވަރަށް ބަނޑުހައި" ވާރިޝް ބުންޏެވެ. ޕިއްޒާ ފޮށީ މަތިގަނޑު ނެގުމަށްފަހު ޕިއްޒާ ފޮއްޗެއް ވަކިކޮށްލީ ޝައްކުގެ ނަޒަރަކުން ވާރިޝްގެ މޫނަށް ބަލަހައްޓައިގެން އިނދެފައެވެ. އެހެން އިނދެފައި ކުއްލިއަކަށް ނީލަމްގެ އަތުގައި އޮތް ޕިއްޒާ ފޮތި ވާރިޝް ޖަހައިގަތެވެ. ހިނިގަނޑަކާއެކު އޭނާ ނީލަމް އާ ދުރަށް ދިޔައެވެ. ވާރިޝްގެ އެ އަމަލުން ނީލަމްއަށް އިނދެވުނީ ބަލަހައްޓައިގެންނެވެ. ސިކުނޑިއަށް ވެރިވެގެންދިޔަ މާޒީގެ ތެރެއިން ދުވަސްވަރެކެވެ. ގޭތެރޭގައި އެކަހަލަ އެއްޗެއް ކާއިރު ދެކުދިން ކޯޅޭ މަންޒަރު ސިފަވުމާއެކު ނީލަމްއަށް ރޮވިއްޖެއެވެ. އެވަގުތު ތަކުގައި ދެކުދިން މައިތިރިކުރަން ފަރީހާ އުޅޭ ގޮތް ހަނދާންވިއެވެ.

"ތިގެނޭ" ނީލަމް ވާރިޝް ފަހަތުން ދުއްވައިގަތެވެ.

"ކެޓް، ނަގާބަލަ ފޮށިން" ވާރިޝް ކޮޓަރި ތެރޭގައި ނީލަމްގެ އަތުގައި ނުޖެހެން ދުވަމުން ދިޔައެވެ. އެނދުމަތިން ފުންމާފައި ނީލަމް އުޅުނުއިރު ކުޑަކުއްޖެކޭ ތަފާތެއްވެސް ނެތެވެ.

"މައުސްގަނޑު" އެންމެފަހުން ވާރިޝް ލައިގެން ހުރި ޓީޝާޓުގައި ހިފާފައި ވާރިޝް ދެ ދަތްޕިލައިން ހިފަހައްޓާފައި އޮތް ޕިއްޒާ ފޮތި ނައްޓުވާލާފައި ކާލައިފިއެވެ. އެއަށްފަހު ހެމުން ހެމުން ގޮސް ކުރިން އިން ތަނުގައި އިށީނދެއްޖެއެވެ.

"ވަރުބަލިވެއްޖެ" ނީލަމް ބުންޏެވެ. ވާރިޝް މަޑުމަޑުން ހިނގާފައި ގޮސް އެނދުގައި އިށީނދެއްޖެއެވެ. އަނެއްކާވެސް ވަގު ލޮލުން އޭނާއަށް ބަލައިލެވުނީ ނީލަމްގެ ފޯނާ ދިމާލަށެވެ. އެފޯނު ނަގާނެ ގޮތަކާމެދު އޭނާ ވިސްނަމުން ދިޔައެވެ.

"ކާކުގެ ފޯނެއް އެ ރިންގުވަނީ" ރިންގެއްގެ އަޑު ކަންފަތުގައި ޖެހުމާއެކު ނީލަމް ބުންޏެވެ.

"އަހަރެންގެ. އަޅެ. ރެސްޓޯރަންޓުން އެގުޅަނީ. މީގެ ލާރި ނުފޮނުވާތީ" ވާރިޝް ބުންޏެވެ. ހައިރާންވެފައި ނީލަމް ވާރިޝްއަށް ބަލައިލިއެވެ.

"ދޮންތަ ފޯނުގަ ޑޭޓާ އެބަހުރިތަ؟ އަހަރެން ފޯނަށް ޑޭޓާ އެޅޭނީ ފިހާރައަށް ގޮސްފައި" ވާރިޝް ބުންޏެވެ.

"މިއޮތީ" ނީލަމް ބުންޏެވެ.

"ހޮޓްސް ސްޕޮޓް ދޫކުރަން އެބަ އިރުކޮޅަކަށް" ވާރިޝް ބުންޏެވެ. ނީލަމްގެ ފޯނު މިހާރު އޮތީ އޭނާގެ އަތުގައެވެ. އަންބަރްގެ ނަމްބަރު އޭނާ ނީލަމްގެ ފޯނުން ނެގިއެވެ. އެއަށްފަހު ނީލަމް އަތަށް ފޯނު ދިނެވެ.

ފާހާނާއިން ނުކުމެގެން އައިސް އަންބަރް އެރީ އެނދަށެވެ. މެންދުރު ކައިގެން ކޮޓަރިތަކަށް ވަންގޮތަށް އެއްވެސް މީހަކު ނުނިކުމެއެވެ. އެހެންކަމުން ދާނެ ވަކި ތަނެއް ނެތުމުން އޭނާވެސް ކޮޓަރިން ނުކުންނަން ބޭނުންނުވިއެވެ. ފޯނަށް ބަލަހައްޓައިގެން އޮވެފައި ނިދި އަންނަ ކަހަލަ ގޮތެއް ވުމުން އެއްފަރާތަކަށް ޖެހިލާފައި ފޯނު، ބޯދަށުގައި އޮތް ބާލީސް ކައިރީގައި ބޭއްވިއެވެ. ކޮޓަރި ދޮރުހުޅުވާލި އަޑަށް އޭނާ ސިހުނެވެ. ކުޑަކޮށް ލޯ ހުޅުވަލާފައި ބަލައިލިއިރު ކޮޓަރި ތެރެއިން އޭނާއަށް ފެނުނީ ޖޫދެވެ. އަންބަރް ނިދާފަތޯ ޔަގީންކޮށްލުމަށް ޖޫދު އެނދާ ކައިރިވެލިއެވެ. އެކަން އެނގި އަންބަރް އޮތީ ހަށިގަނޑަށް ގުޑުމެއްވެސް އަރުވާނުލައެވެ. ލައިގެން ހުރި ގަމީސް ބާލާފައި ސޯފާމަތީގައި ބާއްވާފައި ޖޫދު ވަނީ ފާހާނާއަށެވެ. އެކަން އެނގުމުން އަންބަރް އަވަހަށް އަނެއްފަރާތަށް އެނބުރުނެވެ. އިރުކޮޅެއް ފަހުން ޖޫދު ފާހާނައިން ނުކުތީވެސް އަންބަރް އެހެން އޮށްވައެވެ. ލޯގަނޑު ކުރިމަތީގައި ހުރެ ތައްޔާރުވަމުން ދިޔަ ޖޫދަށް ލޯ ކުޑަކޮށްލާފައި އަންބަރް ބަލައިލިއެވެ. އެހާ ރީތިކޮށް ޖޫދުގެ ހާމައަށް ހުރި ހަށިގަނޑު އަންބަރަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. މަސްޖަހާލާފައިވާ ހަށިގަނޑަށް މިހާރު މީހަކު މަޖަލަކަށްވެސް އެއްޗެއް ބުނާވަރެއް ނުވެއެވެ. އުފުލިފައިވާ މޭމައްޗަށް އަންބަރްގެ ނަޒަރު ހުއްޓުނެވެ. ތިރިން ލައިގެން ހުރި ޖީންސުގެ ރަބަރަށް ވުރެ މަތިން ފެންނަން ހުރި ބޮކްސާގެ ރަބަރުގަނޑާ ހަމައަށް އަންބަރްގެ ނަޒަރު ދަތުރުކޮށްލިއެވެ. އެވަގުތު އޭނާގެ ހިތަށް އެރިއެވެ. އެއީ ހަމަ ޖޫދު ހެއްޔެވެ؟ ހަމަ އެހިނދުގައި ޖޫދު އާ ގުޅުވައިގެން އޭނާ ކުރި މަލާމާތްތައްވެސް ހިތަށް އަރައިފިއެވެ. ދެލޯ ކަރުނުން ފުރުނީ އެހުރިހާ ކަމެއް އެއްފަހަރާ ހިތަށް ވެރިވެގަތުމުންނެވެ. ބޮލުން ޓީޝާޓް ވައްޓާލުމާއެކު އަންބަރް ދެލޯ މަރައިފިއެވެ. އޭނާ ހޭލާ އޮތްކަން ޖޫދަށް އެނގެން އޭނާ ބޭނުމެއް ނުވެއެވެ.

ޖޫދު ނުކުމެގެން ދިޔަކަން އެނގުމާއެކު އަންބަރް ތެދުވެ އެނދުގައި އިށީނދެއްޖެއެވެ. ހެޑްބޯޑުގައި ލެނގިލާފައި ދެކަކޫ ގަޔާ ކައިރިކޮށްލާފައި ކަކުލުގައި ދެއަތް އަޅުވާލައިފިއެވެ. ބޯ ފަހަތަށް ގެންގޮސް ހެޑްބޯޑުގައި އަޅުވާލުމާއެކު ވިސްނުންތަކެއްގެ ތެރެއަށް އޭނާ ގެނބިއްޖެއެވެ. ކައިވެނި ކުރީ އެކުގައި އުޅެން ބޭނުންވާތީއެއް ނޫނެވެ. ލޯބިވެރިޔާގެ ބަސްއަހައިގެން ކުށެއް ނެތް ބައެއްގެ ދިރިއުޅުން ހަލާކުކޮށްލަން އެއްބަސްވެގެނެވެ. އެހެންނަމަވެސް މިހާރު މަޑުމަޑުން އޭނާގެ ވިސްނުން ބަދަލުވާން ފަށައިފިއެވެ. ވާރިޝްގެ މަކަރުވެރިކަން އޭނާ ބަދަލުވާން މަޖުބޫރު ކުރުވައިފިއެވެ. ދިރިއުޅުން ރޫޅާލާފައި ދިޔުމުގެ ވިސްނުމެއް މިހާރު އޭނާގެ ނެތެވެ. އަމުދުން ވާރިޝް ފެންނަ ހިސާބަށް ދާން އެއްގޮތަކަށްވެސް ނޭދެއެވެ.

ކައިރީގައި އޮތް ފޯނު ރިންގުވުމާއެކު އަންބަރް ސިހުނެވެ. ފޯނަށް އަރާފައި އިނީ ނުދަންނަ ނަމްބަރެކެވެ. އެ ކޯލު މިސްވަންދެން ބަލަހައްޓައިގެން އިނދެފައި ފޯނު އޮތް ތަނުގައި ބޭއްވިއެވެ. އިރުކޮޅެއް ނުވަނީސް އަނެއްކާވެސް އެ ނަމްބަރުން ގުޅަން ފަށައިފިއެވެ. ފޯނަށް ބަލަހައްޓައިގެން އިނދެފައި އޭނާ ފޯނު ނަގާފައި ކަންފަތުގައި ޖަހައިފިއެވެ.

"ހެލޯ ޕްރިންސަސް" ވާރިޝްގެ އަޑު ކަންފަތުގައި ޖެހުމާއެކު އަންބަރް ތެޅިގަތެވެ. އެނދުންވެސް ތިރިއަށް ފުންމާލެވިއްޖެއެވެ. އެހާ އަވަހަށް ފޯނު ނިވާލައިފިއެވެ. ކޮޓަރީގައި ދެކޮޅަށް ހިނގެން ފެށުނީ ހާސްވީވަރުންނެވެ. ހިތުގައި އެތައް ސުވާލުތަކެއް އުފެދިއްޖެއެވެ. ވާރިޝްއަށް އަހަރެންގެ ނަމްބަރު ލިބުނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ ނަމްބަރު ދެވުނީ އަހަރެންނަށް ހެއްޔެވެ؟ ޔަގީނުންވެސް ދެން ވާރިޝްގެ އުނދަގުލުން ސަލާމަތެއް ނުވެވޭނެއެވެ.

ނީލަމް ދެވަނަ ބަޔަށް އެރީ އަލިޝްބާގެ ހަބަރެއް ނުވާތާ ދެތިން ދުވަސްވުމުންނެވެ. ވަގުތަކީ ހަވީރުގެ ވަގުތެވެ. އޭނާ އެބަޔަށް އެރިއިރު ސިޓިން ރޫމުގައި ޝަމްސު އިނެވެ. ނީލަމް ފެނުމާއެކު ސައިބޯން ދާށޭ ބުނެފިއެވެ. ނޫނެކޭ ނުބުނަންވެގެން އެގެއިން އަމިއްލައަށް ކޮފީތައްޓެއް ގިރައިގެން ވަނީ އަލިޝްބާގެ ކޮޓަރިއަށެވެ. އެނދުގައި ފޯނަށް ބަލަހައްޓައިގެން އޮތް އަލިޝްބާއަށް ނީލަމް ފެނުމާއެކު ހީލާފައި ތެދުވެއްޖެއެވެ.

"ނީލުތަ؟ ސޮރީ. އަހަރެންގެ ހަބަރެއްނުވާތީ ދޯ" އަލިޝްބާ ބުންޏެވެ.

"

އާނ، އަންނަންވާނެއްނު. ތިނޫނީ އަހަރެންގެ ހުރީ ކާކު؟" ނީލަމް އެހެން ބުނުމާއެކު އަލިޝްބާ ދެރަވެއްޖެއެވެ. ހިތަށް ވީ އެހެންކަހަލަ ގޮތެކެވެ.

"އާދެބަލަ އިށީންނަން. ދައްކަބަލަ ތިކޮފީ ތަށި" ނީލަމް ކައިރިއަށް އައުމާއެކު ކޮފީތަށި އަތުލާފައި ނޭފަތާ ކައިރިކޮށް އެތެރެއަށް ނޭފަތް ދަމާލައިފިއެވެ. "މްމްމް..... ހާދަ މީރު ވަހެކޭ" އަލިޝްބާ ބުންޏެވެ. ނީލަމް ކައިރިއަށް ހިނިއައެވެ. މާބަނޑުވުމުން އެކި މީހުންނަށް މީރުވަސް ދުވާނީ އެކި އެއްޗިހިންނެވެ.

"ދެން ތިގެނޭ. ޝަމްސުދައްތަ ސައިބޯށޭ ބުނީމަ އެވަރަކުން ކޮފީ ހަދައިގެން" ނީލަމް އަތް ދިއްކޮށްލުމާއެކު އަލިޝްބާ ކޮފީތަށި ހިފައިގެން ދުރަށް ޖެހިލައިފިއެވެ. ނީލަމް ކިޔާ އެއްޗަކަށް ނުބަލާ އޭނާ ދިޔައީ ކޮފީތަށިން ވަސް ބަލަމުންނެވެ.

"ނީލޫ މަށަށް ކަމެއް ކޮށްދީބަލަ" ކޮފީތަށި ނީލަމް އަތަށް ދެމުން އަލިޝްބާ ބުންޏެވެ.

"ބުނޭ" ކޮފީ ތަށިން ކޯވަރެއް ބޯލާފައި ނީލަމް ބުންޏެވެ.

"މަ ގޮވައިގެން ހިނގާބަލަ ތިގޭ މަސްކަނޑާ ތަނަށް" އަލިޝްބާ ބުންޏެވެ. ނީލަމްއަށް ހެވުނެވެ.

"ޗީޑި. ލިބާއަށް މީރު ވަސް ދުވިޔަސް އެހެން މީހުންނަށް ނުބައި ވަހޭ ދުވަނީ" ނީލަމް ބުންޏެވެ.

ޖޫދު ކޮޓަރިއަށް ވަންއިރު އަންބަރް ފެންނަން ނެތެވެ. އެހެންނަމަވެސް ފޯނު އެނދުގައި އޮތެވެ. ފޯނުގައި ހުރެ ވަދެގެން އައިސް ޖޫދު ހުއްޓުނީ އެނދު ކައިރީގައެވެ.

"ފާހާނައިގައި ވީ" ޖޫދު ބުންޏެވެ. އިރުކޮޅަކުން އޭނާ ފޯނު ބާއްވާފައި ގޮސް ލައިގެން ހުރި ހެދުން ބަދަލުކުރިއެވެ. އެއަށްފަހު އަންބަރް ބޭސްކެއިތޯ ޔަގީން ކުރުމަށް ބޭސްކާޑުތައް ނަގައިގެން ބެލިއެވެ. ޒަހާ އާ ބައްދަލުކުރުމަށް އެކޮޓަރިއަށް ދާން އުޅެފައި އަންބަރް ނުކުންނަންދެން މަޑުކޮށްލިއެވެ. ފޯނު ހުޅުވައިގެން ސޯފާގައި އިނދެފައި އޭނާ ބަލައިލީ ފަހާނާގެ ތަންޑު ނެއްޓުނު އަޑަށެވެ. މަޑު ފިޔާތޮށި ކުލައިގެ ތުވާއްޔެއް އިސްތަށިގަނޑުގައި އޮޅާލައިގެން ނުކުތް އަންބަރް ފެނުމުން ޖޫދު އަވަސް އަވަހަށް އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލިއެވެ. ތިރިން އަނދެގެން ހުރި ތުވާލި ހުރީ ކަކުލަށް ވުރެ ކުޑަތަންކޮޅެއް މައްޗަށެވެ. އޭނާ އެހެން ހުއްޓައި ޖޫދަށް ފެނުމުން ރަކިވިއެވެ. އަލުން ފާހާނާއަށް ވަންނަންވެސް ނުކެރުނެވެ. ކުރިއަށް ހިނގައިގަންނަންވެސް ނުކެރިފައި ފާހާނާ ދޮރު ކައިރީގައި މަޑުކޮށްލައިގެން އޭނާ ހުއްޓެވެ.

"މަންމަ ވަރަށް ގުޅި. އިބާ ފޯނު ނިވާލާފައި އޮތީމަ" ޖޫދު ބުންޏެވެ. އަންބަރް ބަލައިލީ އެނދުގައި އޮތް ފޯނަށެވެ. ވާރިޝް ގުޅިފަހުން އޭނާ ފޯނު ނިވާލިގޮތަށް ނުހުޅުވައެވެ. އިތުރު ފުރުސަތެއް ވާރިޝްއަށް ދޭން ބޭނުންނުވާތީ ފޯނު ހުޅުވަން އޭނާ ބޭނުން ނުވީއެވެ. ފޯނު ހުޅުވައިފިކަން އެނގޭ އިރަށް ވާރިޝް ގުޅާނެކަން އޭނާއަށް ޔަގީނެވެ.

"ފޯނަށް ކަމެއްވީތަ؟" ޖޫދު ސުވާލުކުރިއެވެ. އަންބަރް އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރާލައިފިއެވެ. އެހެން ދިމާލަކަށް ބަލަން ހުރި ޖޫދަށް އަންބަރް ދެފަރާތަށް ބޯހޫރާލިކަމެއް ނޭނގެއެވެ. އަންބަރް ޖަވާބުދޭން ބޭނުންނުވާކަމަށް ހީކޮށް އިތުރަށް ސުވާލު ނުކުރެއެވެ. އޭނާ ކޮޓަރިން ނުކުމެގެން ދިޔައެވެ.

ޖޫދު ނުކުތުމުން އަންބަރް ދޮރާ ދިމާލަށް ހިނގައިގަތެވެ. ދޮރު ތަޅުލާފައި އެނބުރުނުގޮތަށް މޭގައި އަތް އަޅާލާފައި ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލައިފިއެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓިފައި އިރުކޮޅަކާ ފޯނަށް ބަލައިލައެވެ. ފޯނު ހުޅުވާކަށް އޭނާ ނުވިސްނައެވެ. އެއީވެސް ހައްލެއްނޫން ކަން އޭނާއަށް އެނގެއެވެ. އެދިޔަ ބާރު މިނުގައި އެނދު ކައިރީގައި ހުއްޓިފައި ފޯނު ނެގި ގޮތަށް ހުޅުވައިފިއެވެ. މިސްކޯލު އެލާޓްތަކާ މެސެޖްތައް ފުލުފުލުގައި އަންނަން ފަށައިފިއެވެ. މުޅިންވެސް ވާރިޝްގެ މެސެޖްތަކެވެ. ލޯބިވާ ވާހަކަ އާއި އަންބަރް ބަލިވުމުން ދެރަވެގެން އުޅުނު ވާހަކަތަކެވެ. އަންބަރް އަމިއްލައަށް މަރުވާން މަސައްކަތްކުރީ ކީއްވެގެންތޯ ވެސް އަހާފައި އޮތެވެ. އަންބަރް މަތިން ހަނދާންވާ ވާހަކަ އާއި މިހާރު އޭނާދެކެ ލޯބިނުވަނީތޯ އަހާފައި އޮތެވެ. ފޯނު ހުޅުވުމަށާއި އެންމެ ފަހަރަކުވެސް އޭނާ އާ ވާހަކަދެއްކުމަށް އެދިފައި އޮތެވެ. ކުރެވުނު ކަންތަކަށް މައާފަށް އެދިފައި އެންމެ މެސެޖެއްވެސް ނެތެވެ. އައި ރުޅިމަތީގައި ދެއަތް ތެރޭގައި އަނބަރަށް ފޯނު ފިއްތާލެވުނެވެ. ދެލޮލުން ކަރުނަ އޮހިގަތެވެ. ވާރިޝްއަކީ މި ދުނިޔެއިން އޭނާ އެންމެ ލޯބިވި އިންސާނާއެވެ. އެގޮތަށް އޭނާގެ ފައިދާ ނާޖައިޒު ގޮތުގައި ވާރިޝް ނަގަމުން ދިޔަކަން އެނގުނު ހިސާބުން އޭނާގެ ހިތްވަނީ ހަލާކުވެފައެވެ. އަލުން ވާރިޝް ދިރިއުޅުމަށް ގެނެސްގެން ދިރިއުޅުން ހަލާކުކޮށް އިތުރު ފާފަތަކެއް ކުރަން އޭނާ ބޭނުމެއް ނުވެއެވެ. ދިރިއުޅުން ކުރިއަށް ގެންދިޔުމަށް އޭނާ ހުރީ ނިންމައިގެންނެވެ.

ސޯފާގައި އިން ހާތިމް އަތަށް ފެންތަށި ދީފައި ސުމައްޔާ އިށީނީ ހާތިމްގެ ކައިރީގައެވެ. އެއް ނޭވައިން ފެންތަށި ހުސްކޮށްލުމަށްފަހު ސުމައްޔާ އަތަށް ތަށި ދީފައި ހާތިމް ފުން ނޭވައެއް ދޫކޮށްލިއެވެ.

"އަހަރެން ހިތަށް އަރާ އެމަންޖެ ގަބޫލުކުރާނެބާއޭ" ހާތިމް ބުންޏެވެ.

"ކުރާނެ. ލިބާ އަކީ އެހާ ބޯހަރު ކުއްޖެއްނޫން. އޭނަ މިދުނިޔޭން އެންމެ އިތުބާރުކުރާ މީހުންނަކީ އޭނާގެ މައިންބަފައިން" ސުމައްޔާ ބުންޏެވެ. ދެމަފިރިންގެ ނަޒަރު ހުއްޓުނީ ދޮރުން ވަދެގެން އައި މޫނުބުރުގާ އަޅައިގެން ތިބި ދެ އަންހެންކުދިންނަށެވެ. އެތަނުން އެކަކަކީ އަލިޝްބާ ކަން އެނގުނު ނަމަވެސް ދެން ހުރީ ކާކު ކަން ހާތިމްގެ ދެމަފިރިންނަށް ނޭނގުނެވެ.

"ދަރިފުޅު ކީއްވެ ތިގެއަށް ދިޔުން މަންމަމެންނަށް މަނާކުރީ. މާބަނޑުއިރުގައި ފުރަތަމަ ދުވަސްވަރު އުޅެންޖެހޭނީ ބަލައިގެން" އަލިޝްބާގެ ގައިގައި ފިރުމަމުން ސުމައްޔާ ވާހަކަދެއްކިއެވެ.

"އަޅުގަނޑު ރަނގަޅޭ މަންމާ. އެގޭ މަންމަވެސް އަޅުގަނޑު އެނދުން ތެދުވިޔަ ނުދޭ. ކުޑަކޮށް ހިނގާލަންވެގެން މަންމަމެން ކައިރީގައި ނާންނާށޭ ބުނީ. އެހެންނޫނަސް މިރަށުގައި ހުރޭތަ ހިނގާފަ ނުދެވޭހާ ދުރު ތަންތަން" އަލިޝްބާ ވާހަކަދެއްކިއެވެ. ސުމައްޔާ ހީލާފައި އަލިޝްބާ ގޮވައިގެން ގޮސް ބޭންދީ ދެމަފިރިންގެ މެދުގައި ހުރި ހުސްޖާގައިގައެވެ.

"މިއީ ކޮންކުއްޖެއް ދަރިފުޅާ؟" ހީލުމަކާއެކު ހާތިމް އެހިއެވެ.

"މިއީ. ހެހެހެ... މަންމަމެންނަށް ނޭނގުނުތަ؟ މިއީ ނީލަމް އެއްނު. އަޅުގަނޑުގެ ބެސްޓްފްރެންޑް" އަލިޝްބާ ބުންޏެވެ. އެއާއެކު ހީލަމުން ސުމައްޔާ ނީލަމްއަށް ބަލައިލިއެވެ. ހަމައެކަނި ފެންނަން ހުރި ނީލަމްގެ ދެލޯ ދެފަރާތަށް ދެމިލި ގޮތުން އޭނާ ހިނިތުންވެލައިފިކަން ސުމައްޔާއަށް އެނގުނެވެ.

"ދެން ބުނެބަލަ ކޮންވާހަކައެއްތަ ބުނަން އުޅުނީ؟ ކީއްވެ އިބާ ނުގެނައީ. އިބާ ކައިރީގައިވެސް ތިވާހަކަ ބުނަންޖެހޭނެއްނު" އަލިޝްބާ ބުންޏެވެ.

"މިއީ އިބާ އާ ބެހޭ ވާހަކައެއް ނޫން. ބައްޕަ އެ އުޅެނީ ކޮންމެހެން ދަރިފުޅު ކައިރީގައި ބުނަންޖެހޭ ވާހަކައެއް ބުނަންވެގެން" ސުމައްޔާ ބުންޏެވެ. އެއާއެކު އަލިޝްބާ ބަލައިލީ ހާތިމްގެ މޫނަށެވެ. އޭނާ އެވާހަކަތައް އަހަން ބޭނުންވެފައި އިންކަހަލަ ގޮތަކަށް ހާތިމްއަށް ބަލައިލާފައި އަތުގައި ހިފާލައިފިއެވެ.

"މިއުޅެނީ ދަރިފުޅުގެ މަންމަ އާ ގުޅޭ ވާހަކައެއް ދައްކަންވެގެން" އިރުކޮޅަކަށްފަހު ހާތިމް ބުންޏެވެ. އެވަގުތު އަލިޝްބާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފަނޑުވިއެވެ.

"މަންމަ... " އެހިސާބަށް ބުނެފައި އަލިޝްބާ ބަލައިލީ ސުމައްޔާގެ މޫނަށެވެ.

"ލިބާގެ އުފަން މަންމަ" އަލިޝްބާގެ އަތުގައި ފިރުމައިލަމުން ސުމައްޔާ ބުންޏެވެ.

"ވަރަށް ފަހަކާ ޖެހެންދެން ދަރިފުޅުގެ މަންމަ ބަލިވެ އުޅެފައި ނިޔާވެއްޖެ" ހާތިމް ބުންޏެވެ. އަލިޝްބާ ބަހެއްވެސް ނުކިޔާ ދުރު ބަލަހައްޓައިގެން އިނެވެ.

"އެއީ އެއްނޫން އަދި ބުނަން އުޅުނު ވާހަކައަކީ. ދަރިފުޅުގެ މަންމަ ފަހުން އެހެން މީހަކާ އިނދެގެން ކުއްޖަކު ވިހޭ ކަމަށްވަނީ. އެހެންވީމަ މިދުނިޔޭގައި ދަރިފުޅުގެ އެއްބަނޑު ކޮއްކޮއެއް އުޅޭނެ" ހާތިމް ބުންޏެވެ. ދެބުމަ ގޮށްޖަހައިލަމުން އަލިޝްބާ ބަލައިލީ ހާތިމްގެ މޫނަށެވެ.

"އެއްބަނޑު ކޮއްކޮއޭ" އަލިޝްބާ ބުންޏެވެ.

"އިބާއަކީ އެއްބަފާ ކޮއްކޮއެއް ފަދައިން އެ އަންހެންކުއްޖާވެސް އެއީ ދަރިފުޅާ އެއް ލެއެއް ހިއްސާކުރާ ކުއްޖެއް. ވީތަނެއް ނޭނގުނަސް ބައްޕަގެ ދުއާއަކީ ތިދެކުދިން ވީއެންމެ އަވަހަކަށް އެއްތަންވުން. ރަހިމުގެ ގުޅުމަކީ ވަރަށް މާތް ގުޅުމެއް" ހާތިމް ބުންޏެވެ.

"ތިވާހަކަތަ ބުނަން އުޅުނީ. ތިއީ އެވަރުގެ ކަމެއް ނޫނެއްނު. ނަސީބެއްނު އިތުރު ކޮއްކޮއެއް ހުންނަކަން. އިބާ ވަރަށް ޖޭވާނެ ދޯ" ހީލަމުން އަލިޝްބާ ބުންޏެވެ. ހީކުރިގޮތަށް އިތުރު ސުވާލުތަކެއް ނުކޮށް އަލިޝްބާ ހުރިހާކަމެއް ގަބޫލުކުރީތީ ސުމައްޔާ އާއި ހާތިމް އެކަކު އަނެކަކަށް ބަލައިލާފައި ހިނިތުންވެލިއެވެ.

"އަދި ވަރަށް މުހިންމު އެއް ވާހަކަ" ސުމައްޔާ ބުނަން އުޅުނު ވާހަކަ އަލިޝްބާ ހުއްޓުވިއެވެ.

"އެނގޭ އަޅުގަނޑަށް. މަންމަމެން ހަނދާން ނުކޮށްދިނަސް އެ މަންމައަށް ހެޔޮ ދުއާ އަބަދުވެސް ކުރާނަން. އަޅުގަނޑު ގަބޫލެއްނުކުރަން އެ މަންމަ އަޅުގަނޑު ދޫކޮށްލާފައި ދިޔައީ ލޯބިނުވާތީ ކަމަކަށް. މައެއްގެ ހިތުގައި ދަރިއަކަށްޓަކައި ވަންހަނާ ކޮށްފައި އޮންނަ ލޯބި އެއްވެސް މީހަކަށް ނޭނގޭނެ. މިދަރިފުޅު ލޮލަށް ނުފެންނަނީސް އަޅުގަނޑު މިދަރިފުޅު ދެކެ ލޯބިވާން ފަށައިފިން" އަލިޝްބާ ވާހަކަދެއްކިއެވެ.

"އަހަރެމެން ދެމީހުން މިއީ އެއް އުރައެއްގައި އޮތް ދެކަނޑި ތޯއްޗެ. މަންމަވެސް ބުނާނެ އަހަރެންގެ އެއްބަނޑު ދައްތައެއް ހުންނަ ވާހަކަ. ހިތަށް އަރާ ކޮން ދުވަހަކުންބާއޭ ފެންނާނީ" ގެއަށް ދިޔަ މަގުމަތީގައި ނީލަމް ބުންޏެވެ.

"އެ ދެބެންނަކީ އަހަރެމެން ދެމީހުންނަށް ވެއްޖިއްޔާ ވަރަށް މަޖާވާނެ ދޯ" މަޖާވެފައި އަލިޝްބާ ބުންޏެވެ.

"ހެހެހެ... ތިހެން ވެއްޖިއްޔާ ކިހާ ރަނގަޅު" އަލިޝްބާގެ މޫނަށް ބަލައިލަމުން ނީލަމް ވާހަކަދެއްކިއެވެ. އެހެން ވާނެނަމައޭ އޭނާގެ ހިތް ބުނެލި ވަގުތުކޮޅެކެވެ.

"މިއަދު ވާނެ ނީލޫގެ މަންމަގެ ފޮޓޯއެއް ދައްކަން. ކުރީ ދުވަހުވެސް ކަރަންޓް ދިޔައީ އެންމެފަހު ވަގުތު. ވެދާނެ އަހަރެންނަށް ނީލޫގެ މަންމަ ފެންނަން ތަގުދީރުގައި އޮތް ވަގުތު ނޫން ކަމަށްވެސް. އެކަމަކު މިރޭ އައިމަން ކައިރީގައި ރޮއެގެންވެސް ތިބަޔަށް ދާނަން" އަލިޝްބާ ވާހަކަދެއްކިއެވެ.

ރުޅިއައިސްފައި ހުރި އަންބަރް ކަންފަތާ ފޯނު ދުރުކޮށްލާފައި ފޯނު އެނދުމައްޗަށް އެއްލާލި މަންޒަރު ކޮޓަރިއަށް ވަން ޖޫދަށް ފެނުނެވެ.

"މީހަކު އުނދަގޫކުރަނީތަ؟" އެތެރެއަށް ވަދެފައި ޖޫދު ބުންޏެވެ. ލޯމަރައިގެން ހުރެ ފުންނޭވާތަކެއް ލަމުން ދިޔަ އަންބަރް ޖޫދަށް ބަލައިލާފައި ހަމަޖެހިލިއެވެ. އެއަށްފަހު ފޯނު ނަގައިގެން ހިނގައިގަތެވެ. ވަކި ހިސާބަކުން ހުއްޓިއްޖެއެވެ.

"އެއްވެސް މީހަކު އުނދަގުލެއް ނުކުރޭ" އެހެން ހުނެފައި ބާރު ހިނގުމުގައި ގޮސް އޭނާ ޖޫދުގެ ލޯމައްޗަށް ގެއްލިއްޖެއެވެ.

(ނުނިމޭ)