މެންޗެސްޓާ ޔުނައިޓެޑް ދުތް އެންމެ ކާމިޔާބު ކޯޗު އަދި އެ ކްލަބުގެ ގްލޯބަލް އެމްބެސެޑަރު ސާ އެލެކްސް ފާގަސަން އާއި ބޯޑުގެ ގިނަ މެމްބަރުން ބޭނުން ވަނީ ކޯޗު އޮލެ ގުނަ ސޮލްޝެއާއަށް އިތުރު ފުރުސަތެއް ދޭން ކަމަށް ނޫސްތަކުން ބުނެފިއެވެ.

ދެހާސް އަށާރަ ވަނަ އަހަރު ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވި ސޮލްޝެއާ އަށް ކްލަބުގެ ކޯޗުގެ މަގާމުގައި ހުރުމަށް ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެންމެ ފަހުން ޔުނައިޓެޑުން ކުޅުނު ނުވަ މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެފައިވާއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ޔުނައިޓެޑަށް މޮޅެއް ނުލިބެއެވެ.

ސޮލްޝެއާ އަށް އެންމެ ބޮޑަށް ޕްރެޝަރު ވެގެން ދިޔައީ މި ހަފުތާ ތެރޭގައި ލިވަޕޫލް އަތުން ބަލިވި ބަލިވުމުގެ ސަބަބުންނެވެ. ޔުނައިޓެޑުން މީގެ ކުރިން ސޯލްޝެއާ އަށް އިތުބާރު އޮތް ކަމަށް ބުނެފައިވީ ނަަމަވެސް އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން 5-0 އިން ބަލިވުމާއެކު ޔުނައިޓެޑުގެ ބޯޑުން ވަނީ މަޝްވަރާތައް ފަށައިފައެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި މިއަދު ޔުނައިޓެޑުން ކުރިއަށް ގެންދިޔަ ތަމްރީނުތަކުގައި ސޮލްޝެއާ ބައިވެރިވިއެވެ. ކޯޗުގެ އިތުރުން ފާގަސަންވެސް މިއަދުގެ ތަމްރީނުތަކުގައި ބައިވެރިވިއެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ފާގަސަންގެ އިތުރުން ބޯޑުގެ އެކްޒެކެޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑާއި މެނޭޖިން ޑިރެކްޓަރު ރިޗާޑު އާނޯލްޑްވެސް ބޭނުން ވަނީ ސޮލްޝެއާއަށް އިތުރު ފުރުސަތެއް ދޭށެވެ. އެހެންކަމުން މިހާރު ސޮލްޝެއާ މެދު ގޮތެއް ނިންމުމުގެ ބާރު އޮތީ ގްލޭޒާ އާއިލާގެ އަތް މަތީގައެވެ. ޔުނައިޓެޑްގެ ބޯޑުގައި ގްލޭޒާ އާއިލާގެ ހަ މީހަކު ތިބޭއިރު، ކްލަބުގެ ކޯ ޗެއާމަނުންނަކީ އަވްރަމް ގްލޭޒާ އާއި ޖޯލް ގްލޭޒާއެވެ.

ޔޫރަޕްގެ އިތުބާރު ހުރި ނޫސްވެރިން ބުނެފައިވާ ގޮތުގައި ޔުނައިޓެޑްގެ ބޯޑުން ސޮލްޝެއާއަށް ފުރުސަތު ދޭނީ އެޓަލާންޓާއާ ދެކޮޅަށް އެޓީމުން ކުޅޭ ޗެމްޕިއަންސް ލީގު މެޗުގެ އިތުރުން ސިޓީއާ ދެކޮޅަށް ލީގުގައި ކުޅެން އޮތް މެޗަށެވެ.