ރާއްޖޭގެ އިގުތިސޯދު ކުރިއަރުވަން އެކިއެކި ދާއިރާތައް ސިންދަފާތުކުރުމަށް (ޑައިވާސިފައިކުރުމަށް) އިސްކަން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދުބާއީ އެގްޒިބިޝަން ސެންޓަރުގައި މިއަދު ހެނދުނު ކުރިއަށްގެންދިޔަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގެ އިގުތިސޯދު ކުރިއެރުވުމުގައި އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާނީ އެކި ދާއިރާތައް ސިންދަފާތުކޮށްގެން ކުރިއެރުވުމަށާއި ތިމާވެށި ދެމެހެއްޓުމަށާއި ރާއްޖޭގެ މުޖުތަމައުތަކުގެ ފާގަތިކަން އިތުރުކުރުމަށް އިސްކަންދީގެން ކަމަށެވެ.

ރައީސް ވަނީ، ޕްރައިވެޓް ސެކްޓާ ތަރައްގީކުރުމަކީ ސަރުކާރުގެ އިގުތިސޯދީ އިސްލާހީ އެޖެންޑާގެ މައި އެއް ތަނބުކަމުގައި ސިފަކުރައްވައިފައެވެ. އެގޮތުން ތިމާވެށި ތަރައްގީކޮށް، އެކަން އިޝްތިހާރުކުރުމުގައި ހިމެނޭ ކަންކަން ލުއިފަސޭހަކޮށް، ވިޔަފާރިއެއް ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތް ލުއިކޮށްދީ، އެކަމަށް ހަރަދުކުރާނެ ފައިސާ ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކޮށް، ޒިންމާދާރުކަމާއެކީ، ދެފުށް ފެންނާނެހެން، ބަދަލުނުވާނެގޮތަށް އިންވެސްޓަރުންނަށް ރައްކާތެރިކަން ކަށަވަރުކުރުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ މިހާރުގެ މީޑިއަމް-ޓާމް އަމާޒަކީ ހަރުދަނާ އުސޫލެއްގެ މަތިން އިޖާދީ ކަންކަމަށް ހިތްވަރުދީގެން، ޑިޖިޓަލް ޑިސްރަޕްޝަނަށް މަގުފަހިކޮށްދީ މީހުންނަށް އަވަހަށް އަދި ފައިދާކުރަނިވި ގޮތެއްގައި ހިދުމަތް ދިނުމަށް މަގުފަހިކުރުން ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، އިންވެސްޓަރުންނަށް ރާއްޖެ އޮތީ ހުޅުވާލެވިފައި ކަމަށާއި އިންޑިއާ ކަނޑުގެ މެދުގައި ރާއްޖެ އޮތުމަކީ ރާއްޖެއަށް ލިބޭ އިތުރު ބާރެއް ކަމަށެވެ.