ރާއްޖެ އޮތީ ވިޔަފާރިއަށް ހުޅުވައިލެވި، އިންވެސްޓަރުންނަށް މަރުހަބާ ކިޔަން ތައްޔާރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހެނދުނު މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ. މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ކުރިއަށްގެންގޮސްފައިވަނީ ދުބާއީ އެގްޒިބިޝަން ސެންޓަރުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޔޫއޭއީއަށް ކުރައްވާ މި ދަތުރުފުޅަކީ ދުބާއީގައި ކުރިއަށްދާ އެކްސްޕޯ 2020 ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރާއްޖޭގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން އިގުތިސޯދު ކުރިއެރުވުމުގައި އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާނީ އެކި ދާއިރާތައް ސިންދަފާތުކޮށްގެން ކުރިއެރުވުމަށާއި ތިމާވެށި ދެމެހެއްޓުމަށާއި ރާއްޖޭގެ މުޖުތަމައުތަކުގެ ފާގަތިކަން އިތުރުކުރުމަށް އިސްކަންދީގެން ކުރިއެރުވުމަށް ކަމަށެވެ. އަދި މި ލަނޑުދަނޑިތަކަކީ ދުބާއީ އެކްސްޕޯ 2020 ގައި ހުށަހެޅުއްވި ތީމްއާ އެއްގޮތްވާގޮތަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ޕްރައިވެޓް ސެކްޓާ ތަރައްގީކުރުމަކީ މި ސަރުކާރުގެ އިގުތިސޯދީ އިސްލާހީ އެޖެންޑާގެ މައި އެއް ތަނބުކަމުގައި ސިފަކުރައްވައިފައެވެ. އޭގެ ތެރޭގައި ތިމާވެށި ތަރައްގީކޮށް އެކަން އިސްތިހާރުކުރުމުގައި ހިމެނޭ ކަންކަން ލުއިފަސޭހަކޮށް، ވިޔަފާރިއެއް ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތް ލުއިކޮށްދީ، އެކަމަށް ހަރަދުކުރާނެ ފައިސާ ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކޮށް، ޒިންމާދާރުކަމާއެކީ ދެފުށް ފެންނާނެހެން، ބަދަލުނުވާނެގޮތަށް އިންވެސްޓަރުންނަށް ރައްކާތެރިކަން ކަށަވަރުކުރުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ މިހާރުގެ މީޑިއަމް-ޓާމް އަމާޒަކީ ހަރުދަނާ އުސޫލެއްގެ މަތިން އިޖާދީ ކަންކަމަށް ހިތްވަރުދީގެން، ޑިޖިޓަލް ޑިސްރަޕްޝަނަށް މަގުފަހިކޮށްދީ މީހުންނަށް އަވަހަށް އަދި ފައިދާކުރަނިވި ގޮތެއްގައި ހިދުމަތް ދިނުމަށް މަގުފަހިކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެ، އިންޑިއާ ކަނޑުގެ މެދުގައި އޮންނަ އޮތުމަކީ ރާއްޖޭގެ ވިޔަފާރިއަށް ލިބިގެންދާ އިތުރު ބާރެއްގެ ގޮތުގައި ސިފަކުރައްވައި ރައީސް ވިދާޅުވީ، ރާއްޖެއަކީ ދުނިޔޭގެ އުތުރާއި ދެކުނުން ވާސިލުވުމަށް ފަސޭހަ މަގެއް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެއަކީ ކުޑަ ގައުމަކަށް ވީހިނދުވެސް ރާއްޖެއިން އަންނަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށް ކުރާ މަސައްކަތުގައި ލީޑިން ގައުމެއްގެ ގޮތުގައި މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ އިއާދަކުރަނިވި ހަކަތަ އިތުރުކުރަމަށް މަސައްކަތް ކުރުމާއި ދުނިޔެއިން ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް މަސައްކަތްކުރުމަކީ ދިވެހި ސަރުކާރުގެ މުހިންމު ދެ މަގުސަދު ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ފާހަގަކުރައްވައި، އެކަން ހާސިލުކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ދީލަތި އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.