ލައިފް ސްޓައިލް

އަހަރުގެ އެންމެ މޮޅު ފޮޓޯ: ނުކުޅެދޭ ދަރިފުޅު އުފުލައިލައިގެން ހުރި ނުކުޅެދޭ ބައްޕަގެ ހިނިތުންވުމުން އެތައް މެސެޖެއް

ސިއެނާ އިންޓަނޭޝަނަލް އެވޯޑުގައި އެންމެ މޮޅު ފޮޓޯގެ އެވޯޑު ލިބުނު މި ފޮޓޯގަނޑުން ފެންނަނީ ސީރިއާގެ ދެބަފައިންނެވެ.

އެއް ފައި ނެތް ސީރިއާގެ ބައްޕައަކު އޭނާގެ ދެއަތުން އުފުލާލާފައިވާ ދަރިފުޅަކީ ދެއަތާއި ދެފައި ނެތި ދުނިޔެއަށް އުފަންވެފައިވާ ކުއްޖެކެވެ. ތުރުކީގެ ފޮޓޯގުރާފަރު މެހެމަތު އަސްލަން ނަގާފައިވާ މި ފޮޓޮގަނޑު އޭނާ މުބާރާތުގައި ބައިވެރިކުރީ ''ދަ ހާޑްޝިޕް އޮފް ލައިފް'' ގެ ނަމުގައެވެ. ހަޔާތުގެ ދަތިކަން ބުނެދޭ މިފޮޓޯގަނޑު މެހެމަތު ނަގާފައިވަނީ ސީރިއާގެ ބޯޑަރު ކައިރީ އޮންނަ ތުރުކީގެ ހަޓޭ ޕުރޮވިންސުގެ ރެހާންލީ ކިޔާ ސަރަހައްދެއްގައެވެ.

އޭނާގެ ފޮޓޯގަނޑުން ފެނިގެންދަނީ އެއް ފައި ނެތް ބައްޕަޔަކު، އޭނާގެ ނުކުޅެދޭ ދަރިފުޅު އުފަލާއެކު މައްޗަށް އުފުލާލައިގެން ހިނިތުން ވެ ހުންނަ މަންޒަރެވެ. އެ ތުއްތު ދަރިފުޅު ނުކުޅެދުންތެރިކަމާއެކު ދުނިޔެއަށް އުފަންވެފައިވަނީ ކުއްޖާއަށް ބަލިވެއިން އިރު ކުއްޖާގެ މަންމަ ކާން ޖެހުނު ބޭސްތަކެއްގެ ސަބަބުންނެވެ.

މި މުބާރާތުގެ ޖަޖެއްގެ ގޮތުގައި ހަރަކާތްތެރިވި ނިއުސްވީކް ޖަޕާނުގެ ޑިރެކްޓާ އޮފް ފޮޓޮގްރަފީ ކަޓޯކާ ހިޓޭކޯ ފާހަގަކުރިގޮތުގައި އެއް ފައި މަތީގައި ހުންނަން ޖެހުނު ނަމަވެސް ބައްޕައެއްގެ މޫނުމަތިން ފެންނަ އުފާވެރިކަން މި ފޮޓޯއިން ފާހަގަ ކުރެވެއެވެ. މި ދެބަފައިން ހަޔާތުގައި ކަޑައްތުކުރާނެ ދަތި ދުވަސްތައް އެއްފަރާތް ކޮށްދެނީ މޫނުމަތިން ފެންނަ އުފާވެރި ހިނިތުންވުން ކަމުގައި ކަޓޯކާ ބުނެފައިވެއެވެ.

ސީޕާ މުބާރާތަކީ 12 ކެޓެގަރީއަކަށް ބަހާލެވިގެން ދުނިޔޭގެ ހުރިހާ ފޮޓޯގުރާފަރުންނަށް ހުޅުވައިލައިފައިވާ ބައިނަލްއަގުވާމީ ފޮޓޯ މުބާރާތެކެވެ.