މިއަހަރު ނިމުމުގެ ކުރިން މިނިމަމް ވޭޖް ކަނޑައެޅިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އއ. ހިމެންދޫ ބަނދަރު ހުޅުވައިދެއްވުމަށް މިހާރު އެރަށުގައި ކުރިއަށްދާ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް ސޯލިހު ވިދާޅުވީ، މުވައްޒަފުންގެ ކުރިއެރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މުވައްޒަފުން އެންމެ ބޮޑަށް ބޭނުންވަނީ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅިގެން ދިއުން ކަމަށެވެ.

ރައީސް ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ ކަމަށާއި އެއާއެކު މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ޖެނުއަރީ މަސް ފެށިގެންދާނީ މިނިމަން ވޭޖާއެކު،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިނިމަން ވޭޖު ކަނޑައެޅުމުން ސަރުކާރު މުވައްޒަފުންގެ ތެރެއިން 15،000 މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތުގެ މުވައްޒަފުންގެ ތެރެއިން 13،000 މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

"އޭގެ ތެރެއިން ބައެއް މުވައްޒަފުންގެ މުސާރަ ޑަބަލް ވެގެން ދާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ޓީޗަރުންނާއި ސިއްހީ ހިދުމަތްތެރީންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް ގެންނާނެ ކަމަށެވެ.

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭނެ އަދަދުތައް ބަޔާންކޮށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ވަނީ މި މަހުގެ ފަސް ވަނަ ދުވަހު އިކޮނޮމިކް މިނިސްޓަރަށް އެ ބޯޑުގެ ލަފާ އަރުވައިފައެވެ. އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މިނިމަން ވޭޖު ކަނޑައަޅާނީ އެ ލަފާ ދިރާސާ ކުރުމަށް ފަހުއެވެ.

މި އަހަރު ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރަ ކަނޑައަޅުއްވާނެ ކަމަށް ރައިސް ސޯލިހު ވިދާޅުވިއިރު، އެންމެ ކުޑައުޖޫރަ ކަނޑައެޅުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.