އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ކުއްޖަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ކުއްޖަކަށް އަނިޔާކުރި މައްސަލަ ބަލަމުންދާކަމަށް ފުލުހުން މިއަދު ބުނީ، ކޯޓު އަމުރަކާ ނުލައި ފުލުހުން ގޮސް ކުޑަކުއްޖެއްގެ އަތުގައި ބިޑި އަޅުވައި އަނިޔާކުރި ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.

އެ ވީޑިއޯ ޓުވީޓުކުރި ފަރާތުން ބުނީ، ފުލުހުން އެ ކުއްޖާއަށް އަނިޔާކުރުން ހުއްޓައިލީ، އަނިޔާކުރާ އަޑު އިވޭތީ އެ ސަރަހައްދަށް މީހުން އެއްވުމުން ކަމަށެވެ. ނަމަވެސް ވީޑިއޯއިން ފުލުހުން ކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެނިގެން ނުދެއެވެ.

އެ ވީޑިއޯ އިން ފެންނަނީ ކުއްޖަކު އޭނާއާ މެދު ފުލުހުން ކަންތައްކުރި ގޮތް ކިޔައިދޭ ތަނެވެ. އެގޮތުން އެތަނަށް އެއްވި މީހުން ސުވާލު ކުރުމުން އެ ކުއްޖާ ބުނީ ފުލުހުން އޭނާގެ އަތުގައި ބިޑި އަޅުވައި، "ކަލޭމެންނަށް އެއްވެސް ކަމެއް ނުކުރެވޭނެ" ކަމަށް ބުނި ކަމަށެވެ. އަދި އެ ކުއްޖާގެ ބޯ ފާރުގައި ޖެއްސީ ކާކުތޯ އެހުމުން، އެތަނުގައި ހުރި ފުލުހަކަށް އިޝާރާތް ކޮށްފައި އޭނާ ބުނީ އެކަން ކުރީ "ޒެޑޭ" ކަމަށެވެ. އެ ވަގުތު އެތަނުގައި ހަތަރު ފުލުހަކު ތިއްބެވެ.

ފުލުހުން ބުނީ އެ ވީޑިއޯގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން ހިނގި ގޮތާ ގުޅޭ މައުލޫމާތު ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑް ސާފުކުރަމުން އަންނަ ކަމަށެވެ.