ގްރީން ޓެކްސް ދިނުމުގައި ރަށްރަށަށް ވަކި އިންސައްތައެއް ދީގެން މަސަކަތްކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އުކުޅަހަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، އެފަރާތަކުން އެމަނިކުފާނަށް ހުށަހެޅުއްވި ކަންތައްތަކާ ގުޅިގެންނެވެ.
މި ބައްދަލުކުރެއްވުމުގައި، އެ ރަށް ބެލެހެއްޓުމުގެ ކަންކަން ކައުންސިލަށް އޮންނަ އިރު އިދާރީ ކަންކަން ބެލެހެއްޓުމުގައި ދިމާވާ މާލީ ގޮންޖެހުންތައް ވަރަށް ގިނަ ކަމަށާއި، ރަށުގެ އާބާދީގެ އިތުރުން ރަށަކީ ފަތުވެރިން އަންނަ ރަށަކަށް ވުމުން ހިދުމަތް ދޭންޖެހޭ މީހުންގެ އަދަދު އިތުރުވެފައިވުމާއެކު، އެކަންކަން ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ލުއި ގޮތްތަކެއް ހޯދުން މުހިންމު ކަމަށް ރައީސަށް ދެންނެވިއެވެ.
ރަށަށް އަންނަ ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކްސްގެ ވަކި މިންވަރެއް ކައުންސިލަށް ދިނުމަށް ފަހު މިފަދަ ހިދުމަތްތައް ދިނުމުގައި ބޭނުންކުރެވޭނެ ގޮތެއް ފަހިކޮށްދިނުމަކީ އެ މައްސަލައަށް އޮތް ހައްލެއްކަމުގައި ވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އަހަރުތަކެއް ކުރިން ކޯޕަރޭޓިވް ސޮސައިޓީއާއި މިފްކޯއާ ގުޅިގެން އުކުޅަހުގައި ހިންގާ މިފްކޯ އުކުޅަސް ކިޔާ ކުންފުންނަކާ ގުޅިގެން ރައްޔިތުންގެ އަދި ކައުންސިލުގެ ހުރި ކަންބޮޑުވުންތައް ވެސް ރައީސްއާ ވަނީ ހިއްސާކޮށްފައެވެ.
މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެކޮމިޓީގެ މަސައްކަތްތައް ފުޅާކުރުމުގައި އިތުރު ތަމްރީނުތަކާއި އެހީތެރިކަން ބޭނުންވާކަން ރައީސްގެ ސަމާލުކަމަށް ގެންނަވައިފައެވެ.
އުކުޅަހުގައި ސަރުކާރުން ހިންގުމަށް ރާވާފައިވާ ބައެއް މަޝްރޫއުތަކުގެ މައުލޫމާތު ރައީސް ވަނީ ކައުންސިލާ ހިއްސާކުރައްވައިފައެވެ. އަދި ގްރީން ޓެކްސް ދިނުމުގައި ރަށްރަށަށް ވަކި އިންސައްތައެއް ދީގެން މަސަކަތްކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށާއި ކައުންސިލުން ހުށަހެޅި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރެއްވުމަށްފަހު ރަނގަޅުގޮތެއް ނިންމަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް އަންހެނުންގެ ތަރައްގީއަށް މަސަކަތްކުރާ ކޮމީޓިން ހުށަހެޅުއްވި ކަންތަކުގައި ލޯކަލް ގަވާންމަންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށް ޓްރެއިނިން ޕްރޮގްރާމުތައް ހިންގުމުގެ މަސައްކަތް ކުރިޔަށްގެންދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމަށްފަހު ރައީސް ވަނީ އުކުޅަހު ހެލްތު ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވައިލައްވައިފައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ވެސް ބައްލަވައިލެއްވިއެވެ.
ރައީސް އުކުޅަހަށް މި ކުރައްވާ ދަތުރުފުޅަކީ އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް އިއްޔެ ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ތިންވަނަ މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު