މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ 10 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހަސަން ޝާޒް މުހައްމަދާއި އާމިނަތު ފާތީ ހޯދައިފިއެވެ.
ނެޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްގެންދިޔަ އެ މުބާރާތުގެ ޗެމްޕިއަންކަން ޝާޒާއި ފާތީ ހޯދީ ރޭ ކުޅުނު ފައިނަލް މެޗުތަކުން މޮޅުވެގެންނެވެ.
ރޭ ކުޅުނު ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ޝާޒް ވަނީ މުހައްމަދު ޝަރީފްއާ ވާދަކޮށް 9-7 ފްރޭމުން މެޗު ކާމިޔާބުކޮށްފައެވެ. އަންހެން ޑިވިޝަނުގެ ފައިނަލުގައި އާމިނަތު އަޒްރާގެ މައްޗަށް ފާތީ ކުރި ހޯދީ 7-2 ފްރޭމުންނެވެ.
ޝާޒާއި ފާތީއަކީ އެމްބީޕީއޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ދެ ކުޅުންތެރިންނެވެ. ޝާޒްއަކީ ފިރިހެނުންގެ ރޭންކިންގެ އެއްވަނައެވެ. އަދި ފާތީއަކީ އަންހެނުންގެ ރޭންކިންގެ އެއްވަނައެވެ.
ފައިނަލް މެޗަށްފަހު ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށް ވަނީ އިނާމު ހަވާލުކޮށްފައެވެ. މުބާރާތް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި އިނާމުތައް ހަވާލުކޮށްދެއްވީ ސީނިއާ ބިލިއާޑް ކުޅުންތެރިޔާ ކެޕްޓަން ހަސަން ރާޖޭޝް މޫސާ އާއި އެމްޕީބީއޭގެ ޗެއާޕާސަން އަހުމަދު ނާސިފެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު އަށް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޗެމްޕިއަން ޝާޒާއި ރަނަރަޕް ޝަރީފާއި ހުސައިން ފަޔާޒާއި ހަސަން ޝަފްރާޒާއި އިސްމާއިލް ސުވައިދާއި އަހުސަން ހާޝިމާއި އަހުމަދު ޒިޔާން އަދި އަލީ ފަޔާޒެވެ.
އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޗެމްޕިއަން ފާތީ އާއި ރަނަރަޕް އަޒްރާ އާއި އާމިނަތު ހަލީމާއި ފަޒްނާ މޫސާ އަދި ދީނާ އަހުމަދެވެ.
މިމަހުގެ 14 އިން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްގެންދިޔަ 10 ބޯލް ޗެމްޕިއަންޝިޕްގައި ފިރިހެން 64 ކުޅުންތެރިންނާއި އަންހެން 12 ކުޅުންތެރިން ވާދަކުރިއެވެ.
އެމްޕީބީއޭ އިން މިއަހަރު އިތުރު ތިން މުބާރާތެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އެއީ މިމަހުގެ 28 އިން 31ގެ ނިޔަލަށް ކުރިއަށްގެންދާ 9 ބޯލް އެސޯސިއޭޝަން ކަޕާއި އަންނަ މަހުގެ 4 އިން 10ގެ ނިޔަލަށް ކުރިއަށްގެންދާ 9 ބޯލް ޗެމްޕިއަންޝިޕް އަދި ޑިސެމްބަރު 1 އިން 15ގެ ނިޔަލަށް ކުރިއަށްގެންދާ ގައުމީ ބިލިއާޑް މުބާރާތެވެ.
އެމްޕީބީއޭ 10 ބޯލް ޗެމްޕިއަންޝިޕް