މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 10 ބޯލް ޗެމްޕިއަންޝިޕްގެ ފައިނަލުގެ ޖާގަތައް ކަށަވަރުވެއްޖެއެވެ.

ނެޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަނުގެ ފައިނަލުގެ ޖާގަތައް ކަށަވަރުވީ ރޭގެ މެޗުތަކަށް ފަހުއެވެ.

އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލުގެ ޖާގަތައް ކަށަވަރުކުރީ ހަސަން ޝާޒް މުހައްމަދާއި މުހައްމަދު ޝަރީފެވެ. އަދި އަންހެން ޑިވިޝަންގެ ފައިނަލުގެ ޖާގަތައް ކަށަވަރުކުރީ އާމިނަތު ފާތީ އާއި އާމިނަތު އަޒްރާއެވެ.

ފިރިހެން ޑިވިޝަންގެ ފައިނަލުން ޝާޒް ޖާގައެއް ކަށަވަރުކުރީ ރޭ ކުޅުނު މެޗުގައި 7-4 ފްރޭމުން މުހައްމަދު ޝަރީފް ބަލިކޮށްގެންނެވެ. އަދި ފައިނަލުން ޝަރީފް ޖާގައެއް ކަށަވަރުކުރީ 6-7 ފްރޭމުން ހުސައިން ފަޔާޒް ބަލިކޮށްގެންނެވެ.

އަންހެން ޑިވިޝަންގެ ފައިނަލުން ފާތީ ޖާގައެއް ކަށަވަރުކުރީ މިދިޔަ އަންގާރަ ދުވަހުގެ ރޭ އާމިނަތު އަޒްރާގެ މައްޗަށް ސީދާ ފަސް ފްރޭމުން ކުރި ހޯދައިގެންނެވެ. އަދި ފައިނަލުން އަޒްރާ ޖާގަ ހޯދީ ރޭ ކުޅުނު މެޗުގައި 5-3 ފްރޭމުން އާމިނަތު ހަލީމް ބަލިކޮށްގެންނެވެ.

އަންހެން ޑިވިޝަނުގެ ފައިނަލުގައި ފާތީއާ ދެކޮޅަށް އަޒްރާ ނުކުންނާނީ މިރޭ 7:00 ގައެވެ. އަދި ފިރިހެން ޑިވިޝަންގެ ފައިނަލުގައި ޝާޒްއާ ދެކޮޅަށް ޝަރީފް ނުކުންނާނީ މިރޭ 8:30 ގައެވެ.

އެމްޕީބީއޭގެ 10 ބޯލް ޗެމްޕިއަންޝިޕަކީ ރޭންކިން މުބާރާތެއްކަމުން މުބާރާތުގައި ކުޅުންތެރިން ހޯދި ނަތީޖާތަކުން އެމްޕީބީއޭގެ ރޭންކިންއަށް ޕޮއިންޓު ލިބިގެންދާނެއެވެ.