ދެފަރާތް އެއްބަސްވެ، ސުޕަ ޔުނައިޓެޑް (ސަސް) އިން ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އާއެކު ވެފައިވާ އެއްބަސްވުން އުވާލައިފިއެވެ.

ސަސްއިން މިރޭ ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ ކްލަބުގައި މޯހަން ކޮށްދިން މަސައްކަތަށް ޝުކުރުވެރިވާ ކަމަށެވެ. އޭއެފްސީ ޕްރޯ ލައިސަންސް ހާސިލުކޮށްފައިވާ މޯހަން، ސަސްއާ ހަވާލުވީ މިއަހަރު ޖެނުއަރީ މަހުގައެވެ. މޯހަން، ސަސްއާ ހަވާލުވުމުގެ ކުރިން މަސައްކަތް ކުރީ ކްލަބު އީގަލްސްގައެވެ.

ކޯޗު މޯހަން "ވަން" އަށް ބުނީ ސަސްއިން ނެރުނު ސްޓޭޓުމަންޓުގައި އެވަނީ ކަން ހިނގާފައިވާ ގޮތް ކަމަށާއި އަންނަ ސީޒަނަށް އަދި ނުވިސްނާ ކަމަށެވެ. އަދި މިވަގުތު ހުރީ ކްލަބެއްގެ ހުށަހެޅުމަކަށް މަޑުކޮށްގެން ކަމަށްވެސް ކޯޗު މޯހަން ބުންޏެވެ.

މިދިޔަ ސީޒަންގައި އަލަށް ދިވެހި ޕްރިމިއާ ލީގަށް ދިޔަ ސަސްގެ ކޯޗުކަމުގައި ސީޒަން ފެށި އަހުމަދު ނާޝިދު (ނާދު)އާއެކު އެ ކުލަބުން ހަދާފައިވާ ކޮންޓްރެކްޓް އުވާލިކަން އިއުލާން ކުރީ ސީޒަން ތެރެއިންނެވެ. އޭގެ ފަހުން ސީޒަން ނިމެންދެން ސަސްއަށް ކޯޗުކަން ކޮށްދިނީ މޯހަންއެވެ.

ސަސްއިން މިދިޔަ ސީޒަންގެ ލީގުގައި ކުޅުނު ދެ ބުރު ނިންމާލީ ތާވަލުގެ ހަވަނައިގައި އޮވެގެންނެވެ. އެޓީމުން ކުޅުނު ހަތް މެޗުން 15 ޕޮއިންޓް ހޯދާފައިވާއިރު، ލީގުގައި މޮޅުވީ ތިން މެޗުންނެވެ. ކުރިއަށް އޮތް ސީޒަނަށް ސަސްއިން ނުކުންނާނީ ކޮން ކޯޗަކާ އެކުގައި ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.