ނ. މާފަރު ކައުންސިލު އިދާރާއިން ކަރަންޓު ކަނޑާލުމުން ގޭގައި މަސައްކަތް ކުރަން ފަށައިފިއެވެ.
މާފަރު ކައުންސިލު ރައީސް މުހައްމަދު އަދުނާނު މިރޭ "ވަން" އަށް ވިދާޅުވީ، މިއަހަރު އާ ކައުންސިލުން ހަވާލުވި އިރުވެސް، ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި މިސްކިތްތަކާއި މަގު ބައްތިތަކަށް ދައްކަންޖެހޭ ކަރަންޓު ބިލުތައްވެސް ނުދައްކާ ހުރި ކަމަށާއި އެ ބިލުތަކުގެ ޖުމުލަ 1.2 މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. އެހެން ނަމަވެސް ކައުންސިލު އިދާރާގެ އެއްވެސް ބިލެއް ނުދައްކައި ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
"ކައުންސިލު އިދާރާއިން ކަރަންޓު ކަނޑާލާފައި މިވަނީ މިއަދު މެންދުރުފަހު 3:00 ޖަހާކަށް ހާއިރުގަ. އަޅުގަނޑުމެން މިއަހަރު ކައުންސިލާ ހަވާލުވިއިރުވެސް ޕެންޑިންގަ އެބައޮތް 1.2 މިލިއަން ރުފިޔާގެ ބިލު ނުދައްކާ. ފިނޭންސް އިން ދެއްވާ ގްރޭންޓާއި ކައުންސިލަށް ލިބޭ އާމްދަނީން އެ ބިލުތައް ދެއްކެން އޮތް މިންވަރަކުން ދައްކަމުން މިދަނީ. ކައުންސިލުން ކަރަންޓު ކަނޑާލިޔަސް އިދާރާގެ އެއްވެސް ބިލެއް ނުދައްކައެއް ނޯންނާނެ،" އަދުނާން ވިދާޅުވިއެވެ.
އަދުނާން ވިދާޅުވީ މިހާރު ނުދެއްކި ހުރީ މިސްކިތާއި މަގުބައްތި ތަކުގެ ބިލްތައް އެކަނި ކަމަށެވެ.
"ކޮވިޑްގެ ޕެންޑަމިކްގައި ޕެންޑިން ތަކެއް މި އުޅެނީ. މިހާރު ނުދެއްކި މި ހުރީ މިސްކިތާއި މަގުބައްތި ތަކުގެ ބިލްތައް އެކަނި." އަދުނާން ވިދާޅުވިއެވެ.
ކައުންސިލަށް އާމްދަނީ ހޯދޭނެ އެކި މަގުތައް ބަލައި، އާމްދަނީ ހޯދައިގެން ބިލުތައް ދެއްކުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ފިނޭންސް އާއި ލޯކަލް ގަވަރުމެންޓް އޮތޯރިޓީ މެދުވެރިކޮށްވެސް އެކަމަށް ހައްލެ ލިބޭތޯ ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ރަށު ކައުންސިލް އިދާރާގެ ކަރަންޓު ކަނޑާލުމާ އެކު އެތަނުގެ ހިދުމަތްތައް ވަނީ މެދުކަނޑާލައިފަ އެވެ. އެހެންވެ ކައުންސިލުން މިހާރު ދެމުންގެންދަނީ ހަމައެކަނި އެމަޖެންސީ ހިދުމަތްތައް ކަމަށާއި އެ ހިދުމަތްތައްވެސް ދެމުން ގެންދަނީ ގެއިން ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އެރަށު ފެނަކައިގެ އޮފިސަރު ހުސައިން ފަލާހް މިރޭ "ވަން" އަށް ވިދާޅުވީ އެރަށު ކައުންސިލު އިދާރާއިން ކަރަންޓު ކަނޑާލާފައިވަނީ ފެނަކަ ހެޑް އޮފީހުން އެގޮތަށް ކަންތައް ކުރަން އެންގުމުން ކަމަށެވެ. އެގޮތުން މިހާތަނަށް ޖުމުލަ 1.4 މިލިއަން ރުފިޔާގެ ބިލު ނުދައްކައި އެބަ އޮތް ކަމަށެވެ.
އޭނާ ވިދާޅުވީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތާއި ބަނދަރު އަދި މަގު ބައްތިތަކުގެ އިތުރުން ފުޓުސަލް ދަނޑާއި އަދި ޕްރީސްކޫލްގެ ބިލްތައްވެސް ނުދައްކައި އެބަހުރި ކަމަށެވެ. އަދި އެތައް ފަހަރެއްގެ މަތިން ބިލްތައް ދެއްކުމަށް އެދިފައިވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު