ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބަލަމުން ގެންދާ ވަޒީފާއާބެހޭ މައްސަލަ ތަކުގައި ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އިން މައުލޫމާތު ހިއްސާނުކޮށް، އެއްބާރުލުން ނުދޭ މައްސަލަ ބަލައި ދިނުމަށްއެދި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅައިފިއެވެ.
އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުބުމުގައި ވަނީ އެ މައްސަލަ ބަލައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއް އިއްވައިފައެވެ.
އެ ސިޓީގައި ބުނެފައި ވަނީ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކަކީ ގާނޫނުއަސާސީން ބާރު ހިނގާ ސަރަހައްދު ތަކުގައި ހިމެނޭ އެންމެހާ ފަރާތްތަކަށް، ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކަށަވަރު ކޮށްދީފައިވާ ހައްގަކަށް އުނިކަން ލިބިއްޖެ ކަމަށް، ނުވަތަ އެފަދަ ހައްގެއް ގެއްލިއްޖެ ކަމަށް ބުނެ ހުށަހަޅާ މައްސަލަތަކެއް ކަމަށެވެ. އަދި އެއީ ވަކި ވަކި ފަރުދުންގެ އިތުރުން އާއިލާތަކާއި އާންމުކޮށް މުޅި މުޖުތަމައުގެ މަސްލަހަތާއި ކަރާމާތާ ގުޅިފައިވާ މައްސަލަތަކެއް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން އެ މައްސަލަތައް ނުބެލި ލަސްވެގެން ދިއުމަކީ އެތައްބައެއްގެ ހައްގުތައް ގެއްލި އިއާދަ ނުކުރެވޭވަރުގެ ގެއްލުންތަކެއް ލިބޭނެ ކަންތައްތަކެއް ކަމަށްވެސް ބުނެފައިވެއެވެ.
އެޗްއާރުސީއެމްގެ ގާނޫނުގެ ދަށުން އެ ކޮމިޝަނުން ތަހުގީގު ކުރާ ވަޒީފާއާބެހޭ މައްސަލަ ތަކުގައި އެލްއާރުއޭއަށް އެޗްއާރުސީއެމުން، ފޮނުވާ ސިޓީތަކުގައި ފުރިހަމަ މައުލޫމާތު ހިމަނާފައިނުވާ ކަމަށާއި އެ މައްސަލަތަކަށް ބޭނުންވެގެން އެދިފައިވާ ލިޔުންތަކުގެ ކޮޕީވެސް ހިއްސާ ކޮށްފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.
އެ މައްސަލަ ހައްލު ކުރުމަށް އެކި ފަހަރުމަތުން އެލްއާއުއޭއާ ބައްދަލުކުރި ނަމަވެސް މައްސަލަ ހައްލުވެފައި ނުވާ ކަމަށްވެސް އެޗްއާރުސީއެމުން ބުނެފައިވެއެވެ. އަދި ބަލަމުންދާ މައްސަލަތަކަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ފޮނުވާފައިވާ ސިޓީތަކަށް މަލާމާތްކުރާ ގޮތަށް ސިޓީފޮނުވަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
އެޗްއާރުސީއެމުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ފުރިހަމަ މައުލޫމާތު ސާފުކޮށްފައިނުވާ އަށް މައްސަލައެއްގެ މައުލޫމާތުވެސް އެޗްއާރުސީއެމުން ވަނީ ކޮމިޓީއަށް ހުށަހަޅައިފައެވެ.
މި މައްސަލައަަށް މަޝްވަރާ ކުރުމަށްފަހު، ހިއުމަންރައިޓްސް ކޮމިޓީ އާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރުން ބައްދަލުކޮށް އެ ބޭފުޅުންގެ ހާޒިރުގައި އެލްއާރުއޭ އާއި އެޗްއާރުސީއެމްގެ ވެރިން ހާޒިރުކޮށް އެކަމަށް ހައްލު ހޯދުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު