ކ. ހިންމަފުށީ އައްސޭރި ޖަލުގައި ގާއިމުކޮށްފައިވާ ކުޑަކުދިންގެ ޖަލަކީ ކުދިން ބޭތިއްބުމަށް އެކަށިގެންވާ ތަނެއް ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަންސް އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކަނޑައަޅައިފިއެވެ.
އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހިންގި ތަހުގީގުގައި ހިންމަފުށި އައްސޭރި ޖަލުގައި ގާއިމުކޮށްފައިވާ ކުޑަކުދިންގެ ޖަލަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޗިލްޑްރަން، ދަ ބެއިޖިން ރޫލްސްއާއި ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ކުޑަކުދިންގެ ހައްގުތަކުގައި ބަޔާންކޮށްފައިވާ ހައްގުތަކާއި ރައްކާތެރިކަން އެކުދިންނަށް ލިބިދޭ ތަނެއް ނޫންކަން އެނގިފައިވާ ކަމަށެވެ.
އަދި ދަ ނެލްސަން މަންޑޭލާ ރޫލްސްއަށް ރިއާޔަތްކުރާ އިރު އެޖަލަކީ މިނިވަންކަން ގެއްލޭ ގޮތަށް ބަންދުގައި މީހުން ބޭތިއްބުމަށް އެކަށިގެންވާ ތަނެއް ނޫން ކަމަށްވެސް ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ބުނެފައިވެއެވެ.
އެޗްއާރުސީއެމުން ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހުން 10 ވަނަ ދުވަހަށް އައްސޭރި ޖަލަށް އެ ކޮމިޝަނުން ކުރި ޒިޔާރަތުގައި އެތަނުގައި އަލަށް ގާއިމުކުރާ ކުޑަކުދިންގެ ޖަލުގެ މަސައްކަތް ތިން މަސް ދުވަސްތެރޭގައި ނިމޭނެ ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނި ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އެތަނަށް އަލުން ޒިޔާރަތް ކުރިއިރުވެސް އެ ޖަލުގެ މަސައްކަތް ނުނިމޭ ކަމަށެވެ.
އެހެންކަމުން މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެތަނުގައި މިހާރު ބަންދުކޮށްފައި ތިބި ކުޑަކުދިން ރައްކާތެރި މާހައުލަކަށް ބަދަލު ކުރުމަށާއި އެ ތާރީހުން ފެށިގެން އެއްވެސް މައްސަލައަކާ ގުޅިގެން ހިންމަފުށީ އައްސޭރި ޖަލުގައި ގާއިމުކޮށްފައިވާ ކުޑަކުދިންގެ ޖަލުގައި ކުޑަކުދިން ބަންދު ނުކުރުމަށް މިމަހުގެ 14ގައި ކަރެކްޝަނަށް އަންގާފައިވާ ކަމަށްވެސް ބުންޏެވެ.
"މި އެންގުމުގައި، ކ. ހިންމަފުށީ އައްސޭރި ޖަލުގައި ތިބި ކުޑަކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކަނޑައަޅައި ޕްލޭނެއް 24 އޮކްޓޯބަރު 2021ގެ ކުރިން ކޮމިޝަނަށް ފޮނުވުމަށްވެސް ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް އަންގައިފައެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު