ވާހަކަ

ޖޫދް - 35

އާ އުންމީދުތަކާއެކު އާދުވަހެއްގެ ފެށުން ފެށިއްޖެއެވެ. އަލިޝްބާ އަތުގައި ހިފައިގެން ހަމަ އިސްކޮޅަށް ކޮޅަށް ތެދުވެ ޒަހާ އޭނާގެ ފައިތިލައަށް ބަލައިލިއެވެ. ކުރިން އަބަދުވެސް އެއް އަރިއަކަށް އެޅޭ ވައަތު ފައިތިލަ ސީދަލަށް އެޅުމުން ޒަހާއަށް ހިނިތުންވެވުނެވެ. އިސްއުފުލާ އަލިޝްބާއަށް ބަލައިލިއިރު އޭނާގެ ދެލޮލުން އުންމީދުގެ އަލިކަމެއް ފެނުނެވެ.

"އަލްހަމްދުލިއްލާހް. އެއްކޮށް ރަނގަޅުވާން ދުވަސްނަގާނެ" އަލިޝްބާ ބުންޏެވެ.

"ލިބާ ތި ހާލުގައި އިނދެވެސް ޒަހާއްތައަށް ތިކޮށްދެނީ ވަރަށް ބޮޑު ކަމެއް. ކުރިން ނޭނގޭ ލިބާ އަކީ ތިކަހަލަ ބޭސްވެރިކަމެއް ކުރާ ކުއްޖެއްކަމެއް" ޒަހާ ބުންޏެވެ. އަލިޝްބާގެ އަތުގައި ހިފައިގެން މަޑުމަޑުން ކުރިއަށް ފިޔަވަޅެއް އެޅޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. އެހެންނަމަވެސް ފައި ތިލައަށް ބާރުލާފައި ކުރިއަށް ހިނގައިގަންނަން އުޅޭއިރަށް އަރިއަޅާލާ ގޮތް ވެއެވެ.

"އާނ. މަންމައާ އެއްކޮށް ކުރިން މިސްރުގައި އުޅުނުއިރު މިކަން ދަސްކުރީ. އަސްލު ބޭސްވެރިއަކީ ކާފަ. އެކޮޅުގައި ކާފަ ހިންގާނެ ކްލިނިކެއް. އެތަނުގައި ކާފައަށް އެހީވާން އުޅުމުގެ ތެރޭގައި އަޅުގަނޑު ދަސްކުރީ" އަލިޝްބާ ވާހަކަދެއްކިއެވެ.

"ﷲ އިރާދަކުރެއްވިއްޔާ ލިބާއަށް ޒަހާއްތަ ވަރަށް ރަނގަޅު ހަދިޔާއެއް ދޭނަން" އަލިޝްބާގެ އެހީގައި އެނދުގައި އިށީން ޒަހާ ބުންޏެވެ.

"އަޅުގަނޑު ބަދަލަކަށް ބޭނުންވެގެން ކޮށްދޭ ކަމެއް ނޫން މިއީ. ޒަހާއްތައަށް އިނގޭތަ އިބާ އަޅުގަނޑާ ބައްދަލުކޮށްފައި އެދުނީ ކޮންކަމަކަށް ކަން" އަލިޝްބާ ބުންޏެވެ. އޭނާ ޒަހާގެ ކައިރީގައި އިށީނެވެ.

"އިބާ ބުނީ މިގޭ މަންމަދެކެ ތިމަންނަ ވަރަށް ލޯބިވެޔޭ. މަންމަގެ ފައި ރަނގަޅު ކޮށްދޭށޭ. މަންމަ އަމިއްލަ ފައި މައްޗަށް ކޮޅަށް ހުންނަ މަންޒަރު ދެކެން ބޭނުންވާކަމަށް ބުނީ" އަލިޝްބާގެ އެވާހަކަތަކާއެކު ޒަހާގެ ހިނިތުންވުން ފުޅާވިއެވެ. ވަރަށް ރަނގަޅު ބޭސްވެރިއެއް ހުންނަ ވާހަކަ އިބާ ބުންޏަސް އެއީ އަލިޝްބާ ކަމެއް އޭނާއަށް ނޭނގެއެވެ.

"އިބާ އޭ ބުނީމަ ހަނދާންވީ. ރޭގައި ހުވަފެނުންވެސް ފެނިއްޖެ އެމަންޖެ މިކޮޓަރީގައި ހުއްޓަ" ޒަހާ ބުންޏެވެ.

"އެހެންވިއްޔާ އިބާ އަންނަން ތޯއްޗެ އުޅެނީ" ހީލަމުން އަލިޝްބާ ބުންޏެވެ.

އަންބަރްގެ އަތުގައި އޮތް ފޯނަށް ފާހާނާއިން ނުކުތް ސުމައްޔާ ބަލައިލިއެވެ. އަންބަރްގެ ތުންފަތުގައިވި ހިނިތުންވުން ސުމައްޔާއަށް ފެނުނެވެ. އެވަގުތު ކޮޓަރީގައި ތިބީ ސުމައްޔާ އާއި އަންބަރް އެކަންޏެވެ.

"މަންމައަށް ހާދަ ހީވެޔޭ އިބާ ވަރަށް އުފަލުން އިންހެން" އިސްތަށިގަނޑުގައި އޮޅާލާފައި އޮތް ތުވާލި ނައްޓުވާލަމުން ސުމައްޔާ ބުންޏެވެ.

"އެދުވަހު ފޯނު ހަލާކުވީމަ އަސްލު ވަރަށް ދެރަވެފައި ހުރީ. މައްސަލައަކީ އެކަކުގެވެސް ނަންބަރެއް ނޭނގޭ" އަންބަރް ބުންޏެވެ.

"މަންމަ ފޯނު ބަލައިގެން ސޭވްކޮށްބަލަ ހުރިހާ ނަންބަރެއް" ލޯގަނޑު ކައިރީގައ ހުއްޓެމުން ސުމައްޔާ ބުންޏެވެ.

"މިރޭ ރަށަށް ދާ ވާހަކަ އެކަކު ކައިރީގައިވެސް ނުބުނައްޗޭ. އެންމެންނަށް ސަޕްރައިޒެއް ދޭނީ" އަންބަރް ބުންޏެވެ.

"މަންމަ ނުބުނާނަން. އެކަމަކު ދެން ތިބި ދެމީހުންނަކަށް ނޭނގޭނެއްނު އިބާ ސަޕްރައިޒެއްދޭން އުޅޭ ކަމެއް" ސުމައްޔާ ބުންޏެވެ.

އައިސްއަލަމާރި މަތީގައި އޮތް ފުރުޓް ކޮތަޅު ސުމައްޔާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. އެއީ ވަރަށް ހެނދުނާ ޖޫދު ގެނެސްދިން ކޮތަޅެކެވެ. އޭރު އަންބަރް ނުހޭލައެވެ.

"އެއޮތީ ޖޫދު ގެނެސްދިން ފުރުޓް ކޮތަޅެއް. އިބާ އަށޭ ބުނީ" ތައްޔާރުވަމުން ދިޔަ ސުމައްޔާ ބުންޏެވެ. ފޯނާ ކުޅެން އިން އަންބަރް އެ ކޮތަޅަށް ބަލައިލިއެވެ. އޭނާ އެއްޗެއް ނުބުނެއެވެ. އެހެންކަމުން ސުމައްޔާ އަންބަރަށް ބަލައިލިއެވެ. އަންބަރް ހިމޭންވިކަން އޭނާއަށް ފާހަގަވިއެވެ.

"އޭނަ ކިހާ ރަނގަޅު. ދަރިފުޅުގެ އަތުން ހަލާކުވި ދަބަހުގެ ބަދަލުގައި ދަބަހެއްވެސް ދިނެއްނު" ސުމައްޔާ ބުންޏެވެ. ދެން އަންބަރް ބަލައިލީ ސުމައްޔާއަށެވެ. ޖޫދު ދިން ދަބަހެއް އޭނާއަށް ނުލިބެއޭ ބުނާ ކަހަލައެވެ.

"އެރޭ މަންމަ ގެނެސްދިން ދަބަހަކީ މަންމަ ދިން އެއްޗެއް ނޫނޭ" ހީލަމުން ސުމައްޔާ ބުންޏެވެ. ވަގުތުން އަންބަރް އިސްޖަހާލިއެވެ. އެތަން ފެނުމުން ސުމައްޔާ އައިސް އަންބަރް ކައިރީގައި އިށީނދެއްޖެއެވެ.

"މަންމަ މިއަދު އުފާކުރަން ދަރިފުޅުގެ ކައިވެނި ޖޫދު ކަހަލަ މާތް އިންސާނަކާ ކުރެވުނު ކަމަށްޓަކައި" ސުމައްޔާ ބުންޏެވެ. އަންބަރްގެ ފަރާތުން ފޫހިކަމެއް ނުވަތަ ހަރުކަށިކަމެއް ނުފެންނާތީ ކޮންމެ ވާހަކައެއް ދައްކަންވެސް ސުމައްޔާއަށް މިހާރު ފަސޭހައެވެ. ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އަންބަރް އަޑުއަހައެވެ.

"ދަރިފުޅާ. ދިރިއުޅުމަކީ ކޮންމެ މީހަކަށް ފަސޭހަ އެއްޗެއް ނޫން. ދިރިއުޅުން ފަސޭހަވަނީ އެމީހެއްގެ ފަހަތުގައި އޯގާތެރި ފިރިއެއް ނޫނީ އޯގާތެރި އަންބެއް ނުވަތަ ހެޔޮ އާއިލާއެއް އޮންނަނަމަ. ﷲ އިރާދަކުރެއްވިއްޔާ އެހުރިހާ ކަމެއް އިބާއަށް ވަނީ ފުރިހަމަވެފައި. އެހެންވީމަ ދިރިއުޅުމުގައި ފަހަތަށް ނުބަލައި ކުރިއަށްދާންވީ ވަގުތު މިއީ. ކޮންމެ ވަގުތެއްގައި ދަރިފުޅު ނަމާދަށް އަރާ މަންޒަރު ފެންނާތީ މަންމަ ހާދަ ހިތްހަމަޖެހެއޭ" ސުމައްޔާ ވާހަކަދެއްކިއެވެ. ސުމައްޔާގެ އެވާހަކަތަކުން އަންބަރަށް ރޮވެން އުޅޭ ކަހަލަ އިހުސާސެއް ކުރެވުނެވެ. އެހެންކަމުން އޭނާ ތުންފަތުގައި ދަތް އެޅިއެވެ.

"މަންމައަކަށް ނޭނގޭ އިބާ ޖޫދާއެކު ދިރިއުޅެން ބޭނުންވާކަމެއް ނޫނީ ނޫންކަމެއް. މަންމަ އުންމީދު ކުރަނީ އަބަދުވެސް އެންމެ ހެޔޮކޮށް. މަންމަ އިބާއަށް ވަރަށް އިތުބާރުކުރަން" ސުމައްޔާ ވާހަކަދެއްކިއެވެ.

އަންބަރް ސުމައްޔާއަށް ބަލައިލިއެވެ. އެ ބަލައިލުމުން އަންބަރް އެއްޗެއް ބުނަން އުޅޭހެން ސުމައްޔާއަށް ހީވިއެވެ. އެހެންނަމަވެސް އަންބަރް އަލުން އިސްޖަހާލިތަން ފެނުމުން ހިނިތުންވެފައި ސުމައްޔާ ދެފަރާތަށް ބޯހޫރާލިއެވެ.

ހިތަށް އަންނަ އެއްޗެއް އަންބަރަށް ދުލާ ހަމައަށް ގެންނަން އުނދަގޫ ވަނީއެވެ. ބައެއް ފަހަރަށް ހުދު އަމިއްލަ މީހާއަށް ވެސް ގަބޫލުނުކުރެވެއެވެ. އޭނާއަށް އައިސްފައިވަނީ ކޮންކަހަލަ ބަދަލުތަކެއް ކަމެއް ހުދު އޭނާއަކަށްވެސް ނޭނގެއެވެ. އެނގެނީ ބަދަލުތަކެއް އަތުވެއްޖެ ކަމެވެ. އަބަދު އެކަނި އިންނަން ބޭނުންވާ ކަމެވެ.

"ތިހުރިހާ ކަމެއް ފިރިމީހާ އެހާ ލޯބިން ކޮށްދޭއިރު އެންމެ ފަހަރަކުވެސް ޝުކުރުއަދާކުރިންތަ؟" ސުމައްޔާ އެހިއެވެ. އަންބަރް ދެފަރާތަށް ބޯހޫރާލިއެވެ.

"ފިރިމީހާ ކޮށްދޭ ކަންތައްތަކަށް އަބަދުވެސް ޝުކުރުއަދާ ކުރަންވާނެ. ދިރިއުޅުމެއް ކާމިޔަބުވާނެ މުހިންމު އެއްކަން އެއީ" އަންބަރްގެ މޫނުގައި ލޯތްބާއެކު ފިރުމައިލަމުން ސުމައްޔާ ބުންޏެވެ.

ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރީ އައްމާރެވެ. ފެންނަން ހުރި ނީލަމްގެ ދެލޯ ދެފަރާތަށް ދެމިލި ގޮތުން އައްމާރަށް ނީލަމް ހީލައިފިކަން އެނގުނެވެ. އެހިނިތުންވުން އޭނާއަށް ފަރުދާވެފައި ވިޔަސް އޭނާގެ ހިތަށް ފެނި ހިތްހަމަޖެހުން ލިބުނެވެ.

"އާދޭ އެތެރެއަށް" ބޮޑަށް ދޮރުހުޅުވާލަމުން ނީލަމް ބުންޏެވެ.

"ކެއިންތަ؟" ކުރީގައި ހުރެ ހިނގައިގަންނަމުން ނީލަމް އެހިއެވެ. އައްމާރަށް ހެވުނެވެ. އޭނާ އެ ގެއަށް އައުމާއެކު އެންމެ ފުރަތަމަ ނީލަމް ކުރާ ސުވާލަކީ އެއީއެވެ.

"ނުކަންތަ؟" އައްމާރުގެ ފަރާތުން ޖަވާބެއް ނައުމުން ނީލަމް އެނބުރިލިއެވެ. ހެވިފައި ހުރި އައްމާރު އަވަސް އަވަހަށް ހިނިތުންވުން ފޮރުވާލިއެވެ. އެހެންނަމަވެސް ނީލަމްއަށް ސިއްރެއް ނުވިއެވެ.

"މިތާ މަޑުކޮށްލާ. މިއަންނަނީ" އައްމާރު ގޮވައިގެން ނީލަމް ނުކުތީ ސިޓިންރޫމުން ނުކުމެވޭ ބެލްކަންޏަށެވެ. ދުވާލުގެ ވަގުތަށް ވުމުން މާލޭ މަގުމަތި ހަލަބޮލިވެފައިވާ މިންވަރު ދުއްވާ އެއްޗެހީގެ އަޑުތަކުން އިވެމުން ދިޔައެވެ. ނީލަމް ދިޔަ ދިމާލަށް ބަލަން އިނދެފައި އައްމާރު އަމިއްލަ ނަފުސަށް ހީލިއެވެ. ހިނދުކޮޅަކު ދެލޯ މަރާލައިގެން އިނީ އޭނާ ކުރަން އައި ކަންތަކަށް ހިތްވަރު ހޯދުމަށެވެ.

"ހަވީރުގެ ވަގުތަށް ވުމުން ޒަހާއްތަ ގޮވައިގެން ބޭރަށް ނުކުމެލަން އުޅުނީ. އެކަމަކު ޒަހާއްތަ ކައިރީގައި އައްމާރު އަންނަ ވާހަކަ ބުނީމަ ކެންސަލު ކޮށްލައިފި" އައްމާރަށް ކޮފީތަށި ދިއްކޮށްލަމުން ނީލަމް ވާހަކަދެއްކިއެވެ. އައްމާރު ހިނިތުންވެފައި ކޮފީތަށީގައި ހިފިއެވެ.

"ގުޅި ގަޑީގައި ބުނި ނަމައެއްނު" އައްމާރު ބުންޏެވެ.

"ދެން ބޮޑުވާހަކައެއް ބުނަންވެގެނޭ ބުނީމަ އެހެނެއް ނުބުނާނެއްނު" ނީލަމް ބުންޏެވެ.

"ހެހެ... އާނ ދޯ" ކުޑަ މޭޒުމަތީގައި ކޮފީތަށި ބަހައްޓާފައި އައްމާރު ފަޒާގެ ތެރެއަށް ފުން ނޭވައެއް ދޫކޮށްލިއެވެ. އެވާހަކަ ބުނަން އަނގަ ހުޅުވާލި ވަގުތު އަދި މާ އަވަސް ކަމުގައި ހިތް ބުނެލައިފިއެވެ.

"އެވާހަކަ ދޯ. އަދި ފަހުން ބުނާނީ" އައްމާރު ބުންޏެވެ.

"މިގޭ ކުދިން އަންނަނީ ކޮންއިރަކުން؟ އިބާ ކިހިނެއް މިހާރު؟" ހިނދުކޮޅަކަށްފަހު އައްމާރު އެހިއެވެ.

"ރަނގަޅު. ކުރިން ވާހަކަނުދައްކާ ހުރެފައި މިހާރު ވާހަކަދައްކަން ފަށައިފި" ނީލަމް ބުންޏެވެ.

"އެނގޭތަ އިބާ އަކީ ކާކު ކަން؟" ނީލަމް އެހިއެވެ. އައްމާރު ދެފަރާތަށް ބޯހޫރާލުމާއެކު ނީލަމް ހީލިއެވެ.

"ވާރިޝްގެ ކުރީގެ ވައިފް" ނީލަމް ބުންޏެވެ. "އިބާ އާ އޭ އޭރު ފިލައިގެން ގޮސް މެރީ ކުރީ" ނީލަމް ބުންޏެވެ. އައްމާރުގެ މޫނުމަތިން ހައިރާންކަމެއް ފާޅުވެލިއެވެ. ވާރިޝްއަކީ ނީލަމްގެ ކިހާ ވަރެއްގެ މީހެއްކަން ޖައިލަމްގެ ފުށުން ވަރަށް ރަނގަޅަށް އައްމާރަށް އެނގެއެވެ.

"އިބާ... އިބާ އަނެއްކާ ރަނގަޅު ކުއްޖެއްތަ؟" އައްމާރު އެހިއެވެ. މާކުރިންވެސް އައްމާރު އެސުވާލު ކުރާނެކަން އޭނާއަށް އެނގެއެވެ.

"ޖޫދު ކަހަލަ މާތް އިންސާނެއްގެ ދިރިއުޅުމަށް އާދެވުނީމަ ބަޅަށް އިންނަ ދަނޑިގަނޑެއްވެސް ތެދުވާނެއްނު" ހީލަމުން ނީލަމް ބުންޏެވެ. އެ ހުނުމުގައި އައްމާރުވެސް ބައިވެރިވިއެވެ.

"އަހަރެން ވާހަކައެއް އަހަންތަ؟" އައްމާރު އެހިއެވެ. ނީލަމް ބޯޖަހާލިއެވެ.

"މިގޭގައި ޖޫދު ކިޔާ މީހަކު އުޅޭތީ އުނދަގުލެއްނުވޭތަ؟ އެހެން މިބުނީ އަބަދު ޖޫދޭ ގޮވާ އަޑު އިވޭނެއްނު" އައްމާރު އެހިއެވެ.

"ފުރަތަމަކޮޅު އުނދަގޫވި. ވަރަށް އުނދަގޫވި. ހީކުރީ އަނެއްކާވެސް ޖޫދު ކިޔާ މީހެއްގެ ހަޔާތަށޭ އާދެވެން މިއުޅެނީ. ހިތުގައި އޮތީވެސް އެހެން. މިގޭ ޖޫދު އާ ކައިވެނިކުރާނަމޭ. އޭރުންވެސް ސިފަ ބަދަލުވިޔަސް ހަމަ އަހަރެންގެ ޖޫދުގެ ނަމޭ އަބަދު ކިޔާނީ" ނީލަމް ވާހަކަދެއްކިއެވެ. "އެކަމަކު ތަގުދީރުގައި އޮތީ އެހެން ރޭވުމެއް"

"އެހެންނޫނަސް ޖައިލަމްބެއަށް ރައްޓެހިންވެސް ޖޫދު އޭ ކިޔާފައި ނުގޮވައެއްނު. ބައެއްފަހަރު ޖައިލަމްބެގެ ބައްޕަ ހިތްހަމަނުޖެހުނީމަ ޖައިލަމް ޖޫދު އޭ ބުނާ އަޑު އިވޭނެ. ނީލަމްވެސް ކިޔަނީ ޖައި އެއްނު" އައްމާރު ބުންޏެވެ.

މާލޭގައި ހުރެވޭ އެންމެ ފަހު ދުވަހަށް ވުމުން އަންބަރްގެ އާއިލާ ހަވީރުގެ ސަޔަށް ގެ ކައިރި ރެސްޓޯރަންޓަކަށް ދިޔައެވެ. ނުގަނެވި ހުރި ބައެއް އެއްޗެހި ގަންނާށާވެސް އެކުގައެވެ. ރެސްޓޯރަންޓް ތެރެއަށް ވަދެގެން ގޮސް ހަތަރު މީހުންގެ ޖާގައިގައި އިށީނެވެ. އެއަށްފަހު ބޭނުންވާ އެއްޗިއްސަށް އޯޑަރުދިނެވެ. އަންބަރްގެ ކުރިމައްޗަށް ވާގޮތަށް އިން ޖޫދު ސިއްރު ސިއްރުން އަންބަރަށް ބަލައިލިއެވެ. ހުރަހަށް އަޅުވައިގެން ހުރި ހުދާ ރަތާ އެކުލެވޭ ދަބަސް ފެނުމުން އޭނާ ހިތްހަމަޖެހުނެވެ. އޭނާ ދިން ހަދިޔާ އަންބަރްގެ އަތުގެ ތެރެއިންނާއި ގަޔާ ކައިރިން ފެނުމުން ބޭއިހުތިޔާރުގައި ހީލެވުނެވެ. އެހެންނަމަވެސް އޭނާގެ ހިތުގައި އަދިވެސް ރިހުމެއްވިއެވެ. އަންބަރް އުޅޭލެއް ދުރުކަމުންނެވެ. ކުރިން ވާހަކަނުދައްކާތީއެވެ. ބޭނުންވާ ކަންކަން ނުބުނާތީއެވެ. އޭނާއަށް ބަލައިނުލާތީއެވެ. އަންބަރް އޭނާ އާ މެދު ދެކެނީ ކިހިނެއް ކަމެއް އޭނާއަށް ނޭނގެއެވެ.

"ވެއިޓަރަކު އައިސް އަންބަރްގެ ކުރިމަތީގައި ބެހެއްޓި ޗޮކްލެޓް މިލްކްޝޭކް ތަށި އޭނާ ކައިރިކޮށްލިއެވެ. ހޮޅީގައި އަނގަ ޖަހާލާފައި އެތެރެއަށް ދަމާލަން އުޅެނިކޮށް ޖޫދު ކުރަން އުޅުނު ކަމަކަށް އޭނާގެ ނަޒަރު ހުއްޓިއްޖެއެވެ. އޭނާ މިލްކްޝޭކް ތަށި ދުރުކޮށްލާފައި ޖޫދަށް ބަލައިލިއެވެ. އިރުކޮޅަކުން ޖޫދަށް ބަލައިލެވުނީ އޭނާގެ ސައިތައްޓާ ދިމާލަށް އަންބަރް އަތް ދިއްކޮށްލުމުންނެވެ.

"ގޭނޭ. އަހަރެން އަތަށް" ޖޫދު އަންބަރްގެ މޫނަށް ބަލައިލިޔަސް އަންބަރް ބަލައިނުލައެވެ. ހަކުރު ޕެކެޓް ކަނޑާލާފައި އޭނަ ޖޫދުގެ ސައިތަށި ގިރައިދޭން ފެށިއެވެ. އެމަންޒަރު ފެނުމުން ސުމައްޔާ އާއި ހާތިމް އެކަކު އަނެކަކުގެ މޫނަށް ބަލާލައިފައި ހީލިއެވެ. އަންބަރްގެ އެ އަމަލުން ހިތްހަމަޖެހުން ލިބުނީ ހަމައެކަނި ސުމައްޔާ އާއި ހާތިމްގެ ހިތަކަށް ނޫނެވެ. ޖޫދަށް ވެސް ލިބުނެވެ. މީގެކުރިން ދުވަހަކުވެސް އޭނާގެ ކެއުމުގެ ކަމެއްގައި އަންބަރް ކަމެއް ނުކޮށްދެއެވެ. މިއަދު ކުއްލިއަކަށް ސައިތަށި ގިރައިދޭން އަންބަރް އުޅުމުން ޖޫދަށް ހައިރާންކަމެއްވެސް ލިބުނެވެ.

"ބައްޕަގެ ސައި ތައްޓަށް އެހާ ގިނައިން ހަކުރު ނާޅަން އިނގޭ" ހާތިމްގެ ސައިތަށި ވެސް އަންބަރް ގިރައިދިނެވެ.

"ކިހާ އިރަކު އެއާޕޯޓަށް ދާންޖެހެނީ" ސުމައްޔާ އެހިއެވެ.

"މަޣްރިބް ނަމާދަށްފަހު ދާންވީ. އިޝާނަމާދު ކުރަންޖެހޭނީ އެއާޕޯޓުގަ" ޖޫދު ބުންޏެވެ.

"އަނެއްކާ ތިއިން އެއްވެސް މީހަކު ރަށުގައި ތިބި މީހުން ކައިރީގައި ބުނިންތަ މިރޭ ފުރާ ވާހަކަ" ސުމައްޔާ އެހިއެވެ. ގުޅައެއް ކާން އިން އަންބަރް ހާތިމްގެ މޫނަށް ބަލައިލީ އެސުވާލުގެ ޖަވާބު އެނގެން ބޭނުންވެފައި އިނުމުންނެވެ.

"ނުބުނަން" ހާތިމް ބުންޏެވެ.

"ނަސީބެއް. އިބާ ބޭނުމެއްނުވޭ އެކަކު ކައިރީގައި ވެސް ބުނާކަށް" ސުމައްޔާ ބުންޏެވެ. ޖޫދު އަންބަރަށް ބަލައިލިއެވެ. އަންބަރް އިނީ ދުރަށް ބަލަހައްޓައިގެންނެވެ.

"މަންމަމެން ވަރަށް އަވަސްކުރަން ޖެހޭނެ އިނގޭ ގަޑިއަށް ދާން. މިރޭ ހަ ގަޑި ބައިގެ ކުރިން ރޫމް ހަވާލުކުރަންޖެހޭ. އޭގެފަހުން އެތަނަށް ނުއެއް ވަދެވޭނެ. ހުރިހާ އެއްޗެއް ހަމައަށް ޕެކްކޮށްފައި ބަހައްޓާތި" ޖޫދު ވާހަކަދެއްކިއެވެ.

ރައިކާ ނިންދަވާފައި ރިކްޒާ ކޮޓަރިން ބޭރަށް ނުކުމެލިއެވެ. ގޭތެރެއިން ސީނާ ފެންނަން ނެތެވެ. އޭނާ ބަދިގެއަށް ވަދެފައި ރޭގަނޑަށް ދެމައިންނަށް ވާވަރަށް ކާއެއްޗެއް ރޯފިލުވަން އުޅުނެވެ. އޭގެކުރިން ސީނާ ކޮބާތޯ ބަލައިލަން އޭނާ ކޮޓަރި ދޮރުހުޅުވާލިއެވެ. އެނދާއި އަލަމާރިއާ މެދު ހުރި ހުސްތަންކޮޅުގައި މުސައްލަ މަތީގައި ސަޖިދައިގައި އޮތް ސީނާ ފެނުމުން ރިކްޒާއަށް ވީ އެހެން ގޮތެކެވެ. ހެއްދެވިފަރާތް މަތިން ހިތަށް އެރިއެވެ. މީގެކުރިން އެ ދެމައިން ވަނީ ހެއްދެވިފަރާތެއް ވާކަން ހަނދާން ނެތިފައެވެ. މަރާ މެދު ކުޑަކޮށްވެސް ވިސްނާނުލެވެއެވެ. އެހެންނަމަވެސް ވަގުތާއެކު ހާލަތަށް އައި ބަދަލުން ދެމައިންގެ މުޅި ދިރިއުޅުން ހީވެސްނުކުރާ ގޮތަކަށް ބަދަލުވެއްޖެއެވެ. ދެރައީ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައިއިރު އެންމެ ލޯބިވާ މީހާ އޭނާއާ ވަކިވެގެން ދިޔުމުންނެވެ. ބައްޕަ އިސްހާގު ސީނާއަށް ވުރެ އަބަދުވެސް ރިކްޒާއާ ގާތެވެ. އެކަމަކު ދިރިއުޅުމުގައި ހެދުނު ގޯހެއްގެ ސަބަބުން އިސްހާގު ވަނީ އޭނާއާ ދުރުވެފައެވެ. ކުރާ ކޮންމެ ނަމާދެއްގެ ފަހަތުގައި އޭނާ ހެޔޮ ގޮތް ވުމަށް އެދި ދުއާ ކުރެއެވެ.

ސީނާ ސަލާންދިންތަން ފެނުމުން ރިކްޒާ ކޮޓަރި ތެރެއަށް ވަނެވެ. ސީނާ ކައިރީގައި ހުއްޓިގެން ހުރީ އޭނާ ނަމާދުގެ ފަހަތުގައި ކިޔާ އެއްޗެހި ކިޔައި ނިމެންދެކަށެވެ.

"މިރެއަށް ރަނގަޅު އެއްޗެއް ހަދާލަން މި ވިސްނަނީ" އެނދުގައި އިށީންނަމުން ރިކްޒާ ބުންޏެވެ.

"އެބަހުރިތަ ގޭގައި އެއްޗެހި" ނަމާދު ދޮޅި ބާލަމުން ސީނާ އެހިއެވެ.

"އަދި ދެ ދުވަހަކު ކައްކާ ވަރަށް އެބަހުރި. ރޭގައި ޒަހާދައްތަ ފޮނުވި އެއްޗެހި ވެސް އެބަހުރި" ރިކްޒާ ބުންޏެވެ.

"އެމީހުންނާ މެދު އަމަލުތައް ބެހެއްޓުނު ގޮތާއި ކިޔުނު އެއްޗެހިން އެއިން މީހެއްގެ ކުރިމައްޗަށް އަރަންވެސް ނުކެރުނު. ހާއްސަކޮށް ޖޫދަށް ކިޔުނު އެއްޗެހި. އަމުދުން އެސޮރު ކުރިމައްޗަށް އަރަން ނުކެރޭނެ" އެނދުގައި އިށީނދެފައި މަޑުމޮޅި ރާގަކަށް ސީނާ ބުންޏެވެ.

"ހުރިހާ ކަމެއް ވީ މަށާ ހެދި. މަންމަ އާއި ބައްޕަ ބޮޑު ބަދުނާމެއްގައި ބައްދާލެވުނީ. މަންމަ ތިއުޅެނީ މަގެއް މައްޗަށް ނުކުންނަންވެސް ނުކެރިގެން. ސޮރީ މަންމާ" ރިކްޒާއަށް ރޮވިއްޖެއެވެ.

"ތިހެން ނުބުނޭ. ހެއްދެވިފަރާތުން ކޮންމެ ކަމެއްވެސް ކުރިމަތި ކުރައްވާނީ އެކަމުގެ ފަހަތުގައި ރަނގަޅު ސަބަބެއް އޮވެގެން. މަންމަ އާއި ދަރިފުޅު އެކަލާނގެ ދެއްކެވި މަގަށް ރުޖޫއަ މިވީ ކީއްވެ؟ ތިފަދަ ބޮޑު ލަދެއްގައި ނުބެދުނުނަމަ ދުވަހަކުވެސް ހޭނާރާނެ. އެންމެފަހު ނޭވާއާ ހަމައަށް ތިބޭނީ ޣާފިލުކަންމަތީގަ. އެހެންވީމަ ދެން އެކަހަލަ އެއްޗެއް ނުބުނާތި" ރިކްޒާގެ ދެލޮލުން ފޭބި ކަރުނަތައް ފޮހެމުން ސީނާ ވާހަކަދެއްކިއެވެ.

"ދެން ދޭ. މަސްބަތްގަނޑެއް ހަދާނީ. މަންމަވެސް ދާނަން އެހީވާން އިރުކޮޅަކުން" ސީނާ ބުންޏެވެ.

ކޮޓަރިން ނުކުމެގެން ވަކި ހިސާބަކަށް ނުދެވެނީސް ދޮރުގެ ރަނގަބީލު ޖަހާލި އަޑު އިވިއްޖެއެވެ. ރިކްޒާ ދިޔައީ ދޮރާ ދިމާލަށެވެ. ހަމަޖެހިލާފައި ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރި އިސްހާގެވެ. ބައްޕަގެ ކުރިމަތީގައި ރިކްޒާ އިސްޖަހާލިއެވެ. އެތައް ޒަމާނަކަށްފަހު އޭނާއަށް ލޯބިވާ ބައްޕަ ފެނުމުން ހިތްހަމަޖެހެންދެން ބަލައިލަންވެސް ނުކެރުނެވެ. އިސްހާގަށްވެސް ވީ އެވަރެވެ. ފެށުނީއްސުރެވެސް ރިކްޒާއަކީ ހިކިކޮށް ހުންނަ ކުއްޖެކެވެ. މިހާރު އަދި މާ ހިއްކެވެ. ދުނިޔޭގައި ހުރި ހަމައެކަނި ދަރިފުޅު އެހާ އަނަރޫފަވެފައި ހުއްޓާ ފެނުމުން އިސްހާގުގެ ދެލޮލުން ކަރުނަ ނީރާލިއެވެ.

"ކާކުތަ އައީ؟" ކޮޓަރިން ނުކުތް ސީނާ ބުނެލި އަޑު އިވުނެވެ. ރިކްޒާ އެއްފަރާތް ވެލުމާއެކު އިސްހާގާ ސީނާގެ ނަޒަރު ބައްދަލުވިއެވެ. ސީނާގެ މޫނުމަތީގައި ވަށާލީ ހައިރާންކަމެވެ. ދުވަހަކުވެސް ސީނާ އުޅޭ ތަނަކަށް ހިޔަނި އެޅުނަނުދޭނަމޭ ބުނި އިންސާނާ ކުރިމަތިން ފެނުމުން ފުރަތަމަ ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.

"ވަދޭ އެތެރެއަށް" ސީނާ ބުންޏެވެ. އެ އަޑު އަހާފައި ރިކްޒާ ދޮރު ބޮޑަށް ހުޅުވާލިއެވެ. އެއާއެކު އިސްހާގު އަދި ރިކްޒާއާ ގާތްގަނޑަކަށް އެއް އުމުރެއްގެ ޒުވާން ފިރިހެން ކުއްޖަކު ވަދެއްޖެއެވެ. އެއީ ކާކުކަން ސީނާއަށް ނޭނގުނެވެ. އެހެންނަމަވެސް އޭނަ ސުވާލެއް ނުކުރެއެވެ. ގޭތެރޭގެ ހުރިހާ ދިމާލަކަށް ބަލަމުން ގޮސް އިސްހާގު ސީނާ ދެއްކި ގޮނޑީގައި އިށީނދެއްޖެއެވެ. ރިކްޒާ ވަދެގެން ދިޔައީ ބަދިގެއަށެވެ.

"އެމީހުންނާ ލައިގެން ކައްކާ އިނގޭ" ބަދިގޭގައި ހުރި ރިކްޒާއަށް ސީނާ ބުންޏެވެ.

"ބައްޕަ. އަންގާވެސްނުލާ.... ކީއްކުރަން" ރިކްޒާ ބުންޏެވެ. ސީނާ ރިކްޒާގެ އަތުގައި ހިފާލާފައި ހަމަޖެހުމަށް އިޝާރާތުން ބުނެލިއެވެ.

"މަންމަ އަންނާނަން އަހާލާފައި ބައްޕަ އައީ ކީއްކުރަންތޯ" ސީނާ ނުކުމެގެން ދިޔައެވެ.

"އަހަރެން މިއައީ ވަރަށް ވިސްނާފައި. އަހަރެން ބޭނުމީ ތި ދެމައިންނާ ހަވާލުވާން" ސީނާ ކުރިމަތީގައި ހުއްޓުމާއެކި އިސްހާގް ވާހަކަދެއްކިއެވެ.

"މާނައަކީ އަހަރެންނާއި ރިކްޒާއާ ހަވާލުވާށޭތަ؟ އެހެންވިއްޔާ ހަނދާންނައްތާލާ. ތިކަމެއް ނުވާނެ. އަހަރެމެންގެ އާއިލާއަކީ އެދުވަހަކަށް މިންވަރު ކުރެއްވި ގޮތަކަށް ރުހިގެން އުޅޭ ބައެއް" ސީނާ ބުންޏެވެ.

"އަހަރެންނާ މެދު ހިތްނުބައި ނުކުރޭ. ކޮންމެ އިންސާނަކަށްވެސް ކުށެއް ކުރެވިދާނެ. އަހަރެމެންގެ ދެމީހުންގެ ކައިވެނި ރޫޅުނީ ވަކި މީހެއްގެ ސަބަބުންނޭ ބުނެވޭކަށް ނެތް. ދެމީހުންގެ އިހުމާލުވެސް އެކަމުގައި އެބައޮތް" އިސްހާގު ވާހަކަދެއްކިއެވެ. އެހިސާބުން ތަބަކެއްގައި ދެ ޖޫސްތަށި ހިފައިގެން ރިކްޒާ އައެވެ. ކުރިމަތީގައި އިން އިސްހާގަށް ބަލައިނުލާ އޭނާ ތަބަށް ދިއްކޮށްލިއެވެ. އިސްހާގު ޖޫސްތަށީގައި ހިފީ ރިކްޒާގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ. އިސްހާގު ކައިރީގައި ހުރި ފިރިހެންކުއްޖާ ބެލްކަނީގައި މަޑުކޮށްލައިގެން ހުރުމުން ތަބަށް މޭޒުމަތީގައި ބަހައްޓާފައި ރިކްޒާ ދާން ހިނގައިގަތެވެ. އެއާއެކު އިސްހާގު ހިފެހެއްޓީ ރިކްޒާގެ އަތުގައެވެ. އޭނާއަށް އިހުސާސް ކުރެވުނީ ކަށިގަނޑެއްގައި ހިފުނު ކަހަލަގެ އިހުސާސެކެވެ.

"ދަރިފުޅު އާދެބަލަ މިތާ ބައްޕަ ކައިރީގައި އިށީންނަން" އިސްހާގު ބުންޏެވެ. ކިޔަމަންތެރިކަމާއެކު ރިކްޒާ އިށީނެވެ. ދެބަފައިންގެ ހަރަކާތްތަކަށް ބަލަން ހުރެފައި ދެފަޔަށް ވަރުބަލިވާން ފެށުމުން ވަކިން ހުރި ގޮނޑީގައި ސީނާ އިށީނެވެ.

"ސޮރީ މައި ޑޯޓާ" އިސްހާގު ބުންޏެވެ. ރިކްޒާގެ ރުއިމުގެ އަޑު ބާރުވީ އެހިސާބުންނެވެ. އަނގަމަތީގައި އަތް އަޅާފައި އޭނާއަށް އިސްހާގުގެ ކޮނޑުގައި ބޯއަޅައިފިއެވެ.

ބެލްކަނީގައި ހުރި ޒުވާނާ ކުޑަކޮށް ބޯއަރިކޮށްލާފައި އެތެރެ ބަލައިލިއެވެ. ރިކްޒާގެ މޫނު ފެންނަ ވަރަށް މަޑުކޮށްލައިގެން އޭނާ ހުރީ ކަޅިޖަހާނުލައި އެ މޫނަށް ބަލަހައްޓައިގެންނެވެ.

(ނުނިމޭ)