އިންޑިއާއިން ވޯލްޑް ކަޕަށް ދާން މަސައްކަތް ކުރާނަމަ، ޑޮމެސްޓިކް ލީގުގެ ކަންކަން އިތުރަށް ހަރުދަނާ ކޮށް، ބޮޑެތި ހަރަދުތަކެއްވެސް ކުރަން ޖެހޭ ކަމަށް ކޯޗު އީގޯ ސްޓިމަކް ބުނެފިއެވެ.

ނިމިގެން ދިޔަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިންޑިއާއިން މިހާރު އޭޝިއަން ކަޕް 2023 ގެ ފައިނަލް ބުރަށް އަމާޒު ހިފާފައިވާއިރު، ކްރޮއޭޝިއާގެ ކޯޗު ސްޓިމަކް ބުނެފައި ވަނީ އެ ކޮލިފިކޭޝަނަށް ތައްޔާރުވުމަށް ޓީމަށް އެކަށީގެން ވާ ވަގުތު ބޭނުންވާނެ ކަމަށެވެ. ގޯލް.ކޮމް އަށް ދީފައިވާ އިންޓަވިއުއެއްގައި ސްޓިމަކް ބުނެފައި ވަނީ ދުރު ރާސްތާ ޕްލޭނަކީ ވޯލްޑް ކަޕަށް ދިޔުން ކަމަށްވާއިރު، ޓެކްނިކަލީ އަދި ފިޒިކަލީ ޓީމުގެ ކަންކަން ރަނގަޅު ކުރުމަށް ޑޮމެސްޓިކް ސީޒަންގެ ކަންކަން ހަރުދަނާ ވާން ޖެހޭ ކަމަށެވެ.

"ޕެންޑަމިކާއެކު ސީޒަން ރަނގަޅަށް އަށް މަހަށް ވެސް ދިގުލައިގެން ދާނެ ކަމެއް ނޭނގެ. އެއީ މައްސަލައެއް. ސީޒަންގެ ބޭރުން ކުޅުންތެރިން ގައުމީ ޓީމަށް ނަގަން ޖެހުނީމަ ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސީޒަން ދެމިގެންދާން ޖެހޭ. ކުޅުންތެރިންގެ ފޯކަސް އާއި ފިޓްނަސްގެ ކަންކަމަށްބަލާއިރު، ސީޒަންގެ ތެރެއިން ކުޅުންތެރިން ގައުމީ ޓީމު މެޗުތަކަށްވެސް ނެގުން އެންމެ ފައިދާ ބޮޑުވާނެ ގޮތަކީ،" ސްޓިމަކް ބުނެފައިވެއެވެ.

ސްޓިމަކް މައިގަނޑު ގޮތެއްގައި ވޯލްޑް ކަޕުގެ ފުރުސަތާ ގުޅިގެން ބުނެފައި ވަނީ ލީގުގެ ވާދަވެރިކަން އިތުރު ކުރަން ޖެހޭ ކަމަށާއި، ހަރަދުވެސް ކުރަން ޖެހޭ ކަމަށެވެ.

"ލީގުގެ ވާދަވެރިކަން އޭޝިއާގެ އެންމެ މަތީ ފަންތީ ލީގުތަކާ ހަމަކުރަން އެބަ ޖެހޭ. އެގައުމުތަކާ އެއްވަރަށް އެކަޑެމީތަކުގެ ކޮލިޓީވެސް ރަނގަޅު ކުރަން އެބަ ޖެހޭ. ޗައިނާއަށް ބަލާއިރު، އެގައުމުން ފުޓުބޯޅައަށް އެދަނީ ބިލިއަން ޑޮލަރު ހަރަދުކުރަމުން. ޗައިނާގެ ފަސް މިލިއަން ކުދިން އެކަޑެމީގެ އޮނިގަނޑުތެރެއިން ތަމްރީނުވަމުން އެބަދޭ. އެތައް ހާސް ބޭރު ކޯޗުންނެއްވެސް ޗައިނާގައި އެބަ ހަރަކާތްތެރިވޭ. އެ ހުރިހާ ކަމަކާއެކުވެސް ޗައިނާއަށް އެ އުޅެނީ އެ އަމާޒު ހާސިލު ނުވެގެން. އެހެންވީމަ އެއީ ކުޑަކަމެއް ނޫންކަން ސާފު. އެހެން ގައުމުތަކުން މިހާލަތުގައި އިންޑިއާއަށްވުރެ ބޮޑަށް އެ މަސައްކަތް ކުރަމުން އެބަދޭ. އެކަން އެހުރީ ފެންނަން،" ސްޓިމަކް ފާހަގަކުރިއެވެ.

ސްޓިމަކް ބުނީ އިންޑިއާ ޓީމުން މިހާރު މަސައްކަތް ކުރަނީ ޓެކްނިކަލް ފުޓުބޯޅައެއް ކުޅުމަށް ކަމަށާއި، އޭގެ ތެރެއިން ކުޅުންތެރިންގެ ޕްރޮފެޝަނަލިޒަމްއަށް މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފުޓުބޯޅައިގެ މައުލޫމާތު ކުރިއަށްވުރެ ބޮޑަށް ކުޅުންތެރިންނަށް އެކިއެކި ގޮތްގޮތުން މިހާރު ދެމުން އަންނަ ކަމަށް ސްޓިމަކް ބުނެފައިވާއިރު، އޭނާ ފާހަގަކުރީ ކުޅުންތެރިންގެ ކެއުން ބުއިމާއި އެކަހެރިކޮށް ކުރާ ތަމްރީނުތަކަށް މިހާރުވެސް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކޯޗު ސްޓިމަކްގެ ނަޒަރުގައި އިންޑިއާ ޓީމުގައި ކޮންމެ މަގާމަކަށް ކުޅޭންވެސް ދެތިން ކުޅުންތެރިން އެއް ފެންވަރެއްގައި ތިބުމަކީ ލިބޭ އެންމެ ބޮޑު ފައިދާއެވެ. އެކަން އެގޮތަށް ކުރެވެނީ ކުޅުންތެރިން އެއް ފެންވަރަކަށް ގެނެސްގެން ކަމަށްވެސް ސްޓިމަކް ބުންޏެވެ.

އިންޑިއާއަކީ މި ސަރަހައްދުގެވެސް އެންމެ ވަރުގަދަ ފުޓުބޯޅަ ޕްރޮޖެކްޓެއް ހިންގަމުން އަންނަ ޓީމެވެ. ކްލަބުތައް ވަރުގަދަކޮށް އިންޑިއާގެ އެކަޑެމީތަކުން ގިނަ ކުޅުންތެރިންތަކެއް އުފައްދަމުން އަންނައިރު، ރާއްޖެ ފަދަ ހުނަރު ހުރި ގައުމުތަކަށްވެސް އިންޑިއާއާ ގާތް ނުކުރެވެނީ ހަރަދުގެ ގޮތުންނެވެ. އަދި ހާއްސަކޮށް އިންޑިއާގެ ސިސްޓަމަކީ ރަނގަޅުވަމުން އަންނަ ފުޓުބޯޅަ ސިސްޓަމެއްކަން ފާހަގަކޮށްލެވެއެވެ.