އިންޑިއާގެ ޖީއެމްއާރް ކުންފުނި އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަތުލި މައްސަލައާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްްކެވި ވާހަކަތަކަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްވެސް ތާއީދު ކުރައްވައިފިއެވެ.

މިނިސްޓަރު އަމީރު މިދިޔަ ހޮނިހިރު ވިލޭރޭ ކުރި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާގެ ޖީއެމްއާރް ކުންފުނި އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަތުލުމަކީ މިހާތަނަށް އިގުތިސޯދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާ ކަމަށެވެ.

އަމީރުގެ އެވާހަކަތަކަށް ތާއީދު ކުރައްވައި މިނިސްޓަރު މައުސޫމް ވިދާޅުވީ ޖީއެމްއާރުގެ އަތުން އެއާޕޯޓް އަތުލުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު ވިދާޅުވި ބަސްކޮޅު އިގުތިސޯދީ ނަޒަރަކުން ފަހުމްވެލުން މުހިންމު ކަމަށެވެ.

"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތޮއްޖެހުން އެއީ މިއަހަރު އަދި އަންނަ އަހަރުވެސް ފަތުރުވެރިކަަން އޮމާންކަމާއި އެކު ކުރިއެރުމަށް އޮތް މާސިންގާ ގޮންޖެހުމެއް" މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ

މައުސޫމް ވަނީ މާޒީން ފިލާވަޅު ލިބިގަނެ ކުރިއަށް ދިއުން ބުއްދިވެރިކަމަށްވެސް ވިދާޅުވެފައެވެ.

އަމީރު މީގެ ކުރިން ވިދާޅުވީ އެއާޕޯޓު ޖީއެމްއާރު އަތުން އަތުލުމުގެ ސަބަބުން އާބިޓްރޭޝަން އިން 270 މިލިއަން ދައްކަން ޖެހުމުގެ ސަބަބުން، އެއާޕޯޓު އިތުރަށް ތަރައްގީ ނުވެ، ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ސަރުކާރަށް ޖެހުނީ ބަޖެޓުން މަޝްރޫއުތަކަށް ފައިނޭންސް ކުރަން ކަމަށެވެ. އެކަމުގެ ސަބަބުން އެއް ބިލިއަން ޑޮލަރުގެ ލޯނެއް ނަގައި ދައުލަތުގެ ދަރަނި އިތުރުވެ، ދަރަނި ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަން ކުރަން ބަޖެޓުގައި ފައިސާ ނެތް ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި ޖީއެމްއާރު އެއާޕޯޓު ހިންގަން ސަރުކާރުން ފުރުސަތު ދެއްވިނަމަ 2014 ވަނަ އަހަރުގައި އެއާޕޯޓު ތަރައްގީކޮށް ނިމޭނެ ކަމަށާއި އެއްބަސްވުން ބާތިލުކުރުމުގެ ނަތީޖާއަކަށް ވީ އެއާޕޯޓުގެ މަސައްކަތް ނުނިމި އޮތުން ކަމަށެވެ. އަދި ވިދާޅުވީ ޖީއެމްއާރުން އެއާޕޯޓު ތަރައްގީކޮށް 2014 ގައި ނިންމި ނަމަ ކޮވިޑު ރާއްޖެ އައުމާ ހަމައަށް ރާއްޖެއަށް އިތުރު 6.7 މިލިއަން ޓޫރިސްޓުން ގެނެވުނީސް ކަމަށެވެ. އެކަން އެގޮތަށް ނުވުމުގެ ސަބަބުން ޓޫރިޒަމް އާމްދަނީން 13.2 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ އެ 13.2 ބިލިއަން ޑޮލަރުން އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ. އެހެންކަމުން މިއީ އެތައް އާއިލާއަކަށް ގެއްލިގެން ދިޔަ އާމްދަނީ ކަމަށެވެ. އިތުރަށް ވިދާޅުވީ 2014 ވަނަ އަހަރަށް އެއާޕޯޓު ތަރައްގީކޮށް ނިމުނުނަމަ 2020 ވަނަ އަހަރާ ރާއްޖެ ކުރިމަތިލާނީ ފަސް ބިލިއަން ޑޮލަރުގެ އިގުތިސޯދެއްގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށްވުރެ ބޮޑު އިގުތިސޯދަކާ އެކުގައި ކަމަށެވެ.

އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ވެލެނާ އިންޓަނޭޝަލް އެއާޕޯޓު އޭރުގެ ނަމުން ނަމަ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ހަވާލުކުރީ މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރެވެ. އެއީ އެ އެއާޕޯޓު އިތުރަށް ތަރައްގީކޮށް ހިންގުމުގެ ނިޒާމު ހަރުދަނާކުރަން ވެވުނު އެއްބަސްވުމެއް ކަމަށް އޭރުގެ ސަރުކާރުން ވަނީ ބުނެފައެވެ. އެއާޕޯޓު ހިންގަން ޖީއެމްއާރް ކުންފުންޏާ ހަވާލުކުރީ ޓެކްސް ލުއި ދީފައެވެ. ރާއްޖޭގެ މައި ދޮރާށި ބޭރުބަޔަކަށް ދިނީކަމަށް ބުނެ އޭރު ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ ވަރުގަދަ މުޒާހާރަތެއް ކޮށް، ޖީއެމްއާރް ކުންފުންޏާއެކު ވެވުނު އެއްބަސްވުން ބާތިލުކުރަން ސަރުކާރަށް ޕްރެޝަރުކޮށްފައެވެ. އެއްބަސްވުން އުވާލިއިރު ރައީސް ކަމުގައި ހުންނެވީ ޑރ. މުހައްމަދު ވަހީދު ހަސަނެވެ.

އެއްބަސްވުން ދިވެހި ސަރުކާރުން ބާތިލު ކުރީ ގާނޫނާ ހިލާފަށް ކަމަށް ވުމުން ޖީއެމްއާރް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 270 މިލިއަން ޑޮލަރު ދައްކަން ޖެހުނެވެ. އެ ފައިސާ ދައްކާފައި ވަނީ 2016 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.