ނިއުކާސަލް ޔުނައިޓެޑަށް "ހާއްސަ ލޯތްބެއް" އޮންނަ ނަމަވެސް ރޯމާ ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށް ޖޯސޭ މޮރީނިއޯ ބުނެފިއެވެ.
ސައުދީ އަރަބިއްޔާގެ ސްޓޭޓް ސޮވެރިން ފަންޑު، ޕަބްލިކް އިންވެސްޓްމަންޓު ފަންޑުން ނިއުކާސަލްގެ މެޖޯރިޓީ ހިއްސާ ގަނެފައިވާއިރު، އިންވެސްޓް ކުރުމަށް ފަންޑުގައި 320 ބިލިއަން ޕައުންޑުގެ އަދަދެއް ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ފައިސާއާއެކު ޓީމަށް ބޮޑެތި ބަދަލުތަކެއް ގެންނަން އާ ބޯޑުން މަސައްކަތްތަކެއް ކުރާނެކަން ޔަގީނެވެ. ހަބަރުތައް ބުނެފައިވާ ގޮތުން މިހާރުގެ ކޯޗު ސްޓީވް ބްރޫސްގެ ބަދަލުގައި ކްލަބުގެ ކޯޗު ކަމަށް މޮރީނިއޯ ގެންދަން ބޯޑުން ޝައުގުވެރިވެއެވެ.
އެވާހަކަތަކާ ގުޅިގެން ވާހަކަ ދައްކަމުން މޮރީނިއޯ ބުނެފައި ވަނީ ނިއުކާސަލްގައި ކުރިން މަސައްކަތް ކުރުމުން އެ ކްލަބަށް "ހާއްސަ ލޯތްބެއް" އޮންނަ ނަމަވެސް، މިވަގުތު ރޯމާ ދޫކޮށްލަން ބޭނުން ނުވާ ކަމަށެވެ.
"ނިއުކާސަލްއާ ގުޅިގެން އަހަރެން ބުނާނެ އެއްވެސް އެއްޗެއް ނެތް. އަހަރެން ބުނަން ބޭނުންވަނީ އެ ކްލަބުގައި އެތައް އަހަރަކު މަސައްކަތް ކުރުމުން ކްލަބަށް ހާއްސަ ކަމެއް ދެވޭ ކަމަށް. ހާއްސަކޮށް ނިއުކާސަލްގެ އެންމެ މުހިއްމު ފިގާ، ސާ ބޮބީ ރޮބްސަންގެ އެސިސްޓެންޓެއްގެ ގޮތުގައި އެ ކްލަބުގައި މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ އަދިިވެސް އެންމެ ޖަޒުބާތީ އެއް ވާހަކަ. އެ ދުވަސްވަރު މަސައްކަތް ކުރި ކުރުމުގައި އެ ކްލަބުގެ ސަޕޯޓަރުންނާ ދެމެދު ގާތް ގުޅުމެއް އުފެދުނު،" މޮރީނިއޯ ބުނެފައިވެއެވެ.
މޮރީނިއޯ ބުނެފައި ވަނީ "މިވަގުތު ރޯމާގައި ހުރީ 100 ޕަސެންޓް ހިތްހަމަ ޖެހިގެން، ރޯމާގެ ފްރީޑްކިން ޕްރޮޖެކްޓަށް،" ސަމާލުކަން ދީގެން ކަމަށެވެ.
މޮރީނިއޯ އަކީ ޔޫރަޕްގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާ ވަނީ ބޮޑެތި ލީގުތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުގައި އެ ކްލަބާއެކު ޔޫރޮޕާ ލީގާއި ލީގު ކަޕް ކާމިޔާބު ކުރިއިރު، މޮރީނިއީ ޕްރިމިއާ ލީގުގައި އެންމެ ގިނަ ކާމިޔާބީތަކެއް ހޯދީ ޗެލްސީއާއެކުއެވެ. އޭނާ ވަނީ އެ ކްލަބާއެކު ތިން ފަހަރަށް ޕްރިމިއާ ލީގުވެސް ހޯދައިފައެވެ. އޭގެ އިތުރުން އިންޓަ މިލާން އާއި ޕޯޓޯއާއެކު ޔޫރަޕުގެ ތަށިވެސް ހޯދާފައިވާ މޮރީނިއޯއަކީ އެ ދެކްލަބާއެކު ޓްރެބަލް ހޯދި ކޯޗެއްވެސް މެއެވެ.
ރެއާލް މެޑްރިޑާއެކު ލަލީގާވެސް މޮރީނިއީ ކާމިޔާބު ކޮށްފައިވާ އިރު، މިދިޔަ ފަސް ވަރަކަށް އަހަރު އޭނާ ފެނުނީ ދަށްކޮށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު