ގޭގައި ތިބެގެން މަސައްކަތް ކުރާ މީހުންގެ ބައިނަލްއަގްވާމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ގޭގައި ތިބެގެން މަސައްކަތް ކުރާ މީހުންގެ ދުވަހަކީ އޮކްޓޯބަރު 20 ވަނަ ދުވަހެވެ. ގޭގައި ތިބެގެން މަސައްކަތްކުރާ މީހުންގެ ދުވަސް ފާހަގަ ކުރަނީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑުންނެވެ.
އެ ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ގޭގައި ތިބޭ މީހުންގެ ދުވަހާ ގުޅިގެން މި މަހުގެ 21، 22 އަދި 23 ވަނަ ދުވަހު އެ ކޯޕަރޭޝަނުން އިސްނަގައިގެން، "ހޯމް-ބޭސްޑް ވޯކާސް ޑޭ އައުޓް" ގެ ނަމުގައި ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ހާއްސަ ހަރަކާތްތަކެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
އެ ހަރަކާތްތަކަކީ ގޭގައި ތިބެގެން މަސައްކަތް ކުރާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަކަށް މާކެޓް ހޯދައިދީ މިފަދަ ވިޔަފާރި ތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުން ބާއްވާ ހަރަކާތްތަކެއް ކަމަށެވެ.
މީގެ އިތުރުން އެ ކޯޕަރޭޝަނުން ބުނީ މި ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް އެއްވެސް އަގަކާ ނުލައި އެ ފަރާތްތަކުގެ މުދާ ނުވަތަ ހިދުމަތް ޑިސްޕްލޭ ކުރުމާއި މާކެޓް ކުރުމާއި އަދި ވިއްކުމަށްޓަކައި ބައިވެރިވާ ކޮންމެ ފަރާތަކަށް ހަތަރު ފޫޓު ދެ ފޫޓުގެ މޭޒަކާއި ޓެންޓެއް ހަމަޖައްސައި ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މި އިވެންޓުގައި ކާބޯތަކެއްޗާއި އަންނައުނާއި ފޭސް ޕެއިންޓިން އަދި މޭކަޕް ފަދަ ހިދުމަތްތަކުގެ އިތުރުން ގޭގައި ތިބެގެން ތައްޔާރު ކުރާ އެހެނިހެން ބާވަތްތަކުގެ މުދާ ވިއްކޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެ ކަމަށްވެސް ބުންޏެވެ.
މި ހަރަކާތްތަކުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ބުދަ ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު