މާލެ އަތޮޅުގައި ހިންގާ އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުގެ ގޮނޑުދޮށުގައި ފަތުރުވެރިޔަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ، އެ ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ އިއްޔެ 13:00 ޖަހައިއެހާކަންހާއިރު ކަމަށެވެ. މަރުވެފައި އޮއްވައި ފެނިފައި ވަނީ، ދެކުނު ކޮރެއާގެ އުމުރުން 35 އަހަރުގެ ފަތުރުވެރިއެއް ކަމަށެވެ. އެ މީހާ މަރުވި ސަބަބެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން ބުނީ، އެ މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހިތާމަވެރި ގިނަ ހާދިސަތައް ދަނީ ހިނގަމުންނެވެ. މިއަދު އިއްޒުއްދީން ފާލަމާ ދިމާލުން ބޭރު ވަޅޯމަސް މާރުކޭޓު ކައިރީގައި މަސް ބާނަން ހުރި މީހަކު ވަޔާއެކު މޫދަށް ވެއްޓި ވަނީ މަރުވެފަ އެވެ. އަދި މާލޭ ދެކުނު ފަރާތަށް ބޯވަ ނަގަން އެރި އުޅުނު މީހަކު އޮޔާގޮސް ވާދޫ ކަނޑުތެރޭގައި އޮއްވައި ވަނީ ސަލާމަތްކޮށްފަ އެވެ.
މީގެ އިތުރުން މިދިޔަ ހުކުރު ދުވަހު ހަވީރު މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރި ލޯންޗަކަށް ރާޅު އަރައި މީހަކު މަރުވެފައިވާއިރު ކުޑަ ކުއްޖަކު ވަނީ ކަނޑަށް ގެއްލިފަ އެވެ. އެ ކުއްޖާ ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު