އަޒުމަކަށް ހަނދަންވީ ސުލްހަ ގާއިމު ކުރުމުގައި ފަރުދީ ޒިންމާ އަދާކުރުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އީދު މީލާދުގެ މުނާސަބަތުގެ ހެޔޮ އެދުންތައް ދިވެހި ރައްޔިތުންނާއި މުސްލިމުންނަށް ފޮނުއްވައި ނެރުއްވި ހިތޯބުގައެވެ.
އެ ހިތޯބުގައި ރައީސް ވިދާޅުވީ ރަސޫލާގެ އީދު މީލާދަކީ އެންމެހައި ރިވެތި އަދި ރަނގަޅު ކަންކަމުގައި އަދި ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް އެދޭ ކޮންމެ މީހަކު ތަބާވާންވީ އެންމެ މަތިވެރި ނަމޫނާގެ ހަނދާންތައް އާކުރަންވީ ދުވަސް ކަމަށެވެ.
"މައުލިދުއް ނަބަވީގެ މަތިވެރި ޒިކުރާ އައުކުރާއިރު އަޅުގަނޑުމެން ކޮންމެ މީހެއްގެ އަޒުމަކަށް މިއަދު ހަދަންވީ، މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ގާއިމުކުރުމުގައި އެމީހެއްގެ ކޮނޑުގައި އެޅިފައިވާ ފަރުދީ ޒިންމާ އަދާކުރުމަށް. އެއީ ތިމާގެ ފަރާތުން މުޖުތަމައަށް އެއްވެސް ގެއްލުމެއް ނުދިނުމަށް އަޒުމް ކަނޑައަޅައި، އެގޮތުގައި ދެމިހުރުން. އިސްލާމްދީން ގެނެސްދިން އޯގާތެރިކަމާއި މަޑުމައިތިރިކަމާއި ރިވެތި ބަސްމަގަކީ އަނެކުންނާ މުއާމަލާތު ކުރުމުގައި އަބަދުވެސް ތަބާވާނެ އުސޫލުތައް ކަމުގައި ކަނޑައަޅައި، އެ ގޮތަށް މަސައްކަތް ކުރުން. އަނެކުންނަށް މައާފުކުރުމާއި އެހީތެރިވުމާއި ހެޔޮ ފޯރުވުމުގައި ދެމިހުރެވޭތޯ ގަދައަޅައި މަސައްކަތް ކުރުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނަބިއްޔާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ ހަނދާންތައް އާކުރާއިރު، ވިސްނުމަކަށް ހަދަންވީ އެ މަތިވެރި ޒިކުރާއިން މިއަދުގެ މުޖުތަމައަށް ބޭނުންވާ ފިލާވަޅުތައް ލިބިގަތުމަށް ކަމަށެވެ އެގޮތުން ރަސޫލާގެ ހަޔާތްޕުޅުށް ބަލާއިރު ކާމިޔާބު އުންމަތެއް ބިނާވެގެން ދިޔައީ ފަރުދީ، އިސްލާހީ ފިޔަވަޅުތަކުން އުފެދުނު އިޖުތިމާއީ ބަދަހި ގުޅުންތަކެއްގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މުޅި އިސްލާމީ އުންމަތް މިއަދު ބޭނުންވަނީ އެފަދަ އިސްލާހީ ފިޔަވަޅުތަކަކަށް. އަޅުގަނޑުމެންގެ ދިވެހި މުޖުތަމައަށް އެފަދަ އިސްލާހީ ފިޔަވަޅުތަކެއްގެ ބޭނުންތެރިކަން މިއަދު މިވަނީ ވަކިން ބޮޑުވެފަ. ނަބަވީ ރިސާލަތުން ލިބިދޭ އެންމެ މަތިވެރި ފިލާވަޅަކީ ގައުމުގެ ކުރިއެރުމާއި ތަރައްގީގެ އަސްލަކީ މުޖުތަމައުގެ އެކުވެރިކަމާއި އެއްބައިވަންތަކަން. އެކަން ހާސިލުކުރެވެނީ އިސްލާހީ ކޮންމެ ފިޔަވަޅެއް ތިމާގެ އަމިއްލަ ނަފުސުން ފަށައިގެންކަން އެކަލޭގެފާނު ވަނީ އަމަލީގޮތުން ސާބިތުކޮށްދެއްވައިފަ،" ރައީސްގެ ހިތޯބުގައިވެއެވެ.
ރާއްޖޭގެ މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަމަށް ނަބަވީ ރިސާލަތުން ހައްލު ހޯދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރަސޫލާ ދަސްކޮށްދެއްވީ ހަސަދައިން ދުރުހެލިވުމާއި މީސްތަކުންގެ ފުރާނަ ރައްކާތެރިކުރުމާއި އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމަށާއި ކޮންމެ ހާލަތެއްގައިވެސް އަނެކުންނާ ރިވެތި ގޮތުގައި މުއާމަލާތު ކުރުމާއި އޯގާތެރިކަމާއި ކުލުނާއެކު އެހީތެރިވުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު