ވާހަކަ

ޖޫދް - 34

"މަންމަ އުންމީދުކުރަން ދަރިފުޅުގެ ދިރިއުޅުމުން މަންމައަށް ބަދަލު ފެންނާނެ ކަމަށް" އަންބަރް ބަހެއްނުކިޔައި އޮންނަން ފެށުމުން ސުމައްޔާ ބުނެލިއެވެ.

ސުމައްޔާ ފާހާނާއަށް ވަން ވަގުތު އަންބަރް އެބަސްތަކާމެދު ވަރަށް ފުންކޮށް ވިސްނާލިއެވެ. ދުވަހަކުވެސް އަޑުއަހާފައިނުވާ ބަސްތަކުން ސުމައްޔާ ދެއްކި ވާހަކަތައް އޭނާގެ ހިނދުރީގައި ހަރުލާފައިވިއެވެ.

އައްމާރުދެކެ އައިސްފައިވާ ރުޅި ހުދާ ދިޔައީ މަތީނަށްވެސް ބާލަމުންނެވެ. އަނބިމީހާގެ ރުޅިގަނޑު ފިނިކުރާނެ ގޮތެއް މަތީނަށް ނުވިސްނުނެވެ. އޭނާ ހުދާއާ އެތައް ގޮތަކުން ވާހަކަދެއްކޭތޯ މަސައްކަތްކުރަމުން ދިޔައެވެ.

"އައްމާރަކީ މިހާރު ކުޑަކުއްޖެއް ނޫނޭ" އެނދުގައި އިން ހުދާގެ އަތް މަތީގައި އަތް ބާއްވަމުން މަތީނު ބުންޏެވެ. "ހުދާ ހީކުރަނީ އަދިވެސް އެއީ އަހަރެމެންގެ މިންހާލް ކަމަށްތަ؟ އައްމާރު ބޮޑުވެއްޖެ. މިހާތަނަށް އައިއިރުވެސް އަހަރެމެން ލަދުގަންނަންޖެހޭ ވަރުގެ ކަމެއް ކޮށްފައެއް ނެތެއްނު،" މަތީނު ވާހަކަދެއްކިއެވެ.

"ރަނގަޅޭ ތިދެއްކި ވާހަކަތައް. މިހާތަނަށް އެކަހަލަ ކަމެއް ކޮށްފައި ނެތީމައެއްނު މިހާރު އެކަހަލަ ކަމެއް ކުރަން އެ އުޅެނީ" ހުދާ އޭނާގެ އެރުންކުރު ރާގުގައި ބުނެލިއެވެ.

"މިފަހަރު ހިނގާބަލަ އެސޮރުގެ އަތް މައްޗަށް މިކަން ދޫކޮށްލަން. ބޮޑުވެފައި ހުރި ފިރިހެން ދަރިއަކަށް ކިހިނެއް ބާރުދައްކާނީ" މަތީނު ވާހަކަދެއްކިއެވެ.

"އޭނަ ކޮންމެ ކޮންމެ މީހަކާ އިންނާކަށް އަހަރެންނަށް ދޫކޮށެއްނުލެވޭނެ. އެއީ އަހަރެންނަށް ވާނެ ކަމެއް ނޫން" ހުދާ ބުންޏެވެ. "ހަނދާން ނެތުނީތަ ޖައިލަމް ކޮއްކޮއަށް ވީގޮތް. ތަނެއްގައި ހުރި ގޮތް ނޭނގޭ އަންހެނަކާ އިނދެގެން ގެއަށް ގެނައިމަ ކިހިނެއްވީ؟ ޖައިލަމްގެ ވަކިވުން އަދިވެސް ދައްތައަށް ބަލައިނުގަނެވޭ. ކޮންފަދަ ހާލެއްގައި އެ އުޅެނީ. އަދިވެސް ހަމަޔަކަށް ނޭޅޭ" ހުދާ ވާހަކަދެއްކިއެވެ.

"މަތީނު ބޭނުންވަނީ އަހަރެމެންގެ އައްމާރަށްވެސް އެހެން ވާންތަ؟" ހުދާ އެހިއެވެ.

"އެންމެ ރަނގަޅު. އެންމެ ފުރަތަމަ ހިނގާބަލަ އައްމާރު އެބުނާ ކުއްޖާއަކީ ކޮންކަހަލަ ކުއްޖެއްތޯ ބަލަން. ހިނގާބަލަ އެކުއްޖާ އާ ބައްދަލުކޮށްލަން"

ފެންވަރައިގެން ނުކުތް ވާރިޝް ތުވާލިން އިސްތަށިގަނޑު ފޮހެމުން އައިސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. ތިރިން ލައިގެން ހުރި ޖީންސު ހިފަހައްޓާފައި ހުރި އުކުޅުވަޅުގެ ދެކަށިގަނޑުގެ އެހީގައެވެ. އިސްތަށިގަނޑު ކުރިއަށް ވުރެވެސް ދިގެވެ. ލޯގަނޑު ކުރިމަތީގައި ހުރެ އޭނާ ހިތްހަމަޖެހޭ ވަރަށް ތައްޔާރުވަމުން ދިޔައެވެ. ދިވެހި ލަވައެއްގެ ރާގަށް އޭނާ ތުނބުން ފުމެމުން ދިޔައިރު މީހާ ހުރީ ވަރަށް ހަމަޖެހިފައެވެ. ކަބަޑުމަތީގައި އޮތް ފޯނު ރިންގުވާން ފެށީ އެވަގުތުއެވެ. ދޮރުގައި ޓަކި ޖެހި އަޑުވެސް އިވުނީ ހަމަ އެވަގުތުގައެވެ. އެއްތުންފަތަށް ހިނިތުންވީ އޭނާ ދައުވަތުދިން އަންހެންކުއްޖާ އައި ކަމަށް ހީކޮށެވެ. ދޮރުހުޅުވާލީވެސް އެހާ ހަމަޖެހިލާފައެވެ.

ހިތްހަމަނުޖެހިފައި ވާރިޝް ލައްޕަން އުޅުނު ދޮރުފަތުގައި ހުޝިޔާރުވެ ހުރި ނީލަމް ހިފެހެއްޓިއެވެ. ވާރިޝްއަށް ގަބޫލެއް ނުކުރެވުނެވެ. ދޮރުން އަތްދޫކޮށްލާފައި އެތެރެއަށް ވަނެވެ. ނީލަމް ފަހަތުން ގޮސް ކޮޓަރި މެދުގައި ހުއްޓުނެވެ. މުޅި ކޮޓަރި ތެރެއަށް އޭނާ ނަޒަރު ހުއްޓާލިއެވެ. މާބޮޑު ސާފުތާހިރުކަމެއް އޭނާއަށް އެ ކޮޓަރި ތެރެއިން ނުފެނުނެވެ. ދެރަވެސް ވިއެވެ. ކޮއްކޮއަށް އޭނާގެ ދެއަތުން ހިދުމަތް ކޮށްދޭން ބޭނުންވިއެވެ.

"އަހަރެން ނޫޅޭ ވަރަކުން ދޮންތަ ތިއުޅެނީ ކީއްވެތަ؟" ވާރިޝް ބުންޏެވެ.

"އަބަދުވެސް އަހަރެން ދެކުނީ ތިއީ އަހަރެން އެންމެ ލޯބިވާ ކޮއްކޮގެ ގޮތުގަ. ކުރިއަށް އޮތް ތަނުގައިވެސް ދެކޭނީ ހަމަ އެފަދައިން. ތިއީ މަންމަގެ އުފަން ދަރިއެއް ނޫނަސް މަންމަވެސް ދެކުނީ ތީ އެމަންމައަށްޓަކައި ގުރުބާންވާނެ ފިރިހެން ދަރިއަކަށް ވާނެ ކަމަށް. އެކަމަކު މީހަކު ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ކައްޗަށް އަޅާފައި ހުރި ބިންގަލެއް ސީދާކުރެވޭނެތަ؟" ހިތާމަ އާއި ރުޅިވެރިކަން އެކުލެވޭ ރާގެއްގައި ނީލަމް ވާހަކަދެއްކިއެވެ. ވާރިޝް ފުރަގަސްދިނުމާއެކު ވާހަކަދައްކަމުން ނީލަމް ކުރިމައްޗަށް އަރައެވެ.

"އިނގޭތަ މަންމަ ނިޔާވެއްޖެކަން. އިނގޭތަ އަހަރެން މީހަކާ އިނދެ ފިރިމީހާ ނިޔާވެއްޖެކަން. އިނގޭތަ އަހަރެން މިހުރީ ޅަ އުމުރުގައި ހުވަފަތްވެފަކަން. އިނގޭތަ އަހަރެންނަށް އަޅާލާނެ އޯގާތެރިވާނެ އެއްވެސް އިންސާނެއް މިދުނިޔޭގައި ނެތްކަން. އިނގޭތަ ތި ކޮއްކޮ އެނބުރި އަންނާނެ ދުވަހަކަށް ދޮންތަ އިންތިޒާރުކުރި ވަރު. އިނގޭތަ ތި ކޮއްކޮ މިރަށުން ފެނުނު ދުވަހު ދޮންތަ އުފާވީވަރު. ހަމަ އެދުވަހު ދޮންތަ އެކަނި ދޫކޮށްލާފައި ދިޔުމުން ދޮންތައަށް އިހުސާސްވީ މުޅި ދުނިޔެއަށް ގިނަވެފައި ހުރިކަމުގެ އިހުސާސް" ނީލަމްއަށް ރޮވޭވަރުން އެވާހަކަތައް ކުރިއަށް ގެންދަންވެސް ދަތިވިއެވެ. އޭނާގެ ކަރުނަތައް ފޮހެދޭން ކޮއްކޮ އަތްހިއްލާލާނެ އިރަކަށް އެހާލުގައިވެސް އެދިއެދި ހުއްޓެވެ.

ނީލަމް ދެއްކި ވާހަކަތައް އަހާފައި ވާރިޝްއަށް ހުރެވުނީ އަނގައިން ބަސްހުއްޓިފައެވެ. ދުލުގައި ތަޅެއް ލެވިފައި ހުރި ކަހަލައެވެ. އެހުރިހާ ވާހަކަތަކުގެ ތެރެއިން އޭނާގެ ހިތް ތޮރުފިގެން ދިޔައީ އެންމެ ވާހަކައެއް އަހާފައެވެ. ލޯބިވާ މަންމަގެ މަރެވެ. އޭނާ އަންބަރާ އިނދެގެން ފިލައިގެން ދިޔައިރު އެ މަންމަ ހުރީ ނުލާހިކު ރަނގަޅަށެވެ. މަރުވާންވީ ކީއްވެގެން ހެއްޔެވެ؟

"އިނގޭތަ ކޮއްކޮއަށްޓަކައި މަންމަ ރުއި ރުއިން. ކީއްވެތަ ކޮއްކޮ މަންމައާ ދޮންތަ ދޫކޮށްލާފައި ދިޔައީ. ދުވަހަކުވެސް ކޮއްކޮ ބޭނުންވެގެން ބުނި ކަމަކަށް ދޮންތަވެސް މަންމަވެސް ހުރަސް އެޅިތަ؟ އަންބަރާ އިންނާކަށް މަންމަ ދެކޮޅެއްނޫން. ދެން ކީއްވެ؟" ނީލަމް ވާހަކަދެއްކިއެވެ. އޭނާ މަޑުމަޑުން ހިނގާފައި ގޮސް އެނދުގައި ހިމޭންވެފައި އިން ވާރިޝް ކައިރީގައި އިށީނދެއްޖެއެވެ. ވާރިޝްގެ ދެލޮލުން ކަރުނައެއް ވެއްޓުނުތަން ފެނުމުން ނީލަމް ހިތަށް ތަދުވެލިއެވެ.

"ރަނގަޅުވޭ ކޮއްކޯ. އިސްލާހުވެގެން މަންމަގެ އުންމީދުތައް ފުރިހަމަކޮށްދީ. މަންމައަށް ހެޔޮ ދުއާކޮށްދީ" ނީލަމް ވާހަކަދެއްކިއެވެ.

"މަންމަ...ކޮންއިރަކު މަރުވީ...." އަހަ... އަހަރެންނަށް އެންމެ ފަހު ފަހަރަށް މޫނުވެސް ނުފެނޭ" ވާރިޝް ރޯން ފެށިއެވެ. ނީލަމްއަށް މޭގައި އަތްއެޅުނެވެ.

"މިހުރިހާ ކަމެއް ވީ އެމީހުންނާ ހެދި" ރުއިން ހުއްޓާލާފައި ވާރިޝް ބުންޏެވެ.

"ކޮންބައެއް؟" ނީލަމް އެހިއެވެ. "މަންމަގެ މަރުގެ ޒިންމާ ވަކި ބައެއްގެ ބޮލުގައި ނާޅުވައްޗޭ. މަންމައަށް ހުރިހާ ހިތާމަތަކަށް ކެތްނުވީ. ބޭބެގެ ބޭވަފާތެރިކަމާއި ކޮއްކޮ ގެއިން ފިލައިގެން ދިޔުން" ނީލަމް ބުންޏެވެ.

"ދޮންތަ މަންމައަށް ވަރަށް ލޯބި ދިނިން. އެކަމަކު އެވަރުން މަންމައަށް ނުފުދުނު" ނީލަމް އަޑު ކުރެހިއްޖެއެވެ.

"ތިއީ ދޮންތަގެ މައްސަލައަކީ. މީހުންނަށް އެހާ ރަނގަޅު ނުވެބަލަ. މާ ރަނގަޅު ބައެއް ކަމަށް ހީކޮށް ތިއުޅޭ ގޭ މީހުންނަކީ ކޮން ބައެއްކަން ދޮންތައަށް އިނގޭތަ؟ މަންމަ ކުރަމުންދިޔަ ހިތާމަތަކުގެ އެންމެ ބޮޑު ހަގީގަތް އެނގޭތަ؟ ދޮންތަ ހީކުރަނީ އަހަރެން މަންމަދެކެ ލޯބިނުވާކަމަށްތަ؟ މުޅި ދުނިޔެއިން ވެސް އަހަރެން އެހާ ލޯބި އެއްވެސް އިންސާނެއްދެކެ ނުވަން. އަހަރެން މިހާތަނަށްވެސް ކުރި ހުރިހާ ކަމެއް ކުރީ ހަމައެކަނި އެ މަންމައަށްޓަކައި. މަންމައަށް މަންމަގެ ހައްގު ހޯދައިދިނުމަށް. އެކަމަކު އެކަން ކާމިޔާބުނުވެ ނިމިގެން ދިޔައީ. އަހަރެން މިހާރު މަސައްކަތް މިކުރަނީ އެމީހުންގެ އަތުން ބަދަލުހިފަން. މިހާރު އަދި މާބޮޑު ހިތްވަރެއް ލިބިއްޖެ" ވާރިޝް ވާހަކަދެއްކިއެވެ.

"ތިއިން އެއްވެސް ކަމެއް އަހަރެން ގަބޫލެއް ނުކުރާނަން. ތިއީ ކޮއްކޮއަށް ކުރެވޭ ވަރަށް ބޮޑު ކުށްހީއެއް. ތި ވިސްނުން ދޫކޮށްބަލަ" ނީލަމް ބުންޏެވެ.

"ދޮންތައަށް އެނގޭތަ ބޭބެ އަރުވާލީ ކޮންރަށަކަށް ކަން. އިނގޭތަ އަހަރެން އަންބަރާ އިނީ ކީއްވެގެން ކަން" ވާރިޝް ބުންޏެވެ. ކަރުނައިގެ ތެރެއިން ނީލަމް ވާރިޝްގެ މޫނަށް ބަލާލައިފިއެވެ.

"އަހަރެން މިއަދު ހުރިހާ ވާހަކަތަކެއް ދޮންތައަށް ކިޔައިދޭނަން"

ގަމަރު އުޅޭ ބަޔަށް ދާން ލިފްޓުން ނުކުތް ޖިޔާގެ ކުރިމައްޗަށް އެރި މީހަކު ފެނިފައި ޖިޔާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ފުރަތަމަ އެއީ ކާކު ކަން ނަގައިގަންނަން އޭނާއަށް އުނދަގުވިއެވެ. އެ އަށްވުރެ ބޮޑަށް އޭނާއަށް ހައިރާންކަމެއް ލިބުނީ އެމީހަކު އައިސް ޖިޔާގެ މޫނުގައި ފިރުމާލުމުންނެވެ.

"ދަރިފުޅު ކިހިނެއްތަ؟ ގޭ މީހުން ރަނގަޅުތަ؟ މަންމައަށް ބޮޑުދައިތަގެ ސަލާން ބުނައްޗޭ" ސީނާ ވާހަކަދެއްކިއެވެ. ޖިޔާއަށް އެއްޗެއް ނުބުނެވުނެވެ. ހުޅުވުނު އަނގަ ލައްޕާލަން ހަނދާންނެތިފައި ހުރި ކަހަލައެވެ. ހުޅުވިފައި ހުރި އަނގައިގެ ތެރޭގައި ދަވަ ހެދި ސޮނިގުޅައެއް ވެއްޓިގެން ދިޔަތަން ފެނި ސީނާ ހީލާފައި ޖިޔާގެ އަނގަ ލައްޕާލިއެވެ.

"މިއީ ހަމަ ބޮޑުދައިތަ. މިބަޔަށް ދޯ ތިއައީ. ބޮޑުދައިތަވެސް މިއައީ މިގެއަށޭ. މިއުޅެނީ ކުޑަ މީހާއަށް ނަން ކިޔައިގެން. މި ޕާރުސަލް ހިފައިން ވަދެބަލަ" ސީނާ ހުރިހާ ވާހަކަތަކެއް ދެއްކި އިރުވެސް ޖިޔާއަށް ވާހަކަނުދެއްކުނެވެ.

ގޭތެރެއަށް ވަންގޮތަށް ޖިޔާ ގޮސް ހުއްޓުނީ ޒިންކު ކައިރީގައެވެ. ކޮޓަރިން ނުކުތް ޒަހާއަށް ބަދިގެ އާ ދިމާލަށް ދިޔަ ޖިޔާ ފެނުމުން އެދިމާލަށް ގޮނޑި ދުއްވާލިއެވެ. ޒިންކު ކައިރީގައި މޫނަށް ފެންއަޅަން ހުރި ޖިޔާ ފެނުމުން ޒަހާ ހައިރާންވިއެވެ. އަނެއްކާ ޖިޔާއަށް ކިހިނެއްވީބާއޭ ހިތަށް އެރިއެވެ.

"ޖިޔާ،" ޒަހާ ގޮވާލިއަޑަށް ޖިޔާ ބަލައިލިއެވެ. "ދަރިފުޅު ރަނގަޅުތަ؟"

"މަންމައަށް އެނގޭތަ ބޮޑުދައިތަ މިހާރު ހުންނަ ގޮތް" ޖިޔާ ބުންޏެވެ. "ބޮޑުދައިތަ ހުރި ގޮތް ފެނިފަ އަޅުގަނޑު މިއުޅެނީ ނިދިން ހޭލެވޭތޯ"

"މަންމަ ބޭނުމެއްނޫން ސީނާދައްތަގެ ވާހަކަދައްކާކަށް. ދަރިފުޅު ކީއްކުރަން އެބަޔަށް ދިޔައީ" ޒަހާ އެހިއެވެ.

"ޖީއެއް ނުދަމޭ. ގަމަރުމެން ބަޔަށް ދިޔަތަނާ ލިފްޓު ކައިރިން ފެނުނީ" ޖިޔާ ބުންޏެވެ.

ބޮޑުދައިތަ ހުރީ ބުރުގާ އަޅައިގެން. ޖީއަށް ގޮވީވެސް ދަރިފުޅު ކިޔާފަ. ރިކްޒާ ދައްތަގެ ބޭބީއަށް ނަން ކިއީ އޭ ބުނީ. ބުނި އެންމެންނަށް ސަލާމްބުނާށޭ ވެސް" ޖިޔާ ވާހަކަދެއްކިއެވެ. އެވާހަކަތައް އަހާފައި ޒަހާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހިތަށް އަރާމުވެގެން ދިޔައެވެ. އޭނާގެ ދެލޮލުން ކަރުނަ ނީރާލިއެވެ.

ގޭތެރެއަށް ވަންއިރު ބަދިގޭގައި އެއްކަމަކަށް ފަހު އަނެއް ކަމެއް ކުރަން އުޅުނު ރިކްޒާއަށް ސީނާ ބަލައިލިއެވެ. ދެފަޔަށް ބާރުލާފައި ގޮސް އޭނާ ހުއްޓުނީ ރިކްޒާ ކުރިމަތީގައެވެ. އެހާ ހާސްވެފައި ހުރުމުން ރިކްޒާ ހުއްޓުން އެރިއެވެ.

"މަންމާ، ކިހިނެއްވީ؟" ރިކްޒާ އެހިއެވެ.

"ދަރިފުޅަށް އެނގޭތަ އަންބަރް ގެނބިގެން މާލެ ގެންގޮސްފިކަން" ސީނާ ބުންޏެވެ.

"ވަޓް؟ ކޮންއިރަކު؟ ކާކު ބުނީ" ރިކްޒާ ބުންޏެވެ. އަތުގައި އޮތް ތަށިވެސް ދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ.

"މީގެ ދުވަސްތަކެއް ކުރިން ގޭތެރޭގައި ކިއީމެއްނު މިރަށުން ކުއްޖަކު ގެނބިއްޖޭ. އޭރަކު ނޭނގޭ އެއީ އަންބަރް ކަމެއް. މިހާރު ކޮންދުވަހެއް. ޒަހާގެ ކުޑަމަންޖެ ބުނި މިހާރު ރަނގަޅޭ. ވަރަށް ހާލު ގޯސްވިއޭ" ސީނާ ވާހަކަދެއްކިއެވެ.

"ކުޑަމީހާ ރޯއަޑު އެ އިވެނީ" ރައިކާ ރޯއަޑު އިވުމުން ސީނާ ދިޔައީ ކޮޓަރި އާ ދިމާލަށެވެ.

މޭޒު ކައިރީގައި ހުއްޓުން އަރާފައި ހުރި ރިކްޒާގެ ދެލޮލުން ކަރުނައެއް ވެއްޓިގެން ދިޔައެވެ. އަންބަރަށް އޭނާ ކުރި މެސެޖް ނުލިބޭކަން އެނގުމުން ދެރަވިއެވެ. ކުރެވުނު ކަންތަކަށް މައާފަށްއެދިފައި އޭނާ އަންބަރަށް މެސެޖް ފޮނުވިއެވެ. ހިތްހަމަނުޖެފައި ހުރުމުން އަންބަރް ޖަވާބެއް ނުދިނީ ކަމުގައި އޭނާ ހީކުރިއެވެ. އެކަމަކު ހަގީގަތަކީ އެއީ ނޫންކަން އެނގުމުން ރިކްޒާ ހަމަޖެހުނެވެ. ކޮންމެގޮތެއް ވިޔަސް އަދިވެސް އަންބަރަށް އެ ހަގީގަތް ނޭނގެއެވެ.

ޖޫދު ފާހާނައިން ނުކުތްއިރު ހާތިމް ބޭރުން އައިސް ވަންނަނީއެވެ. ވަގުތަކީ އަސުރު ފަހުގެ ވަގުތެކެވެ. ކުޑަދޮރުން ބޭރު ބަލަހައްޓައިގެން އަންބަރް ހުއްޓެވެ. އެހާ މަތިން މާލޭގެ މަގުމަތި ފެންނަން ހުރުމުން އެމަންޒަރަށް އޭނާ ބަލަހައްޓައިގެން ހުރީ ވަރަށް ޝައުގުވެރިވެފައެވެ. ހޮސްޕިޓަލުން ދޫކޮށްލުމުން އާއިލާ އެއްކޮށް ތިބީ ކޮޓަރި ތެރޭގައެވެ.

"ޓިކެޓް ހަމަޖެހުނީތަ؟" ހާތިމް އައިސް އިށީނުމުން ސުމައްޔާ އެހިއެވެ.

"އާނ. މާދަމާ ރޭ ފުރަންވީ" ހާތިމް ބުންޏެވެ. ކަބަޑުމަތީގައި އޮތް މެގަޒިންއެއް ހިފައިގެން ޖޫދު އިށީނީ އެނދުގައެވެ. އެހިނދުކޮޅު ބޭރު ބަލަން ހުރި އަންބަރަށް އޭނާ ނަޒަރެއްދިނެވެ.

"މަންމަމެންނަށް އިތުރު ކޮޓަރިއެއް ނަގައިދޭންވީތަ؟" ޖޫދު އެހިއެވެ.

"ކީއްކުރަން. މިރޭ އެކަންޏެއްނު ތިބޭނީ. އިބާ އާއި މަންމަ އެނދުގައި ބައިތިއްބާފައި އަހަރެމެންގެ ދެބަފައިންނަށް ތިރީގައި ތިބެވޭނެއްނު" ހާތިމް ބުންޏެވެ. ފަހަތަށް އެނބުރި ނުބެލިޔަސް އެތަނުގައި ދެކެވެމުންދިޔަ ވާހަކަތައް އަންބަރަށް އިވެއެވެ.

"ކޮންކުއްޖެއްގެ ވާހަކަތަ ރަށުތެރޭގައި އެދައްކަނީ" ސުމައްޔާ އެހިއެވެ.

"ކޮންވާހައެއް؟" ޖޫދު އެހިއެވެ.

"ބަލިވެއިނދެ ވިހޭ ވާހަކަ. އެވެސް ކައިވެނިން ބޭރުން" ސުމައްޔާ ބުންޏެވެ. ޖޫދު މޫނުމަތި މޮޅިވިއެވެ. ރިކްޒާގެ ހަބަރު ޒަހާ އޭނާއަށް ދިނެވެ. އެކަމާ އޭނާ ނުލާހިކު ހިތާމަ ކުރިއެވެ.

"އެއީ އަޅުގަނޑުގެ ބޮޑުދައިތަގެ ދަރިފުޅު. ރިކްޒާ" ޖޫދު ބުންޏެވެ. އަންބަރަށް ލިބުނީ ކުއްލި ޝޮކެކެވެ. ގަބޫލުކުރަންވެސް ދަތިވިއެވެ. އޭނާ އައިސް ސުމައްޔާގެ ކައިރިން އިށީނެވެ. އޭގެ ތަފުސީލެއް ބޭނުންވެފައި އިން ކަހަލައެވެ.

"ހަމަ ތެދެއްތަ؟ ކިހާ ދެރަ. ވީކަމެއްވީތާ. ވިސްނާނުލުމުގެ ނަތީޖާ" ސުމައްޔާ ބުނެލިއެވެ.

"މަންމަ ބުނި ރަށުތެރޭގައި އޭރު އެވާހަކަ ވަރަށް ދެއްކިއޭ. ރިކްޒާ ބަނޑުބޮޑުކަން ބޮޑުދައިތަ އެއްވެސް މީހެއް ކައިރީގައި ނުބުނެ އުޅުނީއޭ. ރަށު މީހުންނަށް ސިއްރުން ރިކްޒާ ގޮވައިގެން މިކޮޅަށް އަންނަން ފުރަން އޮތް ރޭގައި ކުއްލިއަކަށޯ ބަނޑުގައި ރިއްސައިގަތީ. ހަތްމަހުގައި ވިހެއީ. އަންހެންކުއްޖެއް" ޖޫދު ވާހަކަދެއްކިއެވެ. ހަގީގަތުގައި އޭނާ އެތަފުސީލު ދިނީ އަންބަރަށެވެ.

"ރިކް! ކީއްތިކުރީ. އައި ތިންކް ޝީ ނީޑްސް މީ" ހިތާހިތުން އަންބަރް ކިޔާލިއެވެ. ރިކްޒާ ކައިރިއަށް ދާން ބޭނުންވިއެވެ. ފަހަކަށް އައިސް އަންބަރަށް އަންނަން ފެށި ބަދަލުތަކުގެ ސަބަބުން ރިކްޒާއާ އޮތް ގުޅުމަށް އަސަރުކުރިއެވެ.

"އިބާގެ ރަހުމަތްތެރިއެއްނު އެއީ. ދަރިފުޅާ، މިކަހަލަ ކަންތަކުންނޭ އިބްރަތް ހާސިލުކުރަންވީ" އަންބަރަށް ބަލައިލަމުން ސުމައްޔާ ބުންޏެވެ.

ކޮޓަރީގައި ދެކޮޅަށް ހިނގަމުން ދިޔަ ނީލަމަށް ވިސްނެނީއެވެ. ވާރިޝް ދެއްކި ވާހަކަތަކަކީ ހަމަ ހަގީގަތް ހެއްޔެވެ؟ މި އާއިލާއަކީ ވާރިޝް އެބުނާ ފަދަ ނުބައި އާއިލާއެއް ހެއްޔެވެ؟ ނޫނެކެވެ. ޒަހާއަކީ އެހާ ދަށުދަރަޖައަކަށް ވެއްޓޭނެ ވަރަށް ވުރެ މާތް އަންހެނެކެވެ. ދުވަހަކުވެސް އެގޭ މީހެއްގެ ފަރާތުން ގޯސް އަމަލެއް ނުވަތަ ނުރަނގަޅު ކަމެއް ފެނިފައެއް ނެތެވެ. އެހެންނޫނަސް މާޒީގައި ހިނގާފައި ހުންނަ ކަންކަން ކޮނެގެން ނެގުމުގެ ބޭނުމެއް ނެތެވެ. ވާރިޝްގެ ދުލުން އެހުރިހާ ވާހަކަތަކެއް އިވުނަސް އެވާހަކަތަކަށް ނީލަމް އިތުބާރެއް ނުކުރިއެވެ.

"މިއަދު ތިކޮއްކޮއަށް ވުރެ ވެސް އަހަރެންނަށް މި އާއިލާ ރަނގަޅު. ޒަހާއްތަ ހަމަ އަލިއްލަ މަންމަ ފަދަ" އެނދުގައި އިށިން ގޮތަށް އަމިއްލަ ނަފުސަށް ނީލަމް ބުނެލިއެވެ.

ކޮޓަރީގައި ޓަކި ޖަހާލި އަޑަށް ނީލަމްގެ ވިސްނުންތައް ވިއްސި ވިހާލިވިއެވެ. އޭނާ ދޮރުހުޅުވިއިރު ބޭރުގައި ހުރީ އަލިޝްބާއެވެ. މޫނުފޮތިކޮޅު އުފުލާލައިގެން ހުރި އަލިޝްބާގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. އެމަންޒަރު ފެނުމުން ނީލަމްއަށް ވެސް ހެވިއްޖެއެވެ.

"ކިހިނެއްވީ ތިހެނީ" އަލިޝްބާ އެހިއެވެ.

"ހެވޭނެއްނު. ލިބާވެސް ހެވިފައި ހުރީމަ" ނީލަމް ބުންޏެވެ. އާދޭ އެތެރެއަށް"

އަލިޝްބާ އެތެރެއަށް ވަދެގެން ގޮސް ނީލަމްގެ އެނދުގައި އިށީނެވެ.

"މިގަޑީގަ ކޮން ވަޑާމެއް" ނީލަމް އެހިއެވެ.

"ޒަހާއްތަ ފައިގައި ތެޔޮ އުނގުޅާ ނިމިގެން ދަމުން ހިތަށް އެރީ ނީލޫ ކުރާކަމެއް ބަލާލާނީއޭ" އަލިޝްބާ ބުންޏެވެ.

"އަނެއްހެން ވާހަކައެއްވެސް ބުނަންވެފައި އޮތީމަ" އަލިޝްބާ ބުންޏެވެ.

"ބުނޭ. ބޭރަށް ނުކުމެލަންވީތަ ހިނގާލަން" ނީލަމް ބުނެލިއެވެ. އަލިޝްބާ ނޫނެކޭ ބުނެލިއެވެ. އެއަށްފަހު ހެވިފައި އިނދެ ނީލަމްގެ އަތުގައި ހިފައިފިއެވެ. އަލިޝްބާ ކުރަންއުޅޭ ކަމެއް ނޭނގޭތީ ނީލަމް އިނީ ހައިރާންވެފައެވެ. ހުރިހާ ދަތްތަކެއް އެއްފަހަރާ ފެންނަވަރަށް ނީލަމްއަށް ހީލެވުނީ އެ އަތްތިލަ ގެންގޮސް އަލިޝްބާގެ ބަނޑުގައި ޖެއްސުމުންނެވެ. ދުލުން ނުބުނި ކަމުގައި ވިޔަސް އަލިޝްބާގެ އެ އަމަލުން އޭނާ ބުނަން ބޭނުންވަނީ ކީކޭ ކަން ނީލަމްއަށް އިނގުނެވެ.

"ރިއަލީ... އޯ މައި ގޯޑް. އައިމް ސޯ ހެޕީ" ނީލަމްއަށް ދެއަތުން މޫނުގެ ދެފަރާތުގައި ހިފަހައްޓާލެވުނެވެ.

"ސީރިޔަސްލީ. އަހަރެން ހާލާ އަކަށް ވަނީ ތަ؟" އަލިޝްބާ ބޯޖަހާލިއެވެ. ހަގީގަތުގައިވެސް ނީލަމްއަށް އިހުސާސް ކުރެވުނީ އެފަދަ ގޮތެކެވެ. އަލިޝްބާ ކައިރީގައި ހުންނައިރު އޭނާއަށް ހީވަނީ އެއްބަނޑު އެއްބަފާ ދައްތައެއް ކައިރީގައި ހުރެވޭ ހެންނެވެ.

"ސުމައްޔާތަ މެންނަށް އެނގޭތަ." ނީލަމް އެހިއެވެ. އަލިޝްބާ ބޯޖަހާލިއެވެ

ނީލަމްގެ އެނދުގެ އެއްފަރާތުގައި ހުރި މާޖެހި ފޮށި އަލިޝްބާއަށް ފެނުނީ އޭގެ އިރުކޮޅެއް ފަހުންނެވެ. ވަގުތުން އެ ރީތި ފޮއްޓަށް އޭނާގެ ހިތް ދެވިއްޖެއެވެ.

"މިއީ ހާދަ ރީތި ފޮއްޓެއް" އަލިޝްބާ ބުންޏެވެ. އޭނާ އެފޮށީގައި ފިރުމަމުން ދިޔައެވެ.

"ތިއީ މަންމަގެ ހަނދާނެއް. ލިބާއަށް ދައްކާލަންތަ މަންމަ އާ ކޮއްކޮގެ ފޮޓޯ. ހުންނާނެ އަހަރެން މެރީކުރި ދުވަހުގެ ފޮޓޯތައްވެސް" ނީލަމް ބުންޏެވެ. އަލިޝްބާ ހީލައިގެން އިންއިރު އޭނާގެ ހިތް އާދަޔާހިލާފަށް ތެޅިލިހެން ހީވިއެވެ.

ކުރާނެ ކަމެއް ނެތި ކޮޓަރީގައި އިންނަން ޖެހުމުން ސުމައްޔާ އާއި ހާތިމްއަށް ވަރަށް އަވަހަށް ނިދިއްޖެއެވެ. ފޯނު ބަލައިގެން ގުރުއާން ކިޔަވަން އިން ޖޫދަށް ބަލައިލެވުނީ ބެލްކަންޏަށް އަންބަރް ނުކުތްތަން ފެނުމުންނެވެ. އެހެން އިރުކޮޅަކު އިނދެފައި އޭނާ ތެދުވިއެވެ. އޭނާގެ ދަބަސް ހުޅުވާލާފައި ނެގި ކަރުދާސް ކޮތަޅު ހިފައިގެން އޭނާ އަންބަރްގެ ފަހަތުން ނުކުތެވެ.

އުޑުމެދުގައި ހުރި ބުރުހަމަ ޝާއްބަ ހަނދަށް ހިތް ދޫކޮށްލައިގެން އަންބަރް ހުރީ ކުޑަކޮށް ހެވިފައެވެ. ހަނދު ވަށައިގެން ޖަވާހިރުކޮޅުތަކެއް ފަދައިން ވިދަމުން ދިޔަ ތަރިތައް ފޫހިކަމެއްނެތި އޭގެ ވާޖިބުއަދާ ކުރަމުން ދިޔަ ގޮތަށް އޭނާގެ ހިތުން ސާބަސްދެމުން ދިޔައެވެ. ހަށިގަނޑުގައި އައިސް ބީހިލި ވައިރޯޅިން އޭނާގެ ލޯލިތައް ކޮޅަށް ޖެހުނެވެ. ދެއަތުން ދެއަތުގައި އަތް ހިންގާލާފައި އެތެރެއަށް ވަންނަން އުޅުނުތަނާ އޭނާގެ ސިހުނީ ފަހަތުގައި ހުރި ޖޫދު ފެނިފައެވެ.

"ސޮރީ" އަވަސް އަވަހަށް ޖޫދު ބުންޏެވެ. އަންބަރް އެއްޗެއް ނުބުނެ ފަހަތަށް ޖެހުނެވެ. އަދި އެނބުރިފައި ކުރިން ހުރި ގޮތަށް ދުރު ބަލަހައްޓައިގެން ހުއްޓިއްޖެއެވެ. ކުއްލިއަކަށް ޖޫދު ފެނުމުން އޭނާ ހާސްވިއެވެ.

"އަހަރެން އެއްޗެއް ދޭންވެގެން. އަން. މިއީ ކަމަނައަށް އަހަރެން ދިން ހަދިޔާއެއް" ޖޫދު ބުންޏެވެ. އަންބަރް ފަހަތް ބަލައިނުލުމުން އެއްފަރާތުގައި ހުރި ކުޑަ މޭޒުމަތީގައި ކޮތަޅު ބަހައްޓާފައި ޖޫދު އެތެރެއަށް ވަނެވެ. ފަހަތަށް އެނބުރުނު އަންބަރް ލަސްލަހުން ހިނގާފައި ގޮސް މޭޒު ކައިރީގައި ހުއްޓުނެވެ. ޖޫދު ބަހައްޓާފައި ހުރި ކޮތަޅަށް ބަލައިލާފައި އޭނާ އެނަގައިފިއެވެ. އެތެރޭގައި އޮތް އެންމެފަހުގެ ފޯނެކެވެ. ސިމަކާއެކު ޗާޖުވެސްކޮށްފައި އޮތް ފޯނެކެވެ. އަންބަރަށް ހެވުނެވެ. މިވަގުތަށް އޭނާ އެންމެ ބޭނުންވެފައި ހުރީ ފޯނެއްކަން ޖޫދަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އެހެންނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި އަންބަރްގެ ހިނިތުންވުން ފިލައިގެން ދިޔައީ ދުރުގައި ހުރި ޖޫދު އޭނާއަށް ބަލަހައްޓައިގެން ހުރިތަން ފެނިފައެވެ. ފޯނު ކޮތަޅު ތެރެއަށް ލާފައި އަންބަރް ދުރަށް ޖެހުނެވެ. ޖޫދު ބަލަން ހުރިކަން އެނގުމުން އޭނާ ލަދުގަނެއްޖެއެވެ.

"އަނބިމީހާއަށް ބޭނުންވާ އެންމެ ކުޑަ އެތި ވެސް ހޯދައިދޭން ޖެހެނީ ފިރިމީހާ. އެހެންވެ ފޯނެއް ދިނީ. އަހަރެންނަށް އެނގޭ އެދުވަހު މޫދުގައި ފޯނާއި ދަބަހާ ހުރިހާ އެއްޗެހި ހަލާކުވީކަން. އަހަރެން އުންމީދުކުރަން މި ހަދިޔާ ގަބޫލުކުރާނެ ކަމަށް" ދުރުގައި ހުރި ޖޫދު އަންބަރަށް އިވޭ ވަރަށް ބުނެލިއެވެ.

މަގުމައްޗަށް ބަލަހައްޓައިގެން ހުރި އަންބަރަށް ރޮވެނީއެވެ. އިންސާނަކު އެހާ ރަނގަޅު ވެދާނެ ހެއްޔެވެ؟ ކުރެވުނު ކަންތަކާ އުޅެވުނު ގޮތްތަކަށްފަހު ފިރިމީހާގެ އެފަދަ ކުދިކުދި ހަދިޔާ އަހަރެންނަށް ހައްގު ހެއްޔެވެ؟ އަންބަރް ހިތަށް އަރަމުން ދިޔައެވެ. ކުޑަދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު ހިތް ފުރެންދެން އަންބަރް ރޯލައިފިއެވެ.

(ނުނިމޭ)