ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމާލާތްތައް ކުރެވޭ ލިމިޓް 750 ޑޮލަރަށް އިތުރު ކޮށްފިއެވެ.

ކޮވިޑާ ގުޅިގެން ބޭރު ފައިސާ ލިބޭ މިންވަރު ވަރަށް ބޮޑަށް ދަށްވެ، ޑޮލަރުގެ ލިކިއުޑިޓީ އަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވުމުން މިދިޔަ އަހަރު ބޭންކުން ވަނީ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދަށް ބަދަލު ގެނެސްފައެވެ. އެގޮތުން ފުރަތަމަ ލިމިޓެއްގެ ގޮތުގައި ކަނޑައެޅީ 250 ޑޮލަރެވެ. އަދި ފަހުން މިދިޔަ ޖުލައި މަހު ވަނީ އެ އަދަދު 500 ޑޮލަރަށް އިތުރުކޮށްފައެވެ.

ބީއެމްއެލުން ބުނީ މިއަދުން ފެށެގެން އެމެރިކަން އެކްސްޕްރެސް (ގްރީން / ގޯލްޑް)، ވިސާ (ކްލެސިކް / ގޯލްޑް) އަދި މާސްޓަކާޑް (ސްޓޭންޑަޑް / ގޯލްޑް) ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދެއްގެ ގޮތުގައި 750 ޑޮލަރު ކަނޑައަޅާފައިވާ ކަމަށެވެ.

މި ކްރެޑިޓް ކާޑުތައް ފިޔަވައި އެހެން ކާޑުތައް ގެންގުޅޭ ކަސްޓަމަރުންގެ ލިމިޓު ވެސް އިތުރު ކޮށްފައިވާ ކަމަށް ބޭންކުން ބުންޏެވެ. އެ ކަސްޓަމަރުންނަށް ކަނޑައަޅާފައިވާ ލިމިޓު މި ހަފުތާ ތެރޭގައި އަންގާނެއެވެ.

ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ބޭނުންކުރާ ދިވެހި ރުފިޔާ އެކައުންޓްގެ ޑެބިޓް ކާޑުގެ ލިމިޓަކީ އަދިވެސް 250 ޑޮލަރެވެ. ނަމަވެސް ރާއްޖޭން ބޭރުގައި ދިރިއުޅޭ މީހުންނަަށް މަހަކު 750 ޑޮލަރު ބޭނުން ކުރެވޭނެއެވެ.

ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮަލަރު އެކައުންޓް ކަނޑައަޅާފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3000 ޑޮލަރާ ހަމަޔަށް ކާޑު ބޭނުންކުރެވޭނެއެވެ.

މީގެ އިތުރުން މިހާރުވެސް ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާ ދެއްކުމަށް ކާޑަށް ވަގުތީ ލިމިޓް ދެމުންދާނެއެވެ. މި ލިމިޓު އިތުރު ކުރުމަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިޔެކިޔުންތައް ހުށަހެޅޭނެއެވެ.