ދިރާގާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ "ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން" ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ޔޫއެންޑީޕީން ބުނީ މި ޕްރޮޖެކްޓްގެ މަގުސަދަކީ ޒުވާނުން ބާރުވެރިކުރުވައި ރާއްޖޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާ މެދު ވިސްނައި އެކަމާ ގުޅިގެން ދިމާވާ މައްސަލަތައް ފިލްމުގެ ޒަރިއްޔާއިން ހާމަކޮށްދިނުން ކަމަށެވެ. މީގެ ސަބަބުން ޒުވާނުންނަށް މޯބައިލް ފޯނާއި ޓެބްލެޓް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޑޮކިއުމްންޓަރީ ސްޓައިލް ފިލްމު ހެދުމަށް ބޭނުންވާ ފަންނީ ހުނަރުތަކާއި އުކުޅުތައް ދަސްވެގެންދާ ކަމަށެވެ.
މި ޕްރޮޖެކްޓްގައި ހިމެނެނީ ތަމްރީން ބަޔަކާއި ޕޯސްޓް ޕްރޮޑަކްޝަން ބައެކެވެ. ކޮންމެ ބައެއް ވެސް ކުރިއަށް ދާނީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުން ކަމަށް ޔޫއެންޑީޕީން ބުންޏެވެ. އަދި މި ޕްރޮޖެކްޓް ނިމިގެން ދާއިރު ބައިވެރިން ގްރޫޕްތަކަށް ބަހާލެވި މި އަހަރުގެ ޝިޔާރަށް (ތިމާވެއްޓަށް އަންނަ ބަދަލުތައް) ފަސް ކުރު ފިލްމު ތައްޔާރުކުރާނެ ކަމަށެވެ.
މި ޕްރޮޖެކްޓްގައި 18 އަހަރުން މަތީގެ ހުރިހާ ދިވެހިންނަށްވެސް ބައިވެރިވެވޭނެއެވެ. ނަމަވެސް އިސްކަން ދޭނީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށް ކަމަށްވެސް ޔޫއެންޑީޕީން ބުންޏެވެ.
މީގެ އިތުރުން މި ޕްރޮޖެކްޓްގައި ބައިވެރިވުމަށް ހޮވާލާނީ 30 ފަރާތެއް ކަމަށާއި އަދި މި ޕްރޮޖެކްޓްގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށްވެސް އެދިފައިވެއެވެ. އަދި ބައިވެރިން ހޮވުމުގައި ބޮޑަށް އިސްކަން ދޭނީ ފިލްމު ހެދުމުގެ ތަޖުރިބާ މަދު ފަރާތްތަކަށް ކަމަށްވެސް ޔޫއެންޑީޕީން ބުންޏެވެ.
"ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން"ގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. ބައިވެރިވުމަށް ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މި މަހުގެ 24އެވެ. މި ތަމްރީން ބާއްވާނީ މި މަހުގެ ފަހު ހަފުތާގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު