އެމަނިކުފާނުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރީ ރާއްޖޭގެ އިގުތިސޯދު ދެގުނަ ކުރުމުގެ ނިޔަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަކީ މިހާތަނަށް އިގުތިސޯދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނިކޮށެވެ. އަދި އެކަން ކުރީ ރައީސް ނަޝީދު 78 މިލިއަން ޑޮލަރު ބޭނުންފުޅުވެގެން ކަމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ ވިދާޅުވި ކަމަށް ބުނާ އޯޑިއޯއެއްވެސް ވަނީ ލީކުވެފައެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުޅުލެ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް 2010 ވަނަ އަހަރު ޖީއެމްއާރާ ހަވާލުކުރީ ވޯލްޑް ބޭންކުގެ އެހީގައި ޓެންޑާކޮށް ކާމިޔާބުކުރުމުން ކަމަށެވެ. އަދި "އޭރުވެސް މިހާރުވެސް މާހިރުން ބުނަމުންދިޔައީ ބޭނުންވަނީ ޓާމިނަލް ބޮޑުކޮށް އަލުން ބިނާކުރުމަށް ކަމަށް،" ވެސް ވިދާޅުވިއެވެ.
އޭރު އެއާޕޯޓް ޖީއެމްއާރާ ހަވާލުކުރުމުން، އެއީ ރާއްޖޭގެ މައި ދޮރާށި ބޭރު ބަޔަކަށް ވިއްކާލުން ކަމަށް ބުނެ ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅު ފަރާތްތަކުން ވަރުގަދަ މުޒާހަރާތަކެއް ކޮށް، ޖީއެމްއާރު ކުންފުންޏާއެކު ސޮއިކުރި އެއްބަސްވުން ބާތިލުކުރަން ޕްރެޝަރު ކުރިއެވެ.
އަދި އެ އެއްބަސްވުން އެމަނިކުފާނުގެ ވެރިކަން ވެއްޓުމާއެކު ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރު އުވާލި އެވެ. އޭގެ ފަހުން އެންމެ ކުރިއެކޭ އެއްގޮތަށް އެއާޕޯޓް ހިންގަމުން އަންނަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުންނެވެ.
އެއްބަސްވުން ދިވެހި ސަރުކާރުން ބާތިލު ކުރީ ގާނޫނާ ހިލާފަށް ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމުމުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 270 މިލިއަން ޑޮލަރު ދައްކަން ޖެހުނެވެ. އެ ފައިސާ ދައްކާފައިވަނީ 2016 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު